ކަމަކަށް އެދި ﷲ ތަޢާލާއަށް ދުޢާ ކުރުމަށް ވަކި ބަހެއް ނެތެވެ. އެހެނީ ހުރިހާ ބަސްތަކެއްވެސް ﷲ ތަޢާލާ އެންމެ މޮޅަށް ދެނެވޮޑިގެންވާތީއެވެ. ނަމަވެސް ކަންކަމަށް އެދި ދުޢާ ކުރުމުގައި ކީރިތި ޤުރުއާނުގައި ބަޔާންވެގެންވާ އަދި ރަސޫލް (ޞޢވ) ގެ ޙަދީޘްފުޅުތަކުން ފެންނަންހުރި ދުޢާ ކުރުން މޮޅު އިތުރުވެގެންވެއެވެ. އެފަދަ ދުޢާއެއް ނުއެނގޭނަމަ، ހަމަ ކޮންމެ ބަހަކުން ނަމަވެސް ދުޢާކުރަންވީއެވެ. ދިވެހި، އިނގިރޭސި، ޢަރަބި ފަދަ އެމީހަކަށް ފަސޭހަ ބަހަކުން ހަމަ ދުޢާކުރަންވީއެވެ.
ދުޢާ ކުރުމާއި ބެހޭ ގޮތުން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ ދިވެހި ބަހުން ދުޢާކުރި ނަމަވެސް ދުޢާކުރަން ފަށަންވާނީ ﷲ ތަޢާލާއަށް ހަމްދުކޮށް ރަސޫލާ (ޞޢވ)އަށް ޞަލަވާތާއި ސަލާމް ލެއްވެވުން އެދި ދުޢާކުރުމުން ކަމަށެވެ.
"ﷲ އަށް ޙަމްދު ކުރަމެވެ. ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވެވުން އެދި ދުޢާކުރަމެވެ.—- ދެން ބޭނުންވާ ދުޢާއެއް ކުރިއަށް ގެންދަންވީ (ކުރަންވީ) އެވެ."
ބައެއް މީހުންނަށް ހީވެފައި އޮންނަނީ ކޮންމެ ކަމަކަށް އެދި ދުޢާކުރަން ބޭނުންވުމުން ޢަރަބި ބަހުން އޮންނަ ދުޢާއެއް ހޯދައިގެން ނޫނީ ނުކުރެވޭނެ ކަމަށެވެ. ނަމަވެސް އެއީ އެކަން އޮތް ގޮތް ނޫންކަން ޑރ. އިޔާޟްގެ މި ބަސްފުޅުން އެނގިގެންދެއެވެ.
ޢިލްމުވެރިން ވިދާޅުވަނީ ކަންކަމަށް ބޭނުންވުމުން ނުވަތަ ކަންކަމަށް އެދިގެން ދުޢާކުރާއިރު ކީރިތި ޤްރްއާނުގައި ބަޔާންވެގެންވާ ދުޢާތައް އަދި ކައު އިތުރު ރަސޫލާ (ޞޢވ) ކުރެއްވެވި ދުޢާތައް ކުރުމުގެ ބޭނުމަކީ އެ ދުޢާތަކަށްވުރެ ފުރިހަމައަށް ދުޢާ ނުކުރެވޭނެތީ ކަމަށެވެ. އެހެންކަމުން އެންމެ މަތިވެރި ގޮތަކީ އެއީ ކަމަށެވެ. ނަމަވެސް އެފަދަ ދުޢާއެއް ނުއެނގޭނަމަ އެމީހަކު ވާހަކަ ދައްކާ ބަހަކުން ދުޢާކުރަންވީ ކަމަށެވެ.
- މިއަދު ނޫހުން ނަގާފައި
