އަސަރުން ފުރިފައިވާ ހާދިސާއެއް! – މައިންގެ ހިތުގައި ނުޖައްސަންވީ މިފަދަ ގޮތަކަށް މަރުވާން ޖެހިދާނެ ކަމަށްޓަކައެވެ!

އެއްދުވަހަކު ވަރަށް ގާތް އަންހެނަކު އެދުނީ މެޝިންގައި އޮވެ ނޭވާލަމުން ދިއަ އޭނާގެ ދަރިފުޅު ދުނިޔެއަށް އަލްވިދާއު ކިޔުމަށް މެޝިނުން ނަގާވަގުތު އެތަނުގައި ހުރެ ދިނުމަށެވެ. އޭނާ އެކަމަށް އެދުނީތީ އަހަރެން ދިއައިމެވެ. އަހަރެން އުންމީދުކޮށްގެން ހުރީ އެވަގުތު އެ އަންހެން މީހާއަށް ކޮންމެވެސް އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ކަމަށެވެ. ހިތްވަރު ދިނުން ފަދަ ގޮތަކުންނެވެ.

ނަމަވެސް މަންޒަރު ފެނިފައި އަހަރެންނަށްވެސް ރޮވެން ފެށީއެވެ. 30 ވަރަކަށް އަހަރުގެ ޒުވާނާ މެޝިނުން ނަގައި އެނދުގައި ބޭއްވީއެވެ. ބޭއްވުމާއިއެކު މައިމީހާ ދަރިފުޅުގެ އަތުގައި ހިފިއެވެ. އަދި ޑޮކްޓަރު، ދަރިފުޅު މިހާރު އެލަނީ އެންމެ ފަހު ނޭވާކޮޅު ކަމަށް ބުނުމުން މޫނުގައި ބޮސްދިން ގޮތަށް މަރުވަންދެން މައިމީހާ އެގޮތުގައި އޮތެވެ.

އެއީ ވޭނުން ފުރިގެންވީ ވަގުތުކޮޅެކެވެ. އެންމެން ރޮނީއެވެ. އެވަގުތު ކުރި އަސަރު ބުނެދޭކަށްވެސް ނުއެނގެއެވެ. އެވަރުގެ ހިތްދަތި ވަގުތުކޮޅެއް މުޅި އުމުރުގައިވެސް ތަޖުރިބާ ކުރެވިފައިވެސް ނެތެވެ.

ހުރިހާ ކަމެއް ނިމުމުން އަހަރެން ގޮސް އޭނާގެ ކިބައިން މަޢާފަށް އެދުނީމެވެ. އެއީ އޭނާއަށް އެހީތެރިވާންވީ ވަގުތު އެހީތެރި ނުވެވުނީތީއެވެ. ޖަވާބުގައި އޭނާ ބުނީ އެކަމުގައި އެހީތެރިކަމަށް ބޭނުން ނުވާކަމަށާއި އޭނާ ހުރީ ﷲ ތައާލާގެ ޙަޟްރަތުން ވާގި އެދި ހިތްވަރު ލިބިގެން ކަމަށެވެ. އަހަރެން އެތަނުގައި ހުރެ ދިނުމަށް އެދުނީ އޭނާ ދަރިފުޅު ދެކެ ލޯބިވާކަމަށް ހެކިވާނެ ދީނީ ޢިލްމުވެރިއަކު އެވަގުތު އެތަނުގައި ބެހެއްޓުމުގެ ބޭނުމުގައި ކަމަށެވެ.

"އަހަރެންގެ ދަރިފުޅު ކުއްލިއަކަށް ބަލިވީ ދެމައިން ޒުވާބެއްގެ ތެރޭގައި އުޅެނިކޮށް. ނަމަވެސް އަހަރެން ދަރިފުޅަކަށް ހިތްބަރެއް ނުކުރަން. އަހަރެން ކިހިނެއް ހިތްބަރުކުރާނީ އަހަރެންގެ ބަނޑުގައި އޮވެ ދުވަސް ފުރާ އޭނާ ވިހެއީ. ހުރިހާ ބުރައެއް އުފުލައި ގެންގުޅެ ބޮޑުކުރީ އަހަރެން. އިރާދަކުރެއްވިއްޔާ ގޯތީގެ އެއްބައިގައި ދަރިފުޅަށްޓަކައި ކުޑަ މިސްކިތެއްވެސް އަޅާނަން."

މީސްތަކުންނޭވެ! މައިންނާއި ދެބަސްވެ ހިތުގައި ނުޖައްސަންވީ މިފަދަ ގޮތެއް މެދުވެރިވެދާނެ ކަމަށްޓަކައެވެ. ކުރިން މަރުވާނީ ކާކުކަން ނުއެނގޭތީއެވެ. ކުރިން މައިމީހާ މިފަދަ ގޮތަކަށް މަރުވި ނަމަ ދަރިފުޅަށްވެސް ހަމަ އަސަރުތަކެއް ކުރާނެއެވެ. ޒުވާބުކުރެވުނީތީ މުޅި އުމުރަށް ހިތާމަކުރާނެއެވެ. ޤިޔާމަތް ދުވަހު ކަންކަން ވާނެ ގޮތް ހަމައެކަކަށްވެސް ނުއެނގޭނެއެވެ. ވީމާ މައިންގެ ހިތުގައި ޖެހިދާނެ ހަމަ އެއްވެސް ކަމެއް ނުކުރާށެވެ!

އަދި އެއްވާހަކަ ބުނެލާނަމެވެ. މިއީ މައެއްގެ ކިބައިން ފެނުނު ލޯތްބެވެ. އެއިގެ 99 ގުނަ އިތުރަށް ﷲ ތަޢާލާ އަހަރެމެން ދެކެ ލޯބިވެވޮޑިގެންވެއެވެ. ވީއިރު ﷲ ތަޢާލާ އަށް އަހަރެމެން އިޚްލާޞްތެރިވާން ޖެހޭނެ މިންވަރު ހިތަށް ގެންނާށެވެ!

– އިސްލާމީ ތިލަފަތުގެ ދަރުސަކުން

  • މިއަދު ނޫހުން ނަގާފައި
ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *