ހދ މަކުނުދޫ ގުލްއަލާގޭ ޢާއިޝަތު ހަސަން (ހިކިދޮންއައިސަ)ގެ ފޮޓޯ ފޭސްބުކަށް ލުމުން ވަރަށް ގިނަމީހުން މެސެޖްކޮށް ހެދިއެވެ. އުމުރުން 86 އަހަރުގައިވެސް ދޮންއައިސަގެ ދުޅަހެޔޮކަމާއި ދަރިން ގިނަވުމުގެ ސަބަބުން އޭނާގެ މަޢުލޫމާތު ހޯދުމަށެވެ. މިފަހަރު ކިޔުންތެރިންގެ ހުރިހާ ސުވާލަކަށް ޖަވާބުލިބޭފަދަ މަޢުލޫމާތުކޮޅެއް ހުށަހަޅާލެވޭތޯ ބަލާނަމެވެ.
ހދ. މަކުނުދޫ ގުލްއަލާގޭ ޢާއިޝަތު ހަސަން (ހިކިދޮންއައިސަ) އަކީ އެއްބަނޑުއެއްބަފާ 7 ބެއިން ތިބި އާއިލާއެއްގެ ތެރެއިން ހަމައެކަނި ބުއްދި ހަމަޖެހޭ މީހާއެވެ. ދެން ދެންތިބި 6 ކުދިންނަކީ ސިކުނޑީގެ ބައްޔެއްގެ ސަބަބުން ނަފްސާނީ ބައްޔެއް ތަޙައްމަލް (މޮޔަވުން) ކުރަމުން ދިޔަ ކުދިންނެވެ.
" އެއްބަނޑު އެއްބަފާ ހަތްކުދިން ލިބުން އަހަރެންނާއެކު. މާތް ﷲ ދެނެވޮޑިގަންނަވާނީ އަހަރެން ފިޔަވާ އެ ހުރިހާކުދިން ދުނިޔެއިން މޮޔަވީ ކީއްވެގެން ކަމެއް."
ދޮންއައިސަ ފިޔަވާ އެންމެންނަކީ ނަފްސާނީ ބައްޔެއް ތަހައްމަލު ކުރަމުންދިޔަބައެއް ކަމުގައި ވާތީ މުޅި އާއިލާ ބެލެހެއްޓުން އޭނާގެ ޒިންމާކަމުގައި ދުއްޓެވެ. އޭނާ ކިޔައިދިން ގޮތުން އެއްބަނޑު އެއްބަފާ ކުދިން މޮޔަވެގެން ގޭގެއަށް ދާތީއާއި، ރަށުތެރޭގަޔާއި އަދި ވަލުތެރޭގައި އުޅޭތީ މީހުންނަށް އުނދަގޫވެއެވެ.
" އެއްބަނޑު އެއްބަފާކުދިން މޮޔަވެގެން ރަށުތެރޭގައި އުޅޭތީ އަތިރިމަތީގައި ހުރި ބޮޑުނިކަގަހުގައި ހިލިހިލާ ޖަހާފައި ބަހައްޓާނެ. ރޭގަނޑު ދަންވަރުގެ ހިމޭންކަމާއި އެކުވެގެން އަންނަ އެމީހުންގެ ރުއިމުގެ އަޑަކީ ހިތްފަޅައިގެންދާވަރުގެ ހިތާމަވެރި އަޑެއް."
އެ ޒަމާނަކީ ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ދަތިކަން އިންތިހާއަށް ގޮސްފައިވާ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރެވެ. ދޮންއައިސަ ކައިވެނިކުރީ އުމުރުން ފަނަރަ އަހަރު ނުވަނީހެވެ. ދެވަނަ ކައިވެއްޏެއްގެ ގޮތުގައި ޢަބްދުﷲ އާދަމް، ގުލްއަލާގެ އާއި ގުޅުމުގެ ނަސީބު ލިބި އޭނާއަށް ދިހަ ކުދިން ލިބުނެވެ. މަސްވެރިކަމަށް ކުޅަދާނަ މުރާލިކަމަށް އަރާހުރި މީހަކު ހަޔާތުގެ ބައިވެރިއަކަށް ލިބުމުން އެއްބަނޑު އެއްބަފާ ކުދިންނަށް އެހީތެރި ވެވުނެވެ. ނަމަވެސް އަހަރު ދެކޮޅު ކުދިން ލިބުމުން 9 ކުދިން ގޮވައިގެން އުޅުނީ ވަރަށް ހިތްދަތި ދިރިއުޅުމެވެ. ފިރިމީހާ ގެންނަ މަސްތައް ކައްކާ ހިއްކާ، ރިހާކުރަށް ހަދާ، ބޮނބި ތަޅާ، ބޮނބި ފާކޮށް، ނަރުނަގާ، ލީލި ހަދާ، ރޯނު ވަށައެވެ. ހުޅަނގު މޫސުމުގައި ދަނޑުކޮށާ، ބިންބި ރުވާ އެ ހަރުވުމުން ބިންބި ކަނޑާ ބިންބި ވިއްކުމުގެ ބުރަ މަސައްކަތްކުރިއެވެ. ފަތިހު ފުރަތަމަ ގޮވާލާ ހާލުގެ އަޑާއެކު ވަލަށް މަދުހޮވައެވެ. ކިތަންމެ އަވަދިނެތި އުޅެންޖެހުނު ނަމަވެސް ސަގާފީ ކުޅިވަރަށް ނަގާކިޔާ ފިރިމީހާއަކީ އުފާވެރި މިޒާޖެއްގެ ހެޔޮމީހެކެވެ.

" އެންމެ ދެރަވި ދުވަހަކީ ފުރަތަމަ ދަރިފުޅު މުޙައްމަދު ނަސީރު އުމުރުން 7 ދުވަހުގައި ނިޔާވިދުވަސް. ދެން އުމުރުން 48 އަހަރުގެ އަމީނާ ޢަބްދުﷲ (ތިންވަނައަށް ހަގު) އަންހެންދަރިފުޅު ކެންސަރުބަލީގައި 2018ގައި ނިޔާވިދުވަސް"
އެންމެ އުފާވީ ކޮންދުވަހެއްކަން ވަކިން ޚާއްސަކޮށް ބުނެދޭކަށް ނޭނގެއެވެ. އުފާވެރި ބައިވަރު ހަނދާންތައް އެބަހުއްޓެވެ. ބަނޑިޔާ ޓީމާއިއެކު ރަށްރަށް ބަނޑިޔާޖަހަން ދިޔަ ދަތުރުތަކެވެ. މަކުނުދޫ ފަޅު ކޮނުމަށް އިހަވަންދޫ މީހުން އައި ދުވަހެވެ. މަކުނުދޫގެ އިޖްތިމާޢީ ހަރަކާތްތަކުގައި ބައިވެރިވުމެވެ. މަކުނުދޫގެ ބޮޑުޢީދުގެ މިއުޒިކް ޝޯތަކެވެ. ފަރަށް ބޮލިހިލަން ދިޔަ ދުވަސްތަކެވެ.

ކިތަންމެ ގިނަ އުފާވެރި ހަނދާންތަކެއް ހުއްޓަސް ހަޔާތުގެ ބައިވެރިޔާ ޢަބްދުﷲ އާދަމް ނިޔާވިތާ 13 އަހަރުވީއެވެ. އޭނާ ނެތްކަމުގެ ފަޅުކަން އަދިވެސް އިހުސާސް ކުރެވެއެވެ. ނަމަވެސް ﷲގެ ހެޔޮ ރަޙްމަތުން ހައްޖާއި ޢުމްރާގެ ދަތުރު އަދާކުރެވިފައިވާތީއާއި އަދި އުފަން ދަރިންނަށް 40 މާމަ ދަރިންނާއި އެދަރިންނަށް ލިބުނު 74 މުނިމާމަ ދަރިންނާއި އަދި އެކުދިންނަށް ލިބުނު ހޫރު މާމަދަރިން ނާއިއެކު ޖުމްލަ 124 ދަރިން އެބަތިއްބެވެ. އެކުދިންގެ ތެރެއިން މަކުނުދޫ ސްކޫލާއި މަކުނުދޫ ކައުންސިލް އިދާރާއާއި މަކުނުދޫ ސިއްޙީ މަރުކަޒުގައި ދަރިން ވަޒީފާ އަދާކުރެއެވެ. ސަރުކާރުގެ ސިޔާސީ އިސް މަޤާމުތަކުގައި އުޅޭ ދަރިންނާއި ވަކީލުންނާއި، ނަރުހުންނާއި ޓީޗަރުންނާއި، ލިޔުންތެރިންނާއި، ވިޔަފާރިވެރިންނާއި، ރިސޯޓް މުވައްޒަފުން އުޅެއެވެ. ހުރިހާކުދިންވެސް ވަރަށް ހެވެވެ. އުންމީދަކީ ހުރިހާކުދިން ގުޅިގެން އުފާވެރި ދިރިއުޅުމެއް އުޅުމެވެ.

ކިޔުންތެރިންގެ ޚިޔާލުތައް
ހިތްވަރުގަދަ މާމައެއް. އަދުގެ ޖީލުތަކަށް ނަމޫނާއެއް. މިނޫހުން މިކަހަލަ އެތައް ޝަޚްޞިއްޔަތެއް ގެނެސްދޭނެކަމަށް އުއްމީދު ކުރަން.