އަޅުގަނޑުމެން ފާއިތު ކުރަމުން މިދާ ދުވަސްތަކަކީ މަތިވެރި ދުވަސްތަކެވެ. ބަރަކާތްތެރި ރޭތަކެވެ. ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކާއި ރޭތަކެވެ. ކީރިތި ރަސޫލާ ، އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން ފަހު ދިހައިގެ ރޭތައް އިޙްޔާ ކުރެއްވުމަށްޓަކައި އަވަހާރަފުޅުން ނެންގެވިއެވެ. އަދި އެކަލޭގެފާނުވެސް ފަހު ދިހައިގައި އަޅުކަން ކުރެއްވުމުގައި، އެހެން ދުވަސްތަކަށްވުރެ ބޮޑަށް ހީވާގިވެ ވަޑައިގެން ގަދައަޅުއްވާ ހިއްމަތް ކުރެއްވިއެވެ.
މިމަހުގެ ފަހުދިހައިގެ ތެރޭގައި މާތް ﷲ މަތިވެރި ކުރައްވާފައިވާ ޤަދަރުވެރި، ރެއެއް ވާކަމަށް ނަބިއްޔާ صلى الله عليه وسلم ބަޔާން ކުރައްވާފައި ވެއެވެ. އަދި އެ ރޭ ހޯދުމަށް ފަހު ދިހައިގައި ގަދައަޅައި މަސައްކަތް ކުރުމަށް ލޮބުވެތި ރަސޫލާ އިރުޝާދު ދެއްވާފައި ވެއެވެ. އެއީ ލައިލަތުލްޤަދްރި ގެ ނަމުން ނަން ދެވިފައިވާ ބަރަކާތްތެރި، ޝަރަފްވެރި ރެއެވެ.
އެރޭ ޝަރަފްވެރި ރެއަކަށްވީ، އެރޭގައި ކީރިތި ގުރްއާން ބާވައިލައްވާފައި ވާތީއެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ﴿ إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ ﴾ މާނައީ: "ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އެ ގުރްއާން ބާވައިލެއްވީ ލައިލަތުލްގަދްރި ވިލޭރޭގައެވެ." ދަންނަ ބޭކަލުން ވިދާޅުވާ ގޮތުގައި ކީރިތި ގުރްއާން ދުނިޔޭގެ އުޑަށް ބާވައިލެއްވީ، ރަމަޟާންމަހުގެ ލައިލަތުލްޤަދްރި ވިލޭރޭގައެވެ. ލައިލަތުލްޤަދްރި ވިލޭރޭގެ މާތްކަން ބަޔާންކޮށް ދެއްވަމުން، މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ﴿ لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ ﴾ މާނައީ: " ލައިލަތުލްޤަދްރި ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ." މިބަސްފުޅުން އެނގެނީ، އެރޭގެ އަޅުކަންކުރުން އެއްހާސް މައްސަރުގައި އަޅުކަންކުރުމާ، އެއްވަރު ކަމެވެ. ޘަވާބާއި ދަރުމައިގެ ގޮތުންނެވެ. އެހެންކަމުން ލައިލަތުލްޤަދްރި ވިލޭރޭ، އަޅުކަން ކުރުމަކީ ތިރީސް ހާސް ރޭގައި އަޅުކަން ކުރުމަށްވުރެ ޘަވާބު މަތިވެރި ކަމެކެވެ. ތިރީސް ހާސް ދުވަހަކީ އައްޑިހަ ތިން އަހަރާއި ހަތަރު މަސްދުވަހެވެ.
ލައިލަތުލްޤަދްރި ވަނީ ވަންހަނާ ކުރައްވާފައެވެ. ނަމަވެސް އެކަމަށް ޝައުގުވެރި ކުރެއްވުމަށްޓަކައި އެއީ ރަމަޟާން މަހުގައިވާ ރެއެއްކަން ކަށަވަރު ކޮށްދެއްވިއެވެ. އެރޭ ވަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ އޮނަހިރި ރެއެއްގައި ކަމަށް ވެސް އިޝާރާތް ކުރެއްވިއެވެ. މާތް ﷲ މިފަދަ ވަގުތުތައް ވަންހަނާ ކުރައްވަނީ އެކަމަށް އަހަރެން ޝައުގުވެރި ކުރެއްވުމަށް ޓަކައެވެ.
ލައިލަތުލްޤަދްރި ވިލޭރޭގެ އިޙްތިފާލު ތަކުގައި، މަލާއިކަތްބޭކަލުން ބައިވެރިވެވަޑައި ގަންނަވާނެއެވެ. އެބޭކަލުން ބިމަށް ފައިބާވަޑައިގެން މުއުމިނުންނަށް މާތް ﷲ ލައްވާފައިވާ ހެޔޮކަންތައް ދެކެވަޑައިގަންނަވާނެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. " ލައިލަތުލްޤަދްރި ވިލޭރޭ ޖިބުރީލުގެފާނު މަލާއިކަތުންގެ ޖަމާއަތްތަކާއެކު، ބިމަށް ފައިބާ ވަޑައިގަންނަވާނެއެވެ. އަރަހުށި މާތްﷲ އަށް އަޅުކަންކުރަން ހުރި ކޮންމެ މީހަކަށާއި، އަޅުކަން ކުރަން އިން ކޮންމެ މީހަކަށް އެބޭކަލުން ހެޔޮ ދުޢާ ކޮށްދެއްވާނެއެވެ."
ލައިލަތުލްޤަދްރި ވިލޭރެއަކީ އަމާންކަމުގެ ރެއެވެ. އެއީ ޞުލްޙަ މަސަލަސްކަމުގެ ރެއެވެ. އެ ރޭގައި ކޯފާ ލެއްވުމެއް ނެތެވެ. އަދި ޢަޛާބު ދެއްވުމެއް ނެތެވެ. މި އަމާންކަން ފަތިސް ވެއްޖައުމަށް ދާންދެން މިބިމުގައި އޮންނާނެއެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ﴿ سَلَامٌ هِيَ حَتَّىٰ مَطْلَعِ الْفَجْرِ ﴾ މާނައީ: "އެއީ ފަތިސް ވެއްޖައުމަށް ދާންދެން، އަމާންކަމާއި ސަލާމަތްކަން ލިބިގެންވާ ރެއެކެވެ." މިފަދަ އަމާން ރެއަކަށްޓަކައި، އަޅުގަނޑުމެން ތައްޔާރުވާން ޖެހޭނީ ސާފު ޠާހިރުކަމާ އެކުގައެވެ. އިޚްލާޞްތެރި ކަމާއި ތެދު ނިޔަތާ އެކުގައެވެ. އެއްވެސް މީހަކަށް ޙަސަދަވެރިކަމެއް، އަދާވާތްތެރި ވުމެއް ނެތިއެވެ. ބަދަލު ހިފުމުގެ ރޫޙާ ދުރުހެލިވެ ތިބެއެވެ. މާތް ﷲ ގެ ވަޖްހުފުޅު އަދައިގެންނެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. " މާތް ﷲ އަށް އީމާންވެ އެކަލާނގެ ވަޖްހުފުޅު އަދައިގެން، ލައިލަތުލްޤަދްރި ވިލޭރޭ އިޙްޔާކޮށް ދިރުވި މީހާގެ، އިސްވެދިޔަކާ ފާފަތައް ފުއްސަވައި ދެއްވާނެތެވެ."
މަޢުލޫމާތު: ހުކުރު ޚުޠުބާ
