ޒުބައިދާ ބިންތު ޖައުފަރު ބިން މަންސޫރަކީ މުސްލިމުންގެ މަޝްހޫރު ޚަލީފާ، ޚަލީފާ ހާރޫނުއްރަޝީދުގެ އަނބިކަނބަލުންނެވެ. ޒުބައިދާގެ އަސްލުނަމަކީ އަމަތު ބިންތު އަލް ޢަޒީޒެވެ. އެކަމަނާގެ ކާފަ އެކަމަނާއަށް ލޯބިން ޒުބައިދާ ކިޔުއްވުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މުޅި އުމުރުގައިވެސް ޒުބައިދާގެ ނަމުން މަޝްހޫރުވުމެވެ. އައްބާސީ ދައުލަތުގެ ޚަލީފާ މުޙައްމަދު އަލް އަމީނަކީ އެކަމަނާގެ ދަރިކަލުންނެވެ.
މުއްސަނދިކަމާއި ނުފޫޒުގަދަ ޒުބައިދާއަކީ އައްބާސީ ޚިލާފަތުގެ އަމީރާގެ އިތުރުން ޚަލީފާ ހާރޫނުއްރަޝީދުގެ ދެބެންގެ ދެދަރި ކުއްޖެކެވެ. ރީތިކަމާއި، ހުށިޔާރުކަމާއި ހިތްވަރުގަދަކުމުގެ އިތުރުން ޒުބައިދާ މަޝްހޫރުވެފައިވަނީ އާޓް ކުރިއެރުވުމަށާއި ޅެންވެރިކަން ކުރިއެރުވުމަށް ބަޣްދާދުގައި މަޝްހޫރުވި އަންހެން ބޭފުޅެއްގެ ގޮތުގައެވެ. އާކިޓެކްޗަރ އާއި ސައެންސް ކުރިއެރުވުމަށް ޚަރަދު ކުރައްވާ ޒުބައިދާއަކީ ވެރިކަމުގައި ހުންނެވި ޚަލީފާއަށް ލަފާ އަރުވާ ޚާއްސަ ބޭފުޅެއްވެސްމެއެވެ. އެކަމަނާގެ ހިކުމަތްތެރިކަމުގެ ސަބަބުން ޒުބައިދާ އަރުވާ ލަފާތަކުގައި ޚަލީފާއަށް ކާމިޔާބު ލިބިވަޑައިގަންނަވައެވެ.
ޒުބައިދާއަކީ ދީންވެރި ތަޤުވާވެރިއެކެވެ. އެކަމަނާ ފަސްވަނަ ފަހަރު ހައްޖުގެ އަޅުކަމަށް ވަޑައިގެންނެވި މަގުމަތީގައި ހަނަފަސްކަމުގެ ސަބަބުން ފެންނުލިބުމާއި ޒަމްޒަމް ވަޅުން ފެން މަދުވެފައިވާތީ ފެނިވަޑައިގަތެވެ. އޭގެ ސަބަބުން ރައްޔިތުންނަށް އެތައް ތަކުލީފެއްޖެހި ދަތި ހާލުގައި އުޅޭތީ 2 މިލިއަން ދީނާރު ޚަރަދުކުރައްވާ ޒަމްޒަމް ވަޅު ފުންކުރުމަށް އަމުރުކުރެއްވިއެވެ. އޭގެ ސަބަބުން މައްކާއާއި، މައްކާ ކައިރީގައި އެހެން ސަހަރުތަކަށް ފެނުގެ ދަތިކަން ހައްލުވިއެވެ. އަދި ހައްޖުގެ އަޅުކަން އަދާކުރުމަށް ދަތުރުކުރާމަގު ހައްދަވާ އެމަގު ފުޅާކުރައްވާ ކޫފާއިން ފެށިގެން 900 މޭލަށް އެ މަގު ހެއްދެވިއެވެ. އަދި ފެންލިބޭނެ ޓޭންކްތައް ބަހައްޓަވާ ވާރޭ މޫސުމުގައި އެޓޭންކްތަކުގައި ފެން ލިބޭނެހެން ހެއްދެވިއެވެ. އެކަމަނާގެ މި މަސައްކަތްޕުޅު ތަކުގެ ސަބަބުން އަރަފާތާއި ހަމައަށް ފެންލިބުން ފަސޭހަ ވެގެން ދިޔައެވެ. އެހެންކަމުން އަދިވެސް ޒުބައިދާގެ ކޯރުގެ ނަމުގައި ފެނުގެ މަސައްކަތް މަޝްހޫރުވެފައިވެއެވެ.
ޚަލީފާ ހާރޫނުއްރަޝީދުގެ ބައިވެރިވެ ވަޑައިގަތުމެއްނެތި ޒުބައިދާ އެކަމަނާގެ މިލްކިއްޔާތުގައި ހިމެނޭ ވިޔަފާރިތަކާއި ގެދޮރު ބެލެހެއްޓެވިއެވެ. އެގޮތުން ގުރުއާން ހިތުދަސް 100 އަންހެނުން އެކަމަނާގެ ޚިދުމަތުގައި ގަނޑުވަރުގައި ގެންގުޅުއްވިއެވެ. ސިއްރު ސިފައިންނާއި އެޖެންޓުން ގެންގުޅުއްވިއެވެ. އެކަމަނާގެ އަމިއްލަ ގަނޑުވަރަކީ އެޒަމާނުގައި އެންމެ ރީތި އެންމެ މުއްސަނދި ގެއެވެ. އެގޭގައި ބޮޑު ހޯލެއް ހައްދަވާ އެހޯލްގައި ބައިވަރު ތަނބު ތަކުން ބާރުދިނެވެ. ކޮންމެ ތަނބެއްގައި އައިވަރީ އާއި ރަނުން ޒީނަތްތެރި ކުރެވިފައިވާ ގުރުއާނުގެ އާޔަތްތައް ލިޔެވިފައިވެއެވެ. ގަނޑުވަރު ވަށައިގެން ބޮޑު ބަގީޗާއަކާއި އެތާނގައި ދޫނިސޫފާސޫފި އަދި އެކިހަލަ ޖަނަވާރުތައް ގެންގުޅުއްވިއެވެ. ފަރިއްކޮޅަށް ގެންގުޅުއްވާ ތަށިތައް ރަނާއި ރިހިން ހެއްދެވިއެވެ. އެޒަމާނަކީ ކާންބޭނުންކުރާ ތަށިތައް ލެދައިން ހަދާފައިވާ ޒަމާނެކެވެ. އެކަމަނާއަކީ ފެޝަން ކުރިއެރުވުމަށް ތަރުހީބުދެއްވި ބޭފުޅެކެވެ. ފައިވާނުގައި ޖަވާހިރުން ޖަރީކުރެވި މުއްސަނދި އަންހެނުން ފައިވާންތައް އެގޮތަށް ހެއްދެވިއެވެ. ސިލްކާއި ރަނުން ތައްޔާރު ކުރެވިފައިވާ އަސްގާޑިޔާ ފުރަތަމަފަހަރަށް ތަޢާރަފް ކުރިއެވެ.
ޒުބައިދާ ބިންތު ޖައުފަރު ބިން މަންސޫރު އަވަހާރަވީ ޖުލައި 831 އަހަރުގައެވެ. ޚަލީފާ އަވަހާރަވިތާ 31 ފަހުންނެވެ.
