(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)
މެންދުރު ފަސްވެގެން ދިޔައިރުވެސް އިނާޒު އިނީ އީރަމްގެ ގާތުގައެވެ. ޑޮކްޓަރުންނާއި ސިފައިން މުޅިތަނުގައި ހަރަކާތްތެރިވާއިރު ޖަލުގައި އިނާޒުމެންގެ ހަރަކާތްތަކަށް ބަލާނެ މީހަކު ނެތެވެ. އިރުއިރުކޮޅުން ކޮންމެވެސް ބަޔަކު އައިސް ތަނުގައިތިބި މީހުންގެ ހާލަތު ބެލުމަށްޓަކައި ވަދެހަދައެވެ. އެމީހުން ތިބި އެނދާއި މާދުރުނޫން ހިސާބަކުން ކޯޓްލާފައި ތިބި ޖަޕާނުގެ ދެތިން މީހަކާއެކު އެއަންނަ ދެމީހުން ފެނުމުން އިނާޒު ހައިރާން ވިއެވެ. ކަޅިޖަހާނުލާ އެ އަންނަ މީހުންނާ ދިމާއަށް ބަލަން ހުރެވުނެވެ.
"ރަހީ…ރަހީލުބޭ." އިނާޒަށް ބާރަށް ގޮވާލެވުނެވެ. އަދި ދުވެފައި ކަހަލަގޮތަކަށް އެދިމާއަށް ދެވުނެވެ.
"ރަހީލުބޭ. މީ އިނާޒު. އެއްކަލަ މަރޮށީ ހަމްޒާގޭގައި އުޅުނު އިނާޒު." އިނާޒު އެމީހެއްގެ ފައިބުޑަށް ވެއްޓިގަތެވެ.
"ކޮން އިނާޒެއް؟" ރަހީލު އިނާޒުގެ ކޮނޑުގައި ހިފާފައި ނެގިއެވެ. މި މީހަކު ދިވެހިބަހުން ވާހަކަ ދައްކާތީ ރަހީލު ހުރީ ކަންބޮޑުވެފައެވެ. ރަހީލު އިތުރު އެއްޗެކޭ ނުބުނެ އޭނާގެ މަސައްކަތާއިގެން ހިނގައްޖެއެވެ. އިނާޒަށް ލިބުނީ ވަރަށްބޮޑު މާޔޫސްކަމެކެވެ. ނަވާރަ އަހަރުފަހުން އޭނާއަށް އެހީތެރިކަމެއް ލިބޭނޭ ކަހަލަ މީހަކު ފެނުމުން ވެސް އޭނާ އެނގޭކަމަށްވެސް ނުވުމުންނެވެ.
އިނާޒަށް އަދިވެސް އެދުވަސް ހަނދާން އެބަވެއެވެ. އެއީ އޭނާ އުމުރުން ސާދަ އަހަރުގައެވެ. އިނާޒު ދިޔައީ ޑަސްބިން އުކާލާށެވެ. އާދަޔާ ޚިލާފަށް މޫސުންގޯސް ވިއްސާރަ ދުވަހެކެވެ. އޭރު މާބަނޑު އަންހެނެއް ދުވަސްފުރި ވޭން އަޅަމުން ދިޔައިރު ކައިރީގައި ފިރިހެނަކު ހުއްޓެވެ. އިނާޒު އެދެމީހުން ގާތަށްގޮސް ހާލުއަހުވާލު އޮޅުން ފިލުވާހެދިއެވެ. އެދުވަހުގެ ހެނދުނު އައި މީހުން އަދިވެސް ތިބީ އަތިރީގައެވެ. ފާޅުގައި ސަރުކާރަށް ފާޑުކިޔާ ކޮންމެވެސް މައްސަލައެއްގައި މަރޮށްޓަށް ފޮނުވާލާފައި ހުރި ފިރިހެންމީހާއަށް ކިޔަނީ ރަހީލެވެ.
"އެއީ ކާކު؟" އުނދަގޫގޮތަކަށް ހިނގާފައި އައި އީރަމް އެހިއެވެ.
"ރަހީލު. އެއީ އަހަރެންގެ ރަށަށް ފޮނުވާލާފައި ހުރި މީހެއް. އެދުވަހު އޭނާގެ އަންހެނުން ވިހަން ވެގެން އެހީތެރިވެދިނީ އަހަރެން. އަދި ބޭބެ ގާތު އާދޭސްކުރުމުން ގޭގައި ބަހައްޓައިދީ އެހީތެރިވެދިނިން." އިނާޒު ކަރުނަތައް ފޮހެލިއެވެ. އޭނާއަށް ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ. މިހުރިހާ ދުވަހުވެސް މިހާވަރަށް ދެރަވެފައިހުއްޓާ އީރަމްއެއް ނުދެކެއެވެ.
"ދެރަނުވޭ މިހާރު އެނގޭ ކަމަކަށް ނަހަދާނެ." އީރަމް އޭނާގެ ކޮނޑުގައި އަތް ބާއްވާލިއެވެ.
"ނޫން އޭނައަށް އަހަރެންނާއި މަރޮއްޓެއް ނޯޅޭނެ." އިނާޒަށް ހުރީ އަދިވެސް ގަބޫލުކުރަން ދަތިވެފައެވެ. ކުއްލިއަކަށް ސިފައިންގެ ދެ މީހުން އަތުވެއްޖެއެވެ. އެދެމީހުންވެސް އިނާޒުގެ އަތުގައި ހިފާ ކުރިއަށް ގެންދަންފެށިއެވެ.
"ކޮބާ އީރަމް. މަ ބުނީމެއްނު އޭނާ އަހަރެން ހަނދާނެއް ނުނެތޭނެ. އޭނާ އެއުޅެނީ އަހަރެން ސަލާމަތްކޮށްދޭން. އަހަރެން އީރަމްގެ ވާހަކަ ބުނާނަން. އީރަމްވެސް މަށާ އެކު ސަލާމަތްވާނެ." އިނާޒު އުފަލުން ހުރެ ގޮވަމުން ދިޔައެވެ.
"އާން އިނާޒު. އަހަރެން ވަރަށް އުފާވެއްޖެ." އީރަމް ގޮވާލިއެވެ.
"އަހަރެން އީރަމް ބަލާ އަންނާނަން. ޔަގީން ކުރޭ. އަހަރެމެން ދެމީހުން މިނިވަންވެގެން ރާއްޖެއަށް ދެވޭނެ. ދިވެހި މިނިވަން ޖައްވަށް ނޭވާލެވޭނެ. އެ އޯގާތެރި ދިވެހިންގެ ތެރޭގައި އަހަރުމެންވެސް ގުނާލެވޭނެ." އިނާޒުގެ އަޑުފޯރަނީ ކިރިޔާއެވެ.
އިނާޒު ގެންދެވިއްޖެއެވެ. ނަމަވެސް އޭނާ ހީކުރިގޮތާއި މުޅިން ޚިލާފަށް ކުރިންވެސް ހުރި ކުޑަކުޑަ ގޮޅިއަށް އޭނާ ވެއްދިއްޖެއެވެ. އަދި ދޮރުލައްޕާ ބޭރުން ތަޅުލާފައި އެމީހުން ހިނގައްޖެއެވެ. ސަލާމަތްވާނެކަމުގެ އުންމީދެއް ކުރެވިފައި ހިނދުކޮޅަކަށް އެ އުންމީދު ގެއްލުމުން ހިތަށް ލިބެނީ ހާދަހާ ބޮޑު ރިހުމެކެވެ. އިނާޒު މިތަނުގައި ދެދުވަސް ހޭދަވީއިރު މީގެ ނަވާރަ އަހަރު ނުވާހާ ދެރަވިއެވެ. އޭނާއަށް އީރަމްވެސް ގެއްލުނީއެވެ. އަދި ރަހީލް ދެން އޭނާ ސަލާމަތް ކުރާނޭ ކަމުގެ އުންމީދުވެސް ގެއްލުނީއެވެ. އީރަމް ހީކުރާނީ ކީކޭބާވައެވެ؟ އޭނާ ސަލާމަތްވެގެން ދިޔައީ ކަމަށް ބާވައެވެ؟ އީރަމްގެ މަތީން ހަނދާން ނައްތާލީ ކަމަށްބާވައެވެ؟
އިނާޒު ކުރިންވެސް ހުރި ގޮޅީގައި ގައިދު ކުރިއެވެ. ނަމަވެސް އޭނާ އުންމީދު ކުރަމުން ދިޔައީ ރަހީލް އޭނާ މިނިވަން ކުރާނެކަމެވެ. މިގޮތުގައި ދެދުވަސް ހޭދަވެއްޖެއެވެ. ރަހީލުގެ ކިބައިންވެސް އަދި އީރަމްގެ ކިބައިންވެސް އެއްވެސް ޚަބަރެއް ނުވުމުން ޒާތެއްގެ ބިރުވެރިކަމެއް އިހުސާސް ކުރުވަން ފަށައިފިއެވެ. ކުއްލިއަކަށް ދޮރު ހުޅުވާލިއަޑަށް އޭނާއަށް ބަލާލެވުނެވެ. ކުރިމަތިން ފެންނަން ހުރި މަންޒަރަކީ އޭނާއަށް ގަބޫލުކުރަން ދަތި މަންޒަރެކެވެ.
"ކީއްވެ. ކީއްވެ މިތަނަށްލީ؟" އީރަމް ލާފައި ދޮރުލައްޕާފައި ދިއުމުން އިނާޒު އުފަލުން ހަޅޭއް ލަވައިގަނެވުނެވެ.
"ނޭނގެ. މަށަށް ހީވަނީ އަހަރެން ހުރި ގޮޅި މަރާމާތު ކުރެވެން ދެންހެން. ވަރަށްގިނަ ގޮޅިތައް ހުރީ އަނދާފައި." އީރަމް އިނާޒަށް ވަރަށް ފުންކޮށް ބަލާލިއެވެ. އޭނާއަށް ފެނުނީ އެހެން ފިރިހެނުންގެ ލޮލުގައިވާ މަކަރުވެރިކަމެއް ނޫނެވެ. ނަމަވެސް ރަހުމަތާއި އޯގާތެރި ކަމުގެ އަސަރުތަކެވެ.
"މިހާރު ކިހިނެއް؟" ފިހިފައިވާ އަތުގައި ހިފާލާ ބަލާލަމުން އިނާޒު އެހިއެވެ.
"ތަދެއް ނުވޭ. އަހަރެން ހީކުރީ އިނާޒު ހުންނާނީ މިނިވަން ވެފާކަމަށް."
"ރަހީލުގެ ޚަބަރެއް ނެތް."
"މަ ބުނީމެއްނު. ވީ އެހީތެރިކަމެއް ހަނދާނެއް ނުހުންނާނޭ. އެއީ ދުނިޔޭގެ އާދަ."
"މާ ރަނގަޅު. އަހަރެން ދެން ބޭނުންވަނީ ހަޔާތުގެ ބާކީ ދުވަސްކޮޅު މި ލޯބި އީރް އާއެކީ މިތާ ހޭދަކޮށްލަން." އިނާޒު އީރަމް ގާތްކޮށްލިއެވެ. އީރަމް ފުރިހަމަ އިޚްތިޔާރުގައި އިނާޒުގެ މޭގައި ލައްވެލިއެވެ. އެގޮތުގައި ސިކުންތު ކޮޅެއްވަންދެން އެމީހުންނަށް ތިބެވުނެވެ. އެކެއްގެ ނޭވާ އަނެކަކަށް އެޅޭ ވަރަށެވެ.
"ކީއްވެ ރޮނީ؟" އިނާޒު އީރަމް ދުރުކޮށްލާ ކަރުނަ ފޮހެލައިދިނެވެ.
"މީ ރޯންވީ ވަގުތެއްނޫން. އުފާކުރޭ. ދެން އިރާދަކުރެއްވިޔާ އަހަރެމެން ތިބޭނީ އަބަދުވެސް އެކީގައި." އިނާޒު އަނެއްކާވެސް އީރަމް ގާތްކޮށްލިއެވެ. އޭނާގެ ހަށިގަނޑުގައި ލައްކޮށްލިއެވެ. އަދި ދެމީހުން އެކުގައި ތިރީގައި އިށީނދެލިއެވެ. ދުވަހަކުވެސް މިހާވަރަށް ނުރޯ އީރަމް ރޯތަން ފެނުމުން އިނާޒު ހައިރާންވިއެވެ.
"މި ހުރިހާ ދުވަސްވީއިރުވެސް އީރަމް ތިހާވަރަށް ރޯތަނެއް ނުދެކެން."
"ނޭނގެ. މިއަދު އަހަރެން ބޭނުންވަނީ ހުސް ރޯން." އީރަމް ބުނެލިއެވެ.
"އީރަމްގެ އެއްވެސް ވާހަކައެއް އަހަރެންނަކަށް ކިޔައެއްނުދެމެއްނު. މިއަދު އަހަރެމެން ދެމީހުން އެންމެ އުފާކުރަންވީ ދުވަހު އީރަމް ތިރޮނީ ކީއްވެ؟" އިނާޒު ވަނީ އީރަމްގެ ހުރިހާވާހަކައެއް އަޑުހަން ބޭނުންވެފައެވެ.
"އެއީ އަޑުއަހަން ފަސޭހަ ވާހަކަ ތަކެއްނޫން." އީރަމް ހިންދިރުވާލިއެވެ.
"ނޫން އީރަމް. ކިޔައިދީބަލަ. ކޮންއިރަކުތަ މި ގައުމަށް އާދެވުނީ؟ ކީއްވެގެންތަ މިޖަލަށް ލާންޖެހުނީ؟" އިނާޒުގެ ޝައުގުވެރިކަން ފާޅުކުރަމުން ދިޔައެވެ.
"އަހަރެންގެ މަންމައެއް ބައްޕައެއް ނުހުރޭ. މާމަ އަހަރެން ބެލީ ވަރަށް ފަގީރު ހާލުގައި. އުމުރުން ފަސްއަހަރުގައި މާމަ އަހަރެން ފޮނުވާލީ މާމަގެ ވަރަށްގާތް ރައްޓެއްސެއްގާތަށް. އެއީ މާމަގެ ބަލި ހާލަތު ހުރިގޮތުންނާއި އެމީހަކީ ދަރިން ނުލިބޭ މީހަކަށްވާތީ އޭނާ އަހަރެން ދޭން ކިޔާވަރުން. އަހަރެން އައިތާ މަހެއްވެސް ނުވަނީސް މާމަ ނިޔާވި. އެމީހުން ބުނާގޮތުން މާމަ ނިޔާވީ ބަނޑުގެ ކެންސަރުޖެހިގެން. އެމީހާ އަހަރެން ބެލީ ވަރަށް ލޯބިން. އެކަމަކު އަހަރެންނަށް ހަތްއަހަރު ވީއިރު އެމީހާއަށް ކުއްޖެއް ލިބި އަހަރެންނަށް ފަރުވާ ކުޑަކުރަންފެށި. އަހަރެންނަށް އޯގާތެރިވީ ގޭގައި އުޅޭ ގޮއިދޫ އަންހެނެއް." އީރަމް ކަރުނަ ފޮހެލިއެވެ. މާނޭވާއެއް ލިއެވެ. އިނާޒު ޝައުގުވެރިކަމާއެކު އަޑުއަހަން ހުއްޓެވެ.
އޭނާގެ ފިރިމީހާ ހަސީނަކީ ތައިލޭންޑްގެ ބެންކޮކްގައި ވެސް ވިޔަފާރި ކުރާމީހެއް. އެއްދަތުރެއްގައި އޭނާ އަހަރެން ގެންދިޔައީ ބެންކޮކަށް. ރީތި ރިސޯޓަކަށް އަހަރެން ގެންދިޔަ. މާގިނައިރެއް ނުވަނީސް އުމުރުން ދުވަސްވީ އަންހެނެއް ބޮޑު ދަބަހެއް ހިފައިގެން އައި. ހަސީން އެދަބަސް ހުޅުވާލީ އަހަރެންގެ ކުރިމަތީގައި. އޭގައި ހުރީ ހުސް ފައިސާ. އަހަރެން ކިތަންމެ ޅަޔަސް ކޮންމެވެސް ގޯސްކަމެއްގެ ބިރުވެރިކަން އިހުސާސް ކުރެވެމުން ދިޔަ. އޭނާ ދަބަސް އަތުލުމަށްފަހު އެ އަންހެން މީހާއާއި އަހަރެން ހަވާލުކުރި. އަހަރެން ވަރަށް ރުއިން. އޭރު އަހަރެންގެ އުމުރުން އެންމެ ނުވަ އަހަރު." އީރަމްއަށް ގިސްލެވެން ފެށުނެވެ.
"އީރަމް. އަހަރެން ވަރަށް ދެރަވެއްޖެ." އިނާޒު ދެއަތުން އީރަމްގެ ދެއަތުގައި ހިފާލިއެވެ. އަދި އަތްނަގާ އޭނާގެ ތުންފަތުގައި ޖައްސާލިއެވެ.
"އެ އަންހެންމީހާ އަހަރެން ގެންދިޔައީ ވަރަށް ދުރުގައި ހުރި ބޮޑު ގަނޑުވަރެއްކަހަލަ ގެއަކަށް. ވަށައިގެން ފެންއަރުވާ ވަޑާންތަކާއި ރީތި ބަގީޗާތައް ތެރޭން ލާފައި ކާރު މަޑުކޮށްލީ ދުވަހަކުވެސް ނުދެކޭ މުއްސަނދި ގެއަކަށް." އީރަމް އިނާޒަށް ބަލާލިއެވެ. އޭނާއަށް ހަޔާތުގައި މިވީ ފަންސަވީސް އަހަރުގެ ތެރޭގައި ފެނުނު މީހުންގެ ފަރާތުން ފެނުނީ މަކަރުވެރިކަމެވެ. އަމިއްލަ އެދުމާއި އަނެކާ ނިކަމެތި ކޮށްލާތަނެވެ. ނަމަވެސް އިނާޒުގެ ފުށުން ފެންނަނީ މައުސޫމުކަމެވެ. އޭނާގެ ވާހަކަތައް އެހުމަށްޓަކައި ކެތްމަދުވެފައި ވާތަނެވެ.
"އަޅެ އަހަރެންނަށް އެހީއެއްވެވޭނަމަ….." އިނާޒުވެސް އީރަމްއަށް ބަލާލިއެވެ. އަދި ވަރަށްބާރަށް އޭނާގެ މެޔާލާ ފިއްތާލިއެވެ. އީރަމްއަށް ބާރަށް ރޮވެން ފެށުނެވެ. މީހަކު އޭނާއަށްޓަކައި ހަމްދަރުދީ ވާތަން ފެނުމުން އޭނާއަށް ވަނީ މާބޮޑަށް އަސަރު ކޮށްފައެވެ.
"އަހަރެން އީރަމްއަށްޓަކައި ވަރަށް ހަމްދަރުދީވަން." އިނާޒަށްވަނީ ފުންއަސަރުތަކެއް ކޮށްފައެވެ.
އީރަމް އިނާޒުގެ ފައިމަތީ ބޯއަޅާލިއެވެ. މިއަދު ފުރަތަމަ ފަހަރަށް އީރަމްއަށް ހިތްހަމަ ޖެހިލެވުނެވެ. އިނާޒުގެ ފުށުން އޭނާ ބިރުގަންނަން ޖެހޭ އެއްވެސް ކަމެއް ނުފެނެއެވެ. އަދި އިނާޒަށް ނުހަނު އިތުބާރުވެސް ކުރެވެއެވެ. މި ތަންމައްޗަކީ އޭނާއަށް ނުހަނު ހަމަޖެހުން ގެނެސްދޭ ތަނަކަށް ވެއްޖެއެވެ. އިނާޒު އީރަމްގެ އިސްތަށިގަނޑުގައި ކުޅެލަ ކުޅެލާ އީރަމްއަށް ބަލަހައްޓައިގެން ހުއްޓެވެ.
"އިނާޒު ވަރަށް ޅައުމުރުގައި މީހަކާއި އިންވާހަކަ ބުނީމެއްނު."
"އާނ. އެއީ ވަރަށް ރީތި ރަނގަޅު ކުއްޖެއް. އަހަރެން އޭނާދެކެ ވަރަށް ލޯބިވީން." އިނާޒު ފާރާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. ދެންއައީ ދެމީހުންވެސް ހިމޭންވެލި ވަގުތު ކޮޅެކެވެ. އެއީ އާދަޔާ ޚިލާފު ހިމޭންކަމެކެވެ.
"ހިތްވަރު ގަދަކުއްޖެއް. އެކަމަކު މިހާ ހިތްވަރުގަދަ ކުއްޖެއްގެ ވާހަކައެއް ދުވަހަކުވެސް ނާހަން." އިނާޒު އީރަމްއަށް ބަލާލިއެވެ. އޭރު ލިބިފައިވާ ވަރުބައްޔާއި އަޅާވޭނުގެ ސަބަބުން އީރަމްއަށް ވަނީ ނިދިފައެވެ. އިނާޒު ފުންނަޒަރަކުން އީރަމަށް ބަލާލިއެވެ. ފެންނަފެނުމުގައި ޔޫރަޕު ކުއްޖަކާ ތަފާތެއްނެތެވެ. ހުދުދޮން ހަށިގަނޑާއި ފުރިހަމަ މޫނެވެ. މުށިކުލައިގެ އިސްތަށިގަނޑެވެ. ނަމަވެސް ފުރިހަމަ ދިވެއްސެކެވެ. އިނާޒަށް މި މައުސޫމް ކުއްޖާއަށް ބަލަން ހުރެވުނީ ކިހާ އިރެއް ކަމެއްވެސް ނޭނގެއެވެ. ކުއްލިއަކަށް އީރަމް ހަޅޭއްލަވައިގަތެވެ. އަދި ލޯހުޅުވާލިއެވެ. އިނާޒު ދިޔައީ ސިއްސައިގެންނެވެ.
"މާފުކުރޭ. އެއީ އަހަރެން ގަސްދުގައި ކުރި ކަމެއްނޫން. މިއީ އަހަރެންނަށް އާއްމުކޮށް ވާގޮތެއް." އީރަމް ހަމަޖެހިލިއެވެ.
"އަހަރެން މިހުރީ އީރަމްގެ ވާހަކަ އަޑުއަހާ ހިތުން ކެތްމަދުވެފައި."
"އެއީ އެހާ ރީތި ވާހަކަތަކެއް ނޫން." އީރަމް ލޯމަރާލިއެވެ. ހުރިހާކަމެއް އޭނާގެ ކުރިމަތީގައި ސިފަވަމުން ދިޔައެވެ. މިހުރިހާ މަންޒަރުތަކެއް އިނާޒުގެ ކުރިމައްޗަށް ހުށައަޅަމުން ދިޔައެވެ.
(ނުނިމޭ)
