މަރްޔަމް އަކީ ކޮންމެ ވަގުތެއް ޖެހުމުން ވެސް ނަމާދު ކުރުމަށް އަވަސްވެ ގަންނަ އަންހެނެކެވެ. ހަމައެކަނި ފަރުޟް ނަމާދަކަށް ނޫނެވެ. ދަމު ނަމާދަށްވެސްމެއެވެ. މަރްޔަމް ނިދަނީ ސޯނާ ކޮށްގެންނެވެ. ގަޑިން 2 ޖެހުމާއިއެކު ސޯނާގެ އަޑަށް ފުންމައިގެން ތެދުވެ ތައްޔާރުވެލައިގެން ދަމުނަމާދަށް ފަށައެވެ. އަދި ﷲ ތަޢާލާއަށް ދަންނަވައެވެ!
"މިއަޅާ އިނބަ ﷲ ގެޙަޟްރަތަށް މިއައީ އާދެވުނު އެންމެ އަވަހަކަށެވެ. މިއަޅާގެ ކިބައިން ލަސްކަމެއް އޮތްނަމަ މިއަޅާއަށް މަޢާފްކޮށްދެއްވަވާނދޭވެ!" މަރްޔަމް މިކަންކަން އިޚްތިޔާރުކުރީ މޫސާގެފާނު ﷲ ތަޢާލާއަށް ދެންނެވި މި ބަސްފުޅުންނެވެ. ޠާހާ ސޫރަތުގެ 84 ވަނަ އާޔަތުންނެވެ. "އެކަލޭގެފާނު ދެންނެވިއެވެ. އެއުރެން މިއަޅާގެ ފަހަތުން އެބަ އައުދެއެވެ. އަޅުގެ ވެރި ރަސްކަލާކޯއެވެ! އިނބަ ރަސްކަލާނގެ ޙަޟްރަތަށް އައުމަށް މިއަޅާ އަވަސްވެގަތީ، އިނބަރަސްކަލާނގެ (މިއަޅާއަށް) ރުއްސެވުން އިތުރު ކުރެއްވެވުމަށްޓަކައެވެ."
މަރްޔަމް ޤަބޫލުކުރާ ގޮތުގައި މިއާޔަތުގައި އެވަނީ ނަމާދަށް ބަންގި ގޮވުމުން އަވަސްވެގަންނަން ޖެހޭނެ ވާހަކައެވެ. ކޮންމެ ކަމެއް ކުރަން ހުރި ނަމަވެސް ހުއްޓައިލުމަށްފަހު ނަމާދުކުރަން ޖެހޭނެ ވާހަކައެވެ. ﷲ ތަޢާލާގެ ރުއްސެވުން އިތުރުވާނީ ނަމާދަށް އަވަސްވެގަތް ވަރަކުން ކަމަށެވެ. އަދި މިއާޔަތުގައި "އެއުރެން މިއަޅާގެ ފަހަތުން އެބަ އައުދެއެވެ." އޮތް އޮތުން މަރްޔަމް މާނަ ކުރަނީ އެއީ އޭނާގެ މަރު އޭނާގެ ފަހަތުން އަންނަ ކަމަށާއި މަރުވުމުގެ ކުރިން ވީހައި ގިނަ އަޅުކަން ކުރަން ޖެހޭނެކަން ކަމަށެވެ.
މަރްޔަމްގެ ފިރިމީހާއަކީ މަސައްކަތުން ނިމިގެން ގެއަށް އައިސް ފުރަތަމަ ކަމެއްގެ ގޮތުން ކާން ބޭނުންވާ މީހެކެވެ. ކާން ހެދިފައި ނެތްނަމަ ވަރަށް ކަންތައް ބޮޑުކުރާ މީހެކެވެ. އެދުވަހު ގެއަށް އާދެވުނީ ޢަޞްރު ނަމާދަށް ގޮވިތަނާއެވެ. އައިރު މޭޒުމަތީގައި ބައެއް ތަކެތި ހުއްޓެވެ. ނަމަވެސް ރޮށި ނުފިހެއެވެ. ފުށްގުޅަ އޮތީ ދަމައިވެސްފައެވެ.
ވަރަށް ރުޅިގަދަވެފައި ބަލައިލިއިރު މަރްޔަމް އޮތީ ސަޖިދައިގައެވެ. ފިރިމީހާ ބުންޏެވެ. "އަޅެ މި ރޮށި ފިހެލާފައި ދިއަ ނަމަވެސް ނަމާދުކުރެވިދާނެ ނޫންހެއްޔެވެ؟" މަރްޔަމް ސަޖިދައިގައި ތަންކޮޅެއް ގިނައިރުވާން ފެށުމުން އިތުރަށް ރުޅިގަދަކުރިއެވެ. އެންމެފަހުން ކެތް ނުކުރެވިގެން ގޮސް އަތްޖައްސައިލުމާއިއެކު އެއްފަރާތަކަށް މަރްޔަމް ވެށްޓުނެވެ. ބަލައިލިއިރު ސަޖިދައިގައި އޮވެ މަރްޔަމްވަނީ ދުނިޔެ ދޫކޮށް ﷲ ތަޢާލާގެ މަތިވެރި ޙަޟްރަތަށް ދަތުރުކޮށްފައެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހަރެމެން އެންމެންނަކީވެސް މަރްޔަމްގެ ކިބައިން ނަމޫނާ ލިބިގަންނަން ޖެހޭ ބައެކެވެ. މަރްޔަމްގެ ވާހަކައިން ޢިބްރަތް ޙާޞިލުކުރަން ޖެހޭ ބައެކެވެ. މަރުވާނެ ވަގުތެއް ހަމަ އެކަކަށްވެސް ނުއެނގޭނެއެވެ. ސަލާމަތްކަމެއް ލިބޭނީ ނަމާދުތައް ފުރިހަމަކުރެވިފައިވާނަމައެވެ.
– އިސްލާމީ ތިލަފަތުގެ ދަރުސަކުން
މިއަދު ނޫހުން ނަގާފައި
