އެމެރިކާ ލީގްސް ކަޕްގެ ގަދަ 16 ބުރުގައި އެފްސީ ޑަލަސް ބަލިކޮށް އިންޓަ މިއާމީން ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. އިންޓަ މިއާމީން ކުއާޓާ ފައިނަލަށް ދިޔައީ އެފްސީ ޑަލަސް ބަލިކޮށްފައެވެ.
މި މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ވެސް މިއާމީއިންނެވެ. މި ލަނޑު މެޗު ފެށިގެން ހަވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖޯޑީ އަލްބާ ދިން ޕާހަކުން އޭރިއާގެ ބޭރުން ތިރީ ކަނަށް ފޮނުވާލައިގެން އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އެވެ. މިއީ މިސީޒަނުގައި އެޓީމާއި ގުޅުނު މެސީ މި މުބާރާތުގައި އެޓީމަށް ކުޅެދިން ހަތަރު މެޗުގައި ކާމިޔާބުކުރި ހަވަނަ ލަނޑެވެ.
މި މެޗުގައި ޑަލަސް އިން ނަތީޖާ ހަމަހަމަކުރީ 37 ވަނަ މިނެޓްގައި ފަކުންޑޯ ކުއިނަން ކާމިޔާބުކޮށްދިން ގޯލަކުންނެވެ. މި މެޗުގައި ފުރަތަމަ ފަހަރަށް ޑަލަސް އިން ލީޑު ހޯދި ލަނޑު ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ޓެންޒޭނިއާގެ ފޯވާޑް ބެރަނާޑް ކަމުންގޯ އެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އެފްސީ ޑަލަސް ކުރީގައި އޮވެގެންނެވެ.
މެޗުގައި ޑަލެސް އިން ކާމިޔާބުކުރި ތިންވަނަ ލަނޑު ފަހުހާފުގެ 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ ފޯވާޑް އެލަން ވެލާސްކޯ އެވެ. 65 ވަނަ މިނެޓު ގައި އިންޓަ މިއާމީ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ފަރަގު ކުޑަކޮށްފައެވެ. 68 ވަނަ މިނެޓްގައި މިއާމީގެ ރޮބާޓް ޓޭލާ އަތުން ބައި ކޮޅަށް ވަން ލަނޑާއެކު، ޑާލާސް އަށް ދެ ލަނޑުގެ ލީޑެއް އަނެއްކާ ވެސް ލިބުނެވެ. މެޗުގެ 80 ވަނަ މިނެޓުގައި މިއާމީ އަށް ފަރަގު އެއް ލަނޑަށް ކުޑަވީ ޑާލާސްގެ މާކޯ ފާފަން އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ.
އޭގެ ފަސް މިނެޓު ފަހުން އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މެސީ އެވެ. މިއީ މެސީ މިއާމީއަށް ކާމިޔާބުކޮށްދިން 7 ވަނަ ލަނޑެވެ. މިލަނޑާއެކު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ 4-4 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.
ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި އިންޓަ މިއާމީ ކުރި ހޯދީ 4-5 ގެ ނަތީޖާއަކުންނެވެ.
