(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)
އިނާޒު ހިންދިރުވާލިއެވެ. ދެއަތުން ބޮލުގައި ހިފާލިއެވެ. ޅަ ދުވަހުން ފެށިގެންވެސް އޭނާއަށް ލިބެމުން ދަނީ އަނިޔާއެވެ. ބޭއިންސާފުން ލިބެމުންދިޔަ އަޅުވެތިކަމެވެ. އެ އަނިޔާތަކަށް އޭނާ ކެތްކުރަމުން ދިޔައީ އަދި ރަނގަޅުގޮތް ވާނެ ކަމުގެ އުންމީދެވެ. ނަމަވެސް މިއަދު އޭނާ ވަނީ އުންމީދެއްނެތް ގޮތަށް އުމުރަށް ގައިދީއަކަށް ވެފައެވެ
ކުއްލިއަކަށް ދޮރު ހުޅުވާލެވިއްޖެއެވެ. އޭނާގެ ހެދުމުގެ ގިރުވާނުގައި ހިފާ ނެރުނެވެ. މިއީ އޭނާއަށް ކިހިނެއް ލިބުނު ނަސީބެއްކަމެއް ނޭނގެއެވެ. އިނާޒު ހުރި ގޮޅިއާއި ޖެހިގެން ހުރި ގޮޅީގައި އަންހެން ކުއްޖެއް ބަލަން ހުއްޓެވެ. އިނާޒު އެކުއްޖާއަށް ބެލުމުގެ ޝައުގުވެރިކަމެއް ނެތެވެ. އެގޮޅިއަށް މީގެ ފަސްއަހަރު ކުރިން ލީ އަންހެން ކުއްޖާއަށްވެސް ވީގޮތް އޭނާއަށް އެނގެއެވެ. އެހެންކަމުން މިތަނުގައި ހިނގާ އިތުރު އެއްވެސް ކަމެއް އޮޅުން ފިލުވާކަށް އޭނާ ބޭނުމެއް ނޫނެވެ. އަދި އެގޮޅިއަށް ވައްދާ އެއްވެސް މީހަކާ ވާހަކަ ދައްކާކަށްވެސް އޭނާ ބޭނުމެއް ނޫނެވެ. ކުރީފަހަރުގައި ކަންތައް ވީގޮތުން އޭނާ މިހާރު ބިރުގަނެއެވެ. މަރުވެގެން ނެރުނު މުޅަމަސްގަނޑު ހަރުވެފައި އޮތްމަންޒަރު މިހާރުވެސް އޭނާއަށް ސިފަވެއެވެ.
ފަތިސް ވަގުތެވެ. އާދަޔާ ޚިލާފަށް ފިނިގަދަ އެވެ. ފިނިހެދުމެއް ލައިގެން ފޯރިމަރަން އިން ސިފައިންގެ މީހާ ގޮނޑީގައި އިނީ ތާއްޔާ ޖެހިފައެވެ. އިނާޒުގެ ގައިމަތީ ރަޖާގަނޑު އޮތްނަމަވެސް މި ގަދަފިންޏަށް ކެތްކުރަންވަނީ ދަތިވެފައެވެ. ކުއްލިއަކަށް އަންހެން ކުއްޖަކު ރޮއިގަތް އަޑު އިވުނެވެ. އިނާޒު ތެދުވިއެވެ. އެ އަޑު އަންނަމުންދާ ދިމާއަށް ސަމާލުކަން ދިނެވެ. އެއީ އިއްޔެ އޭނާގެ ގޮޅިއާއި ޖެހިގެން ހުރި ގޮޅިއަށް ގެނައި އަންހެންކުއްޖާގެ އަޑުކަން އޭނާއަށް ޔަގީންވިއެވެ. އޭނާ އެއަޑަށް ސަމާލުކަން ނުދޭންވެގެން އަނެއްކާވެސް އޮށޯވެލިއެވެ. ނިދޭތޯ ދެލޯ ތަގުޅިލައިގެން މަސައްކަތް ކުރިއެވެ. އިރުކޮޅަކުން އަޑު ކެނޑިއްޖެއެވެ. ދިހަވަރަކަށް މިނެޓްތެރޭގައި ސިފައިންގެ ދެ މީހުން ނިކުމެގެން ދާތަން ބަލަން އިނާޒު އޮތީ ސިއްރުންނެވެ.
ޖަލުގައި މިހާ ދުވަސް ހޭދަކޮށްފައިވާ އިނާޒަށް ވަނީ އާދަޔާ ޚިލާފު މާޔޫސްކަމެއް ލިބިފައެވެ. އެހެންމީހުންނަށް އަނިޔާ ލިބޭތަން އޭނާއަށް ފެނެއެވެ. ކުރީކޮޅު ވަރަށް އަސަރުވެސް ކުރެއެވެ. ނަމަވެސް މިހާރު އެކަންތައްތަކަށް އޭނާ ވަނީ ހޭނިފައެވެ. އިނާޒު ތެދުވިއެވެ. ތޭރިތައް ކައިރިއަށް ގާތްވެލާ އަންހެން ކުއްޖާގެ ގޮޅިތެރެ ބަލާލަން ޝައުގު އުފެދުނެވެ. ފާޑެއްގެ ބިރުވެރިކަމެއް އޭނާގެ ހަށިގަނޑުގައި ހިނގައިގަތެވެ. ގައިން ހީބިހި ނެގިއެވެ. ކުރިއަށް އެޅި ފިޔަވަޅު ހުއްޓުން އެރިއެވެ. އޭނާ ކުރަން އުޅުނު ކަންތައް ނުކޮށް ހުއްޓާލިއެވެ. އެއީ ނުރައްކާ ކަމެއްކަން އެނގޭތީއެވެ.
ކުއްލިއަކަށް އޭނާއަށް ބަލާލެވުނީ ހިމަ ދޭތެރެއިން އޭނާއަށް ބަލަން މީހަކު ހުރުމުންނެވެ. ރީތި ހުދުދޮން ކުއްޖެކެވެ. އިސްކޮޅުން ދިގު ހިމަތޮޅި ޒުވާނެކެވެ. ހަނދެއްފަދަ ސާފުރީތި މޫނެކެވެ. އެރީތި މޫނުގައި ނޫފާގެންފައިވާ ޒަޚަމްތަކެއްގެ އަސަރު ފާޅުވެއެވެ. މަޑު ވިލުނޫކުލައިގެ ބޮޑު ދެލޮލެވެ. މުށިކުލައިގެ ފަން އިސްތަށިގަޑު ވަނީ ތަރުތީބެއްނެތި މޫނުމައްޗަށް ވައްޓާލެފިއެވެ. އެއީ ޔޫރަޕު ނުވަތަ އެމެރިކާ ހިސާބުގެ ދޮން ނަސްލުގެ ކުއްޖެއްކަން އިނާޒަށް އެނގެއެވެ.
"މާޝާ ﷲ. ހާދަ ފުރިހަމަ ކުއްޖެއް." ހިތުގެ އަޑީން އިނާޒު އެއަންހެން ކުއްޖާއަށް ތައުރީފް ކުރެވުނެވެ. އޭނާއަށް އެކުއްޖަކާއި ދިމާއަށް ކަޅިޖަހާ ނުލާ ބެލެނީއެވެ. އެއީ ރީތި ކުއްޖެކެވެ. ދުވަހަކުވެސް އެހާ ރީތި ކުއްޖެއް އޭނާގެ ހަޔާތުންވެސް ފެނިފައެއް ނުވެއެވެ. އެކުއްޖާގެ ހުރިހާ އުފެދުމެއްވެސް އޭނާއަށް ނުހަނު ކަމުގޮސްފިއެވެ. ޝައުގުން ފުރިގެން ބަލަން ހުރެވުނެވެ. އެ ރީތި ލޮލުން ފައިބައިގެން ދިޔަކަރުނަތައް އެކުއްޖާގެ އަތުން ފޮހެލިއެވެ. އަދި މާނައިން ފުރިގެންވާ ގޮތަކަށް ބަލާލިއެވެ.
"އެ ރީތިކުއްޖާގެ މޫނުން ބޮޑެތި ކުށް ކުރާނެފަދަ ސިފައެއް ނުފެނޭ." އިނާޒަށް ބުނެލެވުނެވެ. އިނާޒު ކިތަންމެ ނުބަލަން އުޅުނަސް އެކުއްޖާއަށް ބެލެނީއެވެ. އެކުއްޖާވެސް ހުރީ އަދިވެސް ބަލަހައްޓައިގެންނެވެ. އެ ބެލުމުން އޭނާއަށް އެތައް ކަމެއް ފާހަގަ ކުރެވެއެވެ. ބޮޑެތި ކުށްވެރިން ހުންނަ ކަހަލަ މާޔޫސްކަމެއް ނުފެނެއެވެ. އެއަށްވުރެ އެބެލުމުގައި މައުސޫމުކަން އެބަހުރިކަން ފާހަގަ ކުރެވެއެވެ.
"ނޫނީ އެއީ އަހަރެން ފަދައިން ނުކުރާ ކުށަކަށް އަދަބު ލިބެމުން ދާ ކުއްޖަކަށް ވަނީބާ؟" އިނާޒު އަމިއްލަ ހިތާހިތާ ވާހަކަ ދައްކަމުން ދިޔައެވެ.
"ނޫން. މީހަކު ބަލާލާފައި އެއީ ކޮންކަހަލަ މީހެއްކަމެއް ނޭނގޭނެ. އެއީ ބޮޑު މުޖުރިމަކަށް ވުންވެސް އެކަށީގެންވޭ." އެންމެފަހުން އޭނާގެ ޖަޒުބާތުތަކަށް އޭނާ ބާރު ފޯރުވިއެވެ. ދެން އަނެއް ފަރާތަށް އެނބުރުނެވެ. މަޑުމަޑުން ހިނގާފައިގޮސް ތަޅުންގަނޑުގައި އިށީނދެލިއެވެ.
އިނާޒު ސިއްރުސިއްރުން އެއަންހެން ކުއްޖާ ހުރިތޯ އަނެއްކާވެސް ބަލާލިއެވެ. އެކުއްޖާއެއް މިހާރު ނެތެވެ. އޭނާވެސް ތޭރިތައް ކައިރިން ދުރަށް ދިޔައީއެވެ. މިއީ ކޮންމެ ދުވަހުވެސް އާދަ ކަމުގައި ވެއްޖެއެވެ. އިރުގަނޑެއް ވަންދެން އެކުއްޖާވެސް ބަލަން ހުރެއެވެ. ނުބަލަން އުޅުނު ނަމަވެސް އިނާޒަށް ތޭރިތައް ކައިރިއަށް ދެވެއެވެ. އެކުއްޖާއަށް ބެލެއެވެ. ހިތުގައި އެތައް ސުވާލުތަކެއް އުފެދެއެވެ. ޖަވާބު ނުލިބިގެން ހާސްވާ ކިތަންމެ ކަމެއް ހުރޭވެސްމެއެވެ. ވިސްނާވިސްނާ ގޮތްހުސްވާ ހިސާބަށްދިޔުމުން އިށީންނަނީއެވެ. ހުރިހާ ކަމެއް ސިކުޑިން ބޭރުކޮށްލަނީއެވެ.
ދަންވަރުގެ ހިމޭން ވަގުތެވެ. އިވޭހާވެސް އަޑަކީ ފަނިފަކުސާގެ ގޮވުމާއި އިރުއިރުކޮޅުން ހޭރޭ ވަގު ކުއްތާގެ އަޑެވެ. އެންމެންވެސް ތިބީ މި ގަދަ ފިނީގައި ގަދަ ނިދީގެތެރެއަށް ގެއްލިފައެވެ. އިނާޒު އޮށޯވެލައިގެން އޮތީ ނިދޭތޯއެވެ. ނިދަން މަސައްކަތް ކުރިކުރިހެން އޭނާއަށް ލިބެމުން ދަނީ ބުނަންނޭނގޭ އުދަނގޫ ތަކެކެވެ. ރަނާގެ ޚިޔާލުތަކާއި ރަނާގެ މަރުވުން އޭނާއަށް ލޮލުގެކުރިމަތީގައި ހިނގަމުންދާކަމެއްހެން ސިފަވަނީއެވެ. އެންމެ ކުރިންވެސް އޭނާއަކީ ރަނާގެ އާއިލާ ފިޔަވާ ގާތްމީހަކު ނެތްމީހެކެވެ. އެހެންކަމުން ރަނާއަށް ދެވިފައިވާ ލޯތްބާއި އިހުތިރާމް ހިތުގައި އެތައް ރިހުމެއް އުފައްދައެވެ.
ނަމަވެސް މިހާރު ފެންނަ އަންހެން ކުއްޖާ ފެންނަށް އަބަދުވެސް އޭނާއަށް އެދެވޭތީ ބިރުގަނެއެވެ. ހަނދާން ނުކުރަން އުޅުނަސް އަބަދު ވިސްނެނީ ކޮންމެ ދުވަހަކު ކުރިމަތީގައި ހުންނަ އަންހެން ކުއްޖާ މަތިންނެވެ.
"މަންމާ…. މިއޮއް މަރަނީ. ސަލާމަތްކުރޭ." ދިވެހި ބަހުން ވާހަކަ ދައްކަމުން ދާތީ އިނާޒު ސިއްސައިގެން ދިޔައެވެ. ޒަމާންތަކެއް ފަހުން ދިވެހިބަހުން ލަފުޒެއް އިވުމުން ބުނަން ނޭނގޭ ކަހަލަ ގޮތްތަކެއް ވެއްޖެއެވެ. ބެޑުޝީޓް އެއްލާލާ ދުވެފައި އެދިމާއަށް ދުއްވައި ގަނެވުނެވެ. ދަގަނޑު ތޭރިތަކުގައި ޖެހިފައި އޭނާ ވެއްޓުނެވެ.
"މަންމާ….ހެޔޮނުވާނެ. ތިހެން ނަހަދާ." އެކުއްޖާ ގޮވަމުން ދިޔައެވެ. އިނާޒު ތެދުވެފައި ތޭރިތަކުގައި ހިފާލިއެވެ. އަދި އެގޮޅީގެ އެތެރެ ރީތިކޮށް ބަލާލެވޭތޯ އުޅުނެވެ.
މޮޔައެއް ފަދައިން އެތެރެ ފެނޭތޯ އޭނާ ބަލަމުން ދިޔައެވެ. ޔުނީފޯމު ނެތް ސިފައިންގެ މީހަކު އެ ގޮޅީގައި ހަރަކާތްތެރިވަނީއެވެ. ސިފައިންގެ މީހާ ފެންނަނީ ބައެއްފަހަރެވެ. ގިނަފަހަރު އެމީހަކު ހުންނަނީ ނިވާވެފައެވެ.
އިނާޒަށް އެއީ ކޮންކަމެއްކަން އެނގެއެވެ. އެއީ އެގޮޅިއަށްލާ ކުދިންނަށް އާއްމުކޮށް ވާކަމެކެވެ. މީގެ ކުރިން އެތަނަށްލީ ތިން ކުދިންވެސް މި އުނދަގުލާ ކުރިމަތިލިއެވެ. އޭގެ ތެރެއިން ދެކުދިން މަރުވިއިރު އަނެއްކުއްޖަކު ގޮޅިން ނެރެގެން ގެންދިޔަތަން ފެނުނެވެ.
އިރުކޮޅަކުން އެ ގޮޅީގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. އެމީހުން ދިޔައީއެވެ. އަދި އަންހެން ކުއްޖާ އެކަނިވެއްޖެއެވެ. އިނާޒަށް ވެފައިހުރިގޮތެއް އޭނާއަކަށް ނޭނގެއެވެ. ތޭރިތަކުގައި މަޑުމަޑުން ތަޅަންފެށިއެވެ.
"ކަލެއަށް ދިވެހި އެނގޭތަ؟ މިކޮޅަށް އާދެބަލަ. ތީ ކާކުތަ؟" މަޑުމަޑުން ގޮވަންފެށިއެވެ.
"ދާނެ ހިތްވަރެން އަހަރެންގެ ނެތް."
"ތީ ދިވެއްސެއް. ތީކާކު؟" އިނާޒަށް ވާހަކަ ދެއްކެނީ ކިރިޔާއެވެ.
"އަހަ…އަހަރެން މީ ދިވެއްސެއް." ފިރުކެމުން ލޫދެމުން ކަހަލަ ގޮތަކަށް އެކުއްޖާ އައެވެ. އަދި ފާރުގައި ހިފަހައްޓާލައިގެން ވަރަށް އުނދަގުލުން ތެދުވިއެވެ. އެކުއްޖާއަށް ވެފައިހުރިވަރު ފެނުމުން ޒަމާން ތަކެއްފަހުން އިނާޒަށް ރޮވުނެވެ.
"އަހަރެން ނުރޯއިރު ކަލޭ ރޮނީ ކީއްވެ؟" އަންހެން ކުއްޖާ ކުރަކި އަޑަކުން ބުނެލިއެވެ.
"އެކަމަކު އަހަންނަށް ނޭގުނީ ކީއްވެ. މިއޮއްހުރިހާ ދުވަހު އަހަރެން ހީކުރީ ތީ…"
"ބޭރު މީހެއްކަމަށް. އަހަންނަށް އެނގޭ. އަހަރެންގެ ސިފަ ވައްތަރީ ބޭރުމީހަކާ. އަހަރެން އުޅެބޮޑުވީ މިގައުމުގާ. އެކަމަކު އަހަރެން އަދިވެސް ދިވެހި ދަންނަން." އެކުއްޖާ ބުނެލިއެވެ. އޭރު އެކުއްޖާގެ ލޯމެރެމުން ދާހެން ހީވެއެވެ.
"އަހަންނަށް ކިޔަނީ އިނާޒު. ކޮންނަމެއްތަ ކިޔަނީ؟"
"އީރަމް." އެންމެފަހުން އެކުއްޖާ އަރިއަޅާލިއެވެ. ވެއްޓި ޖެހުނު އަޑު އިނާޒަށް އިވުނެވެ. އެކުއްޖާ އަނބުރައި ގަތީއެވެ.
"އީރަމް. އީރަމް. ކިހިނެއްވީ؟" އިނާޒު މޮޔައެއް ފަދައިން ގޮވަމުން ދިޔައެވެ. ޒަމާންތަކެއް ވަންދެން އަމިއްލަ ބަހުން ވާހަކަ ދައްކާ އަމިއްލަ ގައުމުގެ މީހެއް ފެނި އެހާ ހާލުގައި އޮންނަން ޖެހުމުން އިނާޒުގެ ހިތް ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. އޭނާ އިޚްތިޔާރަކާ ނުލާ ހުރިދިމާ ތިރިވެވިއްޖެއެވެ. ގޮތްހުސްވެގެން ބޮލުގައި އަތްއެޅުނެވެ. ކުއްލިއަކަށް އެއްޗެއް ހަނދާންވުމުން ތެދުވާ ކަހަލަ ގޮތަކަށް އޭނާ ހަރަކާތްތެރި ވެލިއެވެ. އަދި ދެ ގޮޅި ވަކިކުރެވިފައިވާ ފާރުގައި ހުރި ބާގަނޑާއި ކައިރިވެލިއެވެ.
އެއީ މީގެ ފަސް އަހަރު ކުރިންވެސް އެގޮތަށް ހުޅުވޭ ބާގަނޑެކެވެ. މިކަން ކުރީ ކުރިން އެގޮޅީގައި އުޅުނު އަންހެން ކުއްޖާއެވެ. އެއީ ޓެރެރިސްޓް ޖަމާއަތަކަށް ނިސްބަތްވާ ވަލުތެރޭގައި އުޅުނު، ސަރުކާރާއި ދެކޮޅު ޖަމާއަތެއްގެ ކުއްޖެކެވެ. އެބާގަނޑު ހުޅުވާފައި އިނާޒު ހުރިބަޔަށް ވަނެވެ. އެކުއްޖާ ދެއްކި އެއްވެސް ވާހަކައެއް އޭނާއަކަށް އޮޅުމެއް ނުފިލިއެވެ. ނަމަވެސް އެކުއްޖާ ދަމުން ހަމަ އެބާގަނޑު އެގޮތަށް ހަރުކޮށްލިއެވެ. އޭގެ އަނެއް ދުވަހު އެކުއްޖާ މަރުވެގެން ނެރުންތަން އޭނާއަށް ފެނުނެވެ. އޭގެފަހުން އިނާޒު އެބާގަނޑާ ކައިރިވާން ބިރުގަނެއެވެ.
އިނާޒު މަޑުމަޑުން ތެދުވިއެވެ. ސިއްރު ސިއްރުން ބާގަނޑުގައި ހަރުކުރެވިފައިވާ ތޭރި ތަކުގައި ހިފާލާ ގަޔާއި ކައިރިއަށް ދަމާލިއެވެ. ވަރަށް ފަސޭހައިން އޭނާގެ އަތަށް އެތޭރި ހަރުކޮށްފައިވާ ދަނގަޑު ޖާލީގަނޑު އައެވެ. މަޑުމަޑުން އީރަމްގެ ގޮޅިއަށް ފުންމާލިއެވެ. އަދި ބާގަނޑު އެހުރިގޮތަށް ބަހައްޓާ ހަރުކޮށްލިއެވެ. ސިފައިންގެ މީހަކަށް ފެނިއްޖެ ނަމަ ލިބޭނެ އަނިޔާ ހިތަށް އެރުމުން އޭނާ ރޫރޫއަޅައިގަތެވެ. ހަތަރެސްފައިން ލޮނުދާ ހިއްލައިގަތެވެ. ނަމަވެސް އޭނާގެ ޒަމީރު އެދިގޮވަނީ އީރަމްގެ ފުރާނަ ސަލާމަތް ކޮށްދިނުމަށެވެ.
"އީރަމް." އިނާޒުގެ އަތުން އީރަމްގެ މޫނުގައި މަޑުމަޑުން ޖަހަމުން ގޮވަމުން ދިޔައެވެ. އެތައް ފަހަރަކު ގޮވުމުންވެސް އޭނާގެ ހެޔެއް ނޭރިއެވެ. ފެންފުޅިން ފެންނަގާ އީރަމްގެ މޫނަށް އަޅާލިއެވެ. އޭނާ މަޑުމަޑުން ލޯހުޅުވާލިއެވެ.
"ފެންފޮދެއް." އީރަމްއަށް ބުނެލެވުނެވެ. އިނާޒު އަވަސްއަވަހަށް ފެންފޮދެއް އޭނާގެ އަނގަތެރެޔަށް އަޅާލިއެވެ.
އެވަގުތު އީރަމް ތެދުވެވޭތޯ ބެލިއެވެ.
"ނޫން. އެހަށް އޮވެލާ. ކަލެއަށް ވަނީ ވަރަށް ހާނިއްކަ ކޮށްފައި." އިނާޒު އޯގާތެރިވިއެވެ. އޭނާގެ ހިތް ހަމްދަރުދީން ބަންޑުންވެގެން ދިޔައެވެ.
(ނުނިމޭ)
