ލޯފަން މީހުން ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމުގެ ބިލް ތަސްދީޤު ކުރައްވައިފި

ލޯފަން މީހުން، އެހެން މީހެއްގެ އެހީތެރިކަމާ ނުލައި، ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް މަގުފަހިކޮށް އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނަށް އިޞްލާޙް ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤު ކުރައްވައިފިއެވެ.

މިބިލަކީ، ޖޫން 19 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރި ބިލެކެވެ.

އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނަށް ގެނެސްފައިވާ އިސްލާޙްތަކަކީ، އެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ށ)ގެ ފަހަތަށް އަކުރެއް އިތުރު ކުރުމާއި، އެޤާނޫނުގެ 45 ވަނަ މާއްދާގެ ފަހަތަށް، މާއްދާއެއް އިތުރު ކުރުމެވެ. މިގޮތުން މިޤާނޫނަށް ގެނެވުނު މައިގަނޑު އިސްލާޙަކީ، ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް ޖިސްމާނީގޮތުން ނުކުޅެދިގެންވާ މީހުންގެ ތެރެއިން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން، އެހެން މީހެއްގެ އެހީތެރިކަމާއި ނުލައި، ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް އެދޭނަމަ، އެކަން ކުރާނެ ގޮތް ބަޔާންކުރުމެވެ.

މި އިޞްލާޙް ގެނައުމުގެ ބިލް ތަޞްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ތަޞްދީޤުކޮށް، ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *