ކާމިޔާބުގެ ވެރިއަކަށްވުމަށް "އެހެން މީހުންނަށް" ޖާގަދޭން ޖެހޭ

ދިރިއުޅުމުގެ ޙަޔާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަކީ ކޮންމެ މީހަކުވެސް އެދޭނެކަމެވެ. އެކަން ޙާސިލްކުރުމަށް އެކިމީހުން ގެންގުޅޭ ތިޔަރިއާ މޮޑެލް ތަފާތެވެ. ޢަމަލުކުރާކުރާގޮތާއި އުސޫލުތައް ތަފާތެވެ. އިސްލާމީ މަޝްހޫރު ޢިލްމުވެރިއެއްކަމަށްވާ ޑރ. ޢާއިޝް އަލްޤަރަނީ ވިދާޅުވެފައިވެއެވެ. ކާމިޔާބަކީ ހަދިޔާއެއްހެން ލިބޭނެ އެއްޗެއް ނޫނެވެ. އަދި މަސައްކަތަކާ ނުލައި ލިބޭނެ ޝަރަފެއްވެސް ނޫނެވެ. ކާމިޔާބާ ހަމަޔަށް ދިއުމަށްޓަކައި ގަދައަޅައި ހިތްވަރާއެކު މަސައްކަތް ކުރަންޖެހެއެވެ.

ޕްރޮފެސަރ ޙަސައިން އުގެއިލް ވިދާޅުވެފައިވެއެވެ. "އަހަރުމެންގެ ތެރެއިން އެންމެ މޮޅެތި މީހުން ވެސް އެމީހުންގެ ލަނޑުދަނޑިތައް ހާސިލްވެދާނެ ކަމާމެދު ހިތުގައި ސުވާލު އުފައްދައެވެ. ޝައްކަކީ ކުރިއަށް ދިޔުމަށް ލިބޭ ހިތްވަރެއް ކަމަށް ބަލައިގެން، އުންމީދުތައް ހާސިލްކުރުމަށް މަސައްކަތް ކުރުމަކީ ހަޤީޤީ ކާމިޔާބުވެރިންގެ ސިފަތަކުގެ ތެރެއިން ސިފައެކެވެ"

އެމެރިކާގެ ޓެކްސަސްއަށް އުފަން ޓީވީގެ ހުށަހެޅުން ތެރިއެއްކަމަށްވާ ޑެވިޑް ބްރީންކްލީ ވިދާޅުވެފައިވެއެވެ. "އަހަރެންގެ ކާމިޔާބީގެ ބިނާ އަހަރެން ބިނާކުރީ އެހެންމީހުން އަހަރެންނާ ދިމާއަށް އުކި އޮއްގަލުންނެވެ."

މިއީ މިއަދުގެ ޒުވާނުން ދަސްކުރަންޖެހޭ ޙަޤީޤަތެކެވެ. ދުނިޔޭގައި ކާމިޔާބު މީހުންގެ ލިސްޓުން ޖާގަ ހޯދާފައިވާ ބޭބޭފުޅުން އެ ބޭފުޅުންގެ ޙަޔާތުން ދަސްވި ފިލާވަޅުތައް އެވަނީ ބުނެދީފައެވެ. އެއީ ހަމައެކަނި ރީތި ބަސްކޮޅެއްގެ ގޮތުގައި ލިޔެލުމަށް ދޫކޮށްފައިވާ ހަދިޔާއެއްނޫނެވެ. އެއީ ޢިބްރަތް ހާސިލްކޮށް ކާމިޔާބާހަމައަށް ވާސިލްވުމަށްޓަކައި ދަސްކުރަންވީ ފިލާވަޅުތަކެކެވެ. އިބުރަތް ހޯދަންވީ މެސެޖުތަކެކެވެ. ތިމާއަށް އަމާޒުވާ ފާޑުކިޔުންތަކާ ގޮންޖެހުންތައް އަބަދުވެސް ހުންނާނެއެވެ. ދިރިއުޅުމުގައި އެފަދަ ކަމަކާ ކުރިމަތި ލާން ނުޖެހޭނެ މީހުން ވަރަށް މަދުވާނެއެވެ. އެހެންނަމަވެސް ދިރިއުޅުމުގައި ތިމާއަކީ ކާމިޔާބު ޙަޔާތެއްގެ ވެރިއަކަށްވުން އެދޭނަމަ އެހެންމީހުންގެ ފާޑުކިޔުމަށް ފުރުޞަތު ދޭންޖެހެއެވެ. ހަމައެއާއެކު ފާޑުކިޔުންތައް ބަލައިގަންނަންވެސް ޖެހެއެވެ.

ތިމާއަށް ކުރިމަތިވާ ގޮންޖެހުންތަކާއި އުނދަގޫތަކުގެ ސަބަބުން ތިމާ ޙާސިލުކުރަން އެދޭކަމެއް ޙާސިލުކުރުމުގައި ފަސްޖެހޭ މީހަކަށް އެނޫން ދުވަހެއް ނާންނާނެއެވެ. ދިރިއުޅުމުގެ ދަތުރަށް ނުކުންނަންވާނީ ގޮންޖެހުމާއި ފާޑުކިޔުންތަކާއި ހުރަސްތައް ކުރިމަތިވާނެކަން ދަނެގެންނެވެ. އެކަން ޤަބޫލުކުރުމާއެކުގައެވެ. އެއިން ޢިބުރަތްޙާސިލުކުރުމަށް ވިސްނައިގެންނެވެ.

އެމެރިކާގެ ކުރީގެ ރައީސެއްކަމަށްވާ ރޮނާލްޑް ޑްރޭގަން ވިދާޅުވެފައިވެއެވެ. ކުރިމަތިވާ ހުރަސްތަކާއެކުވެސް ކުރަން ބޭނުންވާކަމެއް ކުރުމަށް މަސައްކަތްކުރުމަކީ އޭނާގެ ކާމިޔާބީގެ ހަޤީޤީ ސިއްރެވެ. މިއީ ވަރަށް ބޮޑު ޙަޤީޤަތެވެ. ދިރިއުޅުމުގެ ދަތުރުގައި ދަސްކުރަންޖެހޭ ފިލާވަޅެކެވެ. ދިރިއުޅުމުގެ ދަތުރުގައި ހުރަސްކުރަންޖެހޭ ހުރިހާ ކަނޑަކީ ރާޅާއި އޮއިވަރު އެއްވަރުވާނެ ކަނޑުތަކެއް ކަމަށް ނުދެކޭށެވެ. ބިޔަރާޅާ ގަދަ އޮއިގާވެސް ދުއްވަންޖެހޭނެއެވެ. ގަދަވަޔާ ބޯކެރީގައިވެސް ދަތުރުކުރަން ޖެހޭނެއެވެ. މިއީ ދިރިއުޅުމުގައި ދަސްވެނިވާން ގިރާކުރަންޖޭ ކަންކަމެވެ.

މިކަމުގެ އެންމެ ފުރިހަމަ ނަމޫނާ ދައްކައިދިފައިވަނީ މިއުންމަތުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަޞައްލަމްއެވެ. އެކަލޭގެފާނުންގެ ދިރިއުޅުމުގެ ޙަޔާތް ކާމިޔާބު ޙަޔާތެއްގެ ގޮތުގައި ކުރިއަށް ގެންދިއުމުގައި އަޑުއެއްސެވިއެވެ. މައްކާގެ މުޝްރިކުންނާއި މަދީނާގެ ޔަހޫދީންގެ ފުރައްސާރަތަކާއެކު ޢިބުރަތް ޙާސިލުކުރެއްވިއެވެ. ފުރިހަމަ އަޤީދާގެ މަތީގައި ދެމިހުންނެވިއެވެ. ތަޤުވާވެރިކަން އިސްކޮށް، މާތްﷲއަށް ވަކީލުކުރެއްވިއެވެ. ދުޢާކުރެއްވުން ގިނަކުރެއްވިއެވެ. ކޯފާމަޑުކުރެއްވިއެވެ. ކަންކަން ހާސިލްކުރުމުގައި އަޑުއެއްސެވުމާއެކު ކެތްތެރިކަމާއި ޙިކުމަތްތެރިކަން އިސްކުރެއްވިއެވެ. ފާޑުކިޔުންތަކާއެކުވެސް ހަވާލުވެވަޑައިގެންފައިވާ މަތިވެރި މަސައްކަތް ކާމިޔާބުކަމާއެކު ޙާސިލުކުރެއްވިއެވެ.

މިއީ ދުނިޔެ ބަދަލުކޮށްލި ޞާހިބާގެ ދިރިއުޅުމުން ފެންނަ ޙަޤީޤަތެވެ. އެކަލޭގެފާނުންގެ ޞަހާބީންގެ ދިރިއުޅުއްވުން ދަސްކޮށްދޭ ފިލާވަޅުތަކެވެ. އެހެންކަމުން މިއަދު އަޅުގަނޑުމެންގެ ދިރިއުޅުން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ކެތްތެރިވާންޖެހެއެވެ. އެހެންމީހުންގެ ފާޑުކިޔުންތަކާ، ބުނުންތަކަށް ޖާގަދޭންޖެހެއެވެ. ދިރިއުޅުން ބިނާކުރުމަށް ތިމާ ދުނިޔެއަށް ފޮނުވުނު މަޤުޞަދާއި ބޭނުން ހަނދާން ކުރަންޖެހެއެވެ. މިއީ ކާމިޔާބަށް އެދޭ މީހާ ދަސްކުރަންޖެހޭ ފިލާވަޅުތަކެވެ. ޢިބުރަތް ޙާސިލުކުރުންޖެހޭ ޙަޤީޤަތްތަކެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *