ދަރިންނަކީ މާތްﷲ މައިންބަފައިންނާއި ހަވާލު ކުރައްވާފައިވާ އަގުބޮޑު އަމާނާތެކެވެ. މި އަމާނާތަށް ރައްކާތެރި ވުމަކީ ކޮންމެ މަންމައަކާއި ބައްޕައެއްގެ މައްޗަށް އަދި މުޅި މުޖުތަމައުގެ މައްޗަށް އޮތް ވާޖިބެކެވެ. މިއަދުގެ މުޖުތަމައުގައި ކުޑަކުދިންނަށް އިހުމާލު ވުމާއި، އެކުދިންނަށް ދޭންޖެހޭ ލޯތްބާއި އަޅާލުމުން، އަދި ރަނގަޅު ތަރުބިއްޔަތު ނުލިބުންފަދަ ގިނަ މައްސަލަތަކެއް ދަނީ ކުރިމަތި ވަމުންނެވެ. މައިންބަފައިން އެމީހުންގެ ޒިންމާ ދޫކޮށްލުމުން މުޖުތަމައުގައި އެކުދިންދަނީ ގިނަވަމުންނެވެ. ނޫންނަމަ ކޮންމެވެސް އަޚުލާޤީ މައްސަލައެއްގައި ހައްޔަރުވަމުންނެވެ. އެހެންކަމުން މި މަޒުމޫނުގައި ބަލައިލާނީ ކުޑަކުދިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިނާއި، މުޖުތަމައުގެ ދައުރަކީ ކޮބައިކަމާއި އަދި ރަނގަޅު ތަރުބިއްޔަތެއް ނުލިބުމަށް ދިމާވާ ބައެއް ސަބަބު ތަކަކީ ކޮބައި ކަމުގެ މައްޗަށެވެ.
މައިންބަފައިންނަށް އެމީހުންގެ ޒިންމާގައިވާ ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަކީ އަދި އެކުދިންނަކީ، ދެދުނިޔޭގެ ފަލާހާ ކާމިޔާބު ލިބިގެންވާ ކުދިންގެ ގޮތުގައި ބޮޑުކުރުމަކީ އިސްލާމް ދީނުގައި ނުހަނު ބާރު އަޅުއްވައި، އެކަމަށްޓަކައި އިރުޝާދު ދެއްވާފައިވާ ކަމެކެވެ. ދުނިޔޭގެ އެހެން އެއްވެސް ދީނެއްގައި ކުޑަކުދިންގެ ތަރުބިއްޔަތަށް އަހަންމިއްޔަތުކަން ދީފައި ނުވާވަރަށް އިސްލާމް ދީނުގައި އެކަމަށްޓަކައި ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާފައި ވެއެވެ. ތަފާތު ބޭފުޅުން ތަފާތު ގޮތްގޮތަށް ތަރުބިއްޔަތު މާނަ ކުރައްވާފައި ވީނަމަވެސް އޭގެ އަސްލު ބިނާވެގެންދަނީ އެއް ކަންތައްތަކެއްގެ މައްޗަށެވެ. އަރަބި ބަހުގެ ފުންނާބު އުސް ޢިލްމުވެރިއެއް ކަމަށްވާ އަލްއިމާމު އިބުނު މަންޡޫރު “ތަރުބިއްޔަތު” މި ލަފުޒު މާނަ ކުރައްވާފައިވާ ގޮތުގައި އޭގެ މަނަޔަކީ އިތުރުވުމާއި، ހެދިބޮޑުވުމާއި، ކާނާ ދިނުމާއި ރިއާޔަތް ކުރުމާއި ރައްކާތެރި ވުމެވެ. އެހެންކަމުން ތަރުބިއްޔަތު ބިނާވެގެން ދާނީ މިހުރިހާ ސިފަތަކެއްގެ މައްޗަށެވެ
ތަރުބިއްޔަތުގެ މަރުހަލާ ފެށެނީ ކުއްޖާ ދުނިޔެއަށް އައުމުގެ މާކުރިންނެވެ. މި ގޮތުން ކައިވެންޏަށްޓަކައި ދެމީހަކު ތައްޔާރު ވާއިރު އެކަމަށްޓަކައި ރަނގަޅު ހެޔޮލަފާ އަންހެނަކާއި ފިރިހެނަކު އިޚްތިޔާރު ކުރުމަށް އިސްލާމްދީނުގައި އިރުޝާދު ދެއްވައިފައި ވެއެވެ. ކައިވެނި ކުރުމުގެ މައިގަނޑު މަގްޞަދަކީ ދުނިޔެ އާރާސްތު ކުރުމަށްޓަކައި ދަރިފަސްކޮޅުދެމެހެއްޓުމާއި ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބިގަތުމެވެ. އެގޮތުން އެ ދެމަފިރިންނަށް ލިބޭ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށެވެ. ހަރުދަނާ ދެމަފިރިއެއްގެ މެދުން މެނުވީ ރަނގަޅު ދަރިފަސްކޮޅެއް ނާންނާނެ އެވެ. އެހެންކަމުން ކައިވެނީގެ ކުރިން މިކަމަށް ބެލެވި ހަޔާތުގެ ބައިވެރިޔަކު އިޚްތިޔާރު ކުރުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވެއެވެ. މީގެ އިތުރުން ދަރިޔަކު ހޯދުމަށް ދެމަފިރިން މަސައްކަތްކުރުމުގެ ކުރިން ކިޔާނެ ދުއާއެއްވަނީ ކީރިތި ރަސޫލާ ދަސްކޮށްދެއްވާފައެވެ. އެއީ ދަރިފުޅަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަށްޓަކައި ހުރި ސަބަބު ތަކުގައި ހިފުމުގެ ގޮތުންނެވެ. ދުނިޔެއަށް އުފަންވާ ކޮންމެ ކުއްޖަކީވެސް ފިތުރަތުގެ ސާފުކަންމަތީ ހުރެގެން އުފަންވާ ކުއްޖެކެވެ. އެއަށްފަހު އެކުއްޖާގެ މި އަގީދާ އެހެނިހެން ގޮތްގޮތަށް ބަދަލު ކޮށްލާ ބަޔަކީ އެކުއްޖެއްގެ މައިންބަފައިންނެވެ. ނުވަތަ ތަރުބިއްޔަތު ކުރާ ބައެކެވެ. އެހެންކަމުން ދަރިފުޅުގެ ތަރުބިއްޔަތުގެ ފުރިހަމަ ޒިންމާ ކުއްޖާގެ ބެލެނިވެރި ފަރާތުން ފުރިހަމަޔަށް ނަގަންޖެހޭނެއެވެ
ކުއްޖާ ދުނިޔެއަށް އުފަންވުމުން ދެވަނަ މަރުހަލާ ފެށެއެވެ. އެ ގޮތުން ދަރިފުޅު އުފަންވުމާއެކު ދަރިފުޅުގެ ކަންފަތް ކައިރީގައި ބަންގި ގޮވުމާއި ހަތްދުވަސް ވުމުން ބޯބޭލުމާއި ނަންކިޔުން ފަދަ ކަންތައްތައް ކުއްޖާއަށްޓަކައި ކޮށްދިނުމަށް އިސްލާމް ދީނުގައި އަންގަވާފައިވެއެވެ. އެހާ ހިސާބުން ފެށިގެން ދަރިފުޅަށް ކަންތައްތައް ދަސްކޮށްދީ ހެވާއި ނުބައި ވަކިކޮށްދީ، ތައުލީމީ ގޮތުން ދަރިފުޅަށް އުގަންނައި ދިނުމަކީ އިސްލާމް ދީނުގައި ކުޑަކުދިންނަށް ލިބިދީފައިވާ ހައްގުތަކެވެ. ކުއްޖާގެ ހަޔާތުގެ ކުރީގެ ދުވަސްތަކުގައި މަންމަ އޭނާ އަށް ސަމާލުކަންދީ ވާޖިބު އަދާކުރާ ގޮތަކީ، މަންމަ އޭނާ އަށް ކޮށްދޭ ކޮންމެ ކަމަކީ އޭނާއަށް ދެވޭ ތަރުބިއްޔަތެކެވެ. އެ ތަރުބިއްޔަތުގެ ސަބަބުން އޭނާ ގަބޫލު ކުރާ ނުވަތަ ލިބިގަންނަ އަސަރު ތަކަކީ އޭނާގެ ފަހުގެ ދިރިއުޅުމަށް އަސަރު ފޯރުވާ ކަންކަމެވެ. އެހެންކަމުން މަންމައަކީ ދަރިފުޅުގެ ތަރުބިއްޔަތުގެ އެންމެ އިސް ދައުރެއް އަދާ ކުރާ ފަރާތެވެ. ދަރިން ބަލައި ބޮޑުކުރުމަކީ މައިންބަފައިންގެ މައްޗަށްވާ ދަރިންގެ ހައްގެކެވެ. ދެމަފިރިން ވަކިވެއްޖެ ނަމަ ކުއްޖާއަށް ހަތް އަހަރު ވަންދެން އެކުއްޖަކު ބަލައި ބޮޑުކުރުމުގެ އެންމެ ބޮޑު ހައްޤު ލިބިގެންވަނީ އެކުއްޖާގެ މަންމަ އަށެވެ. އެގޮތުން މަންމަ އަކީ ކުއްޖަކަށް ލިބިގެންވާ ވަރަށްބޮޑު ރައްކާތެރި ކަމެކެވެ. އަދި ކުއްޖާގެ ޅައުމުރަކީ މަންމަ ޚާއްސަ ސަމާލުކަމެއްދޭންޖެހޭ އުމުރެކެވެ.
މަންމަ ފަދައިން ބައްޕަޔާއި އާއިލާގެ އެހެން އަފްރާދުންނަކީވެސް މިކަމުގައި ޝާމިލުވާ ފަރާތްތަކެވެ. ބައްޕަގެ އެންމެ ބޮޑު މަސްއޫލިއްޔަތަކަށް ވާނީ އާއިލާ އަށް ބޭނުންވާ ޚަރަދުތައް ހޯދުމަށްޓަކައި މަސައްކަތް ކުރުމެވެ. އާއިލާއަށް ޚަރަދު ކުރުމަކީ އެ އާއިލާއެއްގެ އެންމެ އިސް ވެރިއެއްގެ ބޮލުގައި އެޅިފައިވާ ދީނީ ވާޖިބެކެވެ. އަދި އެއީ ނުހަނު ގިނަ ޘަވާބާއި އާޚިރަތުގެ ދަރުމަ ޙާޞިލުވާނޭ ކަމެކެވެ. އެހެން ނަމަވެސް ދަރިން ތަރުބިއްޔަތު ކުރުމުގައި މަންމަޔަށް އެހީތެރިވެދީ އެއްބާރުލުން ދިނުމަކީ ބައްޕަގެވެސް ޒިންމާ އެކެވެ. ބައްޕައަކީ ގިނަ ފަހަރު އާއިލާގެ އެންމެ އިސް މީހާ ކަމަށް ވެފައި، ކުދިންގެ ރޯލް މޮޑެލެއްގެ ގޮތުގައި ވެސް ބައްޕަ ވެގެންދެއެވެ. އެހެންކަމުން ބައްޕަ އަކާއި ދަރިއެއްގެ ދެމެދުގައި ގާތް ގުޅުމެއް އުފެދިފައި ވާނަމަ އެކަމުގެ ސަބަބުން ކުއްޖާގެ ތުއްތު ހަޔާތަށް ވަރަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ގެނައުމަށް އެހީތެރިވެދެވެއެވެ. އެހެންކަމުން ބައްޕައާ ދަރިފުޅާ ދެމެދު ވަރަށް ހާއްޞަ ގުޅުމެއް ބާއްވަން އެބަ ޖެހެއެވެ. މިގޮތުން ދެމަފިރިން އެއްބައި ވެގެން ހަރުދަނާ އުސޫލަކުން ދަރިން ތަރުބިއްޔަތު ކުރުން މުހިއްމެވެ. ކުއްޖާގެ އެންމެ ތުއްތު އިރުން ފެށިގެން ކުއްޖާއަށް ރީތި އަދަބު އަޚުލާޤާއި ވާހަކަ ދައްކާނެ ރީތި ގޮތާއި އުސޫލުތަކާއި ހަމަތައް ދަސްކޮށްދިނުމުގައި ދެމީހުން ވާހަކަ ދައްކައިގެން، ވަކި އުސޫލުތަކަކާއި ހަމަތަކެއް ކަނޑައަޅާފައި އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން މަންމަޔާ ބައްޕަގެ ހިއްސާ ހަމަހަމަ ވުމަކީ ދަރިންތަރުބިއްޔަތު ކުރުމުގައި ލިބިދޭ އިތުރު ފުރިހަމަ ކަމެކެވެ.
