ދުޢާ ކުރުމުން ޙާޞިލު ނުވާނެ ކަމެއް ނެތް ނުވަތަ ނުއޮންނާނެ ކަމަށް ބުނެވޭ ބަހުގެ މާނަ އޮޅުވައި ނުލާށެވެ! އެހެނީ ދުޢާ ކުރުމާއިއެކު އެކަމެއް ޙާޞިލުކުރަން ކުރަން ޖެހޭ މަސައްކަތްތައް ކުރަން ޖެހޭނެއެވެ. ސަބަބުގައި ހިފަހައްޓައިގެން މަސައްކަތްކުރުމަކީ އެއީ އެވެ. ބަނޑުހައިވުމުންއުޑުން ދޮލަނގު ބާވައްލެއްވެވުން އެދި ދުޢާ ކުރަން ހުރުމަކުން ނުފުދޭނެއެވެ. ކާބޯތަކެތި ހޯދުމަށާއި ކާބޯތަކެތި ލިބުމުން ރޯފިލުވަން ޖެހޭނަމަ ރޯފިލުވައިގެން ކާން ވެސް މަސައްކަތްކުރަން ޖެހޭނެއެވެ.
ޚާއްޞަކޮށް ނަފްސާނީ މައްސަލަތައް ފަދަ ކަންކަމުގައެވެ. ނަފްސާނީ ބަލީގެ އެންމެ ރަނގަޅު ފަރުވާއަކީ އީމާންކަން ވަރުގަދަކުރުމެވެ. އެހެންކަމާއިއެކުވެސް ތިމާ އިތުރަށް ކުރަން ޖެހޭ ހިތްވަރެއް އޮންނާނެއެވެ. އެއީ ތިމާއަކީވެސް ކުޅަދާނަ ޤާބިލް މީހަކަށްވުމަށް އަމިއްލައަށް ކުރަން ޖެހޭ މަސައްކަތެވެ. އެކަނި ކޮޓަރިއަކަށް ވަދެ އިނުމުގެ ބަދަލުގައި ގޭތެރެއަށް ނުކުމެ ޢާއިލާ އާއިއެކު ވަގުތު ހޭދަކުރުން ފަދަ ކަންކަމަކީ ކުރަން ޖެހޭނެ ކަންކަމެވެ.
ނަފްސާނީ ބަލީގައި އެންމެ ބޮޑަށް ކާމިޔާބީ ހޯދާފައިވަނީ ނަފްސާނީ ބަލި އެއީ ބައްޔެއް ކަމަށް ޤަބޫލު ނުކުރާ މީހުން ނެވެ. އެފަދަ މީހުން ދެކޭ ގޮތުގައި ސިކުނޑީގައި މައްސަލައެއް ހުރި ނަމަ އެއީ ނަފްސާނީ ކަމެއް ނޫނެވެ. އެއީ ސިކުނޑީގެ ބައްޔެވެ. އެބައްޔަށް ފަރުވާ ކުރާނީއެވެ. އަދި ތިމާގެ އަމިއްލަ މައްސަލަތައް ސިކުނޑިއަށް ވަދައި އެ މައްސަލަތަކުން ސިކުނޑި ފުރައިލުމުން ފޯރާ އުނދަގޫތަކަކީ އެއީ ތިމާ އަމިއްލައަށް ލިބިގަންނަ އުނދަގޫތަކެކެވެ.
އެފަދަ މީހުން ބުނަނީ ހަޔާތުގައި ދިމާވާ ކަންކަން އެއީ މައްސަލައެއް ކަމަށް ޤަބޫލު ނުކުރާ މީހުންގެ ސިކުނޑި އަބަދުވެސް ވަރަށް ތާޒާވާނެ ކަމަށެވެ. އެ ވިސްނުމުގައި ދުނިޔޭގައި އުޅޭ މީހުންނަށް ދުވަހަކުވެސް ނަފްސާނީ ބަލީގެ ފަރުވާ ދޭން ނުޖެހޭނެ ކަމަށެވެ. އެފަދަ މީހުންގެ ހުރިހާ ބޭހަކީ މިންވަރަށް އީމާންވުން ކަމަށެވެ. މިންވަރަށް އީމާންވެގެން ހުންނަ މީހާއަށް ނަފްސާނީ ބަލީގެ އެއްވެސް ބާވަތެއް ނުޖެހޭނެ ކަމަށެވެ.
–އިސްލާމީ ތިލަފަތުގެ ދަރުސަކުން
- މިއަދުނޫހުން ނަގާފައި
