"އެންމެ ކައިރީގައި އުޅޭ މިތުރުން، ހަތުރުންނަށް ވެދާތަން ފިލްމުތަކުންވެސް މަރީއަށް ފެނިފަ ހުންނާނީ. އަހަރެންގެ މި ފިލްމުގައި ދުޝްމަނުންނަކީ ހަމައެކަނި އަކްރަމްގެ އާއިލާ ހެންނެއް ހިއެއްނުވޭ! ހީވަނީ މިކަމުގައި ވަރަށް ގިނަ މީހުން އުޅޭހެން! އެހެންނޫން ނަމަ މަގޭ އަކޫއަށް މަށާ ނުލާ ނޫޅެވޭނެ! "
ޒައިބާ މިފަހަރު މަރީއަށް ބަލާލީ ރުޅިވެރި ނަޒަރަކުންނެވެ. ޒައިބާގެ ވާހަކައިން މަރީގެ ހިތް ނުތަނަވަސްވާންފެށިއެވެ. ނަމަވެސް މަރީއާ ލޫޠުގެ ރޭވުންތަކެއް ޒައިބާއަށް ނޭނގޭނެކަން މަރީއަށް ޔަޤީން ކުރެވޭތީ އޭނާ ހަމަޖެހޭގޮތް ދެއްކިއެވެ.
" އަސްލުވެސް! އެކަމަކު އަހަރެން ދެކޭ ގޮތުގައި މީހުން ކޮންމެ ވާހަކައެއް ދެއްކިޔަސް އަކްރަމް، ޒައިއަށް އިތުބާރު ކުރަންޏާ އޭނަ ކޮންމެ ޙާލެއްގައިވެސް ހުންނާނީ ޒައިއާއެކު! "
މަރީ އެހެން ބުނުމުން ޒައިބާގާތަށް ހިނިއައެވެ. މަރީގެ އަސްލު ސޫރަ، ޒައިބާއަށް ފެނުނު ފަހުން އޭނާގެ ހިތުގައި މަރީއަށްޓަކައި ކުރިން އޮތް ލޯތްބާއި ގާތްކަން ވަނީ ކުޑަވެފަައެވެ.
" އަހަރެން އަދިވެސް އަކޫއަށް އިންތިޒާރުކުރަން.. ކޮންމެވެސް ދުވަހަކުން އަދި ހުރިހާ ކަމެއް ބޭޒާރުވާނެ! "
ޙަކީމް އޮތް އެނދުކައިރީގައި ފުރަގަސްދީގެން އިން އަކްރަމަށް ބަލާލަމުން ޒައިބާ ބުނެލީ މަޑުމަޑުންނެވެ. އެއާއެކު ކުއްލިއަކަށް ޒައިބާއަށް ފެނުނީ ދޮރުން ވަދެގެން އައި ލޫޠެވެ. ލޫޠު ފެނުމާއެކު ޒައިބާގެ ހިތަށް ހާސްކަން ވެރިވީ އަކްރަމް ހީކޮށްފާނެ އެއްޗެއް ނޭނގޭތީއެވެ. ލޫޠު އައިސް ޒައިބާގެ އެނދުކައިރީ ހުއްޓި ދެޖީބަށް އަތްޖަހާލީ ފިރިހެންވަންތަ ގޮތަކަށެވެ.
" ޒައި ކިހިނެއްތަ މިހާރު؟"
ލޫޠު ބާރުބާރަށް އަހާލީ ދުރުގައި އިން އަކްރަމަށް އިއްވާލަންކަން ޒައިބާއަށް އެނގުނެވެ. ނަމަވެސް އަކްރަމް ފަސްއެނބުރި ބަލައެއް ނުލިއެވެ. އޭނާ ހަމަ އެ އިންގޮތަށް އިނީއެވެ.
" އަހަރެން މިހާރު ރަނގަޅު!" ރުންކުރު ގޮތަކަށް ޒައިބާއަށް ޖަވާބު ދެވުނީ، މަރީއާ ލޫޠު ދެއްކި ވާހަކަތައް ހަނދާންވުމުންނެވެ. އެހެންކަމުން އޭނާ އޮތީ އެމީހުންނާ އިތުރަށް އެއްވެސް ވާހަކައެއް ދައްކާހިތް ނުވެފައެވެ.
" ކޮންމެހެންވެސް މާދަމާ ސްކޫލަށް ދާންވާނެ! އެހެން ނޫނީ ޒައިމަތިން ވަރަށް މިސްވާނެ"
ލޫޠު އެހެން ބުނުމުން ހިތުގައި ކެކެމުންދިޔަ ރުޅިގަނޑު ފަޅައިގެން ގޮސް ޒައިބާގެ އަޑުވެސް ނިކުތީ ކޮންމެވެސް ވަރަކަށް ބާރަށެވެ.
" އަހަރެން ސްކޫލަށް ދިޔަސް ނުދިޔަސް ލޫޠުއަށް ކީއް؟ ކީއްވެތަ އަހަރެން ފަހަތުން ނެއްޓެން ނޭނގިގެން ތިއުޅެނީ؟"
ޒައިބާ އެގޮތަށް ވާހަކަ ދެއްކީ ގަސްތުގައެވެ. ބޭނުމަކީ އަކްރަމަށް އަޑުއިއްވާލުމެވެ. އޭނާއާ ލޫޠުއާ އެއްވެސް ގުޅުމެއް ނޯންނަކަން އޭނާއަށް އަންގައިދިނުމެވެ. އެކަން ކުރުމަށް މިއަށްވުރެ ވަކި ރަނގަޅު ދެވަނަ ފުރުޞަތެއް ނުލިބޭނެތީއެވެ.
" ޒައި! ކީކޭތަ ތި ކިޔަނީ؟ ލޫޠުދެކެ ހާދަ ރުޅިއައިސްގެން ތިއުޅެނީ؟"
ސިއްރުސިއްރުން އަކްރަމަށް ބަލާލަމުން މަރީ ޒައިބާއާ ވާހަކަދެއްކީ ވަރަށް މަޑުންނެވެ.
" އަހަންނަކީ އަދިވެސް މީހެއްގެ އަނތްބެކޭ!…" އެހިސާބަށް ބުނެވުމާއެކު ޒައިބާއަށް ރޮވުނެވެ. އެއާއެކު އަކްރަމަކަށް މަޑަކުން ނީނދެވުނެވެ. ފަސްއެނބުރި، ޒައިބާއަށް ބަލާލުމަށްފަހު އޭނާ ބަލާލީ ބައްޕަގެ މޫނަށެވެ. އޭރު ބައްޕައަށް އޮތީ ނިދިފައެވެ. އެހެންކަމުން އަކްރަމް ބޭނުންވީ އެތަނުން ނިކުންނާށެވެ.
" އަކޫ! ޕްލީޒް.. މަޑުކޮށްބަލަ!"
ތެދުވެގެން ދޮރާއި ދިމާއަށް ގޮސްގޮސް ހުރި އަކްރަމަށް ޒައިބާ ގޮވާލީ ރޮވިފައި ހުރެއެވެ. ހުއްޓުމަށްފަހު އަކްރަމް ބަލާލީ ލޫޠުގެ މޫނަށެވެ. އޭރުވެސް ލޫޠު ހުރީ ހުރި ފިޔަވަޅުމަތީ ކޮޅަށެވެ. ކައިރީގައި ހުރި ގޮނޑީގައި މަރީ އިނެވެ. އަކްރަމް އެނބުރިލުމަށްފަހު އައިސް ޒައިބާގެ އެނދުކައިރީ ހުއްޓުނެވެ.
" އެއްވެސް މީހެއްގެ ފަރާތުން އަހަންނޭ ކިޔައިގެން އެއްވެސް އެއްޗެއް އަޑުއިވިފައި އެބައޮތްތަ؟"
ޒައިބާގެ ސުވާލުން މަރީއަށް އަކްރަމަށް ބަލާލެވުނެވެ. ނުބުނާށޭ ބުނާކަހަލަ ގޮތަކަށެވެ. އަކްރަމަށް ބަލާލެވުނީ ލޫޠުގެ މޫނަށެވެ.
" ބުނެބަލަ! އަހަންނަށް އެނގޭ އަކޫއަށް އަހަންނޭ ކިޔައިގެން ދޮގު ވާހަކަތަކެއް އިވިފައިކަން އޮތީ! އަހަރެން މީ ދޮގު ހަދާ މީހެއް ނޫންކަން އަކޫއަށް އެނގޭނެ! އަކޫ ފިޔަވާ އެއްވެސް މީހަކާ އަހަރެން އެއްވެސް ގުޅުމެއް ނޯންނާނެ! އަދިވެސް މީ ހަމަ އަކޫގެ ޒައިބާ! އަކޫގެ އަނބިމީހާ… އަހަރެން މިދައްކާ ވާހަކަ ޤަބޫލުކޮށްބަލަ!"
ކަރުނައިން ފުރިގެންވާ ލޮލަކުން އަކްރަމަށް ބަލަހައްޓައިގެން އިނދެ ޒައިބާ ވާހަކަ ދެއްކިއެވެ. އޭރުވެސް އަކްރަމަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
" ލޫޠުއާ އަހަންނޭ ކިޔައިގެން ބައެއް މީހުން ފާޑުފާޑުގެ ވާހަކަ ދައްކާކަން އަހަންނަށް އެނގޭ! ލޫޠު މިހުރީ އަކޫގެ ކުރިމަތީގައި! އަހާބަލަ އަހަންނާ އެއްވެސް ގުޅުމެއް އޮންނާނެތޯ! އަހާބަލަ! ބުނެބަލަ ލޫޠު! ޖަވާބު ދީބަލަ! "
ޒައިބާ ބޭނުންވީ އޭނާގެ ކުށެއް ނެތްކަން އަކްރަމަށް ސާބިތު ކޮށްދޭށެވެ.
" ނޫން.. އެކުވެރިކަން ފިޔަވާ އެއްވެސް ގުޅުމެއް ނޯންނާނެ!"
ޖެހިލުންވެ ހުރެ ލޫޠު ބުނެލިއެވެ. އަވަސް އަވަހަށް ޒައިބާ އަކްރަމަށް ބަލާލީ އަކްރަމް އެއްޗެއް ބުނޭތޯއެވެ. އެއްޗެއް ނުބުނި ކަމުގައި ވިޔަސް އެދުވަހު މަރީ ދެއްކި ވާހަކަތަކަކީ މުޅިން ދޮގުކަން އަކްރަމަށް އެނގުނެވެ. އެހެންކަމުން އޭނާއަށް ވަރަށް ބޮޑު ހިތްހަަމަ ޖެހުމެއް ލިބުނުކަމުގެ އިޙްސާސްވެސް ކުރެވުނެވެ.
" އަކޫ؟"
އެއްޗެއް ނުބުނެ ހުރުމުން ޒައިބާ އަކްރަމަށް ގޮވާލިއެވެ. އަކްރަމަށް ނުސީދާކޮށް މަރީގެ މޫނަށް ބަލާލެވުމާއެކު މަރީ އިސްޖެހިއެވެ. ޒައިބާ ގޮވަ ގޮވާ ހުއްޓާ އަކްރަމް ނިކުމެގެން ދިޔައެވެ.
" މަރީ!" ކެތް ނުކުރެވިގެން ޒައިބާއަށް ގޮވާލެވުނީ މަރީއަށެވެ.
" އަހަރެންގެ އެންމެ ގާތް އެކުވެރިއެއްގެ ގޮތުގައި ދެކެމުން އައި މީހަކީވެސް މަރީ! އެކަމަކު… އަހަރެން ހިއެއް ނުކުރަން މަރީ އަހަންނަށް ތިވަރުގެ ބޮޑު ލަނޑެއް ދީފާނެ ކަމަކަށް! މަރީއަށް މިހާރު އެނގޭނެ އަހަރެން މި ދައްކަނީ ކޮން ވާހަކައެއްކަން! ލޫޠުއަށްވެސް އެނގޭނެ! އަހަރެންގެ ލޯބި ޙާޞިލްކުރަން ތިނޫން ގޮތެއް ނުފެނުނީތަ؟"
ޒައިބާގެ ޖުމްލަތަކުން މަރީ ވަރަށް ބޮޑަށް ލަދުގަތެވެ. ލޫޠުއަށްވެސް އިތުރަށް އެތަނުގައި ހުންނާކަށްވެސް ނުކެރުނެވެ. އިރުކޮޅަކު އެއްޗެއް ނުބުނެ ހުރުމަށްފަހު ލޫޠު ބުނެލިއެވެ.
" ސޮރީ…. ޒައި! "
ޒައިބާ ވަގުތުން ދެލޯމަރާ ބާރުކޮށްލިއެވެ. މަޢާފުކުރަން ބޭނުން ނުވާ ފަދަ ގޮތަކަށެވެ. އަދި ލޫޠުއާ ދިމާއަށް ބަލާލަންވެސް ބޭނުން ނުވާފަދަ ގޮތަކަށެވެ. އެހެންކަމުން ލޫޠުވެސް ނިކުމެގެން ދިޔައީއެވެ.
" މަރީއަށް ހަމަ ރަނގަޅަށް އެނގޭނެ ، ކުރީގެ ކަންތައްގަނޑުގެ ޙަޤީޤަތް އަކޫއަށް ކިޔާނުދެވިގެން އަހަރެން އަދިވެސް ހަމަ ތެޅިފޮޅެނީކަން.. ދެން.. ކީއްކުރަން މަރީ އެގޮތަށް ކަންތައްކުރީ؟ އަހަންނަށް އުފަލެއް ލިބެން މަރީވެސް ބޭނުން ނުވާކަން އަހަންނަށް މިއިނގުނީ! އެންމެ ރަނގަޅޭ! މައްސަަލައެއްނެތޭ! ތިގޭގަ އަހަރެން ގެންގުޅެވެން ނެތްކަންވެސް ރީތިކޮށް ބުނެލިނަމަ އެއްނު.! "
ޒައިބާ ދެރަވެ ދެރަވެފައި ވާހަކަ ދައްކަން ފެށުމުން މަރީ ޒައިބާގެ ގައިގައި އަތް ޖައްސާލަމުން ބުނެލިއެވެ.
" ލޫޠު މާކުރިންވެސް ލޯބިވާކަން އަހަންނަށް އެނގޭ! ދެން އަކްރަމް އެގޮތަށް ކަންތައް ކުރީމަ އަހަރެން ބޭނުންނުވީ އަކްރަމަށްޓަކައި ތިހެން ތެޅެން! އެހެންވެ … ސޮރީ! "
ޒައިބާ ހުރީ މަރީދެކެ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައިކަން މަރީއަށް އެނގުނެވެ.
" ޓީ ރޫމްގައި ތިދެމީހުން ދެއްކި ހުރިހާ ވާހަކައެއް އަހަރެން އަޑުއެހިން! އަހަރެން މަޢާފްކޮށްފާނަން! އެކަމަކު ދެން. ކުރިން އޮތް ގުޅުން ބާއްވަން އަހަންނަށް ވަރަށް އުނދަގޫވާނެ! އަހަންނަށް މިހާރު ޔަޤީންވެއްޖެ މިދުނިޔޭގައި އަހަރެންގެ އެއްވެސް މީހެއް ނެތްކަން.. "
ޒައިބާ މަރީއަށް ބަލާލިއެވެ. އެހިނދު މަރީ އަނެއްކާވެސް އިސްޖަހާލީ ލަދުންނެވެ.
" މާދަމާ ސްކޫލަށް ދާއިރު އަހަރެންގެ ރިޒައިން ލެޓާރ ގެންގޮސްދީ! ވަޒީފާއިން ކެނޑިގެން މިރަށުން ދާން މިހާރު ބޭނުންވަނީ! "
ޒައިބާގެ ނިންމުން އަޑު އިވުމާއެކު މަރީ ތެޅިގަތެވެ. އެފަދަ ނިންމުމެއް އޭނާ ނިންމަފާނެކަމަށް މަރީ ހިއެއް ނުކުރެއެވެ.
" ދެން؟ ކީއްކުރަން ކެނޑެނީ؟ ޒައި ދެން ކޮންތާކަށް ދާން ތިއުޅެނީ؟"
" އެއީ އަހަރެންގެ އަމިއްލަ ކަމެއް! މިހާރު އަހަރެންގެ ކަންތައްތައް ޝެއަރ ކުރަން ޖެހޭނެ އެއްވެސް މީހެއް ހުރި ކަމަކަށް އަހަރެން ނުދެކެން.."
ހިތްހަމަ ނުޖެހުމާއިއެކު ޒައިބާ ބުނެލިއެވެ. އިތުރަށް އެއްވެސް އެއްޗެއް އަހާކަށް މަރީއަކަށް ނުކެރުނެވެ.
އަކްރަމް ގެއަށް އައިސް ވަނުމާއެކު ފުރަތަމަވެސް ދިމާވީ ސޯފާގައި އިން މަންމައާއެވެ. ޝަކީލާ އޭރުވެސް އިނީ ޓީވީ ބަލާށެވެ.
" އަދިވެސް ބައްޕަ ދޫކޮށްނުލާތަ؟"
އަކްރަމް ބޯ ޖަހާލަމުން ކޮޓަރިއަށްދާން ހިނގައިގަތުމާއެކު އަނެއްކާވެސް ޝަކީލާގެ އަޑުއިވުނެވެ.
" ބައްޕައަށް ބަތް ހިފައިގެން ދާންވާނެ! "
އަނެއްކާވެސް އަކްރަމް ބޯ ޖަހާލިއެވެ. އެއަށްފަހު އަވަސް އަވަހަށް ގޮސް ކޮޓަރިއަށް ވަދެ އެނދުގައި އިށީނދެލިއެވެ. އޭރު އޭނާގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވާން ފެށިއެވެ. ޒައިބާއާމެދު ވިސްނާވިސްނާ އޭނާ ހާސްވާންފެށިއެވެ.
" ޒައިއާ އެންމެ ގާތުގަ އުޅޭ މީހުންވެސް އެފަކީރަށް އެހުރީ ހެދި ގޮތް…އަޅެ! އަހަރެން މީ ހާދަ ގޯސް ފިރިއެކޭ! ނޫން… އަހަރެން މިހެން ހުރެގެން ނުވާނެ! މަންމައަށް ވިސްނަދޭންވީ އަނެއްކާވެސް.. މަންމައަށް ވިސްނައިދޭންވީ…"
ފުންމައިގެން އަކްރަމް ތެދުވީ މަންމަގާތަށް ދާށެވެ. އެހާ އަވަހަށް އޭނާ ނިކުތްއިރު މަންމައެއް ނެތެވެ. ދެފަހަރަކު ގޮވާލުމާއެކު ފެނުނީ ދޮރާށި ކައިރިން މަންމަ އަންނަތަނެވެ.
" އަން! މިއޮތީ ފޯރމް! މި ފުރާފަ އަވަހަށް ލާންއުޅޭ!"
އަކްރަމް ފެނުމާއެކު އޭނާގެ އަތަށް ހުދުކުލައިގެ ކަރުދާހެއް ދިއްކޮށްލަމުން ޝަކީލާ ބުނެލިއެވެ. ހައިރާންކަމާއެކު އަކްރަމް އޭގައި ހިފަމުން އެކަރުދާހަށް ނަޒަރު ހިންގާލިއެވެ.
" މީ ވަރި ފޯމެއްނު! ކީއްކުރަން؟ "
ސުވާލުގެ ނަޒަރަކުން އަކްރަމް މަންމަށް ބަލާލިއެވެ. އަކްރަމް ބުނާނެ އެއްޗެއްގެ އިންތިޒާރުގައި ޝަކީލާ ހުރީ އޭރުވެސް އަކްރަމާ ދާދި ގާތުގައެވެ.
" ޒައިބާ ވަރިކުރާށޭ މަންމަ ބުނީމެއްނު! ދެން އެކަންތައް ނިންމާލަންވީނޫންތަ؟ އެކަމަކާހެދި ދަރިފުޅު ތިހުންނަނީ އަބަދުވެސް ހަނދު އޮއްސިފަ!"
މިފަހަރު ޝަކީލާގެ ނިންމުމަށް އަކްރަމް ފާޅުގައި އިންކާރު ކުރިއެވެ.
" މަންމާ! އަހަންނަކަށް ނުވާނެ މިކަމެއް! މަންމަ އަހަރެން ދިރިއުޅުނަ ދީބަލަ! ހެޔޮނުވާނެ! މިހާރު ދެން މަންމަގެ ކަންތައްވެސް މާ މައްޗަށް ތިދަނީ"
ބޭއިޚްތިޔާރުގައި އަކްރަމަށް ބުނެލެވުނެވެ. އެހާމެ ބާރަށެވެ. އެއާއެކު ޝަކީލާގެ މޫނުމަތީގެ ކުލަވަރުވެސް ބަދަލުވެގެންދިޔައެވެ.
" އެ އަންހެން މީހާއާހެދި މިއަދު އަކްރަމަށް މަންމައާ ދިމާއަށް ފެލިގަނެވިއްޖެ! ޝުކުރިއްޔާ ވަރަށް ބޮޑަށް! ނުވަމަހާ ނުވަ ދުވަސްވަންދެން ކަލޭ އޮތީ ޒައިބާގެ ބަނޑުގައިތަ؟ އެމީހަކާހެދި ހޭބަލިގެން ތިއުޅެނީ! އަހަރެން ދުވަހަކުވެސް ދެން އަކްރަމަކަށް މަޢާފެއް ނުކުރާނަން! ކަލޭ ދިރިއުޅޭ! ދިރިއުޅޭނެ ގޮތަކަށް ދިރިއުޅޭ! އަހަރެން ދެނެއް ނުހުއްޓުވާނަން! "
ރުޅިއައިސްގެން ރޮމުން ރޮމުން ޝަކީލާ ބާރުބާރަށް އަކްރަމަށް އެއްޗެހިގޮވަމުން ދިޔައެވެ. އެއަޑަށް ކޮޓަރިތެރެއިން އާތިކާވެސް ނިކުމެއްޖެއެވެ.
" މަންމާ؟ ކިހިނެއްވެގެން މިއުޅެނީ؟"
އާތިކާ ގޮސް މަންމަގެ ގައިގައި ހިފަހައްޓައިގެން ގެނެސް ސޯފާގައި ބޭންދިއެވެ. އޭރުވެސް ފާރުގައި ލެނގިލައިގެން އަކްރަމް ހުރީއެވެ.
" ޒައިބާ ވަރިކުރަން ބުނީމަ މިހިރަ ފެންނަ ސޮރު މަށާ ދިމާއަށް ހެއްދެވި ނުހެއްދެވިއަށް ގޮވައިގަތީ! މަންމަގެ ކަންތައް މާ މައްޗަށޯ ތިދަނީ! ތިމަންމަ ދިރިއުޅުނަ ދޭށޯ! ބަލަ ދަރިންނާމެދު މަންމައިން ނޫނީ ދެން ކޮންބައެއްތަ ވިސްނާނީ؟ އަހަރެން ހުރިހާ ކަމެއްވެސް ކުރަނީ ތި ދެކުދިންނަށް ރަނގަޅަކަށް! "
މޭގައި އަތް އަޅަމުން ޝަކީލާ ބުނެލިއެވެ. އެއާއެކު އާތިކާއަށްވެސް އަކްރަމްދެކެ ރުޅި އާދެވުނެވެ.
" ދެން އޭނަ ވަރި ނުކުރަންޏާ ގޮސް އޭނަ އުޅޭތާކު އުޅުނީމަ ވީނު! މަންމައަކީ ބަލިމީހެއްކަން އެނގޭ އިރުގައިވެސް ތިހުރީ އަކްރަމް ކަންތައްކުރި ގޮތް! "
ކައިރީގައި ހުރި ފެންފުޅި ނަގާ، ޝަކީލާގެ އަތަށް ދެމުން އާތިކާ ބުނެލިއެވެ. އޭރުވެސް ޝަކީލާ ބާރަށް ރޮމުންދެއެވެ.
" މަގޭ ފިރިހެން ދަރި މަށަށް މުޅިން ގެއްލިއްޖެ! ކިހިނެއް މަ ބެލި ދަރިއެއްތީ؟ ކުޑައިރުއްސުރެ އަބަދު ބަލިވެ އުޅުނު ކުއްޖެއްތީ! ރެޔާ ދުވާލު ނުނިދާ އުނގުމަތިން ކޮނޑުމަތިން ގެންގުޅުނީ ހަމަ މި މަންމަ! އެކަމަކު މިމަންމަ މިއަދު ނުވި މީހަކަށް!"
އަނެއްކާވެސް ޝަކީލާ ކިޔަންފެށިއެވެ. އިތުރަށް އެތަނުގައި ހުންނަން ބޭނުން ނުވެގެން އަކްރަމް ގޮސްވަނީ ކޮޓަރިއަށެވެ. އޭރުވެސް މަންމަ ކީ އެއްޗެހިން ސިކުނޑިއަށް އުނދަގޫ ކުރަމުންދިޔައެވެ. މަންމައަށްޓަކައިވެސް ޒައިބާ ވަރިކުރާކަށް އަކްރަމްގެ ހިތެއް ނޭދުނެވެ. އެއީ އޭނާއަށް ކުރެވޭނެ ކަމެއް ނޫނެވެ.
ހެނދުނުގެ ވަގުތެވެ. ފޮށީގައި ހުރި އެއްޗެހި އޭނާގެ ދަބަހަށް ހުސްކޮށްލުމަށްފަހު ދަބަސް އަޅުވައިގެން އޭނާ ނިކުތެވެ. އޭރު މަރީ އޮތީ ކުނިކަހާށެވެ.
" މަރީ! "
ޒައިބާ ގޮވާލުމާއެކު މަރީ ތެދުވެ ބަލާލިއެވެ. ދަބަސް އަޅުވައިގެން ހުރި ޒައިބާ ފެނި އޭނާ ހައިރާންވެ ހާސްވެއްޖެއެވެ.
" އަހަރެން މިގޭގައި ބަހައްޓައިދިން ކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރިއްޔާ! މޭޒުމަތީގައި އޮންނާނެ އަހަރެން ވަޒީފާއިން ވަކިވާން ލިޔުނު ސިޓީ! އޮފީހަށް ޙަވާލުކޮށްލާތި! ދެން ދަނީ!"
އިތުރަށް އެއްޗެއް ނުބުނެ، މަރީގެ ޖަވާބަކަށްވެސް މަޑުނުކޮށް ޒައިބާ ހިނގައިގަތުމާއެކު މަރީ އޭނާ ހުއްޓުވިއެވެ.
" ކޮންތާކަށް ތިދަނީ؟ "
" އަހަރެންގެ ހުރިހާ ވާހަކަތަކެއް ޝެއަރކުރި ވަރަށް ގާތް… އަދި އަހަރެން ވަރަށް ލޯބިވާ އެކުވެރިއެއް އެއް އިރެއްގައި ހުރި! އެކަމަކު މިހާރު އަހަރެންގެ އެކަކުވެސް ނެތް! " ޒައިބާގެ އަތުން މަރީގެ އަތް ނައްޓުވާލަމުން ޒައިބާ ބުނެލިއެވެ. އަދި ދެރަވެލާފައި އަނެއްކާވެސް އޭނާ ހިނގައިގަތީ ދޮރާއި ދިމާއަށެވެ. އިލޮށިފަތި ހިފައިގެން މަރީއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އިތުރަށް އެއްޗެއް ބުނަންވެސް އޭނާއަކަށް ނުކެރުނެވެ. މިހާ މާއިރާ ޒައިބާ ނިކުތުމުން އޭނާ އެދަނީ ފެރީއަށްކަން މަރީއަށް އެނގުނެވެ. ނޭނގުނީ އޭނާ ފުރައިގެން ދާނެ ތަނެކެވެ.
( ނުނިމޭ )

ކިޔުންތެރިންގެ ޚިޔާލުތައް
ޙާދަ ކުރޔަށް ނުދެއޭ ދޯ. މާލަސް ގެނެސްދެވޭލޭ.