ވާހަކަ: އީރަމް (ފަހުބައި)

(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)

އިނާޒު ފުރައިގެން ދިޔަފަހުން ތިންހަފުތާ ވެއްޖެއެވެ. އީރަމަށް އިނާޒުގެ އެއްވެސް ޚަބަރެއް ނޭނގެއެވެ. އުޅޭތަނެއް ގުޅޭނެ ނަންބަރެއް ނެތެވެ. ރޮއި ހިތާމަކޮށް އެފަކީރު ވަނީ ހަލާކުވާން ކައިރިވެފައެވެ. ކެއުމާއި ނިދުމުން މަހުރޫމްވެފައި ވާތީ ފެންނަ ކޮންމެ މީހަކަށް އީރަމްގެ ހަށިގަނޑަށް އަންނަމުންދާ ބަދަލު ފާހަގައެއް ކުރެވޭނެއެވެ. ރީނާޒުގެ ހުރިހާ މަސައްކަތަކަށް ވެފައި އޮތީ އީރަމަށް އަޅާލުމެވެ. އޭނާ ހިތްހަމަ ޖައްސައިދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމެވެ.

"ރީނާޒަށް އިނާޒު ވީތަން އެނގޭނެ. އަހަރެން އޭނާޔާ ގުޅަން ބޭނުން." އީރަމް އާދޭސް ކުރަމުން ދިޔައެވެ.

"އީރަމް އިހަށް އަހަރެންގެ ބަސް ގަބޫލުކުރޭ. ކޮންމެވެސް ވަރަކަށް ކެވޭތޯ ބަލާ." ރީނާޒް ނަސޭހަތްތެރިވަމުން ދިޔައެވެ.

"އައްސަލާމް އަލައިކުމް." އެތެރެއަށް ވަދެގެން އައި ފުލުސްމީހާ ސަލާން ގޮވާލިއެވެ.

"ވަޢަލައިކުމުއްސަލާމް." ރީނާޒް ހައިރާންވެގެން ބަލަން ހުއްޓެވެ.

"އީރަމް އަދި ރީނާޒްއާއި ދެމީހުން ތަހުގީގަކަށްޓަކައި މާލެ ދާން އެބަޖެހޭ." އެމީހާ ބުންޏެވެ.

ރީނާޒް ހިނިތުން ވެލިއެވެ. ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާ ފޮނިވަމުން ދާކަމުގެ އުންމީދު އާވުމުން ރީނާޒް ގެ ހަރަކާތްތައް އަވަސް ވިއެވެ. އެއްވެސް ކަމަކާ އަޅާލުމެއްނެތް އީރަމަށް މިއިން އެއްވެސް އަސަރެއް ނުކުރެއެވެ. ރީނާޒް ގެންގުޅޭ ބުދެއްހެން ރީނާޒް ބުނިގޮތަކަށް އޭނާ ހަރަކާތް ތެރިވަމުން ދެއެވެ.

 

އެމީހުންނަށް މާލޭގެ ފުލުހުންގެ މަރުކަޒަށް ދެވުނީ އޭގެ އަނެއް ދުވަހު ހަވީރެވެ. އީރަމް ވިއްކާލެވުނުކަމާއި ތައިލެންޑުގެ ޖަލެއްގައި ހުރިކަމުގެ ހުރިހާ މައުލޫމާތެއް ފުލުހުންގެ އަތުގައި އެބަހުއްޓެވެ. އޭނާ ވިއްކާލި ހަސީންވަނީ ރާއްޖެ ދޫކޮށް ފިލައިގެން ދާންއުޅެނިކޮށް ތަހުގީގަށް ބަންދު ކުރެވިފައެވެ. އައިމަންވަނީ ޕޮލިހުންނަށްވެސް ހަސީނު މަރޮށިން ފުރިގޮތް ކިޔައިދީފައެވެ. އީރަމް ބެލި ގޮއިދޫ އަންހެން މީހާވަނީ ފުލުހުންނަށް ހެކިބަސްދީފައެވެ. އީރަމަށް މިކަމުން އެއްވެސް އަސަރެއް ނުކުރެއެވެ. ގިނަފަހަރަށް ތަހުގީގުގައި އޭނާ ވާހަކަވެސް ނުދައްކައެވެ. މިއީ މިހާރު އޭނާއަށް މުހިންމުކަމެއް ނޫނެވެ. އޭނާ ވަނީ މިދުނިޔެ މަތީން ފޫހިވެފައެވެ. ބަދަލުހިފުމާއި ދުނިޔޭގެ އެދުމާއި ދިރިއުޅުމުގެ އުންމީދެއް އޭނާގެ މިހާރަކު ނެތެވެ.

"އީރަމް. ތިހެން ނުހަދާ.  ފުލުހުންނަށް އެއްބާރުލުން ދީ." ރީނާޒް އާދޭސް ކުރަމުން ދިޔައެވެ.

"ކީއްކުރަން. އަހަރެން މިހާރު އެއްވެސް ކަމެއް ބޭނުމެއް ނޫން." ފަރުވާކުޑަ ގޮތަކަށް އީރަމް ބުންޏެވެ.

"އީރަމް. މާދަމާ އެމީހާ ވިއްކާލާނީ ކޮންކުއްޖެއް ކަމެއް ނޭނގެ. މައުސޫމު ކުދިން ވަގަށްނެގުމާއި ވިއްކުންވަނީ މިހާރު މިކުޑަކުޑަ ދިވެހިރާއްޖެއަށް ވެސް އައިސްފައި. ކުޑަކުދިންނަށް އަނިޔާކުރުމާއި ޖިންސީއަނިޔާގެ ޝިކާރައަކަށް ވުމުގެ ބިރު ކޮންމެ ކުއްޖެއްގެވެސް އެބައޮތް. އީރަމްގެ މަންމައަށްވެސް ލިބުނީ މިފަދަ އަނިޔާއެއް." ރީނާޒް ވިސްނައިދެވޭތޯ ބެލިއެވެ.

"އަހަރެންނަށް ވަރިހަމަ." އީރަމްއަށް ކަމެއް ވާކަންވެސް އިހުސާސް ނުވެއެވެ. އޭނާ ކޮނޑު އަރުވާލިއެވެ.

"އީރަމް އެއްބާރުލުން ނުދިނަސް އެމީހުން އެކަން ކުރާނެ." ރީނާޒް ރުޅިއައެވެ.

ދެދުވަހެއްގެ ތެރޭގައި ހަސީނާ ދެކޮޅަށް ކުރާ ދައުވާ ކޯޓުގައި ފެށުނެވެ. ރީނާޒާއި އީރަމްގެ ކުރިމަތީގައި ހަސީނު ގެނެސް ބައިންދައިފިއެވެ. އީރަމްގެ ގާތުގައި ހުރި ހުސްގޮނޑީގައި މީހަކު އިށީނެވެ. އެމީހަކު އީރަމްގެ އަތުގައި ހިފާލިއެވެ.

"އީރަމް. އަހަރެންނަށް މާފުކުރޭ. މިހުރިހާ ދުވަހު އަހަރެން މާލޭގައި މިއުޅުނީ މިކަމުގައި. އީރަމްއަށް އެހާލު ޖެއްސި މީހާއަށް ހައްގު އަދަބު ދިނުމަށްޓަކައި. މިކަމުގައި މަށަށް އެހީވެދީ." އިނާޒު އީރަމްގެ އަތަށް ފިތާލިއެވެ. އުންމީދެއްނެތް ގޮތަކަށް އިނާޒަށް ބަލާލިއެވެ.

"އަހަރެން އެއްވެސް ކަމެއް ބޭނުމެއް ނޫން. ކުރިންވެސް ބުނިހެން އިނާޒާއި ނުލާ އަހަރެންގެ ދިރިއުޅުން އަނދިރިވެއްޖެ." އީރަމް ގޮތެއްދުލެއް ނުކުރެއެވެ. އޭނާވަނީ ދުނިޔޭގެ އަނިޔާތަކަށް ހޭނިފައެވެ. މިހާރު އެއްވެސްކަމަކުން އޭނާއަށް އަސަރެއް ކުރާހެނެއް ހިޔެއް ނުވެއެވެ.

"ހަމައެކަނި މިއަދު އަހަރެންނަށް އެހީވެދީ. ޕްލީޒް އީރަމް." އިނާޒު އީރަމްއަށް ފުންކޮށް ބަލާލިއެވެ. ކުއްލިއަކަށް މުސްކުޅި އަންހެން މީހަކު ގެނެސް ގޮނޑިއެއްގައި ބޭންދިއެވެ. އެމީހާ  ފެނުމުން އީރަމް ޝައްކުގެ ނަޒަރަކުން އިނާޒަށް ބަލާލިއެވެ.

"އެއީ އީރަމް ބެލި މީހާ." އިނާޒް ހުރީ އަދިވެސް އީރަމްގެ އަތުގައި ހިފަހައްޓައިގެންނެވެ. ކުއްލިއަކަށް އީރަމްގެ ލޮލުން ހޯސްލާފައި ކަރުނަ އަންނަން ފެށިއެވެ.

ޝަރީއަތް ފެށިއްޖެއެވެ. އިނާޒުގެ އާދޭސްތަކުން އީރަމްގެ ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ވަކީލުގެ އެތައް ސުވާލަކުން ހަސީނު އީރަމް ވިއްކިކަން އެއްބަސްވިއެވެ. ފަރުދާގެ ފުރަގަހުގައި ހުރެގެން ރީނާޒަށް ދިން އަނިޔާތައް ކިޔައިދިނެވެ. މުސްކުޅި އަންހެން މީހާފާޅުގައި ހަސީނުގެ ދިރިއުޅުން ކިޔައިދިނުމާއި ފުލުހުން ހޯދާފައިވާ އެހެނިހެން ހެކިތަކުން ހަސީނަށް ދެއްކޭނެ ބަހަނާއެއް ނެތެވެ. ފުލުހުން ހަސީނާމެދު ބަލަމުން ދާތާ ހަ އަހަރު ވެދާނެއެވެ. މީގެ ފަސް އަހަރު ކުރިން އިނާޒު ހުށައެޅި މައްސަލަތަކާއި ގުޅިގެން އެމީހުންގެ މަސައްކަތަށް އިތުރު ކުރިއެރުން ލިބުނީއެވެ. ޖަލުން މިނިވަންވެގެން އައިއްސުރެ އިނާޒު ސިފައިންގެއަށްދާ ކަންތައް ނިމެން އުޅެނީއެވެ.

އިންސާނުން ވިއްކުމާއި އަޅުވެތި ކުރުން މަނާކުރާ ގާނޫނުގެ ދަށުން ހަސީނު އުމުރަށް ޖަލަށް ހުކުމް ކުރެވުނެވެ. މޮޔަ އަންހެނުންނަށް ފަރުވާ ނުކުރުމާއި ރީނާޒްގެ އަނިޔާތަކުން ގެވެށިއަނިޔާގެ ގާނޫނުން ހަސީނަށް އަދަބު ކަނޑައެޅުނެވެ. ކުޑަކުދިންނަށް އަނިޔާކުރާ ގާނޫނުން ބާރު ލިބިގެން ހަސީނަށް އަދަބު ކަނޑައެޅުނެވެ.

މީގެ އިތުރުން ކުރިންވެސް އިނާޒު ހުށައަޅާފައިވާ އެހެންމައްސަލައެއްގެ ހުކުމްވެސް އިއްވުނެވެ. ޅައުމުރުގައި ކައިވެނިކުރުވުން މަނާކުރާ ގާނޫނުގެ ދަށުން އިނާޒު ރަނާއާ މެދު ކުރެވިފައިވާ ކައިވެންޏަކީ ބާތިލް ކައިވެންޏެއްގެ ގޮތުގައި ނިންމުނެވެ. އަދި ކައިވެންޏަކީ ރަނާ ވިހެއުމުން އެދެމީހުން ކައިވެނި ރޫޅޭނެކަމަށް ޝަރުތުކޮށްފައިވާ ކައިވެންޏެއްކަން ކޯޓަށް ސާބިތުވެފައިވާތީ އެއީ އިސްލާމީ ޝަރީއަތުގައި ސައްހަ ކައިވެންޏެއްކަމަށް ބެލެވޭނެ ޖާގައެއްނެތެވެ. އެހެންކަމުން އީރަމްއާއި އިނާޒުގެ ކައިވެންޏަކީ ސައްހަ ކައިވެންޏެއްކަމަށް ޝަރީއަތުން ނިންމިއެވެ.

"ދެން އަހަރެމެން ދުރުކުރެވޭނެ އެއްވެސް މީހަކު މިދުނިޔެއަކުނެތް." އިނާޒު އީރަމް ގާތަށް ދިޔައެވެ.

"އަހަރެން ގަބޫލެއްވެސް ނުކުރަން މިގޮތަށް އިނާޒު މިކަން ކޮށްފާނެ ކަމަކަށް." އީރަމް އިނާޒުގެ އަތުގައި ހިފާލިއެވެ.

އެވަގުތު އެމީހުންނަށް ކޯޓުން ބޭރަށް ނިކުމެވިއްޖެއެވެ. ނޫސްވެރިން އެމީހުން ވަށާލައިފިއެވެ. ދުވަހަކުވެސް ރާއްޖޭގެ ތާރީޚުގައިވެސް ނުހިނގާ މިމައްސަލަވަނީ ހުރިހާ މީޑިއާއެއްގައި ފަލަސުރުޚީއަށް ވެފައެވެ. ދިވެހިން ހުވަފެނުންވެސް ނުދެކޭފަދަ މި ނުރައްކާތެރި ހާދިސާއާއި ބެހޭގޮތުން އެންމެންވެސް ވަނީ ޚާއްޞަ ސަމާލުކަމެއް ދީފައެވެ.

"މި ހާދިސާއާއި ބެހޭގޮތުން އީރަމް ބުނަނީ ކީކޭތޯ." ނޫސްވެރިއަކު އެހިއެވެ.

"އިންސާނުން ވަގަށް ނެގުމާއި ވިއްކުމަކީ އަޅުވެތިކުރުން. ދުނިޔޭގައި އަޅުވެތިކުރުމަކީ މަނާކަމެކޭ އެންމެންވެސް ބުނޭ. ނަމަވެސް ހަގީގަތަކީ ސިއްރުން އެކަން އެކި ގޮތްގޮތަށް ކުރެވެމުން ދާކަން. އެކާވީސްގަރުނުގައި އަޅުވެތިކުރުން ގޮސްފައި އޮންނަނީ މިކަހަލަ ގޮތަކަށް. މީ ހިޔުމަން ޓްރެފިކިންގެ ބައެއްކަމަށްވެސް ވެދާނެ. ދިވެހިރާއްޖެއަށްވެސް މިނުރައްކާތެރި ކޮޅިގަނޑުގެ ވައި ޖެހެންވަނީ ފަށާފައި. އަޅާލާނެ މީހަކުނެތް ނިކަމެތި ކުދިންނަށް ވަނީ އަނިޔާވެރިންގެ ލޯތައް އަމާޒުވެފައި. މައިންބަފައިން ދަރިން ބެލުމުގައި އިހުމާލް ވާނަމަ މިކޮޅިގަނޑުގެ އަސަރު ޖެހުން ވަރަށް ގާތް." އީރަމް ބުންޏެވެ. އޭރު އީރަމަށް އަޅާވޭން އިނާޒަށް އިހުސާސް ކުރެވެއެވެ. އޭނާ އީރަމްގެ އަތުގައި ހިފާލިއެވެ. ނޫސްވެރިންގެ ކިބައިން ސަލާމަތް ވޭތޯ ހިނގައިގަތެވެ.

"އިނާޒު… ޝުކުރިއްޔާ ހުރިހާކަމަކަށްވެސް." އީރަމް ހުރިހާކަމެއް ހަނދާންވިއެވެ. ޖަލުންފެށިގެން މިއަދާ ހަމައަށެވެ. ހިތްވަރުގަދަ އިނާޒާއި އޭނާ ބައްދަލު ނުވިނަމަ މިދުވަހެއް ނައީހެވެ. އޭނާގެ މިހާރު މަގުސަދަކީ މިފަދަ މައްސަލަތަކަށް ދިވެހިން ހޭލުންތެރި ކުރުމެވެ.

"އެއީ ހަމައެކަނި އަހަރެންގެ މަސައްކަތެއް ނޫން." ދުރުގައި ރޮވިފައިހުރި ރީނާޒަށް ބަލާލަމުން އިނާޒު ބުންޏެވެ.

"ޝުކުރިއްޔާ ރީނާޒް. ތީ އަހަރެންގެ ކޮއްކޮކަމަށް ބަލާ. ތިހާ ވަފާތެރި ކުއްޖެއް އަހަރެން ދުވަހަކުވެސް ނުދެކެން." އިނާޒު ރީނާޒްގެ ގާތަށް ދިޔައެވެ.

"ޝުކުރިއްޔާ އިނާޒު. އަހަރެންވެސް ދުވަހަކުވެސް އިނާޒުމެންނާއި ދުރުގައި އުޅޭކަށް ބޭނުމެއް ނޫން." ރީނާޒް ކަރުނަ ފޮހެލިއެވެ.

"އަހަރެންނާ އެކު އާދޭ." އިނާޒު ހިނގައިގަތެވެ. އީރަމާއި ރީނާޒް އިނާޒުގެ ފަހަތުން އާދެއެވެ. އިނާޒު ހުއްޓުނީ ތަންކޮޅެއް ދުރުގައި އެމީހުންނަށްކާރު ތައްޔާރުކޮށްގެން ހުރި އައިމަން ގާތުގައެވެ.

"އައިމަން. ރީނާޒް ގޮވައިގެން ސިންގަޕޫރުން އައިއްސުރެންވެސް ރީނާޒްދެކެ ލޯބިވާކަން އަހަރެންނަށް އެނގޭ. މިއަދު ރީނާޒަކީ އަހަރެންގެ ކޮއްކޮ. މި ކޮއްކޮއަށް ދެރަގޮތެއް ނަހަދާ ލޯބިދޭނެކަން އަހަރެން ޔަގީންކުރަން. މި ކޮއްކޮއަށް ތިނޫން ރަނގަޅު ފިރިއެއް ނުލިބޭނެކަން ޔަގީން. މި ކޮއްކޮއާއި ހަވާލުވޭ. ތި ދެމީހުން ކައިވެނި ކޮށްގެން އުޅެންޖެހޭނީ އަހަރެމެން ގޭގައި." އިނާޒު ވާހަކަ ދައްކަމުން ދިޔައިރު އައިމަން ހުރީ ފެންކަޅިވެފައެވެ. އޭނާގެ ބޮސް ދުވަހަކުވެސް މިފަދަ ކަމެއް ކޮށްފާނެކަމަކަށް ހިތަކަށްވެސް ނާރައެވެ.

"އެއީ ތެދެއް އައިމަން. އެ ހަސީނުގާތުން އަހަރެން ސަލާމަތް ކުރި ހިސާބުން ފެށިގެން އަހަރެންނަށް އައިމަންއާމެދު ޚާއްޞަ ނަޒަރަކުން ބެލެވޭ." ރީނާޒް އައިމަން އަތުގައި ހިފާލިއެވެ.

"ޝުކުރިއްޔާ އިނާޒު. ތިހާބޮޑު ދަރަޖައެއް އަޅުގަނޑަށް ދެއްވީތީ." ރީނާޒް ބުންޏެވެ. އޭނާއަށް ހުރީ ރޮވިފައެވެ.

"އުހުނ. ދެން އޮތީ އުފާކުރަންވީ ވަގުތު." އެންމެން އެއްފަހަރާ ހީނގަތެވެ. ދެން ކާރަށް އަރާ ދުއްވާލިއެވެ. އުފާވެރި މަންޒިލަކަށް ބަނދަރު ކުރުމަށެވެ. އެތައް ކުޑަކުދިންނެއް އަނިޔާގެ ވަކިތަކުން ސަލާމަތް ކުރުމަށް ރާއްޖޭގެ މީހަކު ދުވަހަކު މަސައްކަތް ނުކުރާވަރަށް މަސައްކަތް ކުރުމަށެވެ.

 

ނިމުނީ

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *