ވާހަކަ: ވީމޭ ވަފާތެރި! އެހެނަސް… (ފަހުބައި)

ދުވެފައި ކަހަލަ ގޮތަކަށް އައިސް ކޮޓަރިއަށްވަދެ ޒައިބާއަށް ބާރުބާރަށް ރޮއިގަނެވުނެވެ. އޭނާ ދުށް ހުރިހާ ހުވަފެނެއް ވިއްސިވިހާލި ވީއޭ ހީވިއެވެ. އަކްރަމަށް ކުރި އުއްމީދާއި އިތުބާރު ފެނަށްވީއެވެ. ކެނޑިނޭޅި އޭނާއަށް ކުރި އުއްމީދު ހުއްޓުމަކަށް އައީއެވެ. ދޮރުގައި ބުރަކަށި ޖައްސާލައިގެން ކުޑައިރުކޮޅަކު ހުރުމަށްފަހު އެނދާއިދިމާއަށް ހިނގައިގަތެވެ. އޭރު އޭނާއަށް ފައިވެސް އެޅެނީ ހަމަ ކިރިޔާއެވެ. ގައިން ވަރު ދޫވެ، ބާރު ހުސްވިކަހަލައެވެ. މަޑުމަޑުން ގޮސް އެނދުގައި އިށީނދެވުމާއެކު ކުއްލިއަކަށް ދޮރު ހުޅުވުނު އަޑަށް އޭނާ ސިހިގެން ދިޔައެވެ.

" ޒައި! އޭ! ކިހިނެއްވީ؟ " އެތެރެއަށް ވަދެގެން އައި ތޫބާއަށް ހައިރާންކަން ލިބުނީ ޒައިބާ އިން ޙާލުންނެވެ. އޭނާގެ ދުޅަވެ ރަތްވެފައިވާ ދެލޯ ފެނި ތޫބާ ހިތުގައި ޖެހުނެވެ. ބާރުބާރަށް އައިސް ތޫބާ ޒައިބާގެ ގައިގައި ހިފަހައްޓާލިއެވެ. ތޫބާގެ އެ ހަރަކާތުން މިފަހަރު ޒައިބާއަށް ކެތްކުރެވޭ ގޮތެއް ނުވިއެވެ. ކުރިއަށްވުރެންވެސް ބާރަށް އޭނާއަށް ގިސްލެވެން ފެށުނެވެ.

" ޒައި! ބުނެބަ ތޫ ގާތު! ކިހިނެއްތަވީ؟ "

ތޫބާ ދެއަތުން ޒައިބާގެ މޫނުން ފެންތައް ފުހެމުން ވާހަކަ ދެއްކީ ނުހަނު ގާތްކޮށެވެ.

" ތޫ!… ދެންމެ.. ދެންމެ ކާން އެއިނީ.. އަހަރެންގެ އަކޫ! "

ޒައިބާ އެހެން ބުނުމާއެކު ތޫބާއަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ. އޭރުވެސް ޒައިބާއަށް ހަމަ ގިސްލަ ގިސްލާފައި ރޮވެމުން ދިޔައެވެ.

" އަހަރެން… އަހަރެން ކިހިނެއް ކެތްކުރާނީ؟ އޭނަ އަހަންނަށް އެ.. ދެމުންދަނީ ހާދަ ހިތްދަތި..ކަމެކޭ!  އަހަރެން… އަހަރެން.. ހިއެއް ނުކުރަން އޭނަ އަހަރެން އެހާ ނިކަމެތިކޮށްލަފާނެކަމަކަށް! ދެން… ދެން… އަހަރެން.. ބޭނުމެއް ނޫން އޭނަގެ އަނތްބެއްގެ ގޮތުގައި އިންނާކަށްވެސް.."

ތުރުތުރު އަޅާވަރުން ޒައިބާއަށް އަނގައިން ބުނެވެނީވެސް ކިރިޔާއެވެ. އޭނާގެ އަޑުވެސް ނިކުންނަނީ ނުހަނު އުނދަގުލުންނެވެ.

" ޒައި ޕްލީޒް! ހަމަޖެހިލަބަލަ! ހުއްޓާލަބަލަ! "

ތޫބާގެ މަސައްކަތުން ޒައިބާ ހަމައަކަށް އެޅެން މާ ގިނަ ވަގުތު ތަކެއް ނުނެގިއެވެ. ފާޚާނާއަށް ވަދެ، ކުޑަކޮށް ތާޒާވެލައިގެން ޒައިބާ ނިކުމެ އަނެއްކާވެސް އެނދުގައި އިށީނދެލިއެވެ. އޭރުވެސް ތޫބާ އިނީ އެނދުމަތީގައެވެ.

" އާނ! ހަމަޖެހިގެންނޭ ވާހަކަ ދައްކަންވާނީ! އަސްލު އޭރުން ހިތަށްވެސް ހަމަޖެހުން ލިބޭނީ!"

ތޫބާ އެހެން ބުނުމުން ޒައިބާ ހިނިތުންވެލިއެވެ.

" ދެން ކިޔާބަލަ! ޒައި މިހާރު ބޭނުންވަނީ ކޮންގޮތެއް؟ " ތޫބާ އެހިއެވެ.

" ވަރިވާން! އަހަރެން ބޭނުންވަނީ ވަރިވާން! "

ތޫބާއަށް ބަލާލުމަށްފަހު، ޒައިބާ ހީލަމުން ބުނެލިއެވެ. ނަމަވެސް އޭރުވެސް އޭނާގެ ދެލޮލުން ހިތާމައިގެ އަސަރުތައް ފެންނަން ހުއްޓެވެ. އެހެނަސް ތުންފަތުގައިވަނީ ހިތްވަރުގެ ހިނިތުންވުމެކެވެ.

" އަކްރަމްއަށް އަހަރެން މަތިން ހަނދާން ނައްތާލެވިއްޖެ! އޭނައަށް އެހެން އަންހެނެއްގެ ބޭނުން ޖެހިއްޖެ! ދެން އަހަރެން ކީއްކުރަން އޭނައަށް އިންތިޒާރުކޮށް، ޙަޔާތް ބޭކާރުކޮށްލަންވީ! އަހަރެން ބޭނުންވަނީ ހަމަ ވަރިވާން! "

ޒައިބާ ފުންނޭވާއެއް ދޫކޮށްލީ އޭނާއަށް ދެއްކުނު ވާހަކަތަކުން ހިތަށް ލިބުނު އުނދަގޫތަކުން ލުޔެއް ލިބޭތޯއެވެ. ޒައިބާގެ ހަރަކާތްތަކަށް ފަރުވާތެރިކަމާއެކު ބަލަން އިން ތޫބާ ބޯޖަހާލަމުން ވާހަކަ ދައްކަން ފެށިއެވެ.

" މަ ނަމަވެސް ތިހެން ކަންތައްކުރާނީ! އެކަމަކު އަހަރެން ބުނީތީވެސް އަކްރަމާ މީޓްކޮށްލަން އުޅޭ! ހިތުގައި ހުރި ހުރިހާ އެއްޗެއް ބޭރުކޮށްލާފަ އޭނަ ގާތު ބުނޭ ދުރުވާން ބޭނުންވާހަކަ! އޭރުން އޭނައަށްވެސް އިޙްސާސްވާނީ ޒައިއަށް ހިތްދަތިކަމާ އަނިޔާތަކެއް ދެވުނުކަން."

ތޫބާގެ ވާހަކަތަކުން ޒައިބާއަށް ހަމަޖެހުން ލިބުނު ކަހަލައެވެ. އަނެއްކާވެސް އޭނާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

" އަހަރެން ބުނެފާނަން ދޮންބެ ގާތު، އަކްރަމްއަށް އިންވައިޓް ކުރަން! "

ޒައިބާ ވަގުތުން ދެފަރާތަށް ބޯހޫރާލީ ބިރެއް ފެނުނު ހެންނެވެ.

" ނޫން.. އަނެއްކާވެސް އޭނަގެ ބިޓު ގޮވައިގެންކަންނޭނގެ އަންނާނީ! " ޒައިބާ އެހެން ބުނުމާއެކު ތޫބާ ދެކޮނޑު މައްޗަށް ހިއްލާލަމުން ހީލިއެވެ.

" މިފަހަރު ބިޓުގަނޑު ގެންނާނަކަށް ނުކެރޭނެ! ދޮންބެ ލައްވާ އަހަރެން ސްޓޯރީއެއް ހަދާލަފާނަން.."

ތޫބާގެ ޕްލޭން ގޯސް ނުވާނެކަން ޒައިބާއަށް އެނގެއެވެ. އަބަދުވެސް ކުރާ ކޮންމެ ކަމެއްވެސް އޭނާ ކުރާނީ ހުރިހާ ކޮޅަކަށް ވިސްނާފައެވެ.

***

އަކްރަމް އިނީ ގެސްޓްހައުސްގެ ބޭރުގައެވެ. ޒައިބާއާއެކު އޭނާ ނަގާފައިހުރި ފޮޓޯތައް ޝައުޤުވެރިކަމާއެކު އޭނާ ބަލަމުން ދިޔައެވެ. ދެމީހުން އެކުގައި ހޭދަކުރި ދުވަސްތައް އިއްޔެ ވީ ކަމެއްހެން ކުރިމަތީގައި ކުރެހެމުންދާ ކަހަލައެވެ.

" ޕޮއް! "

އަކްރަމް ސިހުނީ ކުއްލިއަކަށް ފަހަތުން އައިސް މިރާ އޭނާ ސިއްސުވާލުމުންނެވެ. އަކްރަމް ސިއްސައިގެން ދިޔުމުން އަނގަމަތީގައި އަތް އަޅައިގެން ހުރެ މިރާ ތުއި ގޮތަކަށް ހީގަތެވެ.

" އަޅެ! ސޮރީ އަކްރަމް.. ހިއެއް ނުކުރަން އެހާ ބޮޑަށް ސިހޭނެ ކަމަކަށް! ކީއްތަ ތިކުރަނީ ހާދަ މަޑުމަޑުން ސިއްރުސިއްރުން ތި އިންނަނީ؟" މިރާ އެހެން ބުނުމާއެކު އަކްރަމް އަވަހަށް ފޯނު ޖީބަށް ލިއެވެ.

" ވަކި ކަމެއް ނުކުރަން.. މޯޑު މެންގެއަށް ޖައްސާލާށޭ ބުނީމަ މޯޑު ގުޅަންދެން މި އިންނަނީ.."

" އެހެންތަ؟ ރޭގަ ދިޔަ ގެއަށްތަ؟ އަޅެ އަހަރެންވެސް ދަންތަ؟" އާދޭސް ކުރާ ފަދަ ގޮތަކަށް މިރާ އެހެން ބުނެލީ އަކްރަމްގެ އަތުގެ މުލައްދަނޑީގައި ހިފާލަމުންނެވެ. އަވަސް އަވަހަށް އަކްރަމަށް ބަލާލެވުނީ މިރާގެ އަތަށެވެ. އެއާއެކު ދެމީހުންގެ ދެމެދުގައި ހަމަހިމޭންކަން ވެރިވެގެން ދިޔައެވެ.

" ސޮ…ސޮރީ! އަކޫ! "

އަކްރަމްގެ އަތުން އަތް ދޫކޮށްލަމުން މިރާ އެހެން ބުނުމާއެކު އަކްރަމަކަށް އެއްޗެއް ނުބުނެ ނުހުރެވުނެވެ.

" އަކޫއޭ؟ ދެން ތިހެން ނުކިޔައްޗޭ! އެހެން އަންހެން ކުއްޖެއްގެ ދުލުން އަކޫއޭ ބުނީމަ އަހަންނަށް ވަރަށް އުނދަގޫވޭ! އެއީ އަހަރެންގެ ޒައިބާ އަހަންނަށް އަބަދުވެސް މުޚާޠަބް ކުރާ ގޮތް! މިރާވެސް އޮޅިގެންވެސް ދެން އެހެން ނުބުނައްޗޭ! އެއީ ހަމައެކަނި ޒައިއަށް ޚާއްސަ ނަމެއް"

އަކްރަމް އަވަސް އަވަހަށް ތެދުވުމާއެކު މިރާއަށްވެސް ތެދުވެވުނެވެ. ކަންތައް ކުރެވުނު ގޮތުން މިރާ ހުރީ ވަރަށް ބޮޑަށް ލަދުގަނެފައިކަން އޭނާގެ މޫނުމަތިން އެނގެއެވެ.

" ސޮރީ.. މިރާ! އަހަންނަށް މާބޮޑަށް.. މާބޮޑަށް ސީރިއަސް ވެވުނީ… "

ފަސްއެނބުރި މިރާއަށް ބަލާލުމަށްފަހު އަނެއްކާވެސް ވާހަކަ ދެއްކީ އަކްރަމެވެ. އެއާއެކު އަކްރަމަށް މޯޑުގެ ކޯލްވެސް އަތުވެއްޖެއެވެ.

" މޯޑު! މަ މިދަނީ އޭ!"

އަކްރަމް އެހެން ބުނުމަށްފަހު އިތުރަށް މިރާއަށް ސަމާލުކަން ނުދީ ހިނގައިގަތީ މަގުމައްޗާއި ދިމާއަށެވެ. އަކްރަމްގެ އެ ޢަމަލުން އޭނާ މިރާ ގެންދަން ބޭނުން ނުވާކަން މިރާއަށް އެނގުނެވެ. އޭނާގެ ހިތުގައި މިރާއާމެދު ލޯބީގެ ޒައްރެއްގެވަރުވެސް ނެތްކަން މިރާއަށް މިއަދު ޔަޤީންވެއްޖެއެވެ. އެހެންކަމުން އޭނާގެ ހިތް އެއްކޮށް އުދާސްވެގަތެވެ. ފޯނުގެ ވޯލްޕޭޕަރއަށް ލައިފައިވާ އަކްރަމްގެ ފޮޓޯއަށް މިރާއަށް ބަލާލެވުނެވެ. އެއީ މިދަތުރުގައި އަކްރަމަށް ނޭނގި އޭނާ ނަގާފައިއޮތް ފޮޓޯއެކެވެ. އަކްރަމްގެ މޫނުގައި އިނގިލި ޖައްސާލުމަށްފަހު މިރާ އަވަސް އަވަހަށް ވޯލްޕޭޕަރ ބަދަލުކޮށްލިއެވެ. އަދި ދެލޯ މަރާލަމުން ޖޯލީގައި ރަނގަޅަށް އޮށޯވެލިއެވެ.

***

" ކީއްކުރަން މި ކޮޓަރިއަށް ވަންނަންވީ ؟ "

ހައިރާންވެ ހުރެ އަކްރަމް މޯޑުއަށް ބަލާލިއެވެ. މޯޑުގެ މޫނުމަތިން ފެންނަމުންދާ ކުލަވަރުން ކޮންމެވެސް އިތުރު ކަންތައްގަނޑެއް އުޅޭކަން އަކްރަމަށް ޔަޤީންކުރެވުނެވެ.

" ދެން އަކޭ މަ ނޫޅެމޭ ލަނޑެއް ދޭކަށް! މި ކޮޓަރީގަ މަޑުކޮށްލަބަލަ މަ އަންނަންދެން! "

މޯޑު ބޭރަށް ހިނގައިގަތީ ސިޓިންގރޫމުގައި ހުރި އަކްރަމަށް ޒައިބާގެ ކޮޓަރި ދައްކާލަމުންނެވެ.

" އަހަރެން ބޭރުގައި މަޑުކޮށްލަންތަ؟ ދެން މިގޭގަ އެކަކުވެސް ނޫޅޭ އިރު މަށަކަށް ނުކެރޭނެ ކޮޓަރީގަ އިންނާކަށް! "

އަކްރަމް ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ.

" އާދޭ އެހެންވިއްޔާ މަށާ އެކު! " އެންމެ ފަހުން މޯޑު ގޮސް އެކޮޓަރިއަށް ވަނުމުން ހިނިގަނޑެއް ޖަހާލަމުން އަކްރަމްވެސް ގޮސް ވަނެވެ.

" ހަމަ މި ކޮޓަރިއަށް މަ ވައްދަން..އެބަ……އު..ޅޭ….. " ޖުމްލައިގެ ފަހުބައި ހިނދިގެން ދިޔައީ ކޮޓަރީގެ މެދުގައި ހުއްޓި ހުރި ޒައިބާ ފެނުމުންނެވެ. ކަޅިޖަހާ ނުލާ އޭނާއަށް ޒައިބާއަށް ބެލެންފެށީ ޤަބޫލު ނުކުރެވިގެންނެވެ.

" ދެން ކެރޭނެތަ މަޑުކުރަން؟ "

އަކްރަމް ސިހުނީ މޯޑުގެ އަޑަށެވެ. ނަމަވެސް މޯޑު ބުނި އެއްޗަކަށްވެސް ސަމާލުކަން ދެވޭ ގޮތެއް ނުވިއެވެ. އޭރު ދެއަތް ދެއަތާލައި ބާރުކޮށްލައިގެން ޒައިބާއަށް ހުރެވުނީ އިސްޖަހާލައިގެންނެވެ. ހީވާ ގޮތުން އަކްރަމްގެ މޫނަށްވެސް ބަލަން ބޭނުން ނުވެފައެވެ. މޯޑު ނިކުމެ ދޮރު ލެއްޕުމާއެކު އަކްރަމް ބާރުބާރަށް ގޮސް ޒައިބާގެ ދެކޮނޑުގައި ހިފާ އޭނާގެ މޭގައި ތަތްކޮށްލިއެވެ. ބާރުބާރަށް ޒައިބާގެ ގައިގައި އޭނާ ބައްދައިގަތީ ޒައިބާގެ ނަމުން ލޯތްބާއެކު ގޮވާލަމުންނެވެ. އެތައް ދުވަހަކަށްފަހު އަކްރަމްގެ ހަށިގަނޑުގެ ހޫނުކަން އިޙްސާސް ކުރެވުމުން ޒައިބާއަށްވެސް ހުރެވުނީ ދުރަށް ދާން ބޭނުން ނުވެފައެވެ.

" އަހަންނަށް ފިލައިގެން ކޮންތާކު ތިއުޅުނީ؟ ކީއްވެ ޒައި؟ "

އަކްރަމްގެ އަޑު ޒައިބާގެ ކަންފަތުގައި ޖެހުމާއެކު މެރިފައިވާ ދެލޯ ހުޅުވާލެވުނެވެ. އަދި ތެޅިގަނެފައި ޒައިބާ އަވަސް އަވަހަށް އަކްރަމާ ދުރަށް ޖެހުނެވެ.

" ޒައި؟ " ޒައިބާގެ މޫނުމަތީގައިވާ އަސަރުތައް ދެނެގަންނާކަށް އަކްރަމަކަށް ފަސޭހައެއް ނުވިއެވެ. ރުޅިއާ ހިތްހަމަނުޖެހުމާ މާޔޫސްކަމާ ހިތްދަތިކަން އެކުލެވިފައިވާ ޒައިބާގެ މޫނަށް ބަލަހައްޓައިގެން ހުރުން ފިޔަވާ އިތުރު ކަމެއްވެސް އަކްރަމަކަށް ނުކުރެވުނެވެ.

" އަހަރެން ބޭނުންވަނީ ދުރުވާން! ވަރިވާން!  "

ޒައިބާގެ ފުރަތަމަ ޖުމްލައިންވެސް އަކްރަމަށް ތެޅިގަނެވުނެވެ. ހިތުގައި ހުރި ޝަކުވާތަކާއި ސުވާލުތައް ދުލާއި ހަމައަށް ނުފޯރައިގެން ޒައިބާ ބޭނުންވީ އިތުރު ވާހަކަތަކެއް ނުދައްކާ އެގުޅުން ނިންމާލަން ބޭނުންވާ ވާހަކަ ބުނާށެވެ.

" ތިހެން ނުބުނޭ ޒައި! އަހަރެން ޒައި ހޯދަން ހާދަ މަސައްކަތެއް ކޮށްފީމޭ! "

އަކްރަމް ޒައިބާއާ ދިމާއަށް ހިނގައިގަތުމާއެކު އަތުގެ އިޝާރާތުން ޒައިބާ އެންގީ އޭނާއާ ދުރުގައި ހުރުމަށެވެ. އެހެންކަމުން އިތުރަށް އެންމެ ފިޔަވަޅެއްވެސް އަކްރަމަކަށް އަޅާކަށް ނުކެރުނެވެ.

" އަހަރެން ތިރަށުގައި އުޅުނުއިރު، އުޅޭތަން އެނގޭ އިރު ، ކީއްވެ އަހަރެން ހޯދަން ނާދެވުނީ؟ ކީއްވެ އަހަރެން އެހާލަށް ދޫކޮށްލީ؟ ދެން މިހާރު މޮޅު ވާހަކަތަކެއް ދައްކާނެ ކަމެއްނެތް! "

އަކްރަމާ ދިމާއަށް އެމޭރުމުން ވާހަކަ ދެއްކުމަކީ ޒައިބާއަށް ފަސޭހަކަމެއް ނޫނެވެ. މީގެ ކުރިން ދުވަހަކުވެސް އަޑުހަރުކޮށް އޭނާ އެއްވެސް އެއްޗެއް އަކްރަމާދިމާއަށް ބުނެފައެއްވެސް ނެތެވެ. ކިތަންމެ އުނދަގުލުން ނަމަވެސް މިއަދު ޒައިބާ ބޭނުންވަނީ ހިތުގައި ހުރި ހުރިހާ އެއްޗެއް ބޭރުކޮށްލާށެވެ.

" އަހަރެން އެގޮތަށް ކަންތައް ކުރީ މަޖުބޫރުވެގެން.. " އަވަސް އަވަހަށް އަކްރަމް ބުނެލިއެވެ.

" ހުއް! މަޖުބޫރު! ތީ ހަމަ ހުރިހާ ފިރެހެނުންވެސް ކިޔާ ލަވަ! ބޭނުން ނެތިފަ އަލުން ފައިބުޑަށް އަންނަންވީމަ، ނޫނީ ބޭނުންވީމަ ބުނާނެ މަޖުބޫރުވީއޭ! އެކަމަކު.. އަހަންނަކީ ބޭވަފާތެރިއެކޭވެސް އޭރު ބުނީމެއްނު! ރަށުތެރޭގައްޔާ ތިގޭގަ ދެކެވުނު ވާހަކަތަކަކީވެސް ހަމަ ޙަޤީޤަތޭ ބުނީމެއްނު! އަހަރެން ވަފާތެރިވީން.. އެހެނަސް… ބޭވަފާތެރިއަކަށް ހަދައިފި! މަކަރުވެރިޔަކަށް ހަދައިފި! ދޮގު ވެރިޔަކަށް ހަދައިފި! ދެން؟ ދެން މިއަދު އަހަރެންގެ ކުރިމައްޗަށް ތިއައީ އިތުރު ކޮން ބަދުނާމެއް އަޅުވަން؟"

ޒައިބާގެ އަޑުގައި ތުރުތުރުލުމެއް ހުއްޓެވެ. އެހެނަސް އޭނާ ހުރީ ވަރަށް ހިތްވަރާއެކު އަކްރަމާ ކުރިމަތިލުމުގެ ޢަޒުމުގައެވެ.

" ރަށުގައި އަހަރެން ހުރީ ދޫ ބަންދުވެ، އަތްފައިގައި ކަސްތޮޅު އެޅުވިފަ! މަންމައަށްވެސް ޙަޤީޤަތް އެނގޭ! އަހަންނަށް އެންމެ ފުރަތަމަ ދުވަހުވެސް ހުރިހާ ވާހަކައެއް ކިޔައިދިނީ މަންމަ! އެކަމަކު.. މަންމަ އަހަންނަށް މަޖުބޫރުކުރުވި ޒައި ދޫކޮށްލަން.. އަދި ދޮންތަގެ ދިރިއުޅުން ސަލާމަތްކުރަން! އަހަރެން މަންމަގެ އަމުރަށް ހުރިހާ ކަމެއްކުރިން! އެކަމަކު.. އަހަންނަށް ޒައި ދޫކޮށެއް ނުލެވުނު.. މަންމައަށްޓަކައިވެސް އެކަމެއް ނުވާނެޔޭ އަހަރެން ބުނިން!…"

އަކްރަމް އެހެން ބުނުމާއެކު ޒައިބާއަށް ފުންނަޒަރަކުން އަކްރަމަށް ބަލާލެވުނެވެ. އަކްރަމްގެ ދެލޮލުން އޭނާއަށްޓަކައިވާ ސާފުލޯބި އަދިވެސް ފެންނަ ކަހަލައެވެ. ވީ އުނދަގުލުން ޒައިބާ އަވަސް އަވަހަށް އަކްރަމަށް ފުރަގަސްދިނެވެ.

" ޒައި! އަހަރެން ގޭ އެންމެންގާތު ޒައި ދިފާޢުކުރަމުން ދިޔައީ! އެންމެ ފަހުން ދޮންތައަށްވެސް ހުރިހާ ޙަޤީޤަތެއް އަހަރެން ކިޔައިދިނީ! ދޮންތަގެ ލައިފް ރޫޅުނަސް ހެޔޮކަމުގައި އަހަރެން ހުރިހާ ވާހަކައެއް ކިޔައިދިނިން… ދޮންތަ އަމިއްލައަށް ނާޝިޒާ ދުރަށް ދިޔައީވެސް.. މިއަދު އެ އެންމެން ޒައިގާތުން މަޢާފަށް އެދެން ބޭނުންވޭ! އެކަމަކު އަހަރެން މިއަދު މިއައީ އަހަރެންގެ މުޅި އާއިލާ ދޫކޮށްފަ! ޒައިގެ އާއިލާ ދޫކޮށްފަ ޒައިވެސް އަހަންނަށްޓަކައި އަހަރެންގެ އަތުގައި ހިފި ދުވަހުގެ ހަނދާން، އަހަރެންގެ ހިތުގައި އަދިވެސް ދިރި އެބަހުރި! ވީއިރު އަހަރެން ކިހިނެއް ޒައި އެއްފަރާތްކޮށްލާނީ؟"

އަކްރަމަށް ރޮވުނުކަން އޭނާގެ އަޑުން އެނގުނެވެ. އަކްރަމަކަށް އިޙްސާސްތައް ކޮންޓްރޯލެއް ނުކުރެވުނެވެ. އޭނާއަށް ގިސްލަގިސްލާފައި ރޮވެން ފެށިއެވެ. ކިތަންމެ ހިތްވަރުކޮށްފައި، ދުރުގައި ހުންނަން ބޭނުންވި ނަމަވެސް ޒައިބާއަކަށް އެކަމެއް ނުވިއެވެ. ދުވެފައި އައިސް އޭނާއަށް އަކްރަމްގެ ގައިގައި ޖެހިގަނެވުނެވެ.

" އެހުރިހާ ދުވަހަކު އަހަންނަކީ ފުރާނަ ހުއްޓަސް، އެއްވެސް ދިރުމެއްނުވާ މަސްގަނޑެއް ހަމަ…"

އަނެއްކާވެސް އަކްރަމް ބުނެލިއެވެ. ދެމީހުންގެ ދެމެދުގައި ހަމަހިމޭންކަމުގެ ވަގުތުކޮޅެއް ހޭދަވެގެން ދިޔައިރު އެކަކު އަނެކަކުގެ ހަށިގަނޑުވަނީ އެކަތިގަނޑަކަށް ވެފައެވެ. އަކްރަމް ހަމައަކަށް އެޅި، ޒައިބާ އޭނާއާ ދުރުކޮށްލަމުން ޒައިބާގެ މޫނަށް ފުން ނަޒަރަކުން ބަލާލިއެވެ.

" ތީ ހަމަ އަހަރެންގެ ޒައި! އަހަރެން އަދިވެސް ވަރަށް ލޯބިވޭ! އަހަންނަށް މަޢާފްކުރޭ ޒައި!"
" ދެން… ކޮން އަންހެން ކުއްޖެއް ތި ގެންގުޅެނީ؟ އޭނަ އެއީ އަކޫގެ ގަރލްފްރެންޑްތަ؟ "

ޒައިބާ ދެރަވެލާފައި ސާދާ ގޮތަކަށް އަހާލުމާއެކު އަކްރަމް ޒައިބާގެ ބޮލުގައި ޖަހާލިއެވެ.

" މާތް ރަސްކަލާނގެ ހުވާކޮށްފައި ބުނަން ޒައި ނޫން އިތުރު އަންހެނެއް އަހަރެން ބޭނުމެއްނޫން! އަދި އަހަރެންގެ ޙަޔާތަށް ނުވެސް ގެންނަން! ދުވަހަކުވެސް އިތުރު މީހެއް ބޭނުމެއްވެސް ނޫން! ޤަބޫލުކުރޭ ޒައި! " އަކްރަމް އެހެން ބުނެ، އަނެއްކާވެސް ޒައިބާގެ ގައިގައި ބައްދާލިއެވެ.

" ހަމަ ޒައި ދޫކޮށްލަންވީތަ؟ "

މިފަހަރު އަކްރަމްގެ އަޑުގައި ކޮންމެވެސް ވަރެއްގެ އުފާވެރިކަމެއް އެކުލެވިގެންވާކަން ޒައިބާއަށް ފާހަގަ ކުރެވުނެވެ.

" އުހުމް.. ނޫން…" އަކްރަމްގެ ގައިގައި ހިފަހައްޓާފައިއޮތް ދެއަތް އިތުރަށް ބާރުކޮށްލަމުން ޒައިބާ ބުނެލިއެވެ. އެއާއެކު އަކްރަމަށް ހެވުނުކަންވެސް ޒައިބާއަށް އެނގުނެވެ.

" އެނގޭތަ އަސްލު އެހާ ފަސޭހައިން އަހަރެމެން ދެމީހުންނަށް އަންޑަސްޓޭންޑިން ވެވުނީ ކީއްވެކަން؟ ވެގެން ދިޔަ ހުރިހާ ކަމެއް، މާ ބޮޑަށް މާ ފުނަށް ނުކޮނެ ނޫނީ ގޮތްދޫކުރުންތަކާ ދެބަސްވުމަށް ނުގޮސް ސުލްޙަ ވެވުނީ ކީއްވެގެންކަން އެނގޭތަ؟ "

އަކްރަމް އެހެން ބުނުމާއެކު ޒައިބާ އަކްރަމާ ދުރަށް ޖެހިލުމަށްފަހު ނޭނގެޔޭ ބުނާފަދަ ގޮތަކަށް ބޯ ހޫރާލިއެވެ.

" ހިތުގެ އަޑިން އެކަކު އަނެކަކަށްޓަކައި ކުރާ އިތުބާރުގެ ބޮޑުކަމުން.. ދެމީހުންގެ ދެމެދުގައިވާ ވަރުގަދަ ލޯތްބެއްގެ ސަބަބުން.. އަދި އެކަކު އަނެކަކަށް އޮތް ޔަޤީންކަމަކުން.." މަޑުމަޑުން އަކްރަމް ޒައިބާގެ ނިތްކުރިއަށް ބޮސްދިނެވެ.

" އަހަރެމެން ދެމީހުން ދިމާވާން ހުރީމަ ދޯ މިކަހަލަ ގޮތަކަށް ދިމާވީވެސް.. އަޅެ ބުނެބަލަ މިރަށު ކެފޭއަކަށް ކޮއްތުރޮށި ހެދިންތަ؟ "

ކުއްލިއަކަށް ހަނދާންވާފަދަ ގޮތަކަށް އަކްރަމް އަހާލިއެވެ. އޭރު ޒައިބާ އިނީ އަކްރަމްގެ އުނގުގައެވެ. އަކްރަމް އިނީ ޒައިބާގެ އުނގަނޑުގައި ހިފަހައްޓާލައިގެންނެވެ.

" ހޫމް.. ތޫބާގެ ރައްޓެއްސެއްގެ ކެފޭއަކަށް ބޮޑު އޯޑަރެއް އައިސްގެން އަހަރެމެން މިގޭގަ ކެއްކީ ! އަހަރެން ހެދިން ކޮއްތުރޮށި. ކިހިނެއްވީ ؟ "

ޒައިބާ ހައިރާންކަމާއެކު އަހާލިއެވެ. އެއާއެކު އަކްރަމް ލާނެތް ފާޑަކަށް ހީލަމުން ބުނެލިއެވެ.

" އެނގޭތަ އަހަރެން މިރަށަށް އޮފްޑޭއަށް މިއައީ އެ ކޮއްތުރޮށި ކައިގެން، ޒައި މިރަށުގައި އުޅޭނެޔޭ ހިތަށް އަރާވަރުން ހަމަ ކެތްނުވެގެން.. އެރަހަ އެހެން މީހަކަށް ނުގެނެވޭނެ! އެ ޔަޤީންކަމުގައި ހަަމަ ޒައި ހޯދަން ވެގެން އަހަރެން މިއައީ…އަލްޙަމްދުލިﷲ "

އަކްރަމްގެ އެ ޖުމްލައިން ޒައިބާގެ ހިތަށް ވަރަށް ފުން އަސަރުތަކެއް ކުރުވިއެވެ. އަކްރަމް އޭނާދެކެ ލޯބިވާވަރުވެސް އިތުރަށް އިޙްސާސްކުރެވުނެވެ. އަކްރަމްގެ މޫނުގައި ދެއަތުން ހިފަހައްޓާލުމަށްފަހު ޒައިބާ ވާހަކަ ދައްކަންފެށިއެވެ.

" ދުރުވާން ނެތް ދެހިތެއް އެއްވެސް ބަޔަކަށް ދުރެއް ނުކުރެވޭނެ! އަހަރެމެން ދެމީހުންނަކީ މާތްﷲއަށްޓަކައި ލޯބިވާ ދެމީހުން.. ދެން އަހަރެން ބޭނުމެއް ނޫން ދުވަހަކުވެސް އަކޫއާ ދުރަށް ދާކަށް…"

އަކްރަމަށް ޒައިބާގެ މޫނުގައި މޫނު ޖައްސާލެވުނީ އުފަލުންނެވެ.

***

ދިރިއުޅުމުގެ އިތުރު ބާބެއް ފެށުނުކަމުގެ އިޙްސާސް ދެމީހުންނަށްވެސް ކުރެވުނެވެ. ކައިވެންޏަށްފަހު މާލެދޫކޮށް ފުރި ދުވަހު، ބޯޓުގައި އިނދެ ރުއި ހަނދާން މިއަދުވެސް އިއްޔެ ވީ ކަމެއްހެން ޒައިބާގެ ހިތުގައި ހަރުލާފައި ހުއްޓެވެ. ޒައިބާގެ އެދުމަށް އޭނާގެ މައިންބަފައިންގެ ޙާލު ބަލާލަން އަކްރަމް އޭނާ މާލެ ގެނައެވެ.

ޒައިބާ ކާރުން ފޭބީ ތެޅިތެޅި އޮތް ހިތަކައިގެންނެވެ. ދެއަހަރަށް ފަހު ، މައިންބަފައިން ގާތަށް އާދެވުނު ނަމަވެސް އެމީހުންގެ ޙާލު ހުންނާނެ ގޮތެއް ނޭނގޭތީ ހިތުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ. ބެލް ޖަހާލީ އަކްރަމެވެ. އަކްރަމްގެ އަތުގައި ހިފައިގެން ހުރި ޒައިބާ އޭރު ފެންކަޅިވާން ފަށައިފިއެވެ. ދެފަހަރަކު ބެލް ޖަހާލިފަހުން ދޮރު ހުޅުވިއްޖެއެވެ. ކުރިމަތީގައި ހުރީ ޒައިބާގެ ބައްޕައެވެ. ބައްޕައަށް ޒައިބާ ފެނުމާއެކު ދެލޯ ބޮޑުވެ، ކަރުނައިން ދެލޯ ތެންމާލިއެވެ.

" ޒަ..ޒައިބާ!"

ބައްޕައަށް އެހެން ބުނެވުމާއެކު ޒައިބާއަށް ރޮވިއްޖެއެވެ. އަކްރަމް އަވަހަށް ޒައިބާގެ ގައިގައި ހިފެހެއްޓިއެވެ.

" ކޮބާ މަންމަ؟ "

ޒައިބާ އެހެން އެހުމާއެކު ބައްޕަ އިސްޖަހާލިއެވެ. އޭރުވެސް އެމީހުން ތިބީ ދޮރުމަތީގައެވެ.

" ދަރިފުޅު.. ދިޔުމާއެކު މަންމަ ބައްޕަގާތުން ވަރިވެގެން ގޮއްސި! ވީ ތަނެއް ނޭނގެ! ބައްޕަ ވަރަށް އެކަނިވެރި.. "

ބައްޕައަށް އަނެއްކާވެސް ރޮވުނެވެ. އެއާއެކު ޒައިބާ އަވަސް އަވަހަށް ބައްޕަގެ ދެއަތުގައި ހިފާލިއެވެ.

" އަހަރެން ދެން ދުވަހަކުވެސް ބައްޕަ ދޫކޮށް ނުދާނަން! އަހަންނަށް މަޢާފްކުރޭ ބައްޕާ! "

ޒައިބާ އޭނާގެ ބައްޕަގެ ގައިގައި ބައްދާލުމާއެކު ބައްޕައަށް އިތުރަށް ރޮވިއްޖެއެވެ.

***

ދުވަސްތަކެއް ފަހެވެ.އަކްރަމް މާލެ ކައިރީ ރިސޯޓަކަށް ބަދަލުވީ ޒައިބާ މާލޭގައި ބަހައްޓަން ބޭނުންވާތީއެވެ. ބައްޕަ އެކަނިކޮށްފައި އެއްވެސް ތާކަށް ދާކަށް ޒައިބާ ބޭނުމެއް ނޫނެވެ. އެ ނިންމުމަށް އަކްރަމް ފުރިހަމައަށް އިޙްތިރާމްކުރިއެވެ.

" އަހަރެންގެ މަންމަމެން އެބަދޭ ޒައި ގާތަށް! އަހަރެން ބުނިން ޒައި ރުޅިއެއް ނާންނާނެޔޭ! އެއްކަލަ ވާހަކަތައް ދެން ނުދައްކާށޭ! ޒައި މިހާރު އެކަންތައްތައް ހަނދާންވެސް ނެތޭ! "

އަކްރަމް ޒައިބާއާ ވާހަކަ ދެއްކީ ފޯނުންނެވެ.

" އާނ ދެން އެވާހަކަތައް ދައްކާނެ ކަމެއްނެތޭ! މަންމަމެން ގާތު ބުނޭ އަންނާށޭ! މަންމަ މެންނަށް ވަރަށް ބޮޑު ސަޕްރައިޒެއްދޯ ލިބޭނީ؟ ބުނިންތަ އަނެއްކާ؟ "

ޒައިބާ ވާހަކަ ދެއްކީ ހިނިތުންވެ ހުރެއެވެ.

" ނޫން! ނުބުނަން.. ޒައި ނުބުނާށޭ ބުނީމަ އަހަރެން ނުބުނީ! "

" އާނ އޭރު ނުބުނާށޭ ބުނީ އަސްލު މަންމަމެން އަހަންނަށް ނުގުޅާތީ! ދެން ތިބުނީނު އަހަރެން ގާތަށް އެބަ އާދެޔޭ! އެހެންވީމަ ވަރަށް އުފާވެއްޖެ! "

އަކްރަމްވެސް ވާހަކަ ދެއްކީ އުފާވެރި ރާގެއްގައެވެ. ފޯނު ބޭއްވުމަށްފަހު ޒައިބާ އިންތިޒާރުކުރީ ޝަކީލާމެން އަންނާނެ އިރަކަށެވެ. އެތައް ދުވަހެއްގެ ފަހުން އެ އާއިލާ ފެންނާތީ ޒައިބާހުރީ ނުހަނު އުފަލުންނެވެ. ކާއެއްޗެހިން މޭޒުމަތި ފަޅު ފިލުވާލުމަށްފަހު ޒައިބާ އިށީނދެލީ މޭޒުކައިރީގައެވެ. އެއާއެކު ބެލް ޖެހި އަޑުއިވުނެވެ. މަޑުމަޑުން ތެދުވެގެން ގޮސް އޭނާ ދޮރު ހުޅުވާލީ އުފާވެރިކަމާއެކުއެވެ.

" ޒައިބާ؟!! " ފުރަތަމަވެސް ހައިރާން ކަމާއެކު ގޮވާލީ އާތިކާއެވެ. ނުވަމަހަށް އެޅިފައިވާ ޒައިބާގެ ބޮޑު ބަނޑު ފެނުމާއެކު ޝަކީލާމެންނަށް ލިބުނީ ކުއްލި ޝޮކެކެވެ.

" ބޭބީ ގޮވައިގެން ދާންކަމަށް ނުބުނީ! ދެން އޭގެ ކުރިން މަންމަމެން އައީމަ ފަޅާއެރީތާމި! "

ހެމުން ހެމުން ޒައިބާ ބުނެލިއެވެ. އޭނާގެ ރާގުގައިވެސް ހުރީ ގާތްކަމެވެ.

" ކޮޅަށް ނުތިބެ އަވަހަށް އާދޭ ސައިބޯން.. އިށީނދެ "

ޝަކީލާގެ ބުރަކަށީގައި އަތް ޖައްސާލަމުން ޒައިބާ ބުނެލިއެވެ. އެއާއެކު ޙަކީމްވެސް އިށީނެވެ. އުފާވެރިކަމާއެކު އެންމެން ވާހަކަ ދައްކަމުން ދިޔައެވެ.

" ޒައިބާ ވިހޭގެއަށް އަހަރެންވެސް އަންނާނަން! "

އާތިކާ ޒައިބާގެ ބަނޑުގައި ފިރުމާލަމުން ބުނެލިއެވެ.

" އެންމެންވެސް އަންނަންވާނެ! ދޮންތަގެ ދެކުދިންވެސް ގެންނާތި! މިގޭގަ ހުރެވޭނޭ އެންމެންނަށްވެސް…" ޒައިބާ އެހެން ބުނުމުން އާތިކާއަށްވެސް މަންމަގެ މޫނަށް ބަލާލެވުނީ ހިނިތުންވަމުންނެވެ.

" ދަރިފުޅާ ބައްޕައަށް ފެންތައްޓެއް ދީބަލަ! "

ޙަކީމް ބަލި އަޑަކުން އެހެން ބުނުމާއެކު ޒައިބާ، ހިނގައިގަތީ ދުރުގައި ހުރި އައިސްއަލަމާރިއާ ދިމާއަށެވެ. އައިސްއަލަމާރި ދޮރު ހުޅުވާލުމަށްފަހު، އަނެއްކާވެސް ފުންނަޒަރަކުން އޭނާއަށް ބަލާލެވުނީ ދުރުގައި ތިބި، އަކްރަމްގެ އާއިލާއަށެވެ. ދުނިޔޭގައި ހޭދުކުރެވުނު ދުވަސްތަކުން އެންމެ  ހިތްދަތި ދުވަސްތައް ހޭދަކުރީ އެމީހުންނާއެކުއޭ އޭނާގެ ހިތަށް އެރިއެވެ. ހަމަ އެހެންމެ އެންމެ އުފާވެރި ދުވަސްތައްވެސް ހޭދަކުރަން މިޖެހުނީ ހަމަ އެމީހުންނާއެކުއޭ ހިތަށް އެރިއެވެ. އެއާއެކު އޭނާއަށް އުފަލުން ހެވުނެވެ. ލޮލުގައި ކަރުނައިގެ އަސަރުވެސް ފާޅުވާން ފެށިއެވެ. ފެންފުޅިއެއް ނެގުމަށްފަހު އަލަމާރީގެ ދޮރު އޭނާއަށް ލައްޕާލެވުނީވެސް ލުއި ހިނިތުންވުމެއްގައި ހުރެއެވެ.

-ނިމުނީ-

ގުޅުންހުރި

ކިޔުންތެރިންގެ ޚިޔާލުތައް

  1. ސަލާގެ ވާހަކަ ތަކަކީ ވަރަށް ރީތި މޮޅު ވާހަކަތަކެއް. މިވާހަކަ ވެސް ވަރަށް ވަރަށް ރީތި. ކުރިއަށް އޮތް ތާގައިވެސް އެހާ ރީތި ވާހަކައެއް ގެނެސްދޭނެ ކަމަށް އުއްމީދު ކުރަން.

  2. މާ ލަހީ މިވާހަކައިގެ ބައިތައް ގެނެސްދޭ ގޮތް.
    ވާހަކަ ވަރަށް ރީތި، ކިޔާ ހިތުން ހުރިހާ ބައެއް ވެސް ކިޔައި ނިންމީ ️️

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *