އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއަށް ފްރާންސްގައި ލިބެން ޖެހޭ އިހުތިރާމް ނުލިބުނުކަމާއި މެސީއާއެކު އެއް ޓީމަކަށް ކުޅުމަކީ އޭނާއަށް ލިބުނު ފަޚުރެއް ކަމަށާއި، މެސީ ފްރާންސްގެ ޕީއެސްޖީ ދޫކޮށް ދިއުމަކީ ހިތާމަވެރި ޚަބަރެއް ކަމަށް އެޓީމުގެ ފޯވާޑް ކިލިއަން އެމްބާޕޭ ބުނެފިއެވެ.
މެސީ ވަނީ މި ސީޒަނަށްފަހު ޕީއެސްޖީ ދޫކޮށްލަން ނިންމާފައެވެ. އެ ނިންމުން މެސީ ނިންމި ނަމަވެސް، ޕީއެސްޖީން ބޭނުންވީ އޭނާގެ އެއްބަސްވުން އައު ކުރުމަށެވެ. ޕީއެސްޖީ ދޫކޮށްލުމަށް ފަހު މިހާރު މެސީ ވަނީ އެމެރިކާ ލީގުގެ އިންޓަ މިއާމީ އަށް ބަދަލުވާން ނިންމައިފަ އެވެ.
އެމްބާޕޭ ބުނީ، މެސީ އަކީ ފުޓުބޯޅައިގެ ތާރީޚުގައި ވެސް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށާއި މެސީ ފަދަ ކުޅުންތެރިޔަކު ޕީއެސްޖީ ދޫކޮށްލަން ނިންމި ޚަބަރަކީ އުފާވެރި ޚަބަރެއް ނޫން ކަމަށް އެމްބާޕޭ ބުންޏެވެ. މީގެ އިތުރުން މެސީ ޕީއެސްޖީގައި ހޭދަ ކުރި ދެ އަހަރަކީ އެމްބާޕޭ އަށް ވަރަށް އުފާވެރި ދެ އަހަރު ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
