ވާހަކަ: އީރަމް (16)

(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)

"އެކަން ވާނެހެންނެއް ހިޔެއްނުވޭ. އިނާޒު ހަމަޔަގީނުންވެސް މިހާރުވާނީ މީހެއްގެ ފިރިޔަކަށް. އެތައްކުދިންގެ ބައްޕައަކަށް. އެހެންނަމަވެސް އަހަރެން ބޭނުމީ އިނާޒުގެ ހަނގުއަނތްބަށް ނަމަވެސް ވާން."

"އީރަމް." އިނާޒު އުފަލުން ހަޅޭއްލަވައިގަތެވެ. އަދި އީރަމްގެ އަތުގައި ހިފާލިއެވެ.

"ހަމަރަނގަޅަށްތަ؟ ތީ އެއްވެސް ކަމެއްނޫން. އަހަރެންގެ ދޮށީއަނތްބަށްވެސް އަދި ހަނގު އަނތްބަށްވެސް ވާނީ މި ލޯބި އީރަމް. އަހަރެންގެ ހުރިހާ ކުދިންގެ މަންމައަކަށްވާނީވެސް އީރަމް."

"އަހަރެން ހީކުރީ މިހާރު ހުންނާނީ…."

"މީހަކާއި އިނދެ ބައިވަރު ދަރިން ލިބިފަޔޭ. އެހެން ހިތަށް އެރުވުންވެސް އެއީ ގޯހެއް. އަހަރެން އީރަމްގެ ހަނދާނުގައި މިހުރިހާ ދުވަހު އުޅުނީ ކޮންފަދަ ހާލެއްގައި. އެވާހަކަތައް ބަހައްޓާ. އިހަށް އެތެރެއަށް ހިނގާ. ވާހަކަ ދައްކާނީ ފަހުން." އިނާޒު އީރަމްގެ އަތުގައި ހިފައިގެން އެތަނަވަސް ގެއަށް ދިޔައެވެ. ފެންވަރާލާ ތާޒާ ވެލައިގެން ނިކުތްއިރު އީރަމްގެ އިންތިޒާރުގައި ސިޓިންރޫމްގައި އިނާޒުއިނެވެ.

"ވާހް. ޖަލުން ފެނުނުނު އިރަށްވުރެ މިހާރު މާރީތިވެފައި ފުރިހަމަ." އިނާޒު ތެދުވެގެން އީރަމް ގާތަށް ދިޔައެވެ.

"ދުރުގައި ހުރޭ…. އަދި އެންމެ ފުރުސަތެއްވެސް ދެވޭކަށް ނެތް." އީރަމް އައިކޮޅަށް ދުއްވައިގަތެވެ. އިނާޒުވެސް އީރަމްގެ ފަހަތުން ދުވުނެވެ. މުޅި ހަޔާތުގައިވެސް އިނާޒު މިހާ އުފަލެއް ނުވެއެވެ. އެންމެ ފަހުން އީރަމް ވަރުބަލި ވެގެން ސޯފާގައި އިށީނެވެ.

"އާދެވުނު މޮޔަ މިހާރު ހިތަށް އެބައަރާ."

"ކިހިނެއްވީ؟"

"އަދި މިއަދު މިހުރީ ބަނޑަށް އެއްވެސް އެއްޗެއްނުލާ."

"ވަރަށްބޮޑަށް މާފުކުރޭ. ލިބުނު އުފަލެއްގެ ބޮޑުކަމުން ކާންވެސް ހަނދާން ނެތުނީ. ހިނގާ މިރަށުގައި ހުރި ހަމައެކަނި ރެސްޓޯރެންޓަށް."

ދެމީހުން ރެސްޓޯރެންޓުން ކައިގެން އަތިރިމަތީ ހިނގާލަންދިޔައެވެ. ދެމީހުންވެސް ދެމީހުންގެ ހަޔާތުގައި ހިނގާދިޔަ ހުރިހާކަމެއް ހިއްސާކުރިއެވެ.

"ނުހައްގުން ބަންދު ކުރެވުމުން އަހަރެންނަށް އެތައް ފައިސާއެއް ލިބުނު. އަދި ރަނާގެ އާއިލާގެ ހުރިހާއެއްޗެއްވެސް ދިވެހި ސަރުކާރުން ހަވާލު ކުރީ އަހަރެންނާ. އަހަރެން ބޯޓެއްގަނެ މުދާ އެތެރެކޮށް އެ ވިޔަފާރި ފުޅާކުރީ. މިހާރު ދެބޯޓުގެ އިތުރުން  ގެސްޓްހައުސާއި މި ކޮލެޖް މިހުރީ ހެދިފައި. އަދި އީރަމަށްޓަކައި އަހަރެން ތައްޔާރުކުރި އަގުބޮޑު ހަދިޔާއެއް ހުންނާނެ. މާދަމާ ކައިވެނީގެ ކަންތައް ހަމަޖެއްސުމަށްޓަކައި މާލެދާނަން. އޭރުން އެ ހަދިޔާ ފެނުމުންވެސް އީރަމަށް އިހުސާސް ކުރެވޭނެ އަހަރެން ކިހާ ލޯތްބެއް ވާކަން." އިނާޒު ހުރީ އީރަމްގެ އަތުގައި ހިފައިގެންނެވެ.

"ނޫން. އިނާޒުގެ މަސައްކަތް މިކޮޅުގައި އެބަހުއްޓެއްނު. އެހެންނޫނަސް އަހަރެން ކައިވެނި ކުރަން ބޭނުމީ އަމާން ހަމަހިމޭން މި ރަށުގައި. އޭރުން މާ މަޖާވާނެ." އީރަމް ޅަވެލިއެވެ.

"އެންމެރަނގަޅު. ކަމަނާ ވިދާޅުވި ގޮތެއް. އެކަމަކު މިތާ ކިހިނެއް ޕާޓީ ބާއްވާނީ؟"

" ކީއްކުރަން ބާއްވާ ޕާޓީއެއް." އީރަމް ބާރަށް ހީނގަތެވެ.

"ކަނބުލޯ. މިހާރުގެ ޒުވާން ކުދިންނަށްވުރެ އަދިވެސް ކަމަނާ މާ ރީތި. މިހާ ލޯބި ކުއްޖެއް އަހަރެން ހަޔާތުންވެސް ނުދެކެން. ފަޚުރުވެރިކަމާއެކު އަހަރެންގެ މިލްކަކަށް ވާތަން ދެކެން އަހަރެން ވަރަށް ބޭނުން." އިނާޒު އީރަމްގެ އަތަށް ފިތާލިއެވެ.

"އަހަރެންނަކީ ތިހާ ތައުރީފް ހައްގު މީހެއްނޫން. އަހަރެންނާ އިނާޒު އެކަށީގެންނެއް ނުވޭ." އީރަމްގެ މާޒީ ހަނދާންވުމާއެކު ރޮވުނެވެ.

"އެއީ އީރަމްގެ މައްސަލައެއް ނޫން. އަހަރެން އީރަމްދެކެ ލޯބިވަނީ ހުރިހާކަމެއް އެނގިހުރެ." އިނާޒު ކަނާތުން އޭނާގެ ގައިގާ އީރަމް ލައްކޮށްލިއެވެ. އޭރު އެމީހުންނަށް ގެއާއި ކައިރިއަށް އާދެވިއްޖެއެވެ.

"އަވަހަށް ނިދަންދޭ. މާދަމާ ކައިވެނީގެ ކަންތައް ނިންމަންޖެހޭނެ. އަހަރެން ކުރަންވެފައިހުރި ވަރަށްގިނަ ކަންތައް އެބަހުރި." އީރަމަށް ހުރި ކޮޓަރީގެ ދޮރުހުޅުވާލާ ތަންދައްކަމުން އިނާޒު ބުންޏެވެ. އީރަމް އެތެރެއަށްވަނެވެ. އަނެއްކާ ދުވެފައި އައިސް އިނާޒުގެ ކޮލަށް ދޮނެއް ދިނެވެ. އަދި އަވަހަށް ދޮރުލެއްޕިއެވެ.

"ލާނެތްކުއްޖާ." އިނާޒު ދިޔައީ އޭނާގެ ކޮޓަރިއަށެވެ. އޭނާ އަވަދިނެތި ކައިވެނީގެ ކަންތައް ރާވަމުން ދިޔައެވެ. ރީނާޒާއި އައިމަންގެ ފުރިހަމަ އެހީތެރިކަން ލިބިގެން ވަރަށް މުހިންމު ރައްޓެހިން ގެނެވޭގޮތަށް އިންތިޒާމް ކުރިއެވެ. ބައިމަދު އެހެންނަމަވެސް ފުރިހަމަ ރަސްމިއްޔާތެއް ބޭއްވުމުގެ ހުރިހާކަމެއްގައި އަމަލީގޮތުންވެސް އިނާޒު ބައިވެރިވަމުން ދިޔައެވެ. ކައިވެނީގެ ރަސްމިއްޔާތާއި ކޮލެޖްހުޅުވުމުގެ ރަސްމިއްޔާތު އެއްރެއެއްގައި ކަމުން އިނާޒު އުޅެނީ ވަރަށް އަވަދިނެތިއެވެ. އެހެންކަމުން އޭނާއަށް އީރަމް ފެންނަނީ ވަރަށް މަދުފަހަރަކުއެވެ. އެކަމާ އީރަމް ޝަކުވާ ކުރެއެވެ.

"އޯ… އަހަރެންނަށް ރާއްޖެ މި އާދެވުނީ މިހާބުރަ މީހެއްގާތަށްތަ؟ ދުވާލުގެ ހުރިހާވަގުތެއް ފާއިތުވީއިރުވެސް އަހަރެން މިހުންނަން ޖެހުނީ އިނާޒުގެ އިންތިޒާރުގަ. އެކަމަކު ބުނާނެ ވަރަށް ލޯބިވެޔޭ." އީރަމް މިހެން ބުނީ ޖަޕާން ބަހުންނެވެ. އިނާޒަށް ކޮންމެވެސް ވަރަކަށް ޖަޕާންބަސް އެނގޭތީއެވެ. އީރަމްގެ ދެއަތް އިނާޒުގެ ކޮނޑުގައި އަޅުވާލިއެވެ. އެއީ އިނާޒު އައިސް އީރަމްއަށް ޚާއްޞަ ކުރެވިފައިވާ އެޕާޓްމަންޓަށް ވަދެވުނު ވަގުތެވެ.

"އަހާނ. މިއުޅެނީ މި ލޯބި ކަމަނާ އިއްޒަތުގައި އަހަރެންގެ މިލްކަކަށް ހަދާކަށްނު. ކައިވެނީގެ ފަހުން އަހަރެމެން ދާނީ ވަރަށް ހިމޭން މާހައުލަކަށް. އޭރުން ހުރިހާ ވަގުތެއް އީރަމް ގާތު އުޅެވޭނެއެއްނު. އެދުވަހުން ނުބުނައްޗޭ މަށާއި ހެދި ބޮޑު އުނދަގުލެކޭ." އިނާޒު އީރަމް އުފުލާލިއެވެ. ދެން ތިރީގައި ބެހެއްޓިއެވެ.

"މިރަށްވެސް ރަނގަޅެއްނު އަހަރެމެން އުޅެން." އީރަމް ބުންޏެވެ.

"ނޫން. އީރަމް އަދި ދުވަހަކުވެސް މޫދަކަށް ނޭރެމެއްނު. ރާއްޖޭގެ ރިސޯޓެއްގައި ހަފްތާއަކު ތިބެފައި އަހަރެމެން ދާނީ މާލެ. އެއީ އީރަމްއަށްޓަކައި ހުރި ހަދިޔާއެއް ދިނުމަށްޓަކައި."

"ތިހާވަރަށް އަހަރެންދެކެ ލޯބި ނުވޭ." އީރަމް މާޔޫސްވިއެވެ.

"އަހަނ. ދެންމެ ބުނީ އަހަރެން ލޯތްބެއް ނުވެޔޭ." އީރަމް ދެރަވެފައި ހުރިތަން ފެނުމުން އިނާޒު ސަމާސާކޮށްލިއެވެ.

"ހިނގާ ކާންދަމާ." އީރަމް އިނާޒުގެ އަތުގައި ހިފާލިއެވެ.

"ނޫން ވަގުތެއްނެތް. ދާން އެބަޖެހޭ. އެންމެފަހުން މާދަމާ އަހަރެމެންގެ ކައިވެނި މިކުރެވެނީ. އަދިވެސް އަހަރެންނަށް ހީވަނީ މީ ހުވަފެނެއް ކަހަލަ ކަމެއްހެން."  އިނާޒު އެހިއެވެ.

"އަހަރެންނަށްވެސް ގަބޫލުކުރަން އަދިވެސް އުނދަގޫ."

"ދެން ނުކާނަންތަ؟" އީރަމް އަނެއްކާވެސް ބުނެލިއެވެ.

"މިރެއަކުނޫން. އެހެންނޫނީ މާދަމާއަކަށް މި ހުރިހާ ކަމެއް ނުނިންމޭނެ." އިނާޒު ނިކުތެވެ. އިނާޒު ގޮސްގެއްލެންދެން އީރަމް ބަލަން ހުއްޓެވެ. ޒަމާންތަކަކަށް ފަހު އީރަމް ހިތްހަމަޖެހިލައިގެން ނިދަން އޮށޯތެވެ.

 

އެހެން ދުވަސްދުވަހު ހެނދުނު ދިހައެއް ޖަހަންވާއިރަށް ދެތިން ހަތަރުފަހަރު އިނާޒަށް އީރަމް ގުޅައެވެ. ނަމަވެސް މިއަދު އީރަމްގެ ޚަބަރެއް ނުވުމުން އިނާޒު ކަންބޮޑުވިއެވެ. އޭނާ ދެފަހަރަކު އީރަމްއަށް ގުޅުމުންވެސް ފޯނެއް ނުނަގައެވެ. ހާސްވެފައި ހުރި އިނާޒަށް ދެވުނު އެންމެ އަވަހަކަށް އީރަމްގެ އެޕާޓްމަންޓަށްދިޔައެވެ. ދެތިންފަހަރަކު ޓަކިޖެހިއެވެ. ނަމަވެސް ޚަބަރެއް ނުވިއެވެ. ނޭނގޭ ބިރުވެރިކަމެއް އިނާޒުގެ ހިތުގައި ހިނގައި ގަތެވެ. އީރަމަށް ދެރަ ގޮތެއް ވެއްޖެނަމަ އޭނާ މޮޔަ ވެދާނެއެވެ. އެންމެފަހުން އޭނާގެ އަތުގައި އޮތް ތަޅުދަނޑިން ދޮރު ހުޅުވާލިއެވެ. ސިޓިންރޫމުން ވަދެގެން ދިޔައިރު ވެސް މުޅި ތަނަށް ވެރިވެފައިވަނީ ހިމޭންކަމެވެ. އީރަމްގެ ނިދާ ކޮޓަރީގެ ދޮރު ހުރީ ހުޅުވިފައެވެ. އޭނާ މަޑުމަޑުން ކޮޓަރިޔާ ދިމާއަށް ދިޔައެވެ.

ބަނޑުވަތަށް ސޯފާމަތީގައިއޮތް އީރަމް ފެނުމުން އިނާޒުގެ ކަންބޮޑުވުން އިތުރުވިއެވެ.

"އީރަމް. އީރަމް." އިނާޒު ބާރަށް ގޮވަމުން ދިޔައެވެ.

"އުނ." ލޯ އުނގުޅަމުން އުނގުޅަމުން އީރަމް ތެދުވިއެވެ.

"އަލްހަމްދު ލިﷲ. އީރަމް ރަނގަޅުދޯ." އިނާޒު ހަމަޔަކަށް އެޅުނެވެ. އޭނާ އީރަމް ގެ އަތުގައި ހިފާލިއެވެ.

"ކިހިނެއްވީ. ކީއްވެ މާހާސްވެފަ ތިހުރީ."

"އެހެންޏާ ދިހައެއް ޖަހަންވާއިރު އަހަރެންގެ ފޯނަށް އެތައް މެސެޖެއް ލިބޭނެ. ކިތަންމެ ފަހަރަކު ގުޅާނެ. މިއަދު ޚަބަރެއް ނުވުމުން ބިރުގަތީ." އިނާޒު ލޯތްބާއެކު ބުނެލިއެވެ.

"ދުވަހަކުވެސް ނުނިދާ ވަރަށް ރޭގައި ނިދިއްޖެ. ކުރިން ނުލިބި ހުރި ނިދިތަކާއި އެކީގައި ކަންނޭނގެދޯ."

"އަވަހަށް ތައްޔާރުވެލާބަލަ. ހިނގާބަލަ ކައިވެނީގެ ރަސްމިއްޔާތާއި ޕާޓީ އޮތްތަން ކަމުދޭތޯ ބަލާލަން. މިހާރުދެން ހުރިހާކަމެއްހެން ނިމެނީ. ރީނާޒުވެސް ބޭނުންވޭ އީރަމްގެ ބަހެއްވެސް މިކަމުގައި ހޯދަން." އިނާޒު ބުނެލިއެވެ.

އީރަމް އަވަސް އަވަހަށް ތައްޔާރުވެލިއެވެ. ދެމީހުން އެކީގައި ނިކުމެގެން ހޯލްކައިރިން ނިކުތުމަށްޓަކައި ހިނގައިގަތެވެ.

"މަޑުކޮށްލަބަލަ." އަބަދުވެސް ތަޅުލާފައި ހުންނަ ކޮޓަރި ފެނުމުން އީރަމް ބުންޏެވެ. އެ އިމާރާތުގެ ހުރިހާ ތަނަކަށް އޭނާވަނީ ވަދެފައެވެ. ނަމަވެސް ދުވަހަކުވެސް އެކޮޓަރިއަކަށް އޭނާ ނުވަދެއެވެ. އިނާޒުވެސް އެތަނަށް ވަންނަތަނެއް އޭނާ ނުދެކެއެވެ. މިއަދު ހަމަ ކުއްލިއަކަށް އެކޮޓަރި ބަލާހިތްވީ ކީއްވެގެން ކަމެއް އޭނާއަކަށްވެސް ނޭނގެއެވެ.

"ހިނގާބަލަ މިތަން ބަލާލަން." އީރަމް ޖެހިލުމެއްނެތި ބުންޏެވެ.

"ކީއްކުރަން. މިހާރަކުނޫން."

"ކިހިނެއްވީ. އެއްވެސް މީހަކު މިތާކަށް ނުވަދޭ."

"ދެން ހިނގާބަލަ ދާން."

"އިނާޒު ކަމެއް ފޮރުވަނީތަ. ކައިވެނީގެ ކުރިން އެއްވެސް ކަމެއް ފޮރުވާކަށް ނުވާނެ." ސަމާސާ ރާގެއްގައި އީރަމް ބުންޏެވެ. އީރަމް ސަމާސާއަކަށް މި ބުނިބަހުން އިނާޒަށް އެތައް އަސަރުތަކެއް ކުރިއެވެ.

"އެންމެ ރަނގަޅު. ހިނގާ."

"އެއީ އެހެން ބުނި އެއްޗެއްނޫން." އީރަމްއަށް ވާހަކަ ދެއްކުނު ގޮތުން ދެރަވިއެވެ.

"ނޫން. ހިނގާ. އީރަމް އެހާ ބަލާހިތްވަންޏާ ޖެހޭނީ ވަދެލަން."

އެއީ ރަނާގެ ކޮޓަރިއެވެ. ރަނާގެ ކޮޓަރި ވަނީ އެހުރިގޮތަށް އަދިވެސް ބަހައްޓާފައެވެ. އެތަނަކަށް އެއްވެސް މީހަކު އަދި މިހާތަނަކަށް ވަދެފައެއް ނުވެއެވެ. އެގެ ފަޅުވީފަހުން ރަށުމީހުންވެސް ބަލަނީ އެއީ އާދަޔާ ޚިލާފަށް ނާމާން ތަނެއް ކަމުގައެވެ. އެހެންކަމުން އެތަނަށް އެއްވެސް ގެއްލުމެއް ވެފައެއް ނެތެވެ. އޭނާވެސް އެތަން ބަދަލެއް ނުގެނެސް ބަންދުކޮށްފައި ބެހެއްޓީ ރަނާގެ ހަނދާނުގައެވެ. އިނާޒު އަދިވެސް ރަނާއަށް ގަދަރު ކުރެއެވެ. މަޑުމަޑުން އިނާޒު އެކޮޓަރި ހުޅުވާލިއެވެ. ވަށައިގެން ފެންނަނީ ދުވަސްވީ ތަނެއްކަމުގެ އަލާމާތެވެ. ކުޑަ ކޮޓަރީގައި އެންމެ ކުރިންވެސް ބަހައްޓާފައި ހުރި އެނދާއި ސޯފާ އަދިވެސް ހުރީ އެހުރިގޮތަށެވެ. އެ އެނދުގައިވަނީ އެންމެފަހުން ރަނާ ނިދިއިރު އޮތް މަޑު ފިޔާތޮށިކުލައިގެ ބެޑްޝީޓެވެ. އީރަމް ހައިރާންކަމުން ފުރިގެންވާ ނަޒަރަކުން އިނާޒަށް ބަލާލިއެވެ.

"މީ އަހަރެމެންގެ ކޮޓަރި. މި ކޮޓަރީގެ ހުރިހާތަނެއްވެސް އަދި އެއްޗިއްސެއްވެސް މިހުރީ ރަނާ ވިހަން ކުޅުދުއްފުއްޓަށް ފުރި އިރު ހުރިގޮތަށް." އިނާޒު މަޑުމަޑުން ބުނެލިއެވެ.

"ކީއްވެ؟" އީރަމް ހުރީ ހައިރާންވެފައެވެ.

"އެއީ…ނޭނގެ." އިނާޒު ބުނާނެ އެއްޗެއް ނެތީއެއް ނޫނެވެ. ނަމަވެސް އޭނާއަށް އެދުވަސްތައް ލޮލުގެ ކުރިމައްޗަށް ސިފަވަމުން ދިޔަކަހަލައެވެ. އެ ހިތްވަރުގަދަ އަންހެން ކުއްޖާގެ ކެތްތެރިކަމެވެ. އޭނާއަށް ނުހަނު އޯގާވެރިވި ރަނާ އޭނާގެ ކުރިމަތީގައި ކަނޑުވެގެން ދިޔަތަނެވެ.

"ކީކޭ." އީރަމް ޝަކުވާގެ ރާގެއްގައި ބުންޏެވެ.

"އީރަމް. އެއީ ވަރަށް ހިތްވަރުގަދަ ރަނގަޅު ކުއްޖެއް. މިއީ އޭނާގެ ހައްގުގައި ކުރެވޭނެ ވަރަށް ކުޑަކަމެއް. އިތުރަށް ދެން ސުވާލު ނުކުރޭ. އޭނާގެ ނިމުން އައިގޮތް އަހަރެން ވާނީ އީރަމްއަށް ކިޔައިދީފައި." އިނާޒު އަނެއްފަރާތަށް އެނބުރުނެވެ.

"މާފުކުރޭ އިނާޒު. ފަހަރެއްގައިވެސް އަހަރެން ރަނާއަކަށް ހަސަދަވެރިއެއް ނުވަން." އީރަމް ދެރަވިއެވެ. އަދި ޝައުގުވެރިކަމާއެކު މުޅި ކޮޓަރިއަށް ބަލަމުން ދިޔައެވެ. އޭނާ މަޑުމަޑުން ކިޔަވާ މޭޒު ކައިރިއަށް ދިޔައެވެ. ނުހަނު ތަރުތީބުކޮށް ބަހައްޓާފައިހުރި ފޮތްތަކުގައި އަތް ކާއްތާލިއެވެ. އެއީ ބޯ ފޮތްތަކެކެވެ. ވަރަށް އިލްމުވެރި މީހަކު ނޫނީ ނުގެންގުޅޭނެ ފަދަ އެކި ބަސްބަހުގެ ފޮތްތަކެކެވެ. އީރަމް ފަރުވާތެރިކަމާއެކު އެމޭޒުގެ ވަތްގަނޑުތައް ހުޅުވަމުން ދިޔައެވެ. ކުއްލިއަކަށް އޭނާއަށް ބަލާލެވުނީ އިނާޒަށް ޖަހާފައިވާ ކަޅުކުލައިގެ ބޯ ބޭރުގަނޑެއް ލީ ކުޑަ ފޮތަކަށެވެ.

"ރަނާގެ ފަރާތުން…އިނާޒަށް" އީރަމް ވަރަށް ކޮށިކޮށް ކިޔާލިއެވެ." އޭރު އިނާޒަށް ފޯނެއް އައުމުން އިނާޒަކަށް އެފޮތެއް ނުދެއްކުނެވެ.

"އަވަހަށް އާދޭ އީރަމް. އެމީހުން އެގުޅަނީ އަހަރެމެން ލަސްވެގެން." ނިކުންނަން ހިނގައިގަންނަމުން އިނާޒު ބުންޏެވެ.

އީރަމް އެފޮތް އޭނާގެ އަތްދަބަހަށް ލިއެވެ. އެފޮތުގައި އޮތީ ކޮންއެއްޗެއްތޯ އޭނާ ބަލާހިތްވެއެވެ. ރަނާއަށް ވުރެ ބޮޑަށް އިނާޒަށް ލޯބިދޭ މީހެއްގެ ގޮތުގައި އީރަމް ވާން ބޭނުންވެއެވެ. ރަނާއާއި އިނާޒުގެ ލޯބީގެ ކިތަންމެ ކަމެއް އެފޮތުގައި ވާނެކަމަށް އޭނާއަށް ގަބޫލު ކުރެވޭތީއެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *