ރަމަޟާން މަސް ލައިގަތުމާއެކު ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވަވައިދެއްވެވުމަކީ ކޮބާ؟ އަދި ނަރަކައިގެ ދޮރުތައް ބަންދުކުރައްވަވަނީ ކީއްވެ؟

ބަރަކާތްތެރި ރަމަޟާން މަސް ލައިބަތުމާއިއެކު ﷲ ތަޢާލާ ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވަވާލައްވަވައެވެ. އަދި ރަމަޟާން މަސް ނިމެންދެން ހުޅުއްވަވާފައި ބަހައްޓެވެ.

ދެން ބަލައިލަންވީ އެކަން ހިނގާ ގޮތަށެވެ. އެހެންވެ ބައެއް ޢިލްމްވެރިން ބަޔާންކުރައްވަވާގޮތުގައި އެއިގެ މާނައަކީ މީސްތަކުން ދެކެ ﷲ ތަޢާލާ ލޯބިފުޅުވެވަޑައިގަންނަވާލެއް ބޮޑުކަމުން ސުވަރުގެ ވަދެވޭނެ ފުރުޞަތުތައް މާބޮޑަށް އިތުރުކުރައްވަވައި ފަސޭހަކުރައްވަވައި ދެއްވަވާކަމެވެ.

މިސާލަކަށް ސުވަރުގޭގައި ދޮރުކޮޅެއް ހުޅުއްވަވައި ދެއްވެވި ނަމަވެސް އެދޮރުކޮޅުން މީހަކަށް ވަދެވޭނީ ހެޔޮ ޢަމަލުތައް ކޮށްގެން ނޫންހެއްޔެވެ؟ އެހެންވެ ހެޔޮ ޢަމަލުތައް ކުރެވޭނެ މަގުތައް ﷲ ތަޢާލާ ތަނަވަސްކޮށް ދެއްވަވަނީއެވެ. މިސާލަކަށް ބޮޑެތި ޝައިޠާނުންތައް ކަސްތޮޅު އަޅުއްވަވަނީވެސްހަމަ އެސަބަބަށްޓަކައެވެ. އެއެއްޗެތީގެ ވަސްވާސްތަކުން ސަލާމަތްވެވިގެން ނޫނީ ތެދުމަގުގައި ސާބިތު ނުވެވޭނެތީއެވެ. ހެޔޮ ޢަމަލުތައް ނުކުރެވޭނެތީއެވެ.

ނަރަކައިގެ ދޮރުތައް ބަންދުކުރެއްވެވުމުގެ ސަބަބަކީވެސް ހަމައެއީއެވެ. ޝައިޠާނާގެ ވަސްވާސްތަކުން ސަލާމަތްވެ މީސްތަކުން ނަރަކައިން ސަލާމަތްވުމެވެ. އެއްވެސް މީހަކު ނަރަކަށް ވަންނާކަށް ﷲ ތަޢާލާ ބޭނުންފުޅުވެ ވޮޑިގެނެއް ނުވެއެވެ. އެހެންކަމާއިއެކުވެސް މީސްތަކުން ވިސްނައިނުލާ ތިބެ ސިއްރިޔާތުގައި ފައުޅުގައިވެސް ފާފަތައް ކުރަނީއެވެ. ބޮޑެތި ފާފަތަކަށް އަރައިގަންނަނީއެވެ.

މީސްތަކުންނޭވެ! މިކަންކަމަށް އަމިއްލައަށް ވިސްނައިލާށެވެ. އެކަނިހުރެ ފިކުރުކޮށްލާށެވެ! ﷲ ތަޢާލާ މީސްތަކުން ދެކެ ލޯބިވެވޮޑިގަންނަވާ މިންވަރެވެ. ސުވަރުގެ ވައްދަވަން ބޭނުންފުޅުވެވޮޑިގަންނަވާ މިންވަރެވެ. އެކަމަށްޓަކައި މަސައްކަތްކުރަން މަގުފަހިކުރައްވަވައި ދެއްވްވާ މިންވަރެވެ. ވީމާ ހެޔޮ ޢަމަލުތައްކުރުން ގިނަކުރާށެވެ! ކޮންމެ ގޮތަކުން ނަމަވެސް ރަމަޟާން މަސް ނިމެންވާއިރަށް ނަރައިން މިންޖުވެވި ސުވަރުގެ ވައްދަވާ އަޅުންގެތެރޭގައި ހިމެނެން އެމީހަކަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރަމުން ގެންދާށެވެ! ކާމިޔާބުވާނެއެވެ! އިން ޝާ ﷲ

– ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު ނޫހުން ނަގާފައި

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *