ތަފާތު އެކި ވިސްނުންތަކުން އަކްރަމްގެ ސިކުނޑި ތަޣައްޔަރު ވަމުންދެއެވެ. އެހެނަސް އޭނާ އުއްމީދު އާކުރީ ދުވަހަކުވެސް ޒައިބާ ދޫކޮށްނުލުމަށް ހިތާއިހިތުން ވަޢުދުވަމުންނެވެ.
***
ޙަކީމް ގެއަށް ދޫކޮށްލުމުން އޭނާ ގޮވައިގެން އައީ ނާޝިޒެވެ. ޚިޔާލެއް ފިކުރެއްނެތި ގޭތެރެއަށް ވަތް ނާޝިޒަށް ސިހުން ގެނުވީ ގޯތިތެރެއަށް އުކާލާފައިވާ އޭނާގެ ސާމާނުތައް ފެނުމުންނެވެ. އެ އެއްޗެހިތައް ފެނި އޭނާގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. އަތުގެ އިނގިލިތައް އެތެރެއަށް ލައްޕާލެވުނީ އަތަށް ލެވުނުހާ ބާރެއް ލައިފައެވެ.
" ތިއަށް ބަލާނެ ކަމެއް ނެތް! ތި އެއްޗެހިތައް ހިފައިގެން ދާންއުޅޭ މިިގެއިން.."
އަނެއްކާވެސް ނާޝިޒް ސިހުނެވެ. މިފަހަރު އިވުނީ އާތިކާގެ އަޑެވެ. މީގެ ކުރިން ދުވަހަކު ވެސް ނުފެންނަހާ ރުޅިވެރިކަން އެ މޫނުމަތިން ނާޝިޒަށް ފެނުނެވެ.
" އަހަރެން ބޭނުމެއްނޫން ޝަކުވާ ކުރާކަށްވެސް. ޝަކުވާ ކޮށްގެން ކަލެއަށްޓަކާ އަހަރެން ކަރުނަ އަޅާކަށް ބޭނުމެއްނޫން. ކަލޭ ތިހުރީ މަށާ އެއްލޭ ހިނގާ މަގޭ ކޮއްކޮގެ ދިރިއުޅުން ހަލާކުކޮށްފަ! މަ ވަރިކޮށްފަ ދާ ތާކަށް އަވަހަށް ދާންއުޅޭ! ކަލޭގެ ތި މުޑުދާރު މޫނަށް ބަލާލާހިތްވެސް ނުވޭ! "
އާތިކާ އެހެން ބުނުމާއެކު ނާޝިޒް ގުދުވެ ލާފައި އޭނާގެ ދެ ދަބަސް ނެގިއެވެ. އަދި އާތިކާ އާ ދިމާއަށް ބަލާލީ ހިތްހަމަ ނުޖެހޭ ފަދަ ގޮތަކަށެވެ.
" އެއްޗެއް ބުނަން ހިތަށް ވެސް ނާރުވާތި!"
ބާރުބާރަށް އާތިކާ އެހެން ބުނުމަށްފަހު އޭނާގެ ބައްޕައަށް ބަލާލިއެވެ. އޭރު ބައްޕައަށްވެސް ހުރެވުނީ ގެއަށްވެސް ވަންނަން ނުކެރިފައެވެ.
" ބައްޕަ އާދޭ އެތެރެއަށް! ތިޔަހުރި މީހާ ދާނެ ތާކަށް ދާން ބަހައްޓާ! މިހާރު އެއީ އަހަރެމެންނާ ބެހޭ މީހެއް ނޫން.."
އާތިކާގެ ޢަމަލުތަކުން ނާޝިޒް އާތިކާ ދެކެ ވަރަށް ރުޅި އަތުވެއްޖެއެވެ. ރުޅިގަނޑުން އޭނާގެ އެތެރެހަށި ފިއްސަމުންދާ ކަހަލައެވެ. ނަމަވެސް އިތުރަށް ޒުވާބު ނުކޮށް އޭނާ ހިނގައިގަތީ، އާތިކާއަށް ނަފްރަތު ކުރަމުންނެވެ. އަދި ވަރަށް އަވަހަށް އާތިކާ މިނިވަން ކުރަންވެސް އޭނާ ބޭނުންވިއެވެ.
" ކޮއްކޮ ދަނީތަ؟ " އެތެރެއަށް ވަނުމާއިއެކު އާތިކާގެ ލޮލުގައި އަޅައިގަތީ ދަބަހެއް އަޅުވައިގެން ކޮޓަރިން ނިކުތް އަކްރަމަށެވެ.
" އާނ! ލޯންޗު އަތުވެއްޖެ.. " އަކްރަމް ބުނެލީ މަޑުމަޑުންނެވެ.
" މަންމަ ގާތަށް ވަދެލަން ވާނެ "
ޙަކީމް އެހެން ބުނުމުން އަކްރަމް ހީލިއެވެ. އަދި ބައްޕަގެ ގައިގައި އަތްޖައްސާލަމުން ބުންޏެވެ.
" މަންމައަށް އޮތީ ނިދިފަ! އެހެން ނޫނަސް މިވަގުތު އަހަންނާ މަންމަ ބައްދަލު ވެއްޖެއްޔާ އަހަންނަށްވެސް ދާން އުނދަގޫވެދާނެ! އަހަންނަށް ޔަގީން މަންމައަށް ކުރެވުނު ކަންތައްތަކުން އަމިއްލަ ނަފްސު ކުށްވެރިކޮށް، މަންމަ ރޯނެކަން.. އެހެންވެ، އަހަރެން ބޭނުމެއްނޫން މިވަގުތު މަންމައަށް ފެންނާކަށް."
އަކްރަމް އެހެން ބުނެ ފޯނުން ގަޑި ބަލައިލިއެވެ. އަދި އޭނާގެ ދޮންތަގެ ގައިގައި އަތް ޖައްސާލުމަށްފަހު އަވަސް އަވަހަށް ނިކުތެވެ.
އެ ގޭތެރެއިން ނިކުމެވުމާއެކު އޭނާއަށް ހީވީ، ތާށިވެ، ފިތިފައިވާ ނޭވާއެއް ދޫކޮށްލެވުނު ހެންނެވެ. ދެޖީބަށް އަތް ޖަހާލައިގެން ހުރެ ބަނދަރާއި ދިމާއަށް އޭނާ ހިނގަމުން ދިޔައެވެ. އޭރުވެސް އޭނާގެ ހިތާއި ސިކުނޑި ގުޅިފައިވަނީ ޒައިބާއާއެވެ. އޭނާގެ މަޤްޞަދަކީވެސް ޒައިބާ ހޯދުމެވެ.
***
ދުވަސްތައް ފާއިތުވަމުން ދެއެވެ. ރިސޯޓްގައި ހުރެގެން އަކްރަމް ގުނަމުން ދަނީ ފޫހި ދުވަސްތަކެކެވެ. ޑިޔުޓީއަށް ދަނީ ދާހިތަކުން ނޫނެވެ. ކައިރީގައި އުޅުނު އެކުވެރިން ވެސް އަކްރަމާ ދުރަށް ޖެހުނީ އޭނާގެ މިޒާޖަށް އައި ބޮޑު ބަދަލުންނެވެ. ވާހަކަ ދެއްކުން މަދުވެ މީހުންނާއެކުގައި އުޅުން އެއްކޮށް އޭނާ ހުއްޓާލިއެވެ. ކިތަންމެ އެކަނިވެރި ވީ ނަމަވެސް ޒައިބާ ވީ ތަނެއް ހޯދަން އޭނާ ލައްކަ މަސައްކަތް ކުރެއެވެ. ފެރީން އޭނާ ފޭބީ ކޮން ރަށަކަށް ކަމެއްވެސް އެއްވެސް މީހަކަށް ނޭނގުނެވެ. މާލޭގެ އެކި ސްކޫލްތަކަށް ގުޅައިގެން ޒައިބާ، މަސައްކަތްކުރޭތޯ އޭނާ ބެލިއެވެ. އަކްރަމްގެ މަސައްކަތުން އެނގުނު ގޮތުގައި ރާއްޖޭގެ އެއްވެސް ސްކޫލެއްގައި އޭނާ މަސައްކަތެއް ނުކުރެއެވެ. ވީއިރު ޒައިބާ އުޅެނީ ކޮންތާކުތޯ ހިތުގައި ސުވާލު އުފެދި އޭނާ މޮޔަވާވަރު ވެއްޖެއެވެ.
**
އަކްރަމް އިނީ ރިސޯޓްގެ އަތިރިމަތީގައި ހުރި ޖޯއްޔެއްގައެވެ. ފެންނަ ފެނުމަށް އޭނާގެ މޫނުމަތީގައިވަނީ މާޔޫސްކަމުގެ ހިތްދަތިކަމާއި ހިތާމައެވެ. ފިކުރުބޮޑުވުމާއި ހިތްހަމަނުޖެހުމެވެ.
" އޯކޭތަ އަހަރެން މިތާ އިށިނދެލިޔަސް..؟"
އަކްރަމް ސިހުނީ ދާދި ގާތުން އިވުނު މިރާގެ އަޑުންނެވެ. މިރާއަކީ އެ ރިސޯޓްގައި މަސައްކަތް ކުރާ ހަމައެކަނި ދިވެހި މުވައްޒަފެވެ. މިރާ އެހެން އެހުމުން ނޫނެކޭ ބުނާކަށް އަކްރަމަކަށް ނުކެރުނެވެ. ރައްދުގައި އޭނާ ހީލުމުން މިރާ އިށީނީ އޭނާއާ ޖެހިގެން ހުރި ޖޯޯލީގައެވެ. އުނދަގޫވި ނަމަވެސް އަކްރަމަކަށް ތެދުވާކާށް ނުކެރުނެވެ.
" އަޑުއެހިން ޑިވޯސްވި ވާހަކަ! "
އެހެން މީހެއްގެ ދުލުން އެގޮތަށް ބުނެލި އަޑުއަހަންވެސް އަކްރަމަކަށް ފަސޭހައެއް ނުވިއެވެ.
" ނޫން.. އެއީ ދޮގެއް. އަހަރެން ދުވަހަކުވެސް ކުރާނެ ކަމެއް ނޫން އެއީ! "
ފުރަތަމަ ފަހަރަށް ދުރު މީހެއްގެ ކުރިމަތީގައި އަކްރަމްގެ ހިތުގެ ޖަޒުބާތުތައް ބަންޑުން ކޮށްލިއެވެ.
" އަހަރެން ކިހިނެއްތަ އޭނާ ވަރި ކުރާނީ؟ އަހަރެން މިއުޅެނީ އޭނާ އަހަންނަށް ނުފެނިގެން… ވީތަނެއްވެސް ނޭނގިގެން.. "
އަކްރަމްގެ އަޑު ކުރަކިވުމާއެކު އޭނާ ވާހަކަ ދެއްކުން ހުއްޓާލި އެވެ.
" އަކްރަމް.. އެހާ ވަރަށް ނުވިސްނާ! ދިރިއުޅުމުގައި އެތައް ކަމަކާ ކުރިމަތިލާން ޖެހޭނެ! އަހަންނަކީވެސް ލޯބީގަ ވަރަށް ނާކާމިޔާބު މީހެއް! އަހަރެންގެ ލޯބި، އަހަރެންގެ ކުރިމަތީގައި އެހެން މީހަކު ޖަހައިގެނެގެން ގެންގޮއްސި! އެކަމަކު…. އަހަރެން އުއްމީދު ކަނޑައެއް ނުލަމޭ. ކުރިއަށް ވިސްނާ! ރަނގަޅަށް ވިސްނާ! ހުރިހާ ކަމެއްވެސް ނިމޭނީ އެންމެ ރަނގަޅަށް ކަމުގައި ބަލާ! "
މިރާގެ ވާހަކަތަކުން އަކްރަމް ގަދަކަމުން ހިނިތުންވެލަމުން ތެދުވި އެވެ. އިތުރަށް އެމައުޟޫއަށް އޭނާ ވާހަކަ ދައްކަން ބޭނުން ނުވީއެވެ. އަކްރަމް ދަނީއޭ ބުނެ ހިނގައިގަތުމުން މިރާވެސް ރައްދުގައި ހީލިއެވެ. އަދި އަކްރަމް ލޯމަތިން ގެއްލެންދެން ބަލަހައްޓައިގެން އޭނާއަށް އިނދެވުނީއެވެ.
އެދުވަހަށްފަހު އަކްރަމާއި މިރާ ކޮންމެވެސް ވަރަަކަށް ވާހަކަ ދެކެވެއެވެ. ފެނުމުން ހައި ޖަހާލާ ހީލާ ހަދައެވެ. އަކްރަމް މިރާއަށް ކޮށްލާ ކޮންމެ އިޝާރާތަކުން މިރާގެ ހިތަށް ފިނިކަން ލިބޭކަން އޭނާއަށް އިޙްސާސް ކުރެވެއެވެ. މިލާ މޯޅި ވެފައި އޮތް މިރާގެ ހިތް ދުވަސް ތަކަކަށް ފަހު ތާޒާ ވާކަން އޭނާއަށް އެނގެއެވެ. އެހެންކަމުން އަކްރަމް ދުށުމަށް އެދި އޭނާގެ ހިތް އަބަދުމެ އޮންނަނީ ތެޅިލަތެޅިލައެވެ.
**
" ދެން މަންމާ! ކީއްކުރަންތަ ތިވަރަށް ތި ރޮނީ؟ ބުނެފީމެއްނު އެވަރަށް ނުވިސްނާށޭ.. އަހަރެމެން ރަނގަޅޭ! "
ޝަމީމްގެ ބުރަކަށީގައި ފިރުމާލަމުން އާތިކާ ބުންޏެވެ. އޭރު ބައްޕަ ވެސް އެތާ ހުއްޓެވެ.
" މަގޭ ދެ ދަރިންގެ ދިރިއުޅުންވެސް އެއްފަހަރާ އެ ގެއްލުނީ." އެހެން ބުނެ އަނެއްކާވެސް ޝަކީލާ ފެށީ ރޯށެވެ. އާތިކާ ދައްކާ ވާހަކަ އޭނާ ޤަބޫލު ނުކުރުމުން އާތިކާވެސް އެތަނުން ނިކުތީ ދެފަރާތަށް ބޯ ހޫރަމުންނެވެ.
" މަ އޭރުވެސް ބުނިން މި ދުވަސް އަދި ދައްކަވާނޭ ކަލެއަށް. ތިމާއަށްވުރެ ބޮޑު މީހެއް ނޫޅޭނެ.."
ހިތްހަމަ ނުޖެހިފައި ހުރެ ޙަކީމަށްވެސް ބުނެވުނީ އެހެންނެވެ. ނަމަވެސް މިފަހަރު ޝަކީލާވެސް ޙަކީމްގެ ކުރިމަތީގައި އެއްޗެއް ނުބުންޏެވެ. މިފަހަރު އޭނާއަށް އޭނާގެ ކުށް ހަމަ ރަނގަޅަށް ވެސް އިޙްސާސް ކުރެވުނީއެވެ.
***
" މިރާ!! "
ފްރޮންޓް އޮފީހުގައި ޑިއުޓީގައި ހުއްޓާ މިރާއަށް އަކްރަމްގެ އަޑު އިވުނެވެ. އަކްރަމް އިސްވެ މިރާއަށް ގޮވާލި މިއީ ފުރަތަމަ ފަހަރެވެ. އެހެންކަމުން މިރާއަށް ލިބުނީ ބުނެދޭންވެސް ނޭނގޭ އުފާވެރިކަމެކެވެ. އޭނާ އަވަސް އަވަހަށް ފްރޮންޓް ޑެސްކުން ނިކުމެގެން ތަންކޮޅެއް ދުރުގައި ހުރި އަކްރަމާ ދިމާއަށް ހިނގައިގަތެވެ.
" އަކްރަމް؟ ކިހިނެއް ވި؟ ކީއްކުރަނީ މިތާ؟"
ވަޔާ ހޫރަމުންދާ މިރާގެ ފަންފަން އިސްތަށިގަނޑު އެއް އަތުން މަތަ ކޮށްލަމުން އޭނާ ވާހަކަ ދެއްކިއެވެ. އޭރު އަކްރަމް އިނީ ބަގީގައެވެ.
" ޑިޔުޓީ ނިންމާފައި ދަމުން ހިތަށްއެރީ ފެނުނީމަ ގޮވާލާނީއޭ! "
އާދައިގެ ގޮތަކަށް އަކްރަމް އެހެން ބުނި ނަމަވެސް މިރާއަށް، ލިބުނީ ވަރަށް ބޮޑު އުފަލެކެވެ.
" އޯހް.. އެހެންތަ؟ އަދި މިރާ ހީކުރީ ކޮފީއަކަށް ދާން ގޮވާލީކަމަށް.. "
" ދެވިދާނެ ކޮފީއަކަށް ވެސް.. މިތާ ކައިރީގައި އޮތް އުނގޫފާރަށް މިރޭ ކާން ދާން މިއުޅެނީ.. ކިޑްސް ކްލަބުގައި އުޅޭ ނޭޕާލް ގުރޫޕް ވެސް ދެޔޯ… މިރާ ޖޮއިން ވާންވީނު.."
އަކްރަމް އެފަދަ ފުރުޞަތެއް ދީފާނެ ކަމަކަށް ފަހަރެއްގައިވެސް އޭނާ ހިއެއް ނުކުރެއެވެ. އަކްރަމަކަށް އޯކޭ ދިނުމާއެކު އޭނާ ބަގީގައި ނައްޓާލިއެވެ.
" ހޭ! މިރާ…. ކަމެއްތަ؟"
ފަހަތުން އައި މޯޑު މިރާއާ ދިމާ ކޮށްލުމުގެ ގޮތުން ބުންޏެވެ. ރައްދުގައި މިރާ ތުއިގޮތަކަށް ހީލިއެވެ.
***
ރެސްޓޯރެންޓްގައި މިރާ އިން އިރު ހީވަނީ ސާދަވިލޭރޭގެ ހަނދެއް ހެންނެވެ. އޭނާ މިރޭ އެހާވެސް ރީއްޗެވެ. އޭނާ އިނީ ވެސް އަކްރަމާ ޖެހިގެން އިން ގޮނޑީގައެވެ
" އަކްރަމް ކޯއްޗަކަށް އޯޑަރ ދިނީ؟"
މިރާ އަހާލިއެވެ. އެއާއެކު އަކްރަމް މިރާއަށް މެނޫ ދިއްކޮށްލަމުން ބުންޏެވެ.
" އަހަރެން ގޭގައި އެންމެ ގިނައިން ކަނީ ވައިފް ކައްކާ ކޮއްތު ރޮށި.. ވަރަށް ދުވަސް ވެއްޖެ ކޮއްތު ރޮއްޓެއް ނުކާތާ. އެހެންވެ މިރޭ އެއަށް މިޖެހީ.. ނުބަޔަސް ކާލަން ކަމަށް! "
އަކްރަމް އެހެން ބުނުމުން މިރާ ނިތް އަރުވާލިއެވެ. އަދި މެނޫއަށް ބަލަމުންދިޔައެވެ.
ވިއްސަކަށް މުވައްޒަފުންގެ އެ ޖާފަތަށް އިންސާފު ކުރުމުގެ ވަގުތު ޖެހުނީ މޭޒުމަތީގައި ކާއެއްޗެހި އަތުރާލެވުމުންނެވެ.
އެންމެން ކާން ފެށި އިރުގައިވެސް އަކްރަމަކަށް އިނދެވުނީއެވެ. ތައްޓަށް ބަލާށެވެ. އެހެން އިރުކޮޅަކު އިނުމަށްފަހު އޭނާ ސަމްސަލުން އެތިކޮޅެއް ނަގާ ކާލީ ޒައިބާގެ މަތިން ހަނދާން ކުރަމުންނެވެ. އަކްރަމްގެ ހުރިހާ ހަރަކާތެއް ހުއްޓުނީ އޭގައިލީ ރަހައިންނެވެ. އެރަހަ އަކީ އޭނާއަށް އޮޅުވާލެވޭނެ ރަހައެއް ނޫނެވެ. އެތައް ފަހަރަކު އޭނާ ޒައިބާ ކައްކާ ކޮއްތު ރޮށި ކެއެވެ. ބޭއިޚްތިޔާރުގައި އަކްރަމަށް ބަލާލެވުނީ ރެސްޓޯރެންޓްގެ ބަދިގެއާ ދިމާއަށެވެ. އޭރު އެމީހުންނާ ދިމާއަށް ވެއިޓަރެއްވެސް އާދެއެވެ. އެމީހާ އަރާ ހަމަވުމުން އަވަސް އަވަހަށް އަކްރަމް އަހާލިއެވެ.
" ކާކު މި ރެޑީ ކުރީ؟ "
" ކޯއްޗެއް؟ ކޮއްތު ؟ އެއީ ނޭޕާލް ޝެފެއް.."
އޭނާ އެހެން ބުނެ ޖޫސްތަށި ބަހައްޓާފައި ދިޔައެވެ. ނަމަވެސް އަކްރަމަކަށް އެކަން ޤަބޫލު ކުރެވޭ ގޮތެއް ނުވިއެވެ. އޭނާއަށް އޭރުވެސް އިރު އިރު ކޮޅުން ފަހަތަށް ބެލެނީއެވެ.
( ނުނިމޭ)
