ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ޗެލެންޖް ކަޕްގެ ފުރަތަމަ ދެ މެޗުން ރާއްޖެ ބަލިވެއްޖެއެވެ.
އެ މުބާރާތުގެ ގްރޫޕު ސްޓޭޖުގައި އިއްޔެ ރާއްޖެއިން ކަޒަކިސްތާން އަތުން ބަލިވި އިރު، މިއަދު ކުޅުނު މެޗުގައި އުޒްބަކިސްތާނު އަތުން ވެސް ވަނީ ބަލިވެފައެވެ.
ރާއްޖޭގެ ފުރަތަމަ މެޗުގައި އިއްޔެ ކަޒަކިސްތާން އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ. ކަޒަކިސްތާނުގެ ވަރުގަދަ ކުޅުން ހުއްޓުވުމަށް ރާއްޖޭގެ ޓީމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނު އެ މެޗުގެ ސެޓުތައް ކަޒަކިސްތާނުން ގެންދިޔައީ 16-25، 14-25 އަދި 6-25 އިންނެވެ.
ރާއްޖެއިން މިއަދު ނުކުތް އުޒްބަކިސްތާން މެޗުން ވެސް ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. އެ މެޗުގެ ސެޓުތައް އުޒްބަކިސްތާނުން ގެންދިޔައީ 18-25، 14-25 އަދި 4-25 އިންނެވެ.
އެ މުބާރާތުގެ ގްރޫޕު ސްޓޭޖުގައި ރާއްޖެއަށް ދެން އޮންނާނީ އެންމެ މެޗެކެވެ. އެ މެޗުގައި ރާއްޖެ ނުކުންނަން ޖެހޭނީ ދެކުނު އޭޝިއާ ސަރަހައްދަށް ނިސްބަތްވާ ސްރީލަންކާއާ ދެކޮޅަށެވެ.
