" ކާކު މި ރެޑީ ކުރީ؟ "
" ކޯއްޗެއް؟ ކޮއްތު ؟ އެއީ ނޭޕާލް ޝެފެއް.."
އޭނާ އެހެން ބުނެ ޖޫސްތަށި ބަހައްޓާފައި ދިޔައެވެ. ނަމަވެސް އަކްރަމަކަށް އެކަން ޤަބޫލު ކުރެވޭ ގޮތެއް ނުވިއެވެ. އޭނާއަށް އޭރުވެސް އިރު އިރު ކޮޅުން ފަހަތަށް ބެލެނީއެވެ.
އަރުތެރެއަށް ދާ ކޮންމެ ކާއެތިކޮޅަކުންވެސް ޒައިބާގެ ހަނދާންތައް އާވަމުން ދިޔައެވެ. އެންމެ ފަހުން އަކްރަމަށް އެކާއެތިކޮޅު ކެވޭގޮތެއްވެސް ނުވިއެވެ. އަރުތެރެ ބެދި, ތާށިވާ ގޮތްވުމުން އޭނާ މޭގައި ދެފަހަރަކު ފިރުމާވެސްލިއެވެ.
" ލޯންޗް ނައްތާލާ ވަގުތު ވަރަށް ކައިރި ވެއްޖެ.. އަވަހަށް ހިނގާ ބަނދަރާއި ދިމާއަށް ދާން.."
އަކްރަމްމެންނާއެކު އައި މީހަކު ތަންކޮޅެއް ބާރަށް ބުނެލި އަޑަށް، އެއް ބަޔަކު ތެދުވެއްޖެއެވެ. އަކްރަމް އިނީ އެތަނުން ދާހިތް ނުވެފައެވެ.
" ހާދަ ބޮޑު ފިކުރެއްގަ؟"
ސިކުނޑީގައި ގިނަވަމުން ދިޔަ ޚިޔާލުތަކާމެދު ވިސްނަން އިން އަކްރަމް ސިހުނީ މިރާގެ އަޑުންނެވެ.
" ކީކޭ؟"
" މިބުނީ.. ހާދަ ހާސްވެފަ ތިއިނީ ކީއްވެހޭ؟ ކޮންމެވެސް ކަމަކާ މޫޑު އޮފްވެފައިހެން ހީވަނީ.."
ތަށީގެ ފުލުގައި ހުރި ކޯކުފޮދު ދަމާލަމުން މިރާ ބުނެލިއެވެ. ދެފަރާތަށް ބޯ ހޫރާލަމުން އަކްރަމް ހީލީ ކަމެއްނުވެޔޭ ބުނަމުންނެވެ.
***
އެރެއަށްފަހު އަކްރަމަށް ހުންނަނީ ވަރަށް ބޮޑަށް އުނދަގޫ ވެފައެވެ. ޒައިބާމަތިން މާބޮޑަށް ހަނދާންވަނީއެވެ. އޭނާގެ ޚިޔާލުތަކުން އުޅެން އުނދަގޫވާވަރު ވެއްޖެއެވެ. އެރޭ އޭނާއަށް ކެވުނު ކޮއްތުރޮށީގެ ރަހައަކީ މީގެ ކުރިން އެތައް ފަހަރަކު އޭނާ އިންސާފު ކޮށްފައިވާ މީރު ރަހައެކެވެ. އެރަހަ ލެއްވޭނީ ހަމައެކަނި ޒައިބާއަށެވެ. ފިކުރު ކުރަމުންގޮސް އަކްރަމަށް ހަމަޖެހުމެއް ލިބުނީ އަދި އެއްފަހަރު އުނގޫފާރަށް ދިޔުމުގެ ޚިޔާލް އައުމުންނެވެ. އޭނާ ބޭނުންވީ ހަމަ އެ ރެސްޓޯރަންޓަށް ދާށެވެ. އެހެންކަމުން ރިސޯޓްގައި އުޅޭ އުނގޫފާރުގެ އެކުވެރިއެއްގާތަށް އޭނާ ދިޔައެވެ.
" އަހަންނަށް އޮފް ލިބޭނީ އަންނަމަހު.. އަކޭ އެކަނި އުޅެން ވަރަށް ވައިވާނެ އެއްނު.. މަޑުކޮށްލަންވީނު މަށާއެކު ދާން.."
މޯޑު އެހެން ބުނުމާއެކު އަކްރަމްގެ ހިތް މަރާލިއެވެ. އޭނާ ބޭނުންވަނީ ވީހާވެސް އަވަހަކަށް އެރަށަށް ދާށެވެ.
" މަށަށް ކުއްޔަށް ރޫމެއް ހަމަޖައްސައިދީބަލަ. ދެތިން ދުވަހަށް މިދަނީ. ޑޮކްޓަރަށްވެސް ދައްކަން ކަމަށް.."
ދަތުރު ލަސްކުރަން ބޭނުން ނުވެގެން އަކްރަމް ބަހަނާއެއް ދެއްކިއެވެ.
" އަހަރެމެންގޭގައިވެސް ކޮއްކޮ އައިސް އުޅޭތީ މިހާރު އެ ރޫމް ވެސް ފުލްވީ "
" އޯކޭވާނެ. ތަނެއް ހޯދައިދީ.. މޯޑު އޮފް އަވަސް ކޮށްގެން ވިޔަސް މަށާއެކު ހިނގާބަލަ.."
އަކްރަމް އަނެއްކާވެސް އެދުނެވެ.
" އޯކޭ މަ ބަލާނަން.."
މޯޑު އެކަމަށް އެއްބަސް ވުމަށްފަހު އެތަނުން ދިޔައެވެ. މޯޑު ދިޔުމާއެކު ފުރުސަތުގެ ބޭނުން ހިފަން، އަކްރަމް ކައިރިއަށް އައިސް މިރާ މަޑުކޮށްލިއެވެ.
" ލިސްޓްގައި އެބައޮތް އަކްރަމް މާދަމާ އޮފްކަމަށް.. މަށަށްވެސް އޮފް ދީފި.. ކަމެއް ނެތްތަ؟"
އޭރުވެސް އަކްރަމްގެ ހިތްވަނީ އަވަސް ވެފައެވެ. ޒައިބާއާ ބައްދަލް ވާނެކަމުގެ އުއްމީދުގައި އޭނާގެ ހިތަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބިފައިވާ ކަހަލައެވެ.
" މިއުޅެނީ އުނގޫފާރަށް ޖައްސާލަން ވެގެން. އޮފްޑޭގައި މިތާ ވައިވެފަ އޮތުމަށްވުރެ ރަނގަޅެއްނު.."
އަކްރަމް އެހެން ބުނުމާއެކު މިރާވެސް ދާން ބޭނުންވިއެވެ. އަކްރަމާއެކު އެކަހަލަ ފުރުޞަތެއް އޭނާ ނިހާޔަތަށް ބޭނުންވެއެވެ. އަކްރަމްގެ ހިތް އޭނާގެ މައްޗަށް ލަންބުވާލަން ރަނގަޅު ވަގުތަކަށް ބަލަބަލާ ހުރި މިރާއަށް މިލިބުނީ އެންމެ ރަނގަޅު ފުރުޞަތޭ ހީކުރެވުނެވެ.
" އަސްލުތަ؟ އަޅެ އަހަރެންވެސް ވަރަށް ޝޮޕިން ކޮށްލަން ދާންބޭނުން.. އަކްރަމް ދަނީ ލޯންޗްގައިތަ؟ އަހަރެން ގެންދެބަލަ.. އެކަމު ހުންނާނެ ތަނެއްވެސް ނުހުންނާނެ."
ކުޑަކުއްޖަކު ފަދައިން ޝަކުވާގެ ރާގަކަށް މިރާ ވާހަކަ ދެއްކިއެވެ.
" އާނ.. ލޯންޗެއްގައި ދާނީ.. އަހަރެން ދަނީ ތިން ދުވަހަށް.. އަހަރެންވެސް ރޫމެއް ނަގަން މޯޑު ކައިރީ ބުނެފިން.."
ފޯނަށް ބަލަން ހުރެފައި އަކްރަމް ބުނެލިއެވެ. އެއާއެކު އަވަސް އަވަހަށް މިރާ ވާހަކަ ދެއްކިއެވެ.
" އަޅެ.. އަހަންނަށްވެސް ރޫމެއް ނަގަން ބުނެދީބަލަ.. ގުޅާލަބަލަ މޯޑުއަށް."
މިރާ ކުރުނުކޮށްގެން އެންމެ ފަހުން ހިތާދެކޮޅަށް އަކްރަމް މޯޑުއަށް ގުޅިއެވެ. އޭރު މޯޑު ހުރީ ޑިޔުޓީގައެވެ.
" މިރާއަށޭ ރޫމެއް؟ އޯކޭ.. ހޯދާނަން.."
މޯޑު ފޯނު ބޭއްވުމާއެކު އޭނާގެ ގާތުގައި ހުރި އައްޔަ ބުނެލިއެވެ.
" މިރާ ކޮންތާކަށް ދަނީތަ؟ "
" އަކްރަމް ދެންމެ ބުނި އޭނާއަށް އަހަރެމެން ރަށުން ރޫމެއް ހޯދަން.. އޭނާ އޮފަށް ދާން.. އަނެއްކާވެސް އެބުނިީ މިރާއަށް ވެސް ނަގަން.. މަށަށް ހީވަނީ އެމީހުން ކަމެއްހެން.."
މޯޑު ސީރިއަސް ރާގެއްގައި އެހެން ބުނެލުމާއެކު އައްޔަވެސް އެއްބައިވިއެވެ.
" ހީވަނީއެއްނޫން.. ޔަޤީން ހަމަ! އެމީހުން އެތަން މިތަނުން ފެނޭ.. ޖޯލިފަތިންވެސް ފެނެޔޯ ވަރަށް ގިނައިން.. ދެން އަކްރަމްގެ ވައިފް ވަރިކުރީއޭ ކިޔާތީ އެހިން. ވެދާނެ މިކަން ކުރަން ވަރިކޮށްލީ ކަމަށްވެސް…"
އައްޔަގެ ވާހަކައިގައި ނުރުހުންތެރިކަން އެކުލެވިފައިވާތީ މޯޑު ހިނިގަނޑެއް ޖަހާލިއެވެ.
" އައްޔަ ކަލޯ ހާދަ ނައްޓާފަ.. އަނެއްކާ ކަލެޔަށް މިރާ ސެޓު ނުވީތަ؟"
" ޗި! މަ؟ މަ ނޫޅެން.. މަ އަޑުއެހިން ކުރިންވެސް އަކޭއާހެދި އޭނަ އުޅުނު ވާހަކަ. ދެން މިހާރު އެދެމީހުން އޮފަށް ތިރަށަށް ދާންވީ ކޮންކަމަކު؟ މީގެ ކުރިންވެސް ތިރަށް ހަމަ ތިޔަތާ އޮތް.. މީހުން ފާޑުފާޑުގެ ވާހަކަ ދައްކާނީ ހަމަ އޭގައި ސިއްރުތަކެއް ފޮރުވިފައިވާތީ.."
ބަގީއަށް އެއްޗެއް އަރުވަމުން އައްޔަ ބުނެލިއެވެ. އެއާއެކު މޯޑުވެސް ބަގީއަށް އެރިއެވެ.
" އާނ މަވެސް ވަރަށް ހިތަށް އަރާ ތިހެން.."
ބަގީ ސްޓޭޓް ކުރަމުން އައްޔައާ އެބައިވުމުގެ ގޮތުން މޯޑު ބުނެލިއެވެ.
****
ޖެހިގެން އައި ދުވަހު އަކްރަމް މިރާ އުނގޫފާރަށް ދިޔައެވެ. އެދެމީހުންވެސް ތިބީ އެއް ގެސްޓް ހައުސެއްގައެވެ. މިރާ، އޭނާގެ ކޮޓަރިއަށް ވަތް ވަގުތު އަކްރަމް ދިޔައީ އޭނާ އެރަށަށް އައި މަޤްޞަދު ޙާޞިލުކުރުމަށް މަސައްކަތް ފަށައިގަންނާށެވެ.
" މިލްކް ކޮފީއެއް"
ވެއިޓަރެއް އައުމާއެކީ އަކްރަމް ބުނެލިއެވެ. މާގިނައިރު ތަކެއް ނުވެ ކޮފީ ހިފައިގެން ހަމަ އެމީހާ އަތުވެއްޖެއެވެ.
" އޭ.. މިތާ އުޅޭތަ ޒައިބާ ކިޔާ ކުއްޖެއް.."
ދުރުދުރުން ނުގޮސް އަކްރަމް ކުރީ ސީދާ ސުވާލެވެ. އެއާއެކު އެމީހާ ވަގުތުން ބޯ ހޫރާލިއެވެ.
" މިތާ އެއްވެސް ލޭޑީއެއް ވޯރކް ނުކުރާނެ.."
އޭނާގެ ޖަވާބުން އަކްރަމް ހިތް މަރާލިއެވެ. އެމީހާ ވެސް ދެން ދޮގެއް ނުހަދާނެޔޭ އޭނާގެ ހިތަށް އެރިއެވެ. ގެނައި ކޮފީތަށި ވެސް އަކްރަމަކަށް ނުބޮވުނެވެ. ބިލަށް ފައިސާ ދައްކާފައި އޭނާ ހިނގައިގަތް ވަގުތު މޯޑުގެ ކޯލެއް އައެވެ.
" މަ އެބަދަން މިއަދު ހަވީރު ފެރީން.. މާދަމާ މޯނިންގް ޑިޔުޓީއަށް އާދެވޭނެއެއްނު. އަކޭ ހުރީމަ ހަމަ ޖައްސާލަން ވެގެން.."
މޯޑު އެހެން ބުނުމާއެކު އަކްރަމަކަށް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ.
" އާނ އާދޭ.. މަވެސް މޯޑުއާއެކު ރިސޯޓަށް ދާނީ.."
އަކްރަމް އެހެން ބުނުމުން މޯޑުގެ ހިތުގައި ސުވާލު އުފެދުނެވެ.
" އެކަމު ރޫމް ބުކް ކުރީ ތިން ދުވަހަށް. ހާދަ އަވަހަކަށް އަންނަނީ؟"
" އާނ ދެން… މާލެ ދާން ކަމަށް ފަހުން…"
އަކްރަމް އެހެން ބުނުމުން އިތުރަށް ސުވާލު ކުރާކަށް މޯޑު ބޭނުމެއްނުވިއެވެ.
" އޯކޭ..މިރޭ ކާން ވާނީ އަހަރެމެންގެއިން. މިރާ ގާތުވެސް ބުނާތި.. މަންމަގާތު ބުނާނަން ތިމީހުންނަށް ކައްކަން."
މޯޑު ފޯން ބޭއްވުމުން އަކްރަމް ހިނގައިގަތީ ގެސްޓްހައުސްއާ ދިމާއަށެވެ. އޭރު އޭނާ ހުރީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. ޒައިބާ ހޯދަން އިތުރަށް ކުރަންވީ ކޮންކަމެއް ކަމެއްވެސް އޭނާއަކަށް ނުވިސްނުނެވެ. ޒައިބާ އޭނާއަށް އަބަދަށް ގެއްލުނީތޯ އެތައް ފަހަރަކު ހިތާވެސް ސުވާލު ކުރެވުނެވެ. ނަމަވެސް އޭނާގެ ހިމޭން ވެފައިވާ ހިތަށް ގުޑުމެއްވެސް ނާރައެވެ.
****
" ޕޮއް…"
މޭޒުމަތީގައި ރިހަ ބޯތަށި ބެހެއްޓުމާއެކު ޒައިބާ ސިހުނީ ފަހަތުން އައި ތޫބާ އޭނާ ސިއްސާލުމުންނެވެ.
" އޯހް. ހަމަ ކިރިޔާ ރިހަތައް މޭޒުމައްޗަށް ނުވެރުނީ.."
މަޑުމަޑުން އެހެން ބުނެލުމަށްފަހު ޒައިބާ އަނެއްކާވެސް ބަލާލީ މޭޒުމަތީގައި އަތުރާފައިވާ ކާއެއްޗެއްސަށެވެ.
" ވަރަށް މީރުވަސް ދުވާ… ޒައި ކައްކާ އެއްޗެހި މިހާރު މަންމައަށްވެސް މީރީ… ދެން ހިނގާ އެތެރެއަށް ދާން.. ދޮންބެގެ ފްރެންޑްސް އެބަތިބި ޖޯލިފަތީގަ.. ސަޅި ފިރިހެން ސޮރެއް އިނީ.. ދެން އެތާ އިން އަންހެން މަންޖެވެސް ހަމަ އެހާ ރީތި.. ރިސޯޓްގަ އުޅޭ މީހުން ހަމަ ރީތީއޭ.. އަހަރެމެން ދެމީހުން ކީއްކުރަންތަ އަޅެ ޓީޗިންގް މި ހެދީ.. އުޅޭ ރިސޯޓަށް ދާން.."
ސަކަމިޒާޖެއްގެ ވެރި ތޫބާއަކީ ނުހަނު އަނގަވެސް ގަދަ ކުއްޖެކެވެ. އޭނާ އަބަދުވެސް ބޭނުންވަނީ ޒައިބާ ހެއްވާށެވެ. ނަމަވެސް އެކަން ކާމިޔާބުވަނީ މަދު ފަހަރަކުއެވެ.
" އަހަރެން މި އަންނަނީ ގޮވާފަ އެމީހުންނަށް…"
ޒައިބާ އެއްޗެއް ނުބުނުމުން ތޫބާ ބޭރަށް ނިކުތެވެ. ކާގެއިން ނިކުމެގެން ގޮސް ޒައިބާވަނީ ތޫބާގެ ކޮޓަރިއަށެވެ. އޭރު އަދި އެމީހުން ގެއަކަށް ނުވަދެއެވެ.
" އަޅޭ ޒައި.. ކީއްވެތަ ތިއައީ.. އާދެބަލަ މަ ދޮންބެވެސް އަދި ނުދެކެމެއްނު ޔަޤީން ދޮންބެއަށް ހިތްކިޔާނެކަން.."
ޒައިބާގެ އަތުގައި ހިފަމުން ތޫބާ ބުނެލިއެވެ. އެއާއެކު ޒައިބާއަށް ބުނެވުނެވެ.
" ތޫއަށް އެނގެއެއްނު އަހަންނަކީ މީހެއްގެ އަނތްބެއް ކަން.. އަހަންނަށް އަކޫ ނޫން އެއްވެސް މީހެއްދެކެ ލޯބި ނުވެވޭނެ.. އަކޫއަށް ޙަޤީޤަތް އެނގުނީމަ އަހަރެން ހޯދަން އަންނާނެ. އޭނަ ދުވަހަކުވެސް އެހެން މީހަކު ބޭނުމެއް ނުވާނެ.."
ޒައިބާ ޖަޒްބާތުގައި ޖެހުމާއެކު ތޫބާ ވަރަށް ދެރަވެއްޖެއެވެ. އޭނާ އަވަސް އަވަހަށް ޒައިބާގެ ގައިގައި ބައްދާލިއެވެ.
" އޯހް މައި ޒައި… އެހެން ބުނި އެއްޗެއް ނޫނޭ އެއީ… އެނގެއެއްނު ތޫ މަޖާ ކޮށްލީކަން. ހިނގާ ސިޓިންރޫމަށް. އެމީހުން އެބަތިބި ކާބައިގަ ކާން… މަންމަވީ ޕާޓީ ބައްދަލުވުމަކަށް ގޮސް.. އެމީހުން ކަމަކަށް ބޭނުންވެސް ވެދާނެ. ހިނގާ މަށާއެކު.."
ތޫބާ ކުރު ނުކުރުމުން ޒައިބާ ތެދުވިއެވެ. ކޮޓަރިން ނިކުމެ އެމީހުން އިށީނީ ސިޓިންގްރޫމްގައި ހުރި ސޯފާގައެވެ. އޭރު ކާގެތެރެއިން ބާރުބާރަށް ހެމުން ވާހަކަ ދައްކާ އަޑު ކޮންމެވެސް ވަރަަކަށް އިވެއެވެ.
" ކޮއްކޯ… ކޮއްކޯ.. "
ކުއްލިއަކަށް އިވުނު މޯޑުގެ އަޑަށް ސޯފާގައި އިނދެ ތޫބާ ތެދުވިއެވެ.
" އޭ އާދޭ މަށާއެކު.. ޕްލީޒް.." ތޫބާ އެހެން ބުނެ ނުނިމެނީސް އަނެއްކާވެސް މޯޑު ގޮވާލިއަޑު އިވުނެވެ. އެހެންކަމުން ތޫބާ އަވަހަށް ހިނގައިގަތެވެ. ފަހަތުން ޒައިބާވެސް ހިނގައިގަތެވެ. ލަސްލަހުން ދިޔަ ޒައިބާއަށް ހުއްޓެވުނީ ހުޅުވާފައި ހުރީ ކުޑަދޮރުން ފެނުނު މޫނަކުންނެވެ. ހެވިފައި އިނދެ ވާހަކަ ދައްކަމުން އެދަނީ އޭނާގެ އަކްރަމް ނޫން ދެވަނަ ދެމީހެއް ނޫނެވެ. ޒައިބާއަށް ވަގުތުން ފުރަގަސް ދެވުނެވެ. ލާން އުޅުނު ނޭވާ އެތެރޭގައި ހިފަހައްޓާލައިގެން އިރުކޮޅަކު ހުރުމަށްފަހު އަނެއްކާވެސް އޭނާއަށް އެދިމާއަށް ބަލާލެވުނެވެ. އަނގަމަތީ އަތް އެޅުނީ ރޮވެން އުޅުމުންނެވެ. އިތުރަށް އެތަނުގައި މަޑުނުކޮށް އޭނާ ގޮސް ވަނީ ތޫބާގެ ކޮޓަރި ފާޚާނާއަށެވެ. މޫނު ދޮންނަ ތަށި ކައިރިއަށް ލެފުމަށްފަހު ދެއަތްގޮށިން މުޅި މޫނަށް ފެން ޖަހަމުންދިޔައީ ނުރޮއިވޭތޯއެވެ. އެތައް ދުވަހަކަށް ފަހު އަކްރަމް ފެނުމުން އޭނާގެ ހިތަށް ވަރަށް ތަދުވިއެވެ. މިކަހަލަ ގޮތަކަށް ފެނިދާނެ ކަމަށް އޭނާ އުއްމީދުވެސް ނުކުރެއެވެ. އެހެނަސް ދެމީހުން އެއްތަން ކުރައްވަން ތަޤްދީރުގައި އޮތީއޭ އޭނާގެ ހިތަށް އެރިއެވެ.
ތެޅިތެޅި އޮތް ހިތަކައިގެން ފާޚާނާއިން ނިކުމެ ޒައިބާ އެނދުގައި އިށީނދެލިއެވެ.
" އެމީހުން ގޮއްސި.. އާދޭ ކާން.."
އޭނާ ސިހުނީ ކުއްލިއަކަށް ކޮޓަރި ދޮރު ހުޅުވާލި ތޫބާގެ އަޑުންނެވެ. ޒައިބާ ދެފަރާތަށް ބޯ ހޫރާލުމާއެކު ތޫބާ އައިސް އޭނާގެ އަތުގައި ހިފާ ދަމައިގަތެވެ.
" ދެން ނުކެޔަސް އާދޭ މަށާއެކު އެތާ އިންނަން..".
އެންމެފަހުން ޒައިބާއަށް ޖެހުނީ ތޫބާއާއެކު ކާގެއަށް ދާށެވެ. އޭރު އަދި މޯޑު މޭޒުކައިރީ އިނެވެ.
" ދޮންބޭ.. ހާދަ ވަރަކަށޭ ތި ދުފަނީ…"
ދުފާލަ ދުފާލަ އިން މޯޑުއަށް ޒައިބާއާދިމާއަށް ބަލާލެވުނެވެ.
" ހިތް ނުކިޔައްޗޭ..މީނަ މެރިޑް"
މަޖާ ރާގަކަށް ތޫބާ ބުނެލިއެވެ. އެއާއެކު ޒައިބާ އިސްޖަހާލިއެވެ.
" ސާބަސް ކޮއްކޮއަށް. ކޮއްކޮގެ ފްރެންޑެއްނު އެ ލަދުގަތީ.."
ޒައިބާގެ މޫނަށް ބަލާލަމުން މޯޑު ބުނެލިއެވެ. އޭރުވެސް ޒައިބާގެ މޫނުމަތީގައިވަނީ ނުތަނަވަސްކަމެވެ.
" އޭނާ އަބަދުވެސް ހުންނާނީ އެގޮތަށް. ނިކަން ލަދުގަންނަން..
ތިއެއް ނޫނޭ.. މިތާ އިނީ ކޮން ބިޓެއްތަ؟ އަނެއްކާ އޭނާ ބިޓުތަ ދެން އެ ގާރލްއަކީ؟"
ރޮށި ކޮޅެއް އަނގަޔަށް ލަމުން ތޫބާ އެހިއެވެ. ތޫބާގެ ސުވާލުން ޒައިބާގެ ހިތް އިތުރަށް ބާރަށް ތެޅެންފެށިއެވެ.
" ހޫމް.. އެއީ އޭނަ ބިޓު ހެން ހީވަނީ.. ރިސޯޓްގައި ވެސް އެދެމީހުންގެ ވާހަކަ މިހާރު ބަރަށް ދައްކާ.. އޮފްޑޭ ނަގައިގެން އެދެމީހުން އެއުޅެނީ މިރަށު ގެސްޓްހައުސް އަކަށް އައިސްގެން.. އެއީއޭ ރިސޯޓްތަކުގައި ބައެއް މީހުން އުޅޭގޮތް. ބަލާބަލަ ނިކަން ދޮންބެމެން.. ދުވަހަކުވެސް އެހެން ނޫޅެން.."
އަމިއްލަ މޮޅުކަން ދެއްކުމުގެ ގޮތުން މޯޑު ވާހަކަ ދެއްކިއެވެ. އެވާހަކަތަކުން އެންމެ އަސަރުކުރީ ޒައިބާއަށެވެ.
" މީހަކާ ނީންނަންޏާ އޯކޭ އެއްނު …"
ތޫބާ ހީލަމުން ބުނެލިއެވެ.
" އެ ފިރެހެން ގޮލާ އުޅެނީ މީހަކާ އިނދެގެން.. ނޭނގެ ކޮންމެވެސް މައްސަލައެއް ޖެހިގެން އުޅެނީ.. މައްސަލަ ޖެހުނަސް އޯކޭތާ އިތުރު ކޮޅެއް ހޯދާފަ އޮތިއްޔާ.."
ހެމުން ހެމުން މޯޑު އެހެން ބުނުމާއެކު ޒައިބާ ބޭރަށް ހިނގައިގަތެވެ.
" އަނހަ. ކީއްވެ އޭނާ އެ ދިޔައީ؟"
މޯޑު ހައިރާން ވެފައި އެހިއެވެ.
" އޭނާ އެ ކުޑަކޮށް މޮޔަ ކުއްޖެކޭ.. ދޮންބެ އަޅާނުލާ.."
ތޫބާ އެހެން ބުނެ އަވަސް އަވަހަށް ކަމުން ދިޔައެވެ.
ދުވެފައި ކަހަލާ ގޮތަކާ އައިސް ކޮޓަރިއަށް ވަދެ ޒައިބާއަށް ބާރުބާރަށް ރޮއިގަނެވުނެވެ. ދެކުނު ހުރިހާ ހުވަފެނެއް ވިއްސިވިހާލި ވީއޭ ހީވިއެވެ. އަކްރަމަށް ކުރި އުއްމީދާއި އިތުބާރު ފެނަށް ވީއެވެ. ކެނޑިނޭޅި އޭނާއަށް ކުރި އިންތިޒާރު ހުއްޓުމަކަށް އައީއެވެ.
( ނުނިމޭ)
