ޙަޔާތުގެ ދަތުރަކީ އުދަނގޫތަކާއި ތުރާތައް ތަޙައްމަލުކުރަންޖެހޭ ދަތުރެކެވެ. ހިތްހަމަ ޖެހުމާއި އުފާވެރިކަން ތަޖުރިބާކުރެވިދާ ދަތުރެކެވެ. ތަފާތު ބަލިމަޑުކަމާއި ނަފުސާނީ އުނދަގޫތަކާއި ދަތިތަކެވެ. ނަފުސުގެ ހިތްހަމަޖެހުމާއި ފުރިހަމަ ޞިއްޙަތުގެ ނިޢުމަތެވެ. ހިތްހަމަ ނުޖެހުމާއި ނުތަނަވަސްކަމެވެ. އުފާވެރިކަމާއި ހިތާމައިގެ ދުވަސްތަކެވެ. ބަލިވުމާއި ދުޅަހެޔޮކަމުގެ ތަޖުރިބާތަކެވެ. މިއީ ހައްތަހާވެސް ދިރިއުޅުމުގެ ދަތުރުން ދަސްވެދާނެ ފިލާވަޅުތަކެކެވެ. ޢިބުރަތް ލިބިގަނެވިދާނެ ކަންކަމެކެވެ.
މާތްﷲ އިންސާނާ ޚަލުޤުކުރައްވައި ފުރިހަމަ ކުރައްވާފައި ވަނީވެސް މިގޮތުގައެވެ. ދިރިއުޅުމުގެ ދަތުރުގައި ތަފާތު ކަންކަމާއި ތަޖުރިބާތައް ތަޙައްމަލުކުރަންޖެހޭނެ ގޮތުގައެވެ. سورة البلد ގެ 4 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައި ވެއެވެ. لَقَدْ خَلَقْنَا الْإِنسَانَ فِي كَبَدٍ މާނައީ "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހައްދަވައި، ވަރުބަލިވުމާއި ގަދަ މަސައްކަތުގެ ތެރެޔަށް ލެއްވީމެވެ." މި އާޔަތުގައި ބަޔާންކޮށްދީފައި އެވަނީ އިންސާނީ ޙަޔާތުގައި ލައްވާފައިވާ ފިޠުރަތުގެ އުޞޫލާ ހަމައެވެ. އިންސާނާ ލައްވާފައިވަނީ ބުރަ މަސައްކަތާއި، ވަރުބަލިވުމުގެ ތެރޭގައެވެ. ދިރިއުޅުމުގެ ތަފާތު މައްސަލަތަކުގެ ތެރޭގައެވެ. އެއިން ކާމިޔާބާއި ނާކާމިޔާބު ތަޖުރިބާކުރަންޖެހޭ މީހެއްގެ ގޮތުގައެވެ. ދަތިއުނދަގޫ ދުވަސްތަކާއި ފަސޭހަ ތަނަވަސް ދުވަސްތަކާ ބައްދަލުކުރަން ޖެހޭނެގޮތުގައެވެ. އެއީ އިންސާނާގެ ޠަބީއަތެވެ. ފިޠުރަތެވެ.
މާތްﷲގެ ނަބިއްޔާ އައްޔޫބު އަލައިހިސަލާމްގެ ވާހަކަ އަޑުއެހިންތޯއެވެ. އެއީ އިބުރަތުން ފުރިގެންވާ މިފަދަ ވާހަކައެކެވެ. އެކަލޭގެފާނުވީ ތަނަވަސްކަމާއި މުއްސަނދި ބޭކަލެއްކަމުގައެވެ. އަނބީންނާއި ދަރިން ދެއްވިއެވެ. ޚިދުމަތް ކުރާނޭ އެތައް ޚާދިމުންނެއް ލިބިވަޑައިގެންފައިވެއެވެ. އެކަލޭގެފާނަށް ނަބީކަމާއެކު ބޮޑު މުއްސަނދިކަމެއް ﷲ ތަޢާލާ މިންވަރުކޮށް ދެއްވިއެވެ. އެހެންނަމަވެސް އެނގޭހެއްޔެވެ. އުމުރުން 80 އަހަރުވުމަށްފަހު ބަލި އެނދުގައި އެކަލޭގެފާނުން އޮންނަވާން ޖެހިވަޑައިގެންނެވިއެވެ. އަމިއްލަފުޅަށް ހެލިފެލިވެ ނޫޅެވޭ ޙާލުކޮޅުގައެވެ. 18 އަހަރުވަންދެނެވެ. އަމިއްލަފުޅަށް އެނދުދާންކޮޅުން ތެދުވެލެވޭނެ ވަރުވެސް ނެތިފައެވެ. އެ ޙާލުކޮޅުގައި އޮންނަވަނިކޮށް އެކަލޭނގެފާނުންގެ ދަނޑުބިންތަކާއި މުއްސަދިކަން ގެއްލިދިއައެވެ. ފަހަރަކު ދަރިކަލަކު މިދުނިޔެ ދޫކުރިކަމުގެ ޚަބަރު ލިބިވަޑައިގަންނަވަމުން ދިއައެވެ. ޚާދިމުންތައް އެކަލޭގެފާނުން ދޫކޮށްދިއައެވެ. ޚިދުމަތްކުރުމުގައި ހަމައެކަނި އެންމެ އަނބިކަނބަލަކަށް ވިއެވެ. ތަނަވަސްކަމާއި މުއްސަނދިކަމުގައި ދިރިއުޅުމުގެ ފުރުޞަތު ދެއްވުމަށްފަހުގައި، ކުއްލިޔަކަށް ހުރިހާ މުދަލެއް ގެއްލިގެން ދިޔައީއެވެ. ދަރިންތައް ވަކިވެ ދިޔައީއެވެ. އެކަލޭގެފާނުގެ ކެތްތެރިކަން އިމްތިޙާން ކުރެއްވުމަށްޓަކައި ﷲ ތަޢާލާ އެކަލޭގެފާނަށް ކުރުމަތިކުރެއްވީ ބޮޑުވެގެންވާ އިމްތިޙާނެކެވެ.
سورة البقرة ގެ 155 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފަދައިނެވެ. وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِّنَ الْأَمْوَالِ وَالْأَنفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ މާނައީ "ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން امتحان ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ خبر، ކަލޭގެފާނު ދެއްވާށެވެ!"
އައްޔޫބު އަލައިހިއްސަލާމް ވެވަޑައިގެންނެވީ މިފަދަ ކެތްތެރީންގެ ތެރެއިންނެވެ. މާތްﷲއަށް ޛިކުރުކުރުމާއި އަސްތަޣުފާރު ކުރުމުގައެވެ. 80 އަހަރު ފުރިހަމަ ސިއްޙަތާއި ތަނަވަސްކަމުގައި ލެއްވިކަމަށްޓަކައި މާތްﷲ އަށް ޝުކުރުވެރިވުމުގައެވެ. ކެތްތެރިކަމުގެ މަތިވެރި ނަމޫނާ މީސްތަކުންނަށް ދެއްކެވުމުގައެވެ. މާތްﷲގެ މިންވަރުފުޅަށް ފުރިހަމައަށް ރުހި އިމާންވެގެންނެވެ.
سورة الأنبياء 83 އަދި 84 ވަނަ އާޔަތުގައި މާތްﷲ ވަނީ އެވާހަކަ ބަޔާންކުރައްވާފައެވެ. وَأَيُّوبَ إِذْ نَادَىٰ رَبَّهُ أَنِّي مَسَّنِيَ الضُّرُّ وَأَنتَ أَرْحَمُ الرَّاحِمِينَ ﴿٨٣﴾ فَاسْتَجَبْنَا لَهُ فَكَشَفْنَا مَا بِهِ مِن ضُرٍّ ۖ وَآتَيْنَاهُ أَهْلَهُ وَمِثْلَهُم مَّعَهُمْ رَحْمَةً مِّنْ عِندِنَا وَذِكْرَىٰ لِلْعَابِدِينَ މާނައީ " އަދި أيوب ގެފާނު، އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް دعاء ކުރެއްވި ހިނދު، ހަނދުމަކުރާށެވެ! ހަމަކަށަވަރުން، މިއަޅާޔަށް ދަތިކަމާއި، އުނދަގޫ ޖެހިއްޖެއެވެ. އަދި އިބަރަސްކަލާނގެއީ، رحمة ލައްވާ، އެންމެ رحمة ވަންތަ ރަސްކަލާނގެއެވެ. ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަދެއްވައި، އެކަލޭގެފާނަށް ޖެހިފައިވާ ދަތި حال ފިއްލަވައި، އަދި އެކަލޭގެފާނަށް އެކަލޭގެފާނުގެ أهل ންނާއި، އެ أهل ންނާއެކު ހަމަ އެފަދަ أهل ން ދެއްވީމެވެ. ތިމަންރަސްކަލާނގެ حضرة ން ލެއްވި رحمة އެއް ކަމުގައެވެ. އަދި އަޅުކަންކުރާ މީހުންނަށް، ހަނދާންކޮށްދިނުމެއް ކަމުގައެވެ."
މިތުރުންނޭވެ! ދިރިއުޅުމުގެ ޙަޔާތަކީ މިފަދަ ކަމެކެވެ. ދަތިކަމާއި އުނދަގޫތައް ތަހަންމަލުކުރަން ޖެހޭނެއެވެ. އަބަދު އުފަލުގައި އުޅުމަކީ އެއްވެސް މީހަކަށް ވާނެކަމެއްނޫނެވެ. ބަލިވުމާއި މުސީބާތްތައް ކުރިމަތިވާނެއެވެ. ހުރަސްކުރަން އުދަނގޫ ތުރާތަކާއި މުސީބާތްތަކާއި ކުރިމަތިލާން ޖެހޭނެއެވެ. ކެތްތެރިވާށެވެ. މާތްﷲގެ މިންވަރުފުޅަށް ރުހޭށެވެ. ބަލިވުމަކީވެސް އިމްތިޙާނެކެވެ.
