ފަލަސްތީނަށް ދިވެހިން އޮތްލޯބި ދައްކާލައިފި

ފަލަސްޠީނުގެ ރައްޔިތުންނާއެކު ދިވެހީން ތިބިކަމާއި ފަލަސްތީނަށް ދިވެހިން އޮތް ލޯބި މިއަދު ދައްކާލައިފިއެވެ.

އިސްރާޢީލުގެ އަނިޔާވެރި ސިފައިންގެ އުދުވާނީ ހަމަލާތަކުގައި ފަލަސްޠީނުގެ ކުށެއް ނެތް އެތައް ބަޔަކު މަރުވަމުންދާއިރު ދިވެހިން އަބަދުވެސް ގެންދަނީ އިސްރާޢީލުގެ އެ ލާއިންސާނީ ޢަމަލުތައް ކުށްވެރިކުރަމުންނެވެ.

ފަލަސްތީނުގެ ބިމަށް ގަދަކަމުން ވެރިވެގަނެގެން އުޅޭ ސަހްޔޫނީ ޔަހޫދީން އެޤައުމުގައި ހިންގަމުންގެންދާ ލާއިންސާނީ ޢަމަލުތަކާ ދެކޮޅަށް އަޑުއުފުލައި ފަލަސްތީނަށް ތާއީދުކޮށް މިއަދު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު އެއްވުންތައް ބާއްވާފައެވެ. އެގޮތުން މާލޭގައިވެސް ގިނަ ހަރަކާތްތަކެއް ހިންގިއެވެ. މި ހަރަކާތަކީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނާއި، އިސްރާ އެސޯސިއޭޝަނާއި އަދި ރާއްޖޭގެ އަމިއްލަ ޖަމިއްޔާތަކާއި އާއްމުންގެ ގިނަ ބަޔަކު ގުޅިގެން ބޭއްވި ހަރަކާތެކެވެ. ހަރަކާތް ފަށާފައިވަނީ މާލޭގައި ބޭއްވި ސައިކަލު ބުރަކުންނެވެ. އެ ސައިކަލު ބުރުގައިވެސް އެތައް ސަތޭކަ ބަޔަކު ބައިވެރިވިއެވެ.

އަދި އޭގެފަހުން ވަނީ މާލޭގެ އާޓިފިޝަލް ބީޗުގައި ބޮޑު އެއްވުމެއް ބާއްވާފައެވެ. އެ އެއްވުމުގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވިއެވެ. ކުޑަކުދިންނާއި މުސްކުޅިންނާއި، ޒުވާނުން ވަނީ ފަލަސްޠީނުގެ ދިދައިގެ ކުލަތަކުގެ ހެދުމާއި، އެޤައުމުގެ ދިދައާއި، އެކުލަތަކުގެ އެކި ފޮތިތައް ހިފައިގެން ފަލަސްތީންގެ ބިންތައް ޔަހޫދީން ދޫކޮށް ދިއުމަށް ގޮވާލާ އަޑުއުފުލާފައެވެ.

ހަރަކާތް އިންތިޒާމުކުރި އައިއޭސީގެ ފަރާތުން ވަނީ، އިސްރާއީލް-ފަލަސްތީނު ހަނގުރާމައަށް ތާރީޚީ ނަޒަރަކުން ބަލާލުމާއި، އަދި ފަލަސްތީނުގެ ރައްޔިރުން މިހާރު ތަޙައްމަލުކުރަމުންދާ އަޅުވެތިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މިވަގުތު ޣައްޒާގެ ރައްޔިތުން ދިރިއުޅެމުންދާ ނިކަމެތި ޙާލާއި، އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއިގުޅޭ މަޢުލޫމާތު މި އެއްވުމުގެ ތެރެއިން ޙިއްސާކޮށްފައިވެއެވެ.

މި ހަރަކާތުގައި ވަނީ އެއް ޢުއްމަތެއްގެ ގޮތުގައި ދިވެހިން ފަލަސްތީނުގެ މުސްލިމު އަޚުންނާއި އުޚުތުންނަށް އޮތް ލޯބި ދައްކާލާފައެވެ. އަދި ޝުޢޫރު ފާޅުކޮށްފައިވެއެވެ. މާލޭގައި ބޭއްވި ސައިކަލު ބުރާއި އެއްވުމުގައިވެސް ގިނަ ޢަދަދެއްގެ އާއްމުން ބައިވެރިވެފައިވެއެވެ.

މި ހަރަކާތުގެ ބައިވެރިން ވަނީ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާކަމަށްވާ މަސްޖިދުލް އަލް އަޤްޞާއަށް ހަމަލާދިނުން ކުށްވެރިކޮށްފައެވެ.

މި އެއްވުންތައް މާލޭގެ އިތުރުން އަތޮޅުތަކުގެ ރަށްތަކުގައިވެސް ކުރިއަށް ގެންދިޔައެވެ.

ފަލަޞްތީނުގެ ރައްޔިތުންނަށް އެހީވުމަށް ކުރިއަށް އޮތް 5 ދުވަހުވެސް އެކިއެކި ހަރަކާތްތައް ރާއްޖޭގައި ކުރިއަށްގެންދާނެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *