(29 މާާޗް 2023 ގެ ނޫހާއި ގުޅޭ)
"ޔައީން. ތިހެން ހީނުކުރޭ. އަހަރެން ތި ތުހުމަތުން ޔައީން މިންޖު ކޮށްދޭނަން." ލީޝަންއަށް މިހާރު ބާރަށް ރޮވެނީއެވެ. އޭނާއަށްވަނީ ޔައީންދެކެ ހިތުގެ އެންމެ ފުންމިނުން ލޯބިވެވިފައެވެ. ޔައީނާ ނުލައި މިވޭތުވެ ދިޔަ ދުވަސްތަކުގައި އޭނާވަނީ ހަމަ ނިދި ނުލިބި ރަނގަޅަށް ނުކެވިއެވެ.
" ލީޝަންގެ އިހުސާންތެރިކަމުން އަހަރެންނަށް ފައިދާއެއް ކޮށްފާނެހެން ހިއެއްނުވޭ. އަހަރެންނަށް އަހަރެންގެ އެހީތެރިކަމާއި އޯގާތެރިކަމުގެ ސަޒާ ލިބިއްޖެ. ތިރީސް އަހަރުވަންދެން މިތަނުގައި އުޅެ މިނިވަންވުމުން ދުނިޔޭގައި ހުރިއްޔާ ކޮންމެވެސް ދިމާއަކަށް ދެވިދާނެ. އިރާދަ ކުރެއްވިއްޔާ ލީޝަންގެ އަރާމު ދިރިއުޅުމަކަށް އަހަރެންގެ ހިޔަންޏެއް ނޭޅޭނެ. ބޭނުންނަމަ މިނިވަންވުމަށް ކޯޓަށް ސިޓީލާ. އޭރުން މިތަނުގެ ފަރާތުން ހުރިހާކަމެއް ހަމަޖެހިގެންދާނެ." ޔައީން މަޑުހިނގުމެއްގައި ގޮސް ކުރިންވެސް އިންތަނުގައި ހަމަ އެގޮތަށް އިށީނދެއްޖެއެވެ. ތިރީސް އަހަރުވަންދެން ލީޝަން ޔައީނަށްޓަކައި އިންތިޒާރުކޮށް ލީޝަންގެ ދިރިއުޅުމުގައި އެހާ ހިތާމަތަކެއް ދޭން ނޭދެވޭތީވެ ހިތާ ދެކޮޅަށް މިގޮތަށް އަމަލު ކުރީއެވެ. ކޮންމެ ގޮތެއްވިޔަސް ދެން އެދެމީހުންނެއް އެކެއް ނުވާނެއެވެ. ސަލާމަތްވެގެން ދާއިރު ދެމީހުން ތިބޭނީ މުސްކުޅިވެފައެވެ. ނަމަވެސް ޔައީނާ ވަކިވެ އާދިރިއުޅުމެއް ފެށުމުގެ މިނިވަންކަން ލީޝަންއަށް ދޭން ބޭނުންވެއެވެ. ލީޝަން އެހެން ހަދާނީ މިގޮތަށް އަމަލުކުރީމާކަން ޔަގީން ވާތީ އޭނާގެ ހިތާދެކޮޅަށް ލީޝަން ދެރަކޮށްލިއެވެ. އެއްޗިހިކިޔާ ލީޝަން މާޔޫސް ކޮށްލިއެވެ. ދެން އޭނާއާއި ބައްދަލު ކުރަން ނާންނާށޭ ބުނެ ރޮއްވިއެވެ.
ލީޝަންއަށް ބާރަށް ރޮވެނީއެވެ. އޭނާއަށް ގިސްލެވެނީއެވެ. އޭނާއަށް ކޮށްފައިވާ އަސަރުން ގައިގެ ހަކަތަ ހުސްވެ ހުރިދިމާ ތިރީގައި އިށީނދެވުނެވެ. ޔައީނަށް އޭނާ އެފަދަ އެއްވެސް ކަމެއް ނުކުރެއެވެ. އެދުވަހު އޭނާ ދެއްކި ވާހަކަތައް ކުއްލިއަކަށް ހަނދާންވާންފެށިއެވެ. އެވާހަކަ ދެއްކީ ޔައީން ދެކެ ރުޅިއައިސް ގެން އޭނާ ދަށްކޮށްލުމުގެ ނިޔަތުގައެވެ. އެކަންތައްކުރީ ކާކުކަން މިހާރު އޭނާއަށް ޝައްކުވާން ފަށައިފިއެވެ.
އޮފީހުގެ އަހަރީ ދުވަހަށް ތައްޔާރުވުމަށްޓަކައި އޮފީހުގެ މީހުން ހަރަކާތް ތެރިވަމުން ދިޔަރޭ ޔައީން އެޅުވި ވީޑިއޯގެ ސަބަބުން އޭނާ ޔައީނާ ޒުވާބު ކުރިއިރު އެހެން ބުނި ހަނދާން ވެއްޖެއެވެ. އޭރު އެތާ ރީމާވެސް ހުއްޓެވެ. މި ވީޑިއޯބަލާފައި އެންމެން އެއްއަޑަކުން ހޭންފެށުމުން ލީޝަން އައިރުޅިން ބޭރަށް ނިކުތެވެ. އޭރު ޔައީންގެ އަތުގައި ސީޑީ އޮތެވެ.
މިކަހަލަ ކިތަންމެ ވީޑިއޯއެއް އެބަހުރިކަމަށް ބުނުމުން ލީޝަން އޭނާއަކީ ކާކުކަން ޔައީނަށް އަންގާލާނެކަމާއި ފައިސާއަށް ޚިޔާނާތްތެރިވީކަމުގެ ކުށުގައި ބަންދުކުރާނެ ކަމުގައި ބުންޏެވެ. އެއީ އެދުވަސްވަރު ނުހަނު ގިނައިން ހިނގަމުންދާކަހަލަ ކަމަކަށްވާތީ ބުނެލި އެއްޗެކެވެ. އޭރު ރީމާއައިސް ލީޝަން ހިފެހެއްޓީއެވެ.
ލީޝަން ރީމާއަށް ޝައްކު ކުރެވުނީ ރީމާ އެއީ ކުރިން ޔައީންގެ ލޯބިވެރިޔާ ކަމަށްވެފައި ރީމާގެ ވާހަކަތަކުން ޔައީން ނައިނަމަ ރީމާއަށް އެވަޒީފާ ލިބިދާނެ ކަމުގެ ވާހަކަ އަބަދުވެސް ދައްކާތީއެވެ. ފަހަރުގައި އޭނާގެ ލޯބި ކާމިޔާބު ނުކުރެވުމާއި ވަޒީފާގެ ދަހިވެތިކަމުގައި އެކަން އެގޮތަށް ކޮށްފާނެ ކަމުގައި ޝައްކުވީ ކުއްލިއަކަށެވެ.
"ދިޔުމުގެ ކުރިން ޔައީންގާތު އަހަރެންވެސް ވާހަކައެއް ބުނެލަން ބޭނުން. އަހަރެން އެވާހަކަދެއްކީ ހިތުގައި އެކަންއެގޮތަށް ކުރަން އޮވެގެންނެއްނޫން. އަހަރެން ދުވަހަކުވެސް ޔައީންގެ އަނތްބެއްގޮތުގައި ނޫންގޮތަކަށް ނޫޅޭނަން. އަހަރެންނަށް ވެދިން އެހީތަކަށް ޝުކުރު އަދާކުރާނީ ތިހާ ބޭއިންސާފަކުން ނޫން. އަހަރެން މުސްކުޅިވަންދެންވެސް ނުވަތަ މަރުވަންދެންވެސް ހުންނާނީ ޔައީންގެ މީހެއްގެ ގޮތުގައި. ވެދިޔަ ހުރިހާ ކަމަކަށް މާފުކޮށްދީ." ލީޝަން ރޮމުންރޮމުން ދުވެފައި ޖަލުން ނިކުތެވެ.
ލީޝަން އެދިޔަ ބާރުމިނުގައި ކާރެއް ހޯދާ ރީމާމެންގެއަށް ދިޔައެވެ. ނަމަވެސް ރީމާ އުޅުނީ އޭނާގެ ކައިވެންޏަށް ތައްޔާރުވުމަށްޓަކައި ނަސަންދުރައިގައެވެ. ލީޝަން އެދިޔަގޮތަށްގޮސް ރީމާގެ އަތުގައި ހިފިއެވެ. އަދި މީހުންނާއި ދުރަށް ޖެހިލިއެވެ.
"ލީޝަން. ހާދަ ހާސްވެފައި ތިހުރީ ކީއްވެ؟"
"ރީމާ. ދޮގުނުހަދާ ތެދަށްބުނޭ. ޔައީންގެ އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރީކާކު."
"އެހެން އަހަންތަ ތިއައީ. އެއީ ލީޝަން ކުރިކަމެއް ނޫންތަ؟" އޭނާ ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ.
"ދެންކީއްވެ ޝަރީއަތުގައި އެކަން ކުރީ އަހަރެންކަމަށް އޭނާ ހެކިބަސް ނުދިނީ. އެގޮތަށް ހެދިނަމަވެސް މިއަށްވުރެ މާރަނގަޅު." އޭނާއަށް އަނެއްކާވެސް ރޮވެންފެށުނެވެ.
"އެއީ ލީޝަންގެވެސް ދުޝްމަނެއްނު."
"އެއީ ރީމާގެ ކުރީގެ ލޯބިވެރިޔާއެއްނޫންތަ. ރީމާ ދޮގުނުހަދާ. ކީއްވެ އޭނާގެ އެކައުންޓަށް އެފައިސާ ޓްރާންސްފަރ ކުރީ."
"މި ބުނީނު އެއީ ލީޝަން ކުރިކަމެކޭ. އެދުވަހު ލީޝަންއެއްނު ބުނީ ޔައީން ޖަލަށްލާނަމޭ. ވަގުފައިސާގެ ތުހުމަތު އަޅުވާނަމޭ. މިހާރު އެއޮތީ އެކަން ލީޝަން ކުރިކަމަކަށްވެފައި."
"ރީމާއަށް އޭނާ ޖަލަށްލުމުން ލިބުނީ ކޮންފައިދާއެއް؟"
"އެއީ އަހަރެންގެ ލޯތްބަށް ބޭވަފާތެރިވެ އަހަރެންގެ ހިތް ރޮއްވުމަށްފަހު އަހަރެންގެ އެންމެ ގާތްމީހާއާއި ކައިވެނިކުރި ދުޝްމަނެއް. އެއީ އަހަރެންނަށް ލިބެންވީ ވަޒީފާ ފޭރިގަނެ އަހަރެންގެ ވެރިއަކަށް ވެގެން އަމުރުކުރަން ހުރި ނުބައި މީހެއް. އެއްވެސް މީހަކަށްނޭނގޭނެ އަހަރެން އެހެން ހެދިކަމެއް. ހުރިހާ ކަމެއްވެސް އަހަރެން ކުރީ ވަރަށް ވިސްނައިގެން." ކުރި ހުރިހާ ނުބައިކަމަކަށް ރީމާ އެއްބަސް ވަމުންދިޔައީ އެއީ ވަރަށް އާދައިގެ ކަމެކޭ ހީވާފަދަ ގޮތެއްގައެވެ.
"މީހަކު ނުބައިވިޔަސް ރީމާ ނުބައިވެދާނެ ކަމަކަށް އަހަރެންނަށް އަދިވެސް ގަބޫލެއް ނުކުރެވޭ. ޔައީން މިނިވަންކޮށްދީ. އާދޭސް ކޮށްފައި ބުނަން."
"ޔައީން އެއީ ލީޝަންގެވެސް ހަތުރެއްނު. އޭނާ ޖަލުގައި ބަހައްޓާ. ތިރީސް އަހަރުވެސް އަހަންނަށް މާކުރު."
"ރީމާ އަހަރެންނަށްޓަކައި ތިޔަކަންތައްވީގޮތް އެމީހުންނަށް ކިޔައިދީ. އަހަރެން ޔައީންދެކެ ވަރަށް ލޯބިވޭ."
"ލީޝަން ދެންދޭ. މީހުން އަންނަން ފަށައިފި. އަދި މިވާހަކަ މީހެއްގާތު ބުންޏަސް އަހަރެން ޖެހިލުމެއް ނުވޭ. އެއީ އަހަރެން އެކަން ކުރިކަން އެނގޭނެ އެއްވެސް ހެއްކެއް ނޯންނާނެތީ. ޔައީން ގާތުން ވަރިވެ ކޮންމެވެސް އެހެން މީހަކު ހޯދާ. ލީޝަންފަދަ މުއްސަންޖަކަށްޓަކައި ފިދާވާނެ ކިތަންމެ ކުއްޖަކު މި މާލޭގައިވާނެ. އަހަރެން ކުރި ހިތާމައާއި އަހަރެން ރުއި ރުއިން މިހާރު އޭނާއަށް އިހުސާސްވާނެ. ތިރީސް އަހަރުވަންދެން ޖަލުގައި ތެޅިތެޅި ހުރެ ދިރިއުޅުން މަތިން ފޫހިވެދާނެ. ދުވަސްކޮޅެއް ނުވަނީސް ބެޑުޝީޓު ކަރުގައި ބަނދެ ދަންޖެހިގެން މަރުވެދާނެ. ދެތިން ދުވަހެއް ވަންދެން އޭނާއަށްޓަކައި އޭނާދެކެ ލޯބިވާމީހުން ހިތާމަ ކުރާނެ. އަދި އިސާހިތަކު އޭނާގެ ވަސްވެސް މިދުނިޔެއިން ފޮހެވިގެން ހިނގައިދާނެ."
"ރީމާ. ލަދެއްވެސް ނުގަނޭތަ ތިހާ ދަށުދަރަޖައަށް ވެއްޓެން." ރީމާގައިގާ ޖެހުމަށްޓަކައި އޭނާ އަތްމަޅާލިއެވެ.
" ދެން އަހަރެން ހޯދަން ނާންނާތި. ހަމަ މިހާރު މިތަނުންދޭ." ލީޝަން މަޅާލި އަތުގައި ހިފާ ރީމާ ބުންޏެވެ. ރީމާގެ ހިތުގައި ހަމްދަރުދީގެ ފުކެއްވެސް ނެތްތާ ރަހުމެއްވެސް ނެތެވެ. ކުރިން ފެނުނު އޯގާތެރި ރަހުމަތްތެރި ކަމުގެ ބަދަލުގައި މިހާރު ފެންނަނީ ހަރުކަށިކަމާއި ނަފުރަތެވެ.
ލީޝަން ކާރަކަށްއަރައި ގެއަށްދާން މިސްރާބު ޖެހިއެވެ. އޭނާއަށްވަނީ ކެތްނުކުރެވޭވަރުގެ ހިތްދަތިކަމެއް ލިބިފައެވެ. އެތަކެއް ދުވަހެއްވާންދެން އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށް ޔައީނަށްޓަކައި ވީގުރުބާނީ ބޭކާރުވެފައެވެ. ދުވަސްގަނޑަކަށްފަހު ލިބުނު ލޯބީގެ އިތުބާރާއި ކުރެވުނު އުންމީދު ވިއްސި ވިހާލިވެފައެވެ. އޭނާއަށް މިހާރު ކުރެވޭހާވެސް ކަމަކީ ރުއިމެވެ. ޔައީން މިހާރު އޭނާދެކެ އިންތިހާއަށް ނަފުރަތު ކުރާނެތީއެވެ. އޭނާގެ ހަގީގީ ތެދުވެރި ލޯބި ޔައީނަށް ގަބޫލު ނުކުރެވޭނެތީއެވެ. އެއީ އޭނާކުރި ކުށެއް ނޫންކަން ޔައީނަށް ގަބޫލު ނުކުރެވޭނެތީއެވެ. ރީމާގެ ވާހަކަ ބުނެފިނަމަވެސް ރީމާއާއިމެދު ޝައްކުގެ ނަޒަރަކުންވެސް ބަލާނުލާނެކަން އޭނާއަށް އިހުސާސްވާތީއެވެ.
ޔައީން ސަލާމަތްވޭތޯ ކުރެވުނު ހުރިހާ މަސައްކަތެއް އޭނާ ކުރިއެވެ. އެގޮތުން އެންމެ ފުރަތަމަވެސް ކުރިކަމަކީ އޭނާގެ ބައްޕަ އިންޑިޔާގައި ތަރައްގީކޮށް އޭނާގެ ނަމަށް ބަދަލު ކޮށްފައިވާ ރިސޯޓް ތިރީސް މިލިއަނަށް ވިއްކާލުމެވެ. އެއަށްފަހު ބޭންކުގައި ރައްކާކުރެވިފައި ހުރި އޭނާގެ ކުންފުނީގެ ހުރިހާ ފައިސާއެއް ލައިގެން ސާޅީސް މިލިއަން ރުފިޔާ ހަމަކުރިއެވެ. އަދި ޔައީން ސަރުކާރަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ހަމައަށް ދެއްކިއެވެ.
ނަމަވެސް ތިރީސް އަހަރުގެ ހުކުމް ތަންފީޒު ކުރަމުންދާ ޔައީނަށް މިކަމުގެ ހިލަމެއްވެސް ނުވެއެވެ. އޭނާ ވަނީ ލީޝަންއާއި ވާހަކަ ދެއްކުނު ގޮތާ މެދު ދެރަވެފައެވެ. ލޯމެރިލާ ކޮންމެ ފަހަރަކު ފެންނަނީ ލީޝަންގެ ރީތި މޫނާއި އޭނާއަށްޓަކައި ކަރުނަ އެޅިތަނެވެ. ޔައީންގެ ހިތުގައި ލީޝަންއަށްޓަކައި ބިންވަޅުނެގިފައިވި ލޯބި ހާމަކޮށްދިނުމުން އޭނާގެ ލޮލުން ފެނުނު އުފާވެރިކަމުގެ އަސަރެވެ. ނަމަވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފުލުހުން އޭނާ ހައްޔަރު ކުރުމުން ހަމަ އެލޮލުންފެނުނު ކަންބޮޑުވުމާއި ހާސްކަމެވެ. ހަމައެއާއެކު އޭނާއަށް ސިފަވަމުން ދިޔައީ ބިރުވެރިކަން އޭގެ ނިހާޔަތަށް ގޮސްފައިވަނިކޮށް ފަރުމައްޗަށް ލޯންޗު ބަންޑުންވެ ދެން ސަލާމަތް ނުވެވޭނެހެން ހީވުމުން ޔައީނުގެ ސަލާމަތަށް އެދުނު ގޮތެވެ. އެ ފަޅުރަށުގައި ދެމީހުން މިޔަރު ހިފަން ދުވުނު އުފާވެރި މަންޒަރެވެ. ފަޅުރަށުގައި ރޭގަނޑުގެ އަނދިރީގައި އޭނާ ބިރުން އުޅުނު މަންޒަރެވެ. ޒީޝަންއާ އެކުގައި ހޭދަކުރި ވަގުތުތަކެވެ. މިހުރިހާ ކަމެއް ހަނދާންވުމުން އޭނާގެ ދެލޮލުން ކަރުނަ އާދެއެވެ. މެއަށްތަދުވެ ނޭވާލާން ދަތިވެއެވެ. އޭނާވެސް ލީޝަން ބޭނުމެވެ. ލީޝަންދެކެ އިންތިހާއަށް ލޯބިވެއެވެ.
ނަމަވެސް ލީޝަން އެހެން ދިރިއުޅުމެއް ފަށާނެއެވެ. އޭރުން އޭނާގެ މަތިން ހަދާނެއް ނުހުންނާނެއެވެ. ޒީޝަންއާއި އެތައް ދަރިންނަކާއެކު މިދުނިޔޭގެ އެންމެ އުފަލުގައި ދިރިއުޅޭނެއެވެ. މިހާރު ޔައީން ހިތާމަ ކުރަންވީ ކީއްވެހެއްޔެވެ؟ އެއީ ޔައީން ބޭނުންވިގޮތް ނޫންހެއްޔެވެ؟ ލީޝަން އޭނާގެ ކުރިމަތީ އެތައް އާދޭހެއް ކުރިއިރުވެސް ޔައީން އޭނާ ދެރަކޮށްލީ ގަސްދުގައި ނޫންހެއްޔެވެ؟ ދެން މިހާރު ކުރަންވީ ކޮންހިތާމައެއްހެއްޔެވެ؟ މާތްކަލާކޯއެވެ. ލީޝަންގެ ހަދާންތަކުން އޭނާ ދިރިއުޅެން އުނދަގޫ ކުރުވައިފިއެވެ.
ލީޝަންއާއި ޒީޝަން ގެއްލުމުން އޭނާވަނީ ކެއިންބުއިމާއި މީހުންނާއި ވާހަކަދެއްކުމުން އެކަހެރިވެފައެވެ. މިއިން ކަމެއް އޭނާކުރަނީ ކޮންމެހެން ނުކޮށް ނުހުރެވެވުމުންނެވެ.
ޔައީން ޖަލުގައި ނުހަނު ހިތާމަވެރި ހާލުގައި ހައަހަރު ވޭތި ކުރަމުންދެއެވެ. ނަމަވެސް މުއްސަނދި ދިރިއުޅުމެއް ލިބިފައިވި ލީޝަން ތަޖުރިބާ ކުރަމުންދަނީ މުޅިންވެސް އެކަނިވެރިކަމާއި ފަގީރު ކަމެވެ. ޔައީން ޖަލަށްލުމާއި އެކުހެން އެމީހުންގެ ވިޔަފާރިތައް މަޑުމަޑުން ހުއްޓެމުން އައިސް އެވިޔަފާރި ވަނީ މުޅިންހެން ބަނގުރޫޓްވެފައެވެ. ކުރިން "މެޑަމް" އޭކިޔާ ފަހަތުން ދުވި މީހުން މިހާރު އޭނާ ފެނުމުން މޫނު އަބުރާލަނީ އޭނާ އަށް ނުބަލަންވެގެންނެވެ. ވިޔަފާރީގައި އެންމެ ގާތްކޮށް އުޅުނު އިޚުލާސްތެރިން ޚިޔާނާތްތެރިންނަށްވެ ނިމިއްޖެއެވެ. އަބަދުވެސް ހޭހަން ކޮށްދިނުމަށް ފޫގަޅައިގެން ތިބި މިތުރުން ހަތުރުންނަށްވެއްޖެއެވެ. އޭރުގެ އުފަލާއި މަޖަލުގެ ބޮޑު ދުނިޔެ މިއަދު ދައްޗާއި އުނދަގުލުގެ ހާއްޔަކަށްވެއްޖެއެވެ.
ނަމަވެސް އޭނާ ދުނިޔޭގެ ޒީނަތަށް ނުބަލާ ހިތްވަރުކުރަމުން ކެތްކުރަމުން ދިޔައީ ހަމައެކަނި ޔައީނަށްޓަކައެވެ. ޔައީން އެބުރި އޭނާގެ ދިރިއުޅުމަށް އަތުވެދާނެތީއެއްނޫނެވެ. އޭނާގެ ވަސިއްޔަތް ކަމަށްވާ ޒީޝަން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް ކިޔަވައިދެވޭތޯއެވެ. އޭނާކުރާ ކޮންމެ ނަމާދެއްގައިވެސް ޒީޝަންގެ ކާމިޔާބަށާއި ޔައީން މިނިވަންވޭތޯ ދުޢާ ކުރެއެވެ.
ޔައީން ޖަލުގައި އަހަރުތައް ހޭދަވެގެން ދިޔައިރު ލީޝަންގެ އަތްމަތި މުޅިން ހުސްވެއްޖެއެވެ. ބަނޑުފުރާނަ މުއްތި ކުރުމަށްޓަކައި ވަޒީފާއަކަށް ދާން ގަސްދުކޮށްފައިވެސް ޒީޝަންއަށް ހެޔޮ ތަރުބިއްޔަތަކާއި ރަނގަޅު ތައުލީމެއް ލިބޭނީ ރަގަޅަށް އަޅާލެވިގެން ކަމަށްވާތީ އޭނާ ގޭގައި މަޑު ކުރީއެވެ. ގެއިން އެންމެ ކޮޓަރިއެއް ދިރިއުޅުމަށް ހަމަޖައްސާ ބާކީ ހުރި ތަންތަން ކުއްޔަށް ދިނީއެވެ. ނަމަވެސް އެފައިސާއިން އޭނާގެ ވިޔަފާރީގައި ކުރިން ދައްކަން ޖެހިފައިވާ ލޯނުތައް ދައްކަންޖެހޭތީ އެއިން ލިބޭއެއްޗަކުން ދެކޮޅުޖެއްސެނީ ކިރިޔާއެވެ. އެއީ ހިތްދަތި ދުވަސްތަކެކެވެ. މުއްސަނދިކަމާއި ފައިސާއިން އިސްރާފު ކުރަމުން ދިޔަ ލީޝަން މިއަދު ވަނީ ބާހެދުން ގަނޑަކާއެކު ފަގީރު ދިރިއުޅުމެއްގައެވެ. އޭނާ ބޭނުންނަމަ މުޅި ދުނިޔޭގައި އުދުހެވުނީހެވެ. އަރާމާއި އުފަލުގައި ދުވަސްތައް ހޭދަކުރެވުނީހެވެ. އެފެންވަރުގެ އެތައްމީހަކު އޭނާގެ ފަހަތުން މުގޯލި އެޅިއެވެ. ނަމަވެސް ޔައީނަކީ އޭނާގެ ދިރިއުޅުމުގެ ހަމައެކަނި ސަބަބު ކަމަށްވާތީ މި ކުޑަ ހުރަގޭގައި އޭނާ ކެތްތެރިކަމާއެކު ޔައީނަށް ވަފާތެރިކަންމަތީ ޒީޝަން ބޮޑު ކުރަނީއެވެ.
(ނުނިމޭ)
- މި ވާހަކައިގެ ފަހު ބައި އަންނަ ހަފްތާގައި…………
