އަހަރެންގެ 3 ކޮއްކޮ ވަނީ އުމުރުން 15 އަހަރު ނުފުރެނީސް މަރުވެފައެވެ. އަހަރެންގެ އުމުރަކީ މިހާރު 42 އަހަރެވެ. މަރުވެދާނެތީ އެއްވެސް ވަރަކަށް އަހަރެން ބިރެއް ނުގަންނަމެވެ. ހަމައެކަނި އަހަރެން ބިރުގަންނަނީ އަހަރެން ފޭލްވެދާނެތީއެވެ! ދުނިޔޭގައި ހުރެވުނު މުއްދަތުގައި ﷲ ތަޢާލާއަށްޓަކައި އަދާކުރަންޖެހޭ ކަންތައްތައް ނުކުރެވި ވަނިކޮށް މަރުވެދާނެ ކަމަށްޓަކައެވެ.
އެހެންވެ އަހަރެންގެ އުމުރުން 25 ވަރަކަށް އަހަރުން ފެށިގެން އަހަރެން ޓައިމްޓޭބަލެއް ހަދައި އަމަލުކުރަމެވެ. އަހަރެން އެންމެ ބޮޑު އިސްކަމެއް ދެނީ އެ ޓައިމް ޓޭދަލްގައިވާ ގޮތަށް އަމަލުކުރުމަށެވެ. ވަގުތު ނުވެގެން ނަމަވެސް އަދި ބުރަވެގެން ނަމަވެސް ނުކޮށް ދޫކޮށްލަނީ އަހަރެންގެ އަމިއްލަ ކަންތައްތަކެވެ. އޮފީހުގެ ކަންތައްތަކެވެ. ﷲ ތަޢާލާއަށްޓަކައި ކުރަންޖެހޭ އެއްވެސް ކަމެއް ނުކޮށް ދޫކޮށްލާފައެއް ނުވާނެއެވެ.
އަހަރެން ދަމުނަމާދުކުރަން ފެށީ އުމުރުން އެންމެ 30 އަހަރުގައެވެ. ގަދަވެ ސަލާމަތުން ހުރެ ދަމުނަމާދެއްވެސް ދޫކޮށްލާފައެއް ނުވާނެއެވެ. އަދި އެގޮތަށް އަމަލުކުރެވޭތީ ނަމަވެސް ދަމު ނަމާދަކީ މިހާރު އަހަރެން އެންމެ ކުރާހިތްވާ ނަމާދެވެ. ދަމުނަމާދު ނުކުރެވިއްޖެނަމަ އެދުވަހަކު ހީވަނީ ގައިގެ އެއްފަޅި މަދުވާހެންނެވެ.
ދަމުނަމާދަށް އެހައި ލޯބި ޖެހުނީ ސީދާ މިވެނި ކަމެއްގެ ސަބަބުންކަމަށް ބުނާކަށް ނުއެނގެއެވެ. ނަމަވެސް އެނގޭ ކަމަކީ ދަމުނަމާދު ކުރާ ވަގުތުގެ ގޮތުން ނަމަވެސް ނަމާދަށްހުންނައިރު އެންމެ ބޮޑަށް ﷲ ތަޢާލާގެ މަތިން ހަނދާން ކުރެވެނީ ދަމުނަމާދުގައި ކަމެވެ. އަދި ދަމުނަމާދަށްފަހު ކުރާ ދުޢާތައް ކިޔާއިރު ސީދާ ﷲ ތަޢާލާ އާއި ދެމެދު މުޢާމަލާތް ކުރެވޭ ކަމަށް ވަރަށް ބޮޑަށް އިޙްޞާޞް ކުރެވޭ ކަމެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިކިޔައިދިނީ މީހަކު ކިޔައިދިން ވާހަކައެކެވެ. މިވާހަކައިގައި ހަމަ ކޮންމެ މީހަކަށްވެސް ޢިބްރަތެއްވެއެވެ. އޭނާގެ މިސާލަކީ ހަމަ އެންމެންނަށް ވެސް އޮތް ފިލާވަޅެކެވެ. އެހެނީ މަރު ދެކެ ބިރުގަތުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ކިތަންމެ ބިރު ގަތް ނަމަވެސް މަރުވާނެއެވެ. މަރުގެ މަލާއިކަތާ ވަޑައިގަތުމަށްފަހު އެނބުރި ވަޑައިގަންނަވާނީ ފުރާނަ ހިއްޕަވައިގެންނެވެ. އެއަށްވުރެ ބޮޑު ޔަޤީންކަމެއް އެއްވެސް މީހަކަށް ނުއޮންނާނެއެވެ!
ވީމާ އަހަރެމެންނަށް އޮތީ އަބަދުވެސް މަރަށް ތައްޔާރުވެގެން ހުރުމެވެ. އެކަމަށްޓަކައި ކުރަންޖެހޭ ކަމަކީ ދުނިޔަވީ ކަންކަން ނުކުރެވިގެން ދޫކޮށްލަން ޖެހުނު ނަމަވެސް ކޮންމެ ދުވަހަކުވެސް ﷲ ތަޢާލާއަށްޓަކައި ކުރަންޖެހޭ ކަންކަން ކުރަމުން ގެންދިއުމެވެ. އެކަންކަން ކޮށްފައި ނޫނީ ނުނިދުމެވެ. ހަމަ އެޢާއިއެކު ވެވުނުހައި ގިނައިން ސުންނަތް ނަމާދުތައް ކުރުމާއި ސުންނަތަށް އަމަލުކުރުމެވެ. ކުރާ ކޮންމެ ކަމެއްގައިވެސް ސުންނަތަށް އަމަލުކުރާނަމަ ސަވާބު ދާނީ ފުނިފުންޏަށް ލިބެމުންނެވެ!
– އިސްލާމީ ތިލަފަތުގެ ދަރުސަކުން
މިއަދު ނޫހުން ނަގާފައި
