ރިޝްވަތަށް އިބިލީސް ދިން 2 ދީނާރުގައި ހިފި މީހަކަށް ވީގޮތުގެ ވާހަކަ.

މިކިޔައިދެނީ ވަރަށް ޢިބްރަތްތެރި ކުރު ވާހަކައެވެ. އަހަރެން މިވާހަކަ އަޑުއަހަނީ މިއީ މޫސާގެފާނުގެ ޒަމާނުގައި ހިނގައިދިއަ ކަމެއްގެ ގޮތުގައެވެ. އެޒަމާނުގައި އުޅުނު ވަރަށް ތަޤްވާވެރި މީހެއްގެ ގާތަށް ބައަކު ގޮސް ބުނަނީ މިވެނި ތަނެއްގައި ހުރި ގަހަކަށް ބައަކު އެބަ އަޅުކަން ކުރާ ކަމަށެވެ. އެ އަޑު އިވުމާއިއެކު އައި ރުޅީގައި އެ ގަސްކަނޑައިލުމަށް އޭނާ ގެއިން ނުކުތެވެ.

ވަކި ހިސާބަކަށް ދިއަތަނާ އިބިލީސް މުސްކުޅިއެއްގެ ސިފައިގައި އޭނާ އާއި ބައްދަލުކޮށް އެ ގަސް ނުކެނޑުމަށް ވަސްވާސް ދިނެވެ. އަދި އެއީ އޭނާ އާއިބެހޭ ކަމެއް ނޫންކަމަށާއި އެކަމާއި ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާނަމަ ރަސޫލާ (މޫސާގެފާނު) ފޮނުއްވައިގެން އެގަސް ކަނޑުއްވަވައިފާނެ ކަމަށް ބުންޏެވެ. ނަމަވެސް އެމީހާ އެވާހަކަތައް އަޑުނާހައި ކުރިއަށް ދިއައީއެވެ. ދެމީހުންގެ މެދުގައި ޒުވާބަކަށްވެ އެންމެފަހުން އެކަކު އަނެކެއްގެ ގައަށް އަރައިގަތެވެ. ބަލިވީ އިބިލީހެވެ. އެމީހާގެ އަތުގައި އޮތް ބޮޑުވަޅިން އިބިލީހުގެ ކަރު ބުރިކޮށްލަން އުޅުމުން އެކަން ނުކުރަން އެދި އިބިލީސް އާދޭސްކުރިއެވެ.

ސަލާމަތް ވުމުން އިބިލީސް ބުންޏެވެ. އެ ގަސް ނުކަނޑައި އިހަށް ބަހައްޓާށެވެ. ދެ ދުނިޔޭގައި ކަލެއަށް ފައިދާ ކުރާނެ ގޮތެއް ބުނެފާނަމެވެ. އަހަރެން ކޮންމެ ދުވަހަކު ކަލެއަށް 2 ދީނާރު ދޭނަމެވެ. އެއިން ކޮންމެވެސް މިންވަރެއް ފަޤީރުންނަށް ޞަދަޤާތްކޮށްލާށެވެ. އަނެއްބައި އަމިއްލައަށް ބޭނުންކޮށްލާށެވެ. އެއިރުން ދެ ދުނިޔޭގައިވެސް ފައިދާކުރާނެ އެވެ.

އިބިލީހުގެ މި ބަސް އެއީ ރަނގަޅު ވާހަކައެއް ކަމަށް ޤަބޫލުކޮށް ގަސް ކެނޑުން ހުއްޓާލައި އެމީހާ އެނބުރި ގެއަށް ދިއައީއެވެ. ހެނދުނު ހޭލިއިރު ބާލީސް ދަށުގައި 2 ދީނާރު އޮތެވެ. އެއިގެ ބޭނުން އެމީހާ ކުރިއެވެ. އަދި އެއިން ޞަދަޤާތްވެސް ކުރިއެވެ. ނަމަވެސް ގަސް ނުކަނޑައި އޭނާ ހިތް ހަމައެއް ނުޖެހުނެވެ.

ގަސްކަނޑަން ދަނިކޮށް އެދުވަހުވެސް މުސްކުޅިއެއްގެ ސިފައިގައި އިބިލީސް އޭނާ އާއި ބައްދަލުކޮށް ހަމަ ކުރީ ދުވަހު ދެއްކި ޒާތުގެ ވާހަކަތައް ދެއްކިއެވެ. އެދުވަހުވެސް ޒުވާބަކަށްވެ ދެމީހުން ހިފައިގަތެވެ. ނަމަވެސް އެދުވަހު ބަލިވީ އެމީހާއެވެ.

އެމީހާ އެކަމާއިމެދު ވަރަށް ޙައިރާންވިއެވެ. އެހައި މުސްކުޅި މީހެއްގެ އަތުން އޭނާ ބަލިވީމައެވެ. އެވަގުތު އިބިލީސް ބުންޏެވެ. "އެއްވެސް މީހަކު ވަރުގަދަ އީމާންކަމުގައި ހުރެ ހަމައެކަނި ﷲ ތަޢާލާގެ ހަޟްރަތުން ވާގިއެދިގެން ކަމެއް ކުރަން އުޅޭނަމަ އެމީހާޢަށް ގަދަކަން ﷲ ތަޢާލާ ދެއްވަވާނެއެވެ. ނަމަވެސް އެމީހާގެ އީމާންކަން ބަލިކަށިވެއްޖެނަމަ، އަދި ދެއްކުންތެރިކަމުގެ ނިޔަތުގައި ކަންކަން ކުރަން އުޅޭނަމަ އެމީހާ ބަލިވާނެއެވެ."

މިވާހަކަ އިބާރާތް ތަފާތުކޮށް ލިޔެވިފައި ހުއްޓައިވެސް ފެނެއެވެ. ނަމަވެސް ހުރިހާ ލިޔުމަކުން ވެސް ލިބެނީ އެއް ފިލާވަޅެކެވެ. ދެވަނަ ދުވަހު އިބިލީސް ގަދަވީ އިބިލީސް ދިން ރިޝްވަތު ހިފައި އެމީހާ ބޭނުންކުރުމުން ކަމެވެ. ފައިސާގެ ދަހިވެތިކަމުގައި އެމީހާގެ އީމާންކަން ކުޑަވެގެން ދިއަކަމެވެ. އިބިލީހަށް ދެވަނަ ދުވަހު އޭނާގެ މައްޗަށް ގަދަވެގަނެވުނީ އެސަބަބަށްޓަކައި ކަމެވެ.

އިސްލާމީ ސިޔަރަތުން މިކަމަށް ބާރުލިބެއެވެ. މުސްލިމުން މުސްލިމުންގެ ގޮތުގައި ތިބެ ކާފިރުންގެ ބޮޑެތި ލަޝްކަރުތަކާއި ކުރިމަތިލައި ކާމިޔާބު ހޯދަމުން ދިއައީ ނުހަނު މަދު މީސްކޮޅެއް ކުރިމަތިލައިގެންނެވެ. މުސްލިމުންގެ އީމާންކަން ބަލިކަށިވަމުން އައި ވަރަކަށް މުސްލިމުން މިއަންނަނީ ނިކަމެތިވެ ބަލިކަށިވަމުންނެވެ. މިއަދު މުސްލިމުންގެ ލަޝްކަރުތަކުގެ އަދަދު އިންތިހާއަށް ގިނައެވެ. ނަމަވެސް އެއްވެސް ބާރެއް ނެތެވެ. ކުރަން ބޭނުންވާ އެއްވެސް ކަމެއް ނުކުރެވެއެވެ.

ބައެއް މީހުން އެބަ ބުނެއެވެ. "މުސްލިމުން ކުރިއަރައިދިއުމަށް މިވެނި އެވެނި މަސައްކަތްތަކެއް އެބަ ކުރެއެވެ. ނަމަވެސް އަބަދުވެސް މިދަނީ ބަލިކަށިވަމުންނެވެ. މިވެނި އެވެނި ބައަކު މިވެނި އެވެނި ހެޔޮކަމެއް ކުރަން އުޅެފިއެވެ. ނަމަވެސް އެކަންކަން ކުރެވޭނެ ގޮތެއް ނުވިއެވެ. އަހަރެން މިވެނި އެވެނި ހެޔޮ ކަންތައް ކުރަން އުޅެފީމެވެ. ނަމަވެސް ހުރަސްތައް އެޅި ހަމަ އެއްވެސް ކަމެއް ކުރެވޭނެ ގޮތެއް ނުވެއެވެ." މިވާގޮތާއިމެދު ރަނގަޅަށް ވިސްނައިލާށެވެ.

އަހަރެމެން އެންމެންވެސް ވިސްނަންވީ ކަމަކީ ކުރާ ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާއަށް ފުރިހަމައަށް އިޚްލާޞްތެރިވުމަށެވެ. ތިމާ ކުރަން އުޅޭ ހެޔޮ އަމަލެއް ނުކުރުމަށް ކިތަންމެ ބޮޑު ރިޝަވަތެއް ދިން ނަމަވެސް ނުހިފުމަށެވެ. ރިޝްވަތު ދޭމީހާގެ "ސްޓޯރީ" ކިތަންމެ މޮޅު ނަމަވެސް ﷲ ތަޢާލާ ހަމަ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ކަމެވެ.

– އިސްލާމީ ތިލަފަތުގެ ދަރުސަކުން

 މިއަދު ނޫހުން ނަގާފައި

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *