"އަގުބޮޑު މުދަލުގައި އަތްލެވޭނީ ގަނެގެން" ކަމަށް ބޮސް ގާތު ބުނުމުން ވަގުތުން ކައިވެނިކޮށް ލިބުނީ އުފާވެރި ދިރިއުޅުމެއް

އަޅުގަނޑަށް ކިޔެވުނީ އޭލެވެލް އާއި ހަމައަށެވެ. އެހިސާބުން މަންމަ ބަލިވުމާއި ގުޅިގެން ކުރަންޖެހުނު ޚަރަދުތައް ބޮޑުވެ އިތުރަށް ކިޔަވައިދެވޭނެ ގޮތެއް ބައްޕައަކަށް ނުވިއެވެ. ހިލޭ މަތީ ތަޢުލީމް ލިބުމުގެ ފުރުޞަތު އެއިރު ނޯންނާތީއެވެ.

ކޮންމެއަކަސް އަޅުގަނޑަށްވެސް ޖެހުނީ ފައިސާ ހޯދަން މަސައްކަތްކުރާށެވެ. ވަޒީފާ ލިބުނީ އަމިއްލަ ކުންފުންޏަކުންނެވެ. ރިސެޕްޝަނިސްޓެއްގެ ވަޒީފާއެވެ. ލިބޭ މުސާރައިން ބައެއް ހޭދަކޮށްގެންނާއި ކުންފުނީގެ އެހީތެރިކަމާއިއެކުވެސް އެމްބީއޭ ޙާޞިލްކުރީމެވެ.

އެމްބީއޭ ހަމަ ލިބުނު ތަނުން ކުންފުނީގެ އިސްމަޤާމެއްވެސް ލިބި ވެރިއަކަށް ވެވުނެވެ. އެދުވަސްވަރު ވެރިމީހާގެ ދަރިފުޅު އިސްމާޢީލް އުޅުނީ އަޅުގަނޑުގެ ފަހަތުން އަޅައިގަނެގެންނެވެ. އިސްމާޢީލަކީ އަޅުގަނޑުގެ ޑައިރެކްޓް ބޮސް އެވެ. ފާޑުފާޑުގެ ބަސްތައް ބުނެއެވެ. ނަމަވެސް ހިނިތުންވެލުން ނޫން ޖަވާބެއް ނުދެމެވެ.

އެއް ދުވަހަކު ބޮސް ކޮޓަރިއަށް ކަމަކު މޭޒުދޮށުގައި އިންދާ ބޮސް އަޅުގަނޑުގެ އަތުގައި ހިފައިލުމުން ފޮޅުވައިލީމެވެ. އެހިސާބުން އަޅުގަނޑު ވަރަށް ރީތިވާހަކައާއި ވަރަށް ކަމުދާ ވާހަކައާއި އަދި ލޯބިވާ ވާހަކަ ބުންޏެވެ.

ޖަވާބުގައި އަޅުގަނޑު ބުނީމެވެ. "ފިހާރަތަކުގައި ހުންނަ އަގުބޮޑު ތަކެތި ބަހައްޓާފައި ހުންނަ ސޯކޭސްތަޅުލާފައި އެހުންނަނީ ކަމަކުއެވެ. އެއީ ބޭނުންހައި މީހަކު އަތްލިއަ ނުދިނުމަށެވެ. ގަންނަން ބޭނުން ނޫންނަމަ ޖެހޭނީ ބަލާލައިފައި ދާށެވެ. އަތްލެވޭނީ ގަންނަން ބޭނުންވާ މީހާއަށެވެ. އަންހެންކުދިންނަކީ ހަމަ އެފަދަ ބައެކެވެ. އެއަށްވުރެވެސް މާ އަގުބޮޑު މުދަލެކެވެ. ވީމާ ގައިގައި އަތްލަންވާނީ ކައިވެނިކުރަން ބޭނުންނަމައެވެ. ކައިވެނިކުރަން ބޭނުންނަމަ އަޅުގަނޑު މިހުރީ ރުހިގެންނެވެ. އަވަސްކުރާށެވެ! މިހާރު ފޮނުވިޔަސް ރަންކިޔާނަމެވެ."

ބޮސް އެއްވެސް އެއްޗެއް އިތުރަކަށް ނުބުނެއެވެ. ހިނިގަނޑަކުން ދުއްވައިލީއެވެ. އަޅުގަނޑުވެސް ހަަމަ އެގޮތަށް ހިނިގަނޑަކުން ނިންމައިލީއެވެ.

އެދުވަހު ހަވީރު ގެއަށްދިއަތަނާ ލިބުނީ ބޮސްގެ މެސެކެކެވެ. "ބައްޕައާ ބައްދަލުކުރަން މިރޭ 9 ޖަހާއިރު ތިގެއަށް އެބަ ދަން."

ޖެހިގެން އައިރޭ ރަންކިޔައިފީމެވެ. ހަފްތާއެއްގެ ތެރޭގައި ކައިވެނިކޮށްފީމެވެ. ކައިވެންޏަށް 13 އަހަރު ފުރިއްޖެއެވެ. 4 ދަރިންވެސް އެބަތިއްބެވެ. ކައިވެންޏަށް 3 ވަނަ އަހަރު ބައްޕަގެ އެހީތެރިކަމާއިއެކު ފަށައިގަނެ މިހިންގަނީ އިސްމާޢީލް އާއި އަޅުގަނޑުގެ ވިޔަފާރިއެކެވެ.

މިއަދުނޫހުގެ ކިޔުންތެރިން ގާތު، ޚާއްޞަކޮށް އަންހެންކުދިން ގާތު ބުނެލަން ބޭނުމީ އަތްފުއްސަކަށްނުވާށެވެ. އެއިރުން އެވެވެނީ ތުންފުއްސަކަށެވެ. އެއްވެސް އަގެއް ނުހުންނާނެއެވެ. ލޯބިވާކަމަށް ބުނާނަމަ އޭނާގެ ޙަޤީޤަތް ބެލުމަށްފަހު އަވަހަށް ކައިވެނިކުރަން ބުނާށެވެ. ކިތަންމެ އަގުބޮޑު ޖަވާހިރެއްވެސް މަގުމައްޗަށް އެއްލައިލީމާ މީހުން އަރާނީ ފައިންނެވެ. އަހަރެމެންގެ އަގު އަރާނީ އަހަރެމެން އަހަރެމެންގެ ގޮތުގައި ސާބިތުވެ ތިބެގެންނެވެ.

އަޅުގަނޑު ޢާންމުކޮށް އެންމެންނަށް އަންގަން މިބަސްތައް މިބުނީ އަޅުގަނޑުގެ އެކުވެރި ޒޫނާއަށް ޚާއްޞަކޮށްގެންނެވެ. ޒޫނާއަށް ކަމެއް ވިސްނައިދިނުމުގެ ބޭނުމުގައެވެ. ޒޫނާއަކީ ތުންފުއްސަކަށްވާން ބޭނުން ނުވާތީއެވެ.

– ޒިޔާދާ

  • މިއަދު ނޫހުން ނަގާފައި
ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *