(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)
އައްސޭރިފަށުން ފެންނަ ތަފާތު ކުނީގެ ބާވަތްތައް އެކުދިން ފާހަގަކުރަން ޖެހުނެވެ. އެއާބެހޭ ތަފާސް ހިސާބުތަކާއި އޭގެ އެތިކޮޅުތައް ލެބޯޓްރީއަށް ޓެސްޓްކުރުމަށް ގެންދިއުމަށްޓަކައި ފަރުވާތެރިކަމާއެކު ނަގަމުންދެއެވެ. އެތަނުގެ ވަކިހިސާބެއްގައި އެރަށުމީހުން އުކާލާ ކުނިތައްވެސް ހުއްޓެވެ. އެހެންކަމުން އެމަސައްކަތް ވީ އެއަށްކުދިންނަށް ކުރަން އުނދަގޫ އަދި ފަކުރު ގަންނަ ކަމަކަށެވެ.
"އައިން. ކީއްވެތަ ނުހޭލީ." ނަތާ އަށް ބުނެވުނެވެ.
"ނަތާއަށް ގުރޫޕުގެ ހުރިހާ ކުދިން ހަމަނުކުރެވުނީމައެއްނު މައްސަލައަކީ." އެމީހުން ކުރާ މަސައްކަތް ރަނގަޅުތޯ ބަލާލަން އައި ހާއިޝަށް ނަތާގެ އަޑު އިވުމުން ބުންޏެވެ. މިކަމާ އައިން ހާއިޝާމެދު ހިތްހަމައެއް ނުޖެހުނެވެ. ފެށުނީއްސުރެ ހާއިޝް އުޅެނީ ނަތާމެންގެ ކުށް ދައްކަން ކަމުގައި އޭނާއަށް ހީވިއެވެ. އެހެންކަމުން ދަތުރު ނިމުމުގެ ކުރީން ހާއިޝަށް ކޮންމެވެސް ލަނޑެއްދޭން ހިތުގައި ރާވާލިއެވެ.
"ނަތާ. ހިނގާބަލަ މި ނެޕީ ހާއިޝްސަރ ގަޔަށް އެއްލަން." ނަތާ ހިނިތުންވަމުން ބުންޏެވެ.
"މަށަށް ލާހިކެއްނޫން. އަދި އެހެންނޫނަސް ތިކަހަލަ ކަމެއް ކުރާކަށް ނުވާނެ." އައިން ބުންޏެވެ.
އައިން ހިތްހަމަ ނުޖެހުމުން ނަތާ ފޫހިވިއެވެ. އައިންއަށްވެސް ހާއިޝްގެ ފަރާތުން އެތައް އުނދަގުލެއް ކުރިމަތިވާއިރު އެހެން ހަދަން ހިތްހަމަ ނުޖެހުނީތީ އޭނާ ހައިރާނެއް ނުވެއެވެ. އައިން އަކީ އެއްވެސް ކުއްޖަކަށް ދެރަގޮތެއް ވާން ބޭނުން ނުވާ ކުއްޖެއްކަން އޭނާ ގަބޫލުކުރެއެވެ. ކިތަންމެ މަޖާކުރިއަސް އަދި ޒަމާނަށް ކިތަންމެ ލޯބިކުރިޔަސް އޭނާއަކީ މީހުންނަށް ރަނގަޅު ކުއްޖެއްކަން ނަތާގެ އިތުރުން ކުލާސް ކުދިންވެސް ގަބޫލުކުރެއެވެ.
ހުރިހާ ކުދިންވެސް މަސައްކަތުގައި ހަރަކާތް ތެރިވަމުންދެއެވެ. ނަތާވެސް ދިގު ދަނޑިބުރިއަކުން ގޮނޑުގައި ހުރި އެއްޗިހި ހާކަމުން ބަލަމުން ދެއެވެ. ކުއްލިއަކަށް އޭނާގެ ދަނޑީގެ ކޮޅުގައި ކަޅުވެއްޔާއި ތަފާތު ވައްތަރުގެ ކުންޏާއި ބާވެ ހަސްނެތިފައިވާ ފޮތިގަނޑެއް އަޅައިގަތެވެ. އޭނާ އެ ފޮތިގަނޑު ނައްޓާލަން އުޅުމުގެ ތެރޭގައި ދަނޑިގަނޑު ހޫރުވާލި ވަގުތު ނައްޓައިގެން ދިޔަ ފޮތިގަނޑު ހާއިޝްގެ މޫނުގައި އެޅުނެވެ. އެވަގުތު ހުރިހާ ކުދިންވެސް ހިނިއައިސް ފަޅައިގެން ދާވަރުވިއެވެ. ނަމަވެސް އެއްވެސް ކުއްޖަކަށް އެކަންފާހަގަ ވާވަރަކަށް ބާރަކަށް ހޭކަށް ނުކެރުނެވެ.
"ނަތާ. ތިހެން ހަދާކަށް ނުވާނެއްނު." އައިން ހަމްދަރުދީ ވިއެވެ.
"އެއީ ގަސްދުގައި ކުރިކަމެއް ނޫން. އައިން ކީއްވެތަ އެހާ ދެރަވަނީ." ނަތާއަށް ވެސް ހެވެނީއެވެ.
"އެކަމަކުވެސް ހެޔޮ. ތިއީ ވަރަށް ގަބޫލު ނުކުރެވޭނެ އަމަލެއް." އައިން ހިތްހަމަ ނުޖެހުނެވެ. ނަތާ އެހެން ބުންޏަސް އެއީ ހަގީގަތްކަމަކަށް އޭނާ ގަބޫލެއް ނުކުރެއެވެ. އެއީ ކުރިންވެސް ނަތާ އެކަހަލަ ކަމެއް ރޭވިކަން އޭނާގެ ވާހަކައިން އެނގުނީމައެވެ.
ހާއިޝްއަށް އައިން މިދެއްކިވާހަކަ އަޑުއިވުނެވެ. އައިންގެ ޢަމަލު ތައް ހުންނަގޮތުން އޭނާ ހިތްހަމަ ނުޖެހުނަސް މީހުންނަށް ހުންނަ އޯގާތެރިކަމާއި ވާހަކަ ދެއްކުމުގެ މަޑުމައިތިރިކަން ފާހަގަކުރެވެއެވެ.
ޓީޗަރުންގެ ދުވަސްކަމުން ކުލާސް ހުރިހާ ކުދިންވެސް އެކަމުގެ އުފާވެރި ތަހުނިޔާތައް ޓީޗަރުންނަށް ކިޔަމުން ދެއެވެ. އެގޮތުން ބައެއްކުދިން ކާއެއްޗިހިވެސް ޓީޗަރުންނަށް ހަދިޔާ ކުރެއެވެ. އައިންވެސް ކުދިންނަށް ޗޮކްލެޓް ބަހާލިއެވެ. މިއަދުވެސް ހާއިޝްގެ ގަޑި ފެށުނުއިރު ކޮންމެވެސް ކުއްޖަކު ހުރީ ގޮޑީގައި ޗޮކްލެޓް އުގުޅާފައެވެ. ގޮޑީގައި އިށީނުމުގެ ކުރިއަށް އޭނާއަށް ޗޮކްލެޓް ހާކާފައި ހުރިތަން ފެނުނެވެ. އޭނާ ކުދިންގެ މޫނަށް ބަލާލިއެވެ. އެކަންކުރި ކުއްޖެއް އެނގޭފަދަ އެއްވެސް ނިޝާނެއް އޭނާއަކަށް ނުފެނުނެވެ. އެހެންކަމުން ކުރީގެ ހާދިސާ މަތީން ހަނދާންވެ އޭނާ އައިންއާމެދު ޝައްކުކުރެވުނެވެ. އޭނާ ގޮސް އައިންގެ ދަބަސް ބަލާލިއެވެ.
"އައިން. އާދޭ މަށާއެކު." ޗޮކްލެޓްތައް ނަގަމުން އޭނާ ބުންޏެވެ.
"ބާރަށް އާދޭ." ހާއިޝް ނިކުމެގެން ދަމުން ބުންޏެވެ. ފަހަތުން އައިންވެސް ކިޔަމަންތެރިކަމާއެކީ ނިކުމެގެން ދިޔައެވެ. އޭނާ އައިން ގެންދިޔައީ އެ ކޯހުގެ ކޯޑިނޭޓަރ އަރިހަށެވެ. އެދެމީހުންވެސް އެއްބަސްވީ އެއީ އައިން ކުރިކަމަކަށެވެ. ދަބަހުގައި ހުރި ޗޮކުލެޓްތަކުން އެއީ އައިން ކުރިކަމެއްކަމުގައި ނިންމައިފިއެވެ. ދެވަނަފަހަރަށް އެފަދަކަމެއް ތަކުރާރު ކުރީތީ ދެދުވަސްވަންދެން ކޮލެޖަށް ނާދެވޭގޮތަށް އައިން ސަސްޕެންޑް ކުރިއެވެ.
"މަ ހާދަނައްޓައޭ އެ ހާއިޝްދެކެ. ދައްކާވާހަކަ އަޑެއްވެސް ނާހާ." އައިން ހުރީ ރުޅިއައިސްފައެވެ.
"މަހީކުރީ އޭނާ ސަޅިކަމާ އެއްވަރަށް ރަނގަޅުވާނެކަމަށް." ޒޫނާ ބުނެލިއެވެ.
"ޒޫނާއަށް ހާދަ ރީތި މީހަކަށް ވެއްޖެޔޭދޯ އޭނަ. ކޮންމެވެސް ދުވަހަކުން އޭނައަށް ލަނޑެއް ދޭންވާނެ." ނަތާ ބުނެލިއެވެ.
"އަޅާނުލާ. އެމީހަކު ކުރިކަމެއް އެމީހަކަށް."
"ނޫނޭ. އޭނާ އެހާ ފޮނިވެގެން އުޅެންޏާ ލަޑެއް ދޭންމަށަށް ފެންނަނީ. މިތާއުޅޭ މާއްޓޭމެންގާތު ބުނެލާއިރަށްވެސް މޮޅުލަނޑެއް ދީފާނެ."
"ދެން އަޅާނުލާ ނަތާ." އައިން ފޫހިވެގެން ހުރެ ނިކުތެވެ.
ދެދުވަސްފަހުން އައިން ކުލާހަށް ނިކުތްއިރު އޭނާ ލާންޖެހޭ އެސައިންމަންޓެއްގެ މުއްދަތު ހަމަވެއްޖެއެވެ. ކައުންޓަރުން ހަވާލުވާނީ މާދަމާ ކަމަށްވުމުން ދެން އޮތްހާވެސް ގޮތަކީ އަވަހަށް ހާއިޝާ ހަވާލުކުރުމެވެ. އެހެންނޫނީ އެއިން ލިބެންޖެހޭ މާކުސް ދާނީ ހައްތަހާ ދަށްވަމުންނެވެ. ވަރަށް ވިސްނުމަށްފަހު އެންމެފަހުން އޮތް އެންމެ ރަނގަޅުގޮތަކީ އޭނާ އެސައިންމަންޓް ހަވާލުކުރަން ހާއިޝްގާތަށް ދިއުމެވެ. އޭނާ ވަރަށް ހިތްވަރުކޮށްފައި ހާއިޝްއާ ބައްދަލުކުރުމަށް އެ އޮފީހަށް ވަނެވެ. އޭރު ހާއިޝްއިނީ ކޮންޕިއުޓަރުން އެއްޗެއް ހަދާށެވެ.
"މިހާރު ކިހިނެއްވީ." ހާއިޝް އަދިވެސް ހުރީ އައިން ދެކެ ރުޅިއައިސްފައެވެ. ހާއިޝަށް އައިން ސިފަވަނީ މިޒަމާނުގެ ރަނގަޅު ދިރިއުޅުމެއް ދަސްވެފައި ނުވާކުއްޖެއްގެ ގޮތުގައެވެ. އޭނާ އަބަދުވެސް އައިންގެ ބޭރުފުށުން ފެންނަ ޒަމާނީ ކުލަތަކުން އެއީ ރަނގަޅު ކުއްޖެއް ނޫންކަން ޔަގީން ކުރެއެވެ. ފަހަރެއްގައިވެސް އައިންގެ އެތެރޭގައި ފޮރުވިފައިވާ ހުރި ކިޔަމަންތެރިކަމަކާއި މާތްއަޚުލާގެއް އޭނާއަކަށް ނޭނގެއެވެ.
"ސަރ.އެސައިންމަންޓް."
"މިހާރު މުއްދަތު ހަމަ ވެއްޖެއެއްނު."
"އެހެންވެގެން މިގެނައީ."
"ކިޔަވަން އުޅޭކުދިން ބަންދުގައި ހުއްޓަސް އެސައިންމަންޓް ނިންމާނެ. މާދަމާ ކައުންޓަރާ ހަވާލުކުރޭ." އައިން ގަސްދުގައި ދެރަކޮށްލުމަށްޓަކައި އޭނާ އެހެން ބުނީއެވެ. އޭނާ ބޭނުންނަމަ އެސައިންމަންޓް އަތުލާ އޭނާއަށް ގެއްލޭނެ މާކްސްތައް ސަލާމަތް ކޮށްދެވުނީހެވެ. އެއީ އެހެން ކުދިންނަށްވެސް އޭނާ ހަދައިދޭގޮތްކަމުން ގަސްތުގައި އައިންއަށް އޭނާ އެހެން ހަދާހިތްވީ ކީއްވެ ކަމެއް ނޭނގެއެވެ.
"ކީއްވެ އެހެންހެދީ." އޭނާއާއި އެއް ކޮޓަރިއެއްގައި މަސައްކަތް ކުރާ ރިފާއު ބުންޏެވެ.
"އަބަދުވެސް އެކުއްޖާ އުޅެނީ އެހެން. ދަތުރު ދިޔަދުވަހުވެސް އޭނާގެ މައްސަލަތައް ބަލަންޖެހޭވަރު ވަނީ ކިރިޔާ."
"ތަންކޮޅެއް ފޯރުންތެރިވީމާ ތިމާއަށް ތިމާ ފެނިފައި ހުންނަނީ ކަންނޭނގެ."
"އެއީ އައިން އާދަމްކަން ފިޔަވާ އިތުރު އެއްޗެއް މަށަކަށް ނޭނގޭ. ދެން އެނގޭހާވެސް އެއްޗަކީ އެއީ ވަރަށް ދެއްކުންތެރި މާ ޒަމާނާއެއްގޮތަށް އުޅޭ ކުއްޖެއްކަން. އެކަހަލަ ކުދިންދެކެ އަހަރެން ވަރަށް ހިތްހަމަ ނުޖެހޭ." ހާއިޝް ބުންޏެވެ.
ހުރިހާ ކުދިންވެސް މިއަދު ކުލާހުގައި ތިބީ ވަރަށް މަޑުންނެވެ. ނަތާމެންނަށް ކުލާހަށް ވަދެވުނީ ހުރިހާ ކުދިންވަދެ ނިމުނުފަހުންނެވެ. އޭރު ހާއިޝް އެސައިންމަންޓްތައް ބަހަމުން ދިޔައެވެ.
"ބައެއްކުދިން އުޅޭނީ ތިމާއަކީ ވަރަށް މޮޅުމީހެއްކަމުގައި ހީކޮށްގެން. ޓެސްޓެއް ނެގުމުން ފަހުން ރޯނެ ކުދިންވެސް ތިބޭނެ." އައިންއަށް ގަނޑުތައް ދިއްކޮށްލަމުން ހާއިޝް ބުންޏެވެ.
އައިން މަޑުމައިތިރި ކަމާއެކު އޭގައި ހިފިއެވެ. އެސައިންމަންޓުގެ މާކުސްބެލި އިރު އައިންއަށް ލިބިފައިވަނީ އެހެން ކުދިންނަށްވުރެ ދަށް އަދަދަކެވެ. އެއީ ދުވާލަކަށް ފަސްޕަސެންޓް ކެނޑުމުގެ ސަބަބުންނެވެ. އޭގެ އިތުރަށް ނަތާގެ މާކުސްތައް ވެސް ކުރިއާ އަޅާބަލާއިރު ދަށްވެފައި ވާތީއާއި ބައެއްތަންތަނުގައި ބޮޅުއަޅާ ކޮޕީ ޖަހާފައިވާތީ ނަތާހުރީ ވަރަށް ރުޅިއައިސްފައެވެ.
"ޗޮކްލެޓް ހޭކީ އާރިފްކަމަށް ބުނިނަމަ." ކުލާހުން ނިކުމެގެން ދަމުން ދެރަވެފައި ޒޫނާ ބުންޏެވެ.
"އޭނާ ހުރީ އަހަރެން ދައްކާ ވާހަކައެއް އަޑުއަހާކަށް ނޫނޭ. އެހެންނޫނަސް އާރިފޭ ބުނެފިނަމަ އޭނާއަށްވެސް ކިހާބޮޑު ދެރައެއް ލިބޭނީ. ދެން އޯކޭ. ފަހުން ރަނގަޅުވާނެ." އެމީހުން ވާހަކަދައްކަމުން ބޭރަށްދާން ހިނގައިގަތެވެ. ހުރިހާ ވާހަކައެއްވެސް ވަރަށްގާތުން އަޑުއަހަން ފަހަތުގައި ހުރި ހާއިޝަށް މި ވާހަކަތައް އިވުމުން ކަންބޮޑުވިއެވެ.
"އަސްލު އާރިފްގެ ސަބަބުން އައިންއަށް އެހެންވީ. ދެން އާރިފް ސަރގާތު ބުނަންދޭ." އާރިފާ ވާހަކަދެއްކި ސުވޭދާގެ ވާހަކަ ހާއިޝަށް އިވުނީ އެކަމާ ވިސްނަމުން ދަނިކޮށެވެ.
"އެކަމަކު ދެން ބުނެފިނަމަ." އާރިފްމެންވެސް ތިބީ އައިންއަށް ވެގެން އުޅޭގޮތުން ދެރަވެފައެވެ. އެ ހުރިހާކުދިންވެސް އައިން ދެކެ ލޯބިވެއެވެ.
"އާރިފް. ކަންތައްވީގޮތް ކިޔައިދީބަލަ" ހާއިޝް އައިސް އަރާ ހަމަކުރަމުން ބުނެލިއެވެ. އާރިފްމެން ދައްކަމުން ދިޔަވާހަކަތައް ހާއިޝަށް އެނގުނީކަން ޔަގީންވީތީ އާރިފް ހުރީ ބިރުގެންފައެވެ.
"ސަރ. އެދުވަހު ނުހާގެ އުފަންދުވަސްވީމަ އަޅުގަނޑުމެން ހުރިހާ ކުދިންވެސް ޗޮކްލެޓްކެއިން. ގޮނޑީގައި ޗޮކްލެޓް ބޭއްވީ އަޅުގަނޑު. އެއީ ސަރއަށް އުދަނގޫ ކުރާކަށްނޫން. އެއީ ގަސްދުގައި ސަރއަށް ގެއްލުމެއް ދިނުމަށް ކުރިކަމެއް ނޫން. އެކަމަކު އޭގެ ގެއްލުން ލިބުނީ އައިންއަށް. އޭނާ ހުރީ ވަރަށް ދެރަވެފައި."
"އެކަމަކު މިފަހަރު އޭނާ އެކަން ނުކުރިޔަސް ކުރިން އެކަން ކުރީ އޭނާ. އޭނާ ދަބަހުގައި އެދުވަހުވެސް ޗޮކުލެޓް ހުރި. އެހެންނޫނަސް އެއީ އެހެން އުޅޭކުއްޖެއް. އޭނާ ދަބަހުން މިއަދުވެސް އަހަރެން ޗޮކްލެޓް ދުށިން؟" އޭނާ ހުރީ އާރިފްގެ ކުރިމަތީގައި އެއީ އައިން ކުރިކަމެއްކަމަކަށް ގަބޫލުކުރާގޮތަކަށް ނޫނެވެ. އޭނާއަކީ މީހަކު ބުނާއެއްޗަކަށްވުރެ ޢަމަލުން އެކަން ފެނުމުން ގަބޫލުކުރާމީހެކެވެ. އެކަމަކު އޭނާއަކީ ކުދިންނާ ގުޅިގެން ކުދިންގެ ކިޔެވުމަށް ބާރުއަޅާ މުދައްރިސެކެވެ. އެހެންކަމުން ބައެއްފަހަރު ހާއިޝަކީ ގާތްރަހުމަތްތެރިއެއް ގޮތަށް ކުދިންނާ ގުޅި އެހެންކުދިންގެ މައުލޫމާތު އޮޅުން ފިލުވާ ޒިންމާދާރު މީހެކެވެ. އޭގެ ސަބަބުން ކުދިންގެ ކިޔެވުމަށް ހެޔޮ އަސަރު ކުރެއެވެ.
"ސަރ. އެއީ ވަރަށް ރަނގަޅު ކުއްޖެއް. ހުރިހާ ކުދިންނަށްވެސް އަޅާލާ. ބަލާ މީހަކަށް އޭނާ ހެދުން އަޅާގޮތާއި ވާހަކަ ދައްކާގޮތުން ފަހަރެއްގައި އެހެން ހީވެދާނެ. އެކަމަކު އެއީ ވަރަށް އޯގާތެރި ކުއްޖެއް. އޭނާއަށް އަދަބު ނުދެއްވާ." އާރިފް ތެދު ހެދިއެވެ.
"ކީއްވެތަ އާރިފް މާބޮޑަށް އޭނާއާއި އެއްކޮޅަށް ބުރަވެވެނީ. ދެންއެކަމާ އަޅާނުލާ. އަހަރެން އެކަމާ ވިސްނާނަން." ހާއިޝް މިހެންބުނީ އާރިފް ހިތްހަމަ ޖައްސާލުމަށްޓަކައިކަން އާރިފަށްވެސް އެނގެއެވެ.
ނަމަވެސް އައިންގެ މައްސަލާއިގައި ހާއިޝަށް ވިސްނެމުން ދިޔައެވެ. އައިންދެކެ އޭނާއަށް މާބޮޑަށް ރުޅި އާދެވެނީކަމަށް ގަބޫލު ކުރެވެންވެސް ފަށައިފިއެވެ. އޭނާ ބެލްކަންޏަށް ނިކުމެލިއެވެ. އަދި ހާސްކަން ފިލުވާލުމުގެ ގޮތުން ބޭރަށް ބަލާލިއެވެ.
އެވަގުތު ކޮލެޖުގައި ތިބި ހުރިހާ ކުދިންވެސް ދުވެފައި ކަހަލަ ގޮތަކަށް ބޭރަށް ނިކުންނާތީ ކަމެއް ގޯސްވެގެން އުޅޭކަން ހާއިޝަށްވެސް ޔަގީންވެއްޖެއެވެ. އޭނާވެސް ދުވެފައި ބޭރަށް ނިކުތެވެ.
ކުދިންތައް އެއްވެފައި އޮތްތަނަށް އޭނާ ގާތްވެލިއެވެ. އޭރު އަންހެން ކުއްޖެއް ބިންމައްޗަށް ވެއްޓިފައި އޮތެވެ. އޭނާގެ ދަބަސް މާދުރަށް ވިއްސައިގެން ގޮސްފައިވާއިރު ފޮތްތައްވަނީ މާދުރަށް ބުރައިގެން ގޮސްފައެވެ. އެކުއްޖާގެ މޫނު ވަނީ ލެއިން ފޯވެފައެވެ. ގާތުގައި ހުރި ޒޫނާއާއި ނަތާއާއި ދެކުދިން ރޮމުން ދެއެވެ. ހާއިޝް ކުދިންތައް ދުރުކޮށްލާ އެތެރެއަށް ވަދެގަތެވެ. އަދި އެއީ ކޮން ކުއްޖެއްތޯ ބަލާލިއެވެ.
(ނުނިމޭ)
