ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން އުޅެނީ ކިހާ ހިސާބަކު؟

ޓެކްނޮލޮޖީގެ ދާއިރާގައި ދުނިޔެ ބާރު ނިސްބަތަކުން ކުރިއަރަމުން އަންނައިރު، އެ ދާއިރާގައި އަންހެނުންގެ ރޯލު ފިރިހެނުންނާއި އަޅާބަލާއިރު ވަރަށް ބޮޑުތަން އުޅެނީ ފަހަތުގައެވެ. ސަރުކާރު އޮފީސްތަކާއި އަމިއްލަ ކުންފުނިތަކުގައިވެސް ޓޮކްނޮލޮޖީ ދާއިރާގައި ގިނައިން ތިބެނީ ފިރިހެނުންނެވެ. މިއީ ދިވެހި ރާއްޖޭގައިވެސް މާބޮޑަށް މި ވާހަކަ ނުދެކެވުނަސް އަންހެނުން ވިސްނަން ޖެހޭ ކަމެކެވެ.

ދިވެހި ރާއްޖޭގެ މަސައްކަތުގެ މާހައުލުގައި އަންހެނުން ގިނައިން ހަރަކާތްތެރިވަނީ ސިވިލް ސާވިސްގެ މަގާމުތަކުގައެވެ. ތަޢުލީމީ ދާއިރާއާއި ސިއްޙީ ދާއިރާގައި އެމީހުންގެ މަސައްކަތް ގިނަ ނަމަވެސް ޓެކްނިކަލް ދާއިރާ ތަކުގައި، ޚާއްސަކޮށް ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން ފެންނަނީ ނިސްބަތުން މަދުންނެވެ.

ދިވެހިރާއްޖޭގައި މިވާހަކަ މާބޮޑަށް ނުދެކެވުނު ނަމަވެސް ގްލޯބަލް ޓެކްނޮލޮޖީ އެސޯސިއޭޝަން (އައިސާކާ) އިން ކުރި ސާވޭއަކުން ހާމަކުރާގޮތުގައި ފިރިހެނުންނާއި އަޅާބަލާއިރު ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންނަށް މުސާރައިގެ ނުތަނަވަސްކަމާއި ޓެކްނޮލޮޖީގެ މަސައްކަތުގެ މާހައުލުގައި ދެ ޖިންސުގެ ހަމަހަމަކަން ނެތުމާއި އަދި ޓެކްނޮލޮޖީގައި ދުނިޔެ ކުރިއަރަމުން އަންނަ ބާރުމިނުގައި އެކަމުގައި އުޅޭ އަންހެން ރޯލް މޮޑެލްގެ ދަތިކަމަކީ ޓެކްނޮލޮޖީގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންނަށް ދިމާވާ މައިގަނޑު ހުރަސްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. “ދަ ފިއުޗާ ޓެކް ވޯކްފޯސް: ބްރޭކިންގ ޖެންޑަރ ބެރިއަރސް” ރިޕޯޓުގައި ޓެކް ދާއިރާގައި އަންހެނުންނަށް ދިމާވާ އެންމެ ބޮޑު ފަސް ހުރަހެއް ފާހަގަކޮށްފައިވެއެވެ. އެގޮތުން،

އަންހެނުންނަށްޓަކައި ޓެކްނޮލޮޖީ ދާއިރާގައި ކިޔަވާދޭނެ އަންހެނުން ނެތުން (48 ޕަސެންޓް)

މިދާއިރާއިން އަންހެން ނަމޫނާ ޝަޚްޞިއްޔަތު ނެތުން (42 ޕަސެންޓް)

މަސައްކަތުގެ މާހައުލުގައި ވަކި މިންތިއަކަށް ބަރޯސާވުން އިތުރުވުން (39 ޕަސެންޓް)

ފިރިހެނުންނާ އަޅާބަލާއިރު އެކަށީގެންވާ ކުރިއެރުމުގެ ފުރުސަތު އަންހެނުންނަށް ނެތުން (36 ޕަސެންޓް)

ފިރިހެނުންނާއި އަންހެނުންގެ މެދުގައި އެއް ހުނަރުތަކެއް ހުރިނަމަވެސް އެއް ހަމައެއްގައި މުސާރަ ނުލިބުން (35 ޕަސެންޓް) ހިމެނެއެވެ.

ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން މަދުވުމަކީ ޤައުމީ މައްސަލައެކެވެ. މިއީ ގައުމުގެ އުފެއްދުންތެރިކަމަށާއި ތަރައްޤީއަށް އަދި ވަކިވަކި ފަރުދުންގެ ދިރިއުޅުމަށް އަސަރު ކުރާ ކަމެކެވެ. އައިސާކާގެ ރިޕޯޓްގައި އިތުރަށް ފާހަގަ ކުރެވިފައިވަނީ ދުނިޔޭގެ ޓެކްނޮލޮޖީ ވޯކްފޯސްގައި އަންހެނުންގެ ތަމްސީލު ކުރެވޭވަރު ވަރަށް ބޮޑަށް ދަށް ކަމަށާއި މިއީ މުޖުތަމައުގެ ކަންބޮޑުވުމެއް ކަމަށާއި އަދި ގިނަ ވިޔަފާރިތަކަށް ވެސް ކުރިމަތިވެފައިވާ ކަމެއް ކަމަށެވެ. ހުނަރުވެރި ޓެކްނޮލޮޖީ ޕްރޮފެޝަނަލުންގެ ދަތިކަމެއް މުޅި ދުނިޔޭގައި ފެންނަންއޮތްއިރު ރާއްޖޭގައިވެސް މިމައްސަލައަށް އެޑްރެސް ކުރެވޭތަން ފެންނަނީ ވަރަށް ކުޑަ މިންވަރަކަށެވެ. މިއީ މަސައްކަތްކުރާ މީހުންގެ މެދުގައި ކަންބޮޑުވާންޖެހޭ މައްސަލައެކެވެ.

އައިސާކާގެ ސާވޭގެ ހޯދުންތަކުން ބާރުދެނީ ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރިކަމެވެ. މިގޮތުން ކެރިއަރ އެޑްވާންސްމަންޓް ޕްރޮގްރާމްތައް ހިމެނުމާއި އިތުރު ފުރުސަތުތައް މި ދާއިރާއިން އަންހެނުންނަށް ފޯރުކޮށްދިނުމާއި އަދި ޓެކްނޮލޮޖީގެ ވޯކްފޯސްގައި އަންހެނުންނަށް ހަމަހަމަ ގޮތެއްގައި ތަމްސީލުކުރެވޭނެ ގޮތް ހެދުމަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރުމުން އެމީހުންނަށް މި ދާއިރާއިން ރަނގަޅު ހޯދައިދެވޭނެ ކަމަށްވެސް އެ ރިޕޯޓްގައިވެއެވެ.

މިއީ ހަމައެކަނި ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލައެއް ނޫނެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ޓެކްނޮލޮޖީގެ ފުރުސަތުތަކާއި ގުޅޭގޮތުން ސުވާލު ކުރުމުން ފާހަގަވީ 75 ޕަސެންޓް މީހުން ވަޒީފާދޭ ފަރާތުން ޖެންޑަރ ލީޑަޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ނެތް ކަމަށެވެ. މީގެ އިތުރުން 10 އަންހެނުންގެ ތެރެއިން 8 އަންހެނުން ރިޕޯޓްކުރާ ގޮތުގައި އެމީހުންގެ ސުޕަވައިޒަރުންނަކީ ފިރިހެނުން ކަމަށާއި އެންމެ 8 ޕަސެންޓް އަންހެނުން ރިޕޯޓްކުރާ ގޮތުގައި މަސައްކަތުގެ މާހައުލުގައި ދުވަހަކުވެސް މިންތީގެ ތަފާތު ތަޖުރިބާ ނުކުރާ ކަމަށެވެ. މި ސާވޭއިން ދައްކާ ގޮތުގައި އަންހެނުން ޚާއްޞަކޮށް ބޭނުންވަނީ މެންޓަރުންނާއި ރޯލް މޮޑެލްތަކާއި ވަރުގަދަ ނެޓްވޯކިން ފުރުޞަތު ތަކެކެވެ.

ދުނިޔޭގެ ފެންވަރުގައި މުސާރައިގެ ތަފާތު ކުރުމަކީ އަދިވެސް އޮތް ގޮންޖެހުމެއް ކަމަށާއި އެފްރިކާގެ 25 ޕަސެންޓް، އޭޝިއާގެ 29 ޕަސެންޓް، ޔޫރަޕްގެ 53 ޕަސެންޓް، ލެޓިން އެމެރިކާގެ 48 ޕަސެންޓް، މެދުއިރުމަތީގެ 60 ޕަސެންޓް، އުތުރު އެމެރިކާގެ 42 ޕަސެންޓް އަދި އޯޝޭނިއާގެ 80 ޕަސެންޓް މީހުން މުސާރައިގެ ތަފާތު އޮންނަކަމަށް ރިޕޯޓްކޮށްފައިވާއިރު މި ދާއިރާގައި އުޅޭ ފިރިހެންނަށް މުސާރަ ގިނައިން ލިބެނީ ގަބޫލުކުރެވޭ ވަކި ސަބަބެއް ނެތި އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *