2023 ވަނައަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ފޯރިގަދަކޮށް މައި ދެޕާޓީކަމަށްވާ އެމްޑީޕީއާއި ޕީޕީއެމްގެ ކެމްޕޭނުކުރަމުންދިޔައިރު އެންމެންވެސް ވާހަކަ ދެކެވެމުން ދިޔައީ އިންތިޚާބުގެ ނަތީޖާއާއިމެދުގައެވެ. ގިނަމީހުން ގަބޫލުކުރިގޮތުގައި މޮޅުވާ ޕާޓީއެއް މޮޅުވާނީ ވަރަށް ކުޑަ ތަފާތަކުންނެވެ. ބައެއްމީހުން ބުނަމުންދިޔައީ މި ޢަދަދު އުޅޭނީ 5000 އާއި 8000 ދެމެދުގައި ކަމަށެވެ. ނަމަވެސް މި ވިސްނުމާއި ދެކޮޅަށް އަދި ގިނަބަޔަކު ހީކުރިގޮތާއިވެސް ޚިލާފަށް ރަސްމީ ނަތީޖާ ޑރ. މުއިއްޒު އުޅުއްވީ މާކުރީގައެވެ.
އިންތިޚާބުގެ ރަސްމީ ނާތީޖާ ދެއްކިގޮތުން ޑރ. މުޙައްމަދު މުއިޒު މި އިންތިޚާބު ތަފާތު ބޮޑުކޮށް ކާމިޔާބު ކުރެއްވިތަން ރައްޔިތުންނަށް ފެނިގެން ދިޔައެވެ. ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ޢަދަދު 282،804 ގައި ވީއިރު ޖުމްލަ ވޯޓުލީ 246،915 މީހުންނެވެ. އޭގެތެރެއިން 246.915 މީހުން ވޯޓުލީއިރު ބާތިލް ވޯޓުގެ ގޮތުގައި 7888 ވޯޓު ހިމެނެއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙް އަށް 109،868 ވޯޓު ލިބިވަޑައިގެންނެވިއިރު ޑރ. މުޙައްމަދު މުއިޒުވަނީ 129،159 ވޯޓު ހޯއްދަވާ 19291 ތަފާތަކުން އިންތިޚާބު ކާމިހާބު ކުރައްވާފައެވެ. މިއީ އެއްވެސްމީހަކު ޑރ. މުއިއްޒު ހޯއްދަވާނެ ކަމަށް ލަފާކުރި ވޯޓުގެ ޢަދަދެއް ނޫނެވެ.
އިންތިޚާބުގެތެރޭގައި ދެފަރާތުންވެސް ކެނޑިނޭޅި އެންޓިކެމްޕޭން ކުރުމުގެ ރޫހެއް ފެނުނުއިރު ޑރ. މުއިއްޒުއާއި ގުޅޭގޮތުން ވަރަށް ޒާތީ ވީޑިއޯތަކާއި އޯޑިއޯތައްވެސް ދިޔައީ ސޯޝަލް މީޑިޔާގައި ދައުރުވަމުންނެވެ. ބައެއްފަރާތްތަކުން މިކަންކަމުގައި ޑރ. މުއިއްޒުއަށް ނުރުހުން އަމާޒުކުރުވި ކަމުގައި ވީނަމަވެސް ރައްޔިތުން މިފަދަ ކަންކަމަށް މާބޮޑު ސަމާލުކަމެއް ނުދޭކަން ޔަގީންވެގެން ދިޔައީ އިންތިޚާބު ބޮޑު ތަފާތަކުން ޑރ. މުޢިއްޒު ކާމިޔާބު ކުރެއްވުމުންނެވެ.
ކޮންމެއަކަސް، ވޯޓުލާން ވަރަށް ކައިރިވެފައިވަނިކޮށް އެއްޕާޓީން އަނެއްޕާޓީއަށް ބަދަލުވަމުންދިޔަ މީހުންތައްވެސް ފެނިފައިވުމާއި، ޕީޕީއެމްއާއި ޕީއެންސީގެ ޕާޓީގެ އެތެރޭގެ ކޯޅުންތަކާއި، ޑރ. މުއިއްޒުއަށް ކުރިމަތިވެވަޑައިގެންނެވި ތަފާތު ގޮންޖެހުންތައް ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކުރައްވަމުން ވަޑައިގެން އިންތިޚާބު ކާމިޔާބު ކުރައްވައިފިއެވެ. ދެފަރާތުގެ ކެމްޕޭނުގެ ފޯރި ކިތަންމެ ގަދަވީ ކަމުގައި ވީނަމަވެސް ކޮންމެ މީހަކުވެސް ހައިރާންވީ ކަމަކީ މިފަހަރުގެ ރިޔާސީ އިންރިޚާބު ހީކުރި ގޮތާ ޚިލާފަށް ތަފާތު ބޮޑު ނަތީޖާއެއް ފެނުމެވެ.
