ދަރިން ތަރުބިއްޔަތު ކުރުމުގައި މުދައްރިސުންގެ ދައުރު

މައިންބަފައިންނާ އެއްވަރަށް މުޖުތަމައުގެ ދައުރަކީވެސް ކުޑަކުއްޖަކު ތަރުބިއްޔަތު ކުރުމުގައި ވަރަށް ބޮޑު ރޯލެއް އަދާކުރާ ބައެކެވެ.

މުޖުތަމައުގެ ތެރެއަށް ކުއްޖާ ނުކުންނަނީ ކުއްޖާގެ ތުއްތު އިރުގައެވެ. ފުރަތަމަ ކުއްޖާ އާ ބައްދަލު ކުރާ ބަޔަކީ އެކުއްޖާގެ މުދަރިއްސުންނެވެ. އެހެންކަމުން މުދައްރިސުންނަކީ މައިންބަފައިން ފިޔަވައި ދެން އެންމެ މަސްއޫލިއްޔަތު ބޮޑު ފަރާތެވެ. މުދައްރިސަކީ ކުޑަކުއްޖާ މަދަރުސާއަށް ވަންނަ ފުރަތަމަ ދުވަހުން ފެށިގެން އެކުއްޖާގެ ޢިލްމީ ތަރުބިއްޔަތާއި ޙަވާލުވާ މީހާއެވެ. ސާރ ނުވަތަ މިސް ނުވަތަ މެޑަމްގެ ނަމުން ނިސްބަތްކުރާ އެދުރުމީހާއެވެ. ކުއްޖާއަށް މުދައްރިސް ފެންނަނީ ހުރިހާ އެއްޗެއް އެގޭ ކޮންމެ ސުވާލަކަށްވެސް ޖަވާބުދެވޭ ވަރަށް އާދަޔާ ޚިލާފް މޮޅު މީހެއްގެ ގޮތުގައެވެ. އެހެންކަމުން މުދަރިސް ވެފައިވަނީ ދަރިވަރުން ވަރަށް މަގުބޫލު ފަރާތެއްގެ ގޮތުގައެވެ. ކޮންމެ މުޖުތަމައެއްގައިވެސް މުދައްރިސުންގެ ޚިދުމަތަކީ ވަރަށް ޚާއްޞަ ވަރަށް އަގު ބޮޑު ޚިދުމަތެކެވެ. މުދައްރިސުންނަށް މުޖުތަމައުގައި ނުފޫޒު ފޯރުވޭ ވަރަށް ވުރެ ބޮޑަށް އެހެން އެއްވެސް ފަރާތަކަށް ނުފޫޒެއް ނުފޯރުވޭނެއެވެ. ސަބަބަކީ މުދައްރިސުންނަކީ ދަރިވަރުން ލޯބިވާ، ގަބޫލުކުރާ އުއްމީދީ ފަރާތަކެއްގެ އިތުރުން ދަރިވަރުން ރޯލް މޮޑެލުންގެ ގޮތުގައި ބަލާބަޔަކަށް ވާތީއެވެ. މުދައްރިސުންގެ ފަރާތުން ގިނަކަންތައްތަކެއް ދަރިވަރު ކޮޕީކުރާ ފަރާތެއްގެ ގޮތުގައި މުދައްރިސުންވަނީ މިސަބަބަށް ޓަކައެވެ. އެހެންކަމުން މުދައްރިސުންނަކީ ދަރިވަރުންގެ އަޚުލާގު ބައްޓަން ކުރުމުގައި ފުރިހަމަ ދައުރެއް އަދާ ކުރެވޭނެ މަސްއޫލުވެރި ފަރާތެކެވެ.

މުދައްރިސުންނަކީ ހަރުދަނާ ބަޔަކަށް ވާންޖެހޭ ސަބަބު ތަކެއް އެބަހުއްޓެވެ. އެގޮތުން މުދައްރިސަކީ ވަރަށްބޮޑު މަސްއޫލިއްޔަތަކާ ހަވާލުވެފައިވާ މީހެކެވެ. ވަރަށް މުހިންމު ޒިންމާއެއް އުފުލާ މީހެކެވެ. އެއީ ޖީލެއް ތަޢުލީމީ ބައެއްގެ ގޮތުގައި ނެރޭ މީހާއެވެ. އެކުއްޖެއްގެ އުޅުމާއި އަޚްލާޤާއި ބަސްމަގު ވަރަށް ގިނަފަހަރަށް ކުދިން ކޮޕީކުރާ ނަމޫނާއެވެ. އެހެންކަމުން މުދައްރިސެއްގެ ގައިގައި ގިނަގުނަ ރީތި އަޚުލާގީ މާތް ސިފަތަކެއް އަށަގަންނުވަން ޖެހެއެވެ. އެއީ ތުއްތު ދަރިންނަށް ރިވެތި ނަމޫނާ ދެއްކުމުގެ ގޮތުންނެވެ. އެހެންކަމުން އިސްލާމްދީނުގައިވާ ރިވެތި އުސޫލު ތަކުގައި ހިފެހެއްޓުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. އެގޮތުން އޯގާތެރިކަމާއި ހިތްހެޔޮކަމާއި އެކު މުއާމަލާތު ކުރުމާއި، ރުޅިކޮންޓްރޯލް ކުރުމާއި އަދުލު އިންސާފަށް ލޯބިކުރުމާއި ފިލާވަޅު ނަގައިދިނުމަށް ތައްޔާރުވެގެން ގަޑިއަށް ފަރުވާތެރިވެ، އިސްލާމީ ހުދޫދުގެ ތެރެއިން ހެދުން އެޅުންފަދަ ކަންތައްތަކާއި އެކު ސާފުތާހިރު ކަމަށް ލޯބިކުރުމަކީ މުދައްރިސެއްގެ ކިބައިގައި ހުރުން އެދެވިގެންވާ ހަރުދަނާ ރީތި ސިފަތަކެކެވެ. ކިޔަވައިދޭ މުދައްރިސުންނަށް އެބައިމީހުން ބޭނުން ގޮތަކަށް ބޭނުން މިސްރާބަކަށް ދަރިވަރުންގެ ދިރިއުޅުން ބިނާކުރުމަށްޓަކައި މުސްތަގުބަލު ރޭވިދާނެއެވެ. މިހެންކަމުން ރަނގަޅު ރޭވުންތެރި ކުރިމަގު ރާވާ މުދައްރިސުންނަށް ދަރިވަރުންގެ ހަޔާތް ބާއްޖަވެރި ކުރުމުގައި ވަރަށް ބޮޑު ދައުރެއް އަދާ ކުރެވިދާނެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *