- އެހެންމީހުންނަށް ކުރިމަތިވާ ހިތާމަ ތަކަށްވުރެ ތިބާއަށް ކުރިމަތިވާ ހިތާމަ މާ ބޮޑީހެއްޔެވެ.
- މި ހިތާމައަކީ ނަސީބު ދެރަކަމަށް ވަނީނަމަ ތިބާއަށް އެއްވެސް ކަމެއް ނެތީކަން ގަބޫލުކުރަނީހެއްޔެވެ.
- މައްސަލަތައް އަބަދުވެސް އެހެންމީހުންނަށްވުރެ ގިނައިން ނުވަތަ ބޮޑަށް ތިބާއަށް ދިމާވަނީ ތިބާއަށޭ ހީވަނީއެވެ.
- ތިބާއަށް ޔަގީންވާގޮތުގައި އެހެންމީހުނަށް ތިބާގެ މައްސަލަތަކާއި ހިތްދަތިކަމާއި ހިތާމައެއް އިހުސާސެއް ނުވެއެވެ.
- ތިބާ ބައެއްފަހަރު ޚިޔާރުކުރަނީ މުޖުތަމަޢުގައި ހިނގާ އުފާވެރި ކަންކަމާއި ހަރަކާތްތަކާއި ދުރުވެލާ ގޭގައި ރޯލަން ނުވަތަ އެ މައްސަލަތަކާއި މެދު ވިސްނަން އޮންނާށެވެ.
- ތިބާ އަބަދުވެސް މަސައްކަތް ކުރަނީ ދުވަހުގެ މަސައްކަތުން ތިބާއަށް ދިމާވި ރަނގަޅު ކަންކަމުގެ މައްޗަށް ވާހަކަ ދެއްކުމަށްވުރެ ބޮޑަށް ދިމާވި މައްސަލަތަކުގެ ވާހަކަ ދެއްކުމަށެވެ.
- ތިބާ އަބަދުވެސް ވާހަކަ ދައްކަނީ ބޭއިންސާފުން ކަންތައްތައް ވާ ވާހަކައެވެ.
- ތިބާ ވަރަށް ބުރަކޮށް މަސައްކަތް ކުރަނީ ތިިބާއަށް ރަނގަޅުވާނޭ ކޮންމެވެސްކަމެއް ދިމާވޭތޯއެވެ.
- ތިބާ ހީކުރަނީ އެހެންމީހުން ގެ ދިރިއުޅުން ފުރިހަމަވެފައި އުފާވެރިކަމަށެވެ.
- ތިބާ މި ދުނިޔެއަށް އުފަން ނުވިނަމައޭ ބައެއްފަހަރު ހިތަށް އަރައެވެ.
އުޑުމަތި ސާފު އޮމާން ދުވަހެކެވެ. އުމުރުން ބާރައަހަރުގެ ސާލިމްއަކީ ތަނަވެސް އާއިލާއެއްގެ ހުރި އެންމެ ކުއްޖެއްކަމުން އިންތިހާއަށް ލޯބި ލިބެމުންދާ ރައްޓެހިންނާ ގުޅޭ އެކުވެރި މިޒާޖެއްގެ ކުއްޖެކެވެ. ބާސްކެޓަކީ ސާލިމް ވަރަށް ކުޅޭހިތްވާ އަދި އެކުޅިވަރުން ތަފާތު ވަނަތައްވެސް ހޯދާފައިވާ ހުނަރުވެރިކުއްޖެކެވެ. އާދައިގެ މަތީން ސާލިމް ބާސްކެޓްްބޯޅަ ޕްރެކްޓިސްކުރަން ޓްރެކަށް ގެންދަން އޭނާގެ މަންމަ ރީނާގެއަށް އަންނަން އުޅުނެވެ. ނަމަވެސް ކުއްލިއަކަށް ދާންޖެހޭ މުހިންމު މީޓިންއަކަށް ދާންޖެހުމުން ގެންދިޔައީ ގޭގައި އުޅޭ ނޭޕާލް މީހާއެވެ.
ދުވާރުމަތީން ދުވެލާފައި މަގުހުރަސްކުރަން ނިކުތެވެ. ބާސްކެޓް ކޯޓުގައި ހުރި އޭނާގެ ރަހުމަތްތެރިޔާއަށް އަތުން ހަނާއަޅަމުންނެވެ. ބާރަށް ދުއްވާފައިއައި ޕިކަޕެއް ސާލިމްގެ ގައިގައި ޖެހުނުއަޑާއި ސާލިމް ހަޅޭއްލަވައިގެން އަޑާއި ޕާކުކޮށްފައިއޮތް ކާރެއްގައި ޕިކަޕުޖެހުނު އަޑު އައީ އެކުއެކީގައެވެ. ސާލިމް ވިއްސައިގެން ދިޔައީއެވެ. ދުރުގައި ހުރި ހޮޅިދަނޑީގައި ޖެހި ބިންމައްޗަށް ވެއްޓުނީއެވެ. މުޅިތަންވަނީ ލެއިން ކަޅިވެފައެވެ. އިސާހިތަކު އެންމެން އެއްވެ ސާލިމް ހޮސްޕިޓަލަށް ގެންދިޔައެވެ.
ޑޮކްޓަރު ބުނުއްވީ ސާލިމްގެ ސިކުނޑީގެ އޮޕްރޭޝަނެއް ކުރަންޖެހެއެވެ. ބިންދައިގެންގޮސްފައިވާ ފައިވެސް އޮޕްރޭޝަން ކުރެވުނެވެ. ސާލިމްގެ ފަރުވާ ނިމުނުއިރު އޭނާއަކީ ނުހިގޭ ވީލްޗެއަރގައި އިންނަންޖެހޭ ކުއްޖަކަށް ވެއްޖެއެވެ.
ކޮންމެދުވަހަކު ސާލިމް ގޮޑީގައި އިންނަތަން ފެނުމުން ރީނާގެ ހިތް ކުދިކުދި ވެއްޖެއެވެ. ސާލިމް ބާސްކެޓަށް ލާން އޭނާއަށް ދެވުނުނަމައޭ ހިތަށް އަރައެވެ. ސާލިމް ސްކޫލަށް ލާންދާ ކޮންމެފަހަރަކުވެސް އޭނާ ހިތާމައިން ހަލާކުވެއެވެ. އެންމެ ފަހުން ނޭޕާލްމީހާ ފޮނުވާލައިފާ ރީނާ ވަޒީފާއިން ކެނޑިގެން ސާލިމްގެ ހުރިހާކަމެއްގައި އޭނާ ހަވާލުވެއްޖެއެވެ. ސްކޫލަށްދާ ކޮންމެފަހަރަކު އޭނާ އަށް ސިފަވަނީ ސާލިމްގެ އެކްސިޑެންޓް މަތިންނެވެ. މަގުމަތީން ސައިކަލެއް ފެންނައިރު އޭނާއަށް އިހުސާސްވަނީ އޭނާގެ ފަރުވާކުޑަކުރެވުމުގެ ސަބަބުން އެދަރިފުޅަށް އަޅަމުންދާވޭނެވެ.
ރީނާހީކުރީ ސާލިމް ގޭގައި ބެހެއްޓުމުން އަވަހަށް ރަނގަޅުވާނެ ކަމުގައެވެ. ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުންވެސް އަވަހަށް ޝިފާދެވޭނެ ކަމުގައެވެ. އެ ޚިޔާލުތަކުން ދުރުވުމަށް ޓީވީ ގޭމްތަކާއި އެކިއެކި ސީރީޒްތައް ގެނެސް ސާލިމްގެ ހިތާމަތައް ފިލުވާލުމަށްޓަކައެވެ. ނަމަވެސް ދުވަސްކޮޅަކުން ސާލިމްގެ މޫނުމަތީން މާޔޫސްކަމާއި ހިތާމައިގެ ކުލަތައް ފާޅުވާންފަށައިފިއެވެ. މޫޑުބަދަލުވުމާއި އަވަސްއަވަހަށް ރުޅިގަދަވުން އޭނާގެ ފަރާތުން ފެނެއެވެ. އެ އުފާވެރި ކުޑަކުޑަ އާއިލާގެ ދިރުން ގެއްލިއްޖެއެވެ.
ރީނާގެ ދެމަފިރިން މިކަމާ ކަންބޮޑުވެގެން އުޅުމުން ރައްޓެހިންގެ އިރުޝާދުން ސާލިމް ކުޑަކުދިންނަށް ފަރުވާދޭ ތެރަޕިސްޓެއް ގާތަށް ގެންދިޔައެވެ. ނަންބަރުޖެހުމުން މަޑުހިނގުމެއްގައި ޑޮކްޓަރުގެ ކޮޓަރިއަށް ވަނެވެ. ވަރަށް އަސަރާއެކު ރީނާގެ ހާލަތާއި ސާލިމްގެ ވާހަކަތައް ރީނާ ކިޔައިދިިިނެވެ. ޑޮކްޓަރުގެ މޫނުމަތީން އެއްވެސް ހަމްދަރުދީއެއް ނުފެނުނެވެ. އެހެންނަމަވެސް ވަރަށް އުފަލާއެކު ޑޮކްޓަރު ބުނުއްވިއެވެ.
"ސާލިމް. އަހަރެން މިހުރީ ސާލިމްއާ ވަރަށް ބައްދަލުކޮށްލާހިތުން. އަހަރެން ދުވަހަކުވެސް އަދި ބައްދަލެއް ނުވޭ މަގުމަތީގައި ގަވާއިދާ ޚިލާފަށް ދުއްވާފައިދިޔަ ޕިކަޕެއް ބަލިކޮށްފައި މޮޅުވި ކުޑަ ކުއްޖެއްގެ ވާހަކައެއް މިނޫނިއްޔާ. ސާލިމް އަހަރެންނަށް ވަރަށް ރަނގަޅަށް ކިޔާދީބަލަ ކިހިނެއްކަން އެނުރައްކަލުން ސަލާމަތްވެ ކުރިއެރުން ހޯދީ." އެކްސިޑެންޓްގެ ފަހުން ސާލިމް ހިނިތުންވީ ފަހަރެއް މިނޫނިއްޔާ ރީނާ ނުދެކެއެވެ.
އޭގެ ދުވަސްކޮޅެއް ފަހުން ޑޮކްޓަރާއެކު ސާލިމް ހަދަމުންދިޔަ ޕްރޮޖެކްޓަކީ މަގުމަތީގައި ގަވައިދާ ޚިލާފަށް ދުއްވާ ޕިކަޕް ބަލިކުރާނީ ކިހިނެއް؟ ކިޔާ ފޮތެކެވެ. އެ ހާދިސާއާއި ބެހޭގޮތުން ވަރަށް ފުރިިހަމަ ފޮތެއް އޭނާ ތައްޔާރު ކުރިއެވެ. އޭގައި އޭނާ ޕިކަޕުގައި ޖެހުނުގޮތާއި ސަލާމަތްވީގޮތާއި ލިބުނު އަނިޔާއަށް ހަނގުރާމަކޮށް މޮޅުވިގޮތް ބަޔާން ކޮށްފައިވެއެވެ. ހަށިގަނޑުން އަނިޔާ ނުލިބޭ އެންމެ ގުނަވަނެއްވެސްނެތް ކުޑަކުޑަ ސާލިމް ސަލާމަތްވެ މޮޅުވީގޮތް ނުހަނު އަސަރާއެކު ތަފްސީލް ދީފައިވެއެވެ. އެ ނުރައްކާތެރި ޕިކަޕް ބަލިކޮށް އޭނާ ސަލާމަތްވެ ވީލްޗެއަރ އެއްގައި ސުޕަހީރޯ ޖަހާފައިވާ ތޮތްޕެއް އަޅައިގެން އިން ފޮޓޯ ކުރަހާފައިވެއެވެ. ޑޮކްޓަރު ރީނާމެންނަށް ވިސްނައިދިނީ އޭނާ ދަރިފުޅު ނުރައްކާތެރި އެކްސިޑެންޓުން ނުހަނު ބޮޑެތި އަނިޔާ ލިބިފައި ވަނިކޮށް ސަލާމަތް ވީތީ ލިބުނު ކާމިޔާބުގެ މައްޗަށެވެ. އޭނާވިސްނައިދިނީ ސާލިމާމެދު ނަސީބު ދެރަކަމުގެ މައްޗަށް ވިސްނާ އަމިއްލަ ނަފުސު ހަލާކު ނުކުރުމުގެ މައްޗަށެވެ.
އަހަރެމެން ހުރިހާއެންމެންވެސް ދިރިއުޅުމުގައި ވޭނާ ހިތާމަޔާ ހިތްދަތިކަން ތަޙައްމަލް ކުރަމެވެ. ހިތާމަޔަކީ ސިއްހަތަށް ފައިދާހުރި އާދައިގެ އިހުސާސަކަށްވިޔަސް ހިތާމަޔާއި ނަސީބުދެރަކަމުގެ މައްޗަށް ކަންބޮޑުވުމަކީ ތިމާ ހަލާކުކޮށްލާފަދަ ކަންކަމެވެ. ތިރީގައިވާ ޕޮއިންޓްތަކަށް ޕޮޒިޓިވް ކޮށް ވިސްނިންހެއްޔެވެ؟
