ވާހަކަ: އައިން (2)

(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)

ވާދަވެރިކަމާއި އެހެނަސް އެކުވެރި މާހައުލެއްގައި އައިންމެންގެ ކިޔެވުން ކުރިއަށް ދެއެވެ. އެމީހުންގެ ދެވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރ ނިމެންވާއިރަށް ދާން ހަމަޖެހިފައިވާ ފީލްޑް ޓްރިޕަކަށްޓަކައި ހުރިހާ ކުދިންވެސް ތައްޔާރުވަމުން ދެއެވެ. ހެނދުނު އަށެއް ޖެހިއިރު ބ. އަތޮޅު ގޮއިދޫއަށް ދެވުނުއިރު ކުދިން ތިބޭނެގެއާއި އަދި އެހެނިހެންވެސް ކަންތައްތައް ވަނީ ތާވަލާއި އެއްގޮތަށް އަތުރާލެވިފައެވެ. ގުރޫޕަކަށް ހަ ކުދިން ހަމަޖެހޭގޮތަށް ހަތަރު ގުރޫޕުގެ ކުދިން އެކިއެކި ގެއަށް ހަމަޖެހިފައިވެއެވެ. އެގޮތުން އައިންމެންގެ ގުރޫޕާއި ނުހަނު ގާތުގައި ހުރި ގެއެއްގައި އާރިފްމެން ގެވެސް ގެހުއްޓެވެ.

 

ތާވަލާއި އެއްގޮތުގެ މަތީން ފުރަތަމަ ކަމަކަށް އޮތީ  އެރަށު ސްކޫލް ކުދިންނާއި ގުޅިގެން ތިމާވެއްޓަށް އަންނަމުން ދާ ބަދަލުތަކާއި ކުރަމުންދާ އަސަރުތަކާއި ބެހޭގޮތުން ޚާއްޞަ ކުލާސްތަކެއް ބޭއްވުމެވެ. ދެން އެރޭ ނުވަގަޑި ބައިވަންދެން އޮތީ ބެލެނިވެރިންނާއެކު ޚާއްޞަ ކުލާސްތަކެއް ބޭއްވުމެވެ. މިކުލާސް ތަކުގައި ކޮންމެ ގުރޫޕަކުންވެސް ގުރޫޕް ހުށައެޅުން ތަކެއް ހުށައެޅިއެވެ.

"ދިއުމުގެ ކުރިން ހާމަކުރަންބޭނުން ހުށައެޅުމެއް އެބައޮތް. މިދަތުރުގެ ޕްރޮޖެކްޓުން އެންމެ މަތީ މާކްސް ހޯދާ ދެ ކުއްޖަކަށް ނޭޕާލުގައި ބާއްވާ ސާކުގެ ތިމާވެށީގެ ޖަމުއިއްޔާގެ ފަރާތުން ބާއްވާ ތިންދުވަހުގެ ވޯކްޝޮޕްގައި ބައިވެރިވެވޭނެ."

"ކުރިންވެސް ބުނިގޮތަށް ހުރިހާކުދިންވެސް ގެއަށްދާނީ ގުރޫޕް ކުދިން ހަމަކޮށްގެން. އެއްކުއްޖަކުވެސް އެކަނި އެއްވެސް ތާކަށް ނުދާތި. ދިހައެއްގެ ފަހުން އެއްވެސް ކުއްޖަކު ބޭރަށް ނުނިކުންނާތި؟" ހަރަކާތްތައް ނިމުމުން ޓްރިޕްގެ އެންމެ އިސްމީހަކަށްހުރި ހާއިޝް ނަސޭހަތްތެރިވިއެވެ.

އައިންމެން އުޅެނީ ކުއްޔަށް ދިނުމަށްޓަކައި އެރަށުމީހުން ހަދާފައި ހުންނަ ގެއެއްގައެވެ. އެއީ މީހުން އުޅޭގެއެއް ނޫނެވެ. އެހެންކަމުން މުޅިގޭދޮށަށް ވެރިވެފައިވަނީ އާދަޔާއި ޚިލާފު ހިމޭންކަމެކެވެ. ބޮޑު ތަނަވަސް ކޮޓަރީގައި ހުރި ސޯފާގައި  އައިންމެން ތިބީ ތަފާތު ވާހަކަ  ދައްކާށެވެ. ވާހަކައިގެ މައުލޫ ބަދަލުވެގެން ބިރުވެރިވާހަކައަށް ފެށުނީއްސުރެ ހުރިހާ ކުދިންވެސް ޝައުގުވެރިކަމާއެކު އަޑުއަހަން ތިއްބެވެ.

"އިހަށް މަޑުކުރޭ." ނަތާގެ  އަތުގައި ހިފައިގެން އައިން މަޑުމަޑުން ކުޑަދޮރާއި ދިމާއަށް ދިޔައެވެ. މިލަ ހަނދުވަރުގެ ސަބަބުން ގޭދޮށުގައި ހުރި ގަސްތައް ދަށުގައިވާ ކޮކާ ހަނދުވަރުގެ އަލި ކުޑަދޮރުން ފެންނައިރު ހުރިހާކުދިންވެސް ތިބީ ބިރުގެންފައެވެ. އަދި އެއްވެސް ކުއްޖަކަށް ދޮރުފޮތިގަނޑު ދަމާލަން ދާކަށް ނުކެރުނެވެ. ނަމަވެސް އައިން ދޮރުފޮތިގަނޑު ދަމާލާފައި އައިސް އިށީނުމާއެކު ނުހާ ވާހަކަ ކިޔަން ފެށިއެވެ.

"ދެންވީގޮތަކީ އެކުއްޖާ މަންމަ ބުނީއްޔޯ ދުވަހަކުވެސް ތިމަންނަގެ އިނގިލީގައި މިއޮތް އަނގޮޓި ނުނަގާށޭ."

"މަރުވިޔަސްވެސްތަ؟" ޒޫނާ ބިރުވެރިކަމާއެކު އަހާލިއެވެ.

"ޒޫނާ މަޑުކޮށްބަލަ." ޝައުގުވެރިކަމާއެކު އަޑުއަހަން އިން އައިން ބުންޏެވެ.

"ހޫން. މަރުވިޔަސް ނުނަގާށޯ. ދެން އެދެމައިން ވަރަށް ހާލުގަ އުޅެމުން ދެޔޯ. އެއްދުވަހަކު މަންމަ ނުހޭލައިގެން އެކުއްޖާ ގޮވަން ދިޔައިރު މަންމަ އޮތީ މަރުވެފަޔޯ. ދެން އެކުއްޖާ ބުނެފިޔޯ މަންމަ ބުނެފަޔޭ އޮތީ އަނގޮޓި ނުނަގާށޭ. އެހެންވެގެން މަންމަ ވަޅުލީ އެއްކަލަ އަނގޮޓި އިގިލީގަ ހަމަ އެގޮތަށް ބާއްވާފަޔޯ. ދެން އެކުއްޖާ އެރޭ ނިދަން އުޅެ އުޅެ ނުނިދުނޯ. އެންމެ ފަހުން އެކުއްޖާ މަޑުމަޑުން ސަހަރާއަށް ދިޔައީޔޯ."

"އެކަނިތަ ދިޔައީ." ޒޫނާ އަނެއްކާވެސް އެހިއެވެ.

"އާނ. އެއީވެސް މިކަހަލަ މިލަ ހަނދުވަރު ދިންރެއެކޯ. ދެން އެކުއްޖާ ގަބުރުސްތާނަށް ވަދެ މަހާނަ ކޮންނަން ފެށިޔޯ. ކޮނެފަ ސަންދޯއް މަތި ހުޅުވާލިޔޯ. އޭރު ކުނިވެގެން ފުފިފައި އޮތް ގަބުރުގެ އެއްއަތް އޮތީ ބޭރުގަޔޯ. އެ އަތުގައި އިން އިނގިލީގައި އެއްކަލަ އަނގޮޓި އޮތޯ. އެކުއްޖާ އަނގޮޓި ނަގަން އުޅެ އުޅެ ނުނެގުނޯ"

"ކީއްވެ ނުނެގުނީ؟"  ބިރުގެންފައިވާ އައިން އެހިއެވެ.

"އިނގިލި އޮތީ ކުނިވެގެން ފުފިފަޔޯ. ދެން އެކުއްޖާ މަންމަގެ އިނގިލި ބުރި ކޮށްލިއްޔޯ. ދެން އެއިނގިލިބުރިއާއެކު އެ އަނގޮޓި ގެއަށް ގެނެސް ބާލީސް ދަށުގައި ބާއްވާފައި ނިދަން އޮށޯވެއްޖެޔޯ. ކުއްލިއަކަށް މީހަކު ދޮރުގައި ޓަކިޖަހާލިޔޯ އިނގޭ. ދެން އެކުއްޖާގޮސް ދޮރުހުޅުވާލިޔޯ. އަނދިރީގައި އެމީހާގެ އަތް ދިއްކޮށްލިޔޯ." ނުހާ ވާހަކަ ކިޔުން ހުއްޓާލިއެވެ.

"ދެން ކިހިނެއްވީ." އައިން އެހިއެވެ.

"ދެން އެއަތް އެމީހާއަށް ދިއްކޮށްލިޔޯ. އަމައްޔާތް." ނުހާ ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ. ނުހާއާއެކު މިގޮތަށް ހަޅޭއްލަވައިގަންނަން ރާވައިގެން އިން ނަތާ "މަންމާ މިއޮތީއޭ" ބުނެ ހަޅޭއްލަވަމުން އެނދާ ދިމާއަށް ދުއްވައިގަތެވެ. އޭރު ތަންޑު ނާޅާހުރި ކުޑަދޮރުން ވަދެފައިވާ ކަޅުއެއްޗެއް އެމީހުންނަށް ފެނުނެވެ. އެ އެތީގެ އަތުގައި އެލުވާފައިވާ ކުޑަ ބިގަރެއްވެސް އޮތެވެ. ބިރުގެންފައިވާ އެންމެން އެކިދިމާއަށް ދުއްވައިގެންފިއެވެ. ބިރުން ގޮތްހުސްވެފައިވާ އައިންއަށް ދުއްވައި ގަނެވުނީ މަގު މައްޗަށެވެ.

އައިން ދުވަމުން ދިޔައެވެ. ކުއްލިއަކަށް އޭނާ އެއްޗެއްގައި ޖެހިފައި ހުއްޓެވުނީ އޭނާގެ ކުރިމަތީގައި އެއްކަލަ ކަޅުއެތި ހުއްޓައެވެ. މިހާރު އޭތީގެ އަތުގައި ބިގަރެއްވެސް ނެތެވެ. އައިންއަށް ބާރަށް ރޮއި ގަނެވިއްޖެއެވެ. ދެން ހަދާނެ ގޮތެއް ނޭނގިގެން މޫނުމަތީ އަތްއަޅާ ހަޅޭއް ލަވައިގަނެވުނެވެ. އޭރުވެސް އޭތި އައިންއާއި ދިމާއަށް އަންނަމުންދެއެވެ. އަދި އައިންގެ ގަޔާ ދިމާއަށް ދެއަތް ދިއްކޮށްލިއެވެ. ކުއްލިއަކަށް އައިންގެ އަތުގައި މީހަކު ހިފާ އެމީހެއްގެ ގަޔާ ކައިރިއަށް ގެނެސްފިއެވެ. އެމީހެއްގެ އެއްއަތުން އައިން އޭނާގެ ގައިގާ ލައްކޮށްލައިގެން ހުރެ  އެމީހެއްގެ އަނެއްއަތުން އެ ކަޅުއެތީގެ ގައިގާ ހިފާ ދަމައިގަތެވެ. އެވަގުތު ކަޅުފޮތިގަނޑު އައީ އެމީހެއްގެ އަތަށެވެ.

"އާރިފް. " ހައިރާން ވެފައިވާ ހާއިޝް ބާރަށް ބުންޏެވެ.

"އާރިފް." އޭގެ އިތުރަށް ބުނާނެ އެއްޗެއްވެސް ނޭނގިފައި އައިންއަށް ހުރެވުނީއެވެ.

" ސަރ. ވަރަށްބޮޑަށް ސޮރީ. އަޅުގަނޑުމެން އުޅުނީ…." ހާއިޝް ފެނުމުން ބިރު ގެންފައިވާ އާރިފަށް އިތުރަކަށް ނުބުނެވުނެވެ.

"ބުނީމެއްނު ދިހައެއްގެފަހުން ބޭރަށް ނުނިކުންނާށޭ. މީދެން ކޮން ސަކަރާތެއް؟" ހާއިޝް ގަޑިއަށް ބަލާލިއެވެ. އޭނާ ހުރީ އާރިފާއި އައިންއާމެދު ވަރަށް ހިތްހަމަ ނުޖެހިފައެވެ. މިއީ އޭނާ ކުދިން ގޮވައިގެން ކުރި މިކަހަލަ ތިންވަނަ ދަތުރު ކަމަށްވީއިރު ދުވަހަކުވެސް ކުދިންގެ ފަރާތުން އޭނާއަށް ނުކިޔަމަންތެރިކަމެއް މިނޫނީ ފެނިފައެއް ނުވެއެވެ. ހުރިހާކުދިންވެސް ދީފައިވާ އިރުޝާދާއި އެއްގޮތް ވާގޮތުގެ މަތީން ބޭރަށް ނިކުމެއެއް ނޫޅެއެވެ.

"އާދޭ އަހަރެންނާއެކު." ހާއިޝްގެ ހަރުކަށިކަމުން ދެކުދިންވެސް ތިބީ ޖެހިލުން ވެފައެވެ. އެމީހުން ގެންދަނީ ކޮންތަނަކަށްކަންވެސް ނޭނގި ދެންވާނެ ގޮތެއްވެސް ނޭނގޭތީއެވެ. އެތިންމީހުންގެ މެދުގައި ހަލުވި ފިޔަވަޅުތަކެއް އެޅުން ފިޔަވާ އެއްވެސް ކަމެއް ނެތެވެ. އެއްމެންވެސް ވަނީ ބަސްހުއްޓި ހިމޭންވެފައެވެ.

"މީދޯ އައިންގެ ގެ." ހާއިޝް އައިންއަށް ބަލާލިއެވެ. އައިން އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

"ސަރ. އެހުރީ އަޅުގަނޑުގެ ގެ." އާރިފް މަޑުމަޑުން ބުނެލިއެވެ.

"ގެއަށްދޭ. ދެން ބޭރަށް ނުނިކުންނާތި. މިރޭ ތިކުރި ކަންތަކާމެދު ވަރަށް ބޮޑަށް ކަންބޮޑުވަން." ހާއިޝް ބުންޏެވެ. އައިން ގޭތެރެއަށް ވަނުމާއެކުހެން އާރިފަށްވެސް ގެއަށް ދެވުނެވެ.

"އައިން ގެއަށް ވަންއިރު އެންމެންވެސް ތިބީ ހީހީ ބަލިވެފައެވެ. އޭރު އެގެއަށް ކަޅުހެދުން ލައިގެން ވަން ނައީމް އިނީ ގޮނޑީގައި ބަނދެފައެވެ. ނައީމަކީ އާރިފްގެ ގުރޫޕްގެ މީހެކެވެ. އޭނާގެ ގައިގާ އަދިވެސް ކަޅުފޮތިގަނޑު އޮތެވެ.

"އައިން ދިޔައީ ކޮންތާކަށް. މިމީހުން އުޅުނީ އަހަރެމެން ބިރުގަންނަވަން." ނަތާ އަދިވެސް ހެނީއެވެ.

"ހޭންތިބޭ. މާދަމާ މަށަށް އަދަބު ނުލިބޭނެ އެއްގޮތެއްވެސް ނެތް. އެންމެފަހުން މަށެއްނު ކުށްވެރި މިވީ. ސަރ އަށް ފެނުނީ މަވިއްޔަ." އައިން ހުރީ ވަރަށް ކަންބޮޑުވެފައެވެ. އޭނާ ކަންތަންވީގޮތް އެންމެންނަށް ކިޔައިދިނެވެ. އެހެންކަމުން އަވަސް އަވަހަށް ނައީމު ފޮނުވާލާ މާދަމާއަށް ތައްޔާރުވިއެވެ.

ހުރިހާ ކުދިން ތެދުވެގެން އަވަސް އަވަހަށް ތައްޔާރު ވަމުން ދިޔައިރު އައިން އޮތީ ފާޚާނާ ލިބުނީމާ ނޫނީ ނުތެދުވާށެވެ. ނަތާއާއި ޒޫނާ ދިޔައީ އަވަސް ކުރުމަށްޓަކައި ކައިރިގޭގައި ހުރި ފާޚާނާ އަކަށެވެ.

"އައިން އަވަސްކުރޭ. އަހަރެމެން މިދަނީ ނުހާއަށް ބޫޓެއް ލިބޭތޯ." ދެންތިބި ކުދިން އައިންއަށް ގޮވި އެވެ.

"ކަލޭމެން ދޭ. އަހަރެން މިދަނީ ފާޚާނާއަށް."

ހުރިހާ ކުދިން އަތިރިއަށް ހިނގައްޖެއެވެ. އައިން ނައިސްގެން ހުރިހާ ކުދިންވެސް ތިބީ ކަންބޮޑުވެފައެވެ. ހާއިޝްވެސް އައިންގެ ފޯނަށް ގުޅިއެވެ. އެންމެފަހުން އައިންނުލާ މަސައްކަތް ފެށިއެވެ. އައިންއަށް ހޭލެވުނީ ދިހައެއް ޖަހަނިކޮންނެވެ.

"މިފަހަރުވެސް ލަނޑުލިބޭނެ ކަން ޔަގީން. ރޭގަވެސް ސަލާމަތް ވީކިރިޔާ." ހިތާ ހިތުން ކިޔެވެ. އައިން އަށް ދާންޖެހޭ ހިސާބަށް ދެވުނު އިރު އައްސޭރިފަށާއި އެތަނުގެ ދިރޭތަކެއްޗަށް  އެންމެ ބޮޑަށް ކުރާ އަސަރުތައް ބެލުމުގެ މަސައްކަތް ކުލާސްކުދިން ކުރަމުން ދެއެވެ. އެއްބަޔަކު ކޯޑްރޭޓަކާއި ފުރޭންޏެއް ބޭނުންކޮށްގެން ދިރުންހުރި މިންވަރު ބަލަމުން ދިޔައިރު އަނެއްބަޔަކު އައްސޭރިފަށް ގިރަމުން ދާވަރާ ވޮޑޭވަރު ބަލަމުން ދިޔައެވެ.

"ސަރ. ވަރަށް ބޮޑަށް މާފަށް އެދެން. ކުޑަކޮށްލަސްވީ." އިގިރޭސިބަހުން އައިން ބުންޏެވެ. ދެއަތުގެ އިނގިލިތަކާއި ކުޅެލަމުން އިސްޖަހައިގެން  އައިން ހުރީ ހާއިޝްގެ ބުނާނެ އެއްޗެއް ނޭނގޭތީ ބިރުގެންފައެވެ.

"ދެގަޑިއިރު ކުޑަކޮށް ލަހެއްނޫން. މިއަދުގެ އެންމެ މުހިންމުބައި މިދިޔައީ. ދެން އެންމެ ރަނގަޅު ބައިވެރިނުވެ މިތާ ބަލަން ހުއްޓަސް." ގަޑިއަށް ބަލާލާފައި ކުދިންނާ ދިމާއަށް ދިޔައެވެ.

"ސަރ. އެހެން ނުހައްދަވާ. އަޅުގަނޑަށް ނުހޭލެވުނީ." އައިން ރޮވިފައި ބުންޏެވެ.

"ރޭގަނޑު މުޅި ރަށުގައި ދުވެ ނުހެދުމަށް އެދުނީވެސް މިކަހަލަ ކަމެއް ދިމާވެދާނެތީ. ކޮބާތަ ގުރޫޕް ލީޑަރު." ހާއިޝް ބާރަށް ބުންޏެވެ. އޭރު އައިންގެ ގުރޫޕު ހުރިހާ ކުދިން އެތަނަށް އަތުވެއްޖެއެވެ. އަދި ކުލާސް ކުދިންތައްވެސް ތިބީ އެމަންޒަރު ބަލާށެވެ.

"އަޅުގަނޑު." ނަތާ ކުރިއަށް ޖެހިލާފައި ބުންޏެވެ.

"ކޮބާތަ ލީޑަރުގެ ޒިންމާއަކީ؟ ކުދިން ހަމަ ނުކުރެވެންވީ ކީއްވެ؟" ހާއިޝް ހުރީ ހިތްހަމަ ނުޖެހިފައެވެ. ނަތާއަކަށް އެސުވާލަކަށް ޖަވާބެއް ނުދެވުނެވެ.

"ރޭގައިވެސް ތިގުރޫޕް ކުދިން މަގުމަތީގައި ދުވުނު ތަންފެނުނު. މިއަދު މިފެނުނީ މަސައްކަތަށް ނާދެވުނުތަން." ހާއިޝް ހުއްޓިލިއެވެ. އަދި ކުދިންނާއި ދިމާއަށް އެނބުރުނެވެ.

"ކުދިންނޭ. މިގުރޫޕަށް ހަދަންވީ ކިހިނެއް؟" ހާއިޝް ކުދިންގެ މަޝްވަރާއަށް އެދުނެވެ. އެއްވެސް ކުއްޖެއްގެ ފަރާތުން އެއަކަށް ޖަވާބެއް ނުލިބުނެވެ.

"އާރިފް. ކިހިނެއްތަ މިމީހުންނަށް ހަދަންވީ."

"ސަރ. އެމީހުންގެ މަސައްކަތް އައިންއާއެކު ކުރުވަން ހަމަޖައްސަން ވީނޫންތޯ."

"ނޫން. އެމީހުންނަށް އެހާ ފަސޭހަ ކަމެއް ދީގެން ނުވާނެ. ތިކުދިން މިއަދުގެ މަސައްކަތް ނިންމާފައި ގޮނޑުގައި މާދަން ހަދަން ވެފައިއޮތް  ކުންޏާބެހޭ މަސައްކަތް ނިންމާ. އަދި ކުދިންނަށް އޭގެ ތަފާސް ހިސާބުތައް ދީ. މާދަން ކުލާސްކުދިން ގޮނޑަށް ނުދާނީ." ހާއިޝް ބުންޏެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *