ވާހަކަ: އައިން (13)

އައިންއެކޭ އެއްގޮތަށް ހާއިޝަށްވެސް ނިޝާއަށް ބަދަލުތަކެއް އަންނަކަން ފާހަގަ ކުރެވެއެވެ. މޫނުމަތިން ވަރުބަލިކަމާއި ސިއްހަތު ރަނގަޅުނޫން ކަމުގެ ބަދަލުތަކެކެވެ. އަދި މިހާރަކަށް އައިސް ނިޝާ ލަމުންދާ ހެދުންތަކަކީ ގަޔަށް ދޫ ހެދުން ތަކެއްކަމަށް ވުމުން ކުރިއަށް ވުރެ ފަލަކަމުގެ އިހުސާސެއްވެސް ކުރެވޭމެއެވެ. ފައިދުޅަވެ ފޮއްސިވެފައި ހުންނަގޮތެއް ހުރެގެން އައިން އެވާހަކަ ނިޝާއާ ދެއްކިއިރު ހާއިޝްވެސް ހުއްޓެވެ.

"ނިޝާ ފަޔަށް ކިހިނެއްތަ ތިވަނީ. ފައި ތިހުންނަނީ ދުޅަވެފައެއްނު؟"

"އެއީ ކަމެއްނޫން. ހީވަނީ ފަލަވަނީހެން. އެހެންވެގެން މިކަހަލަ ހެދުންތައްވެސް މިލަނީ." ނިޝާ ބުންޏެވެ.

"ނިޝާ ދަނީ ކޮންއިރަކުން. މިހާރު ކޯސް ފެށޭނެއެއްނު."

"މިހާރު ދާޚިޔާލެއް ނުކުރަން."

"އެއީ ކީއްވެ؟" އައިން ހާއިޝަށް ލޯބޮޑު ކޮށްލާފާއި ބަލާލިއެވެ. ހާއިޝް ނޭނގެޔޭ ބުނާފަދަ ގޮތަކަށް އަވަސް އަވަހަށް ކޮނޑު އަރުވާލިއެވެ.

"ދެން ކީކޭ ބުނާނީ. ވަގުތު ޖެހުމުން ހުރިހާ ކަމެއްވެސް އެނގިދާނެ. އެދުވަހަކުން އައިންއަށް ހުރިހާ ވާހަކައެއް ކިޔައިދޭނަން." އޭނާ އެހެން ބުނިއިރު ހުރީ ހާއިޝަށް ބަލަހައްޓައިގެންނެވެ. ނިޝާ ހާއިޝަށް މި ބަލާލި ގޮތުން އައިން ކަންބޮޑުވިއެވެ. ހިލޭ އަންހެނަކު އޭނާގެ ފިރިމީހާއާއި ދިމާއަށް މި ބަލާލި ގޮތް އޭނާއަކަށް ކަމަކު ނުދިޔައެވެ. އޭނާ ހާއިޝާއި ނިޝާއާމެދު ޝައްކު ކުރެވެނީ މިފަދަ ކުދިކުދި ކަންތައް އޭނާގެ ލޯމަތީގައި ހިނގާތީއެވެ.

"އައިން އަހަރެން އެބައަންނަން." ހާއިޝް ނިކުމެގެން ދާން ހިނގައިގަތެވެ. ފަހަތުން އައިންވެސް ނިކުތެވެ.

"އޭނާ ކީއްވެތަ ހާއިޝަށް ފާޑަކަށް ބަލަނީ؟"

"އޭނާ ބަލާތަ؟"

"ހާއިޝް ނޭނގޭ ކަމަށް ތިހަދަނީ ކީއްވެ؟" އައިން ހިތްހަމައެއް ނުޖެހުނެވެ.

"އައިން. އައިން ބުނެގެން އަހަރެން މިހާރު އޭނާ އާއި ވާހަކައެއްވެސް ނުދައްކަން. އޭނާއަށް މިހާރު ޝައްކުވެސް ވާނެއެއްނު. އައިންގެ ކަންތައް މާމައްޗަށް ދާހެން ހިހެއްނުވޭތަ؟" ފުރަތަމަ ފަހަރަށް ހާއިޝް ރުޅިއައެވެ.

"ރުޅިއަންނާނީ ކޮންމެވެސް ކަމެއް ހިނގަންޏާ." އައިންވެސް ދޫކުރާކަށް ބޭނުމެއް ނުވިއެވެ.

"އައިން. ކިހިނެއް ވެގެންތަ ތިއުޅެނީ. ކީކޭތަ އަހަރެން ބުނަންވީ. ތިކަހަލަ ޝައްކު ކުރާ މީހަކާއެކުގައި އުޅެންޏާ އެހެންމީހުން ގާތަށް ދެވޭނެ. ދެން ނިމުނީއެއްނު." ހާއިޝް ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ. އަދި ހަމައެވަގުތު އައިންގެ ޖަވާބަކަށް އިންތިޒާރުވެސް ނުކޮށް އޭނާ  ބޭރަށް ނިކުތެވެ. ދުވަހަކުވެސް ހާއިޝް މިހާ ރުޅި އައިސްފައިވާ ތަނެއް އޭނާއެއް ނުދެކެއެވެ. މިކަމުން އައިންއަށް ކުރި ފުން އަސަރަކުން އައިންއަށް ވީގޮތްވެސް ބުނާކަށް ނޭނގުނެވެ. އޭނާ ރޮމުން ހުރިތަނާ ދިމާ ތިރީގައި އިށީނދެވިއްޖެއެވެ.

އައިންއަށް ވާގޮތެއް ނޭނގެއެވެ. މިހާރު އޭނާއަށް ހާއިޝާމެދު ޝައްކު ކުރެވުނީތީ  ދެރަވެސް ވެއްޖެއެވެ. ހަގީގަތުގައި އޭނާއަށް ޝައްކު ކުރެވުނީ މާބޮޑަށެވެ. ހާއިޝް މިހާވަރަށް އޭނާދެކެ ރުޅިއައުމުން އޭނާއަށް އެއީ ހާއިޝް ނުކުރާކަމެއް ކަމުގައި ހީވާން ފަށައިފިއެވެ. އަދި ދެންދުވަހަކުވެސް ޝައްކު ނުކުރާން ވައުދުވެ ހާއިޝް ގާތު މާފަށް އެދެން އޭނާ ބޭނުންވިއެވެ.

ރުޅިއައިސްފައިވާ ހާއިޝް ބޭރަށް ގޮސްފައި ގެއަށްއައީ އިރުއޮއްސެން އުޅެނިކޮންނެވެ. އޭނާ ބޭނުންވީ ގޭގައި އެއްވެސް ވަގުތުކޮޅެއް މަޑުކޮށްނުލާ ބޭރަށް ދިއުމަށެވެ. އެހެންކަމުން ކަރަންޓް ދަންދެން ފޮތެއް ކިޔާލަންވެގެން އޭނާގެ ފޮތްތައް ބަލާލިއެވެ. ނަމަވެސް ހުރިހާ ފޮތަކީވެސް އޭނާ ކިޔާފައިހުރި ފޮތްތައް ކަމުން މުދިންބެ ގެންގުޅޭ ފޮތްތައް ހުރި މޭޒުކައިރިއަށް ދިޔައެވެ. ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ ނިޝާގެ ޑޮކްޓަރަށް ދައްކާ ފައިލެވެ. ނިޝާއަށް އަންނަމުންދާ ބަދަލުން އެއީ ކޮންއެއްޗެއްކަން ބަލާލާ ހިތްވީތީ އޭނާ އެފައިލް ހުޅުވާލިއެވެ. އޭނާ އަވަސް އަވަހަށް އެފައިލް ބަލަމުން ދިޔައެވެ. ކިޔަމުން ދިޔަވަރަކަށް  ހައިރާންކަމުން ފުރިގެންވާ ރިޕޯޓްތައް އިތުރަށް ބެލުމަށް ޝައުގުވެރިވަމުން ދިޔައެވެ. އެންމެފަހުން ދުވެފައި ކަހަލަ ގޮތަކަށް އޭނާ ނިޝާ ފެނޭތޯ ދިޔައެވެ.

"ނިޝާ." ބޭރު ޖޯލީގައި އިން ނިޝާއަށް ހާއިޝް ގޮވާލިއެވެ.

"ހާއިޝް. ހާދަ ހާސްވެފައި." ނިޝާ ވަރަށް ފަރުވާތެރިކަމާއެކު ބަލަން ހުރެގެން ހާއިޝަށް ޖަވާބުދިނެވެ. އަދި ހާއިޝްގެ އަތުގައި އޮތް ފައިލަށް ބަލާލިއެވެ.

"އެނގުނީ ދޯ. މަ ބުނީމެއްނު ވަގުތު ޖެހުމުން އެނގޭނެޔޭ."

"މާރަނގަޅަކަށް ނޭނގޭ. މީ ކޮން ރިޕޯޓްތަކެއް."

"ހާއިޝަށް މިފެންވަރުގެ އެއްޗެއް ނޭނގިއެއް ނުހުންނާނެ. ދެން މިވާހަކަ ދައްކާ އިތުރަށް ހާސްވާން ވީ ކީއްވެ؟"

"ދެންކީއްވެ ފަރުވާ ނުހޯދާ މާލެއިން ތިއައީ؟" ފެން ކަޅިވެފައިވާ ހާއިޝް އޮޅުން ފިލުވަމުން ދިޔައެވެ.

"ބޭނުންވަނީ  މީހުންނަށް އެނގެން ވާއިރަށް އަވަހަށް މަރުވާން. އޭރުން މަލާމާތުން ސަލާމަތް ވެދާނެ."

"ކީކޭ ތިކިޔަނީ. ބައްޔެއްވިޔަސް މީހަކު މަލާމާތް ކުރާކަށް ނުޖެހެއެއްނު."

"ހީވަނީ އެކަން ފަޅާނާރަނީސް މިކަމުން ސަލާމަތް ވެދާނެހެން. މިހާރު ދެން އަހަރެން މިހުރީ މިބަލީގެ ފަހު ސްޓޭޖްގައި."

"ނިޝާ. މޮޔަނުގޮވާ. ތިކިޔާ އެއްޗެއް ސާފުކޮށް ބުނެދީ." ނިޝާގެ ކޮނޑުގައި ހިފާ ތަޅުވާލަމުން ހާއިޝް ބުންޏެވެ.

"ދުވަހަކުވެސް މީހެއްގާތު ނުބުނަން ވައުދުވޭ. މިސިއްރު ސިއްރެއްގެ ގޮތުގައި އޮންނަތާ ދުވަސްތަކެއް ވެއްޖެ."

"ކީކޭ. ދެންކީއްވެ އަހަރެންނަށްވެސް ނޭނގުނީ."

"މިހާރު ދެން ވަގުތު ކައިރިވެއްޖެ." ނިޝާ ރޮމުން އިށީނެވެ. ހާއިޝްވެސް ނިޝާގާތު އިށީނެވެ. ނިޝާ ވަރަށް މަޑުމަޑުން ވާހަކަތަކެއް ދެއްކިއެވެ. ހާއިޝަށް އެތަނުން އެނގުނީ ވަރަށް މަދު އެއްޗެކެވެ. އެއަށްވުރެ ބޮޑަށް އޭނާ ހުރީ ދެރަވެފައެވެ. ހާސްވެ ކަންބޮޑުވެފައެވެ.

"އަހަރެން ގާތު ކުރިން ބުނިނަމަ."

"ދެން އަޅާނުލާ. މިކަން އެއްވެސް މީހަކަށް ނާންގާތި. ހާއްސަކޮށް އައިންއަށް. އޭރުން އޭނާ ދެރަވެގެން ހަލާކުވެދާނެ."

"އެއްމެ ރަނގަޅު. އަހަރެން ވަޢުދުވަން." ހާއިޝް ނިޝާގެ އަތުގައި ހިފާ ނެގިއެވެ. އަދި އުނދޯލީގައި ބޭންދިއެވެ. ދެމީހުން އެތައް އިރެއްވަންދެން ވާހަކަދައްކަން ތިއްބެވެ. ހާއިޝް ފެނޭތޯ ދިޔަ އައިންއަށް އެމީހުން ވާހަކަދައްކަން ތިބުމުން އަނެއްކާވެސް މުޅިން ޚިޔާލު ބަދަލުވިއެވެ. ހާއިޝް ހަގީގަތުގައިވެސް ނިޝާއާ ގުޅުން އޮންނަނީ ކަމުގައި ނިންމިއެވެ. އެހެންނޫނަމަ އޭނާގާތުގައި އެކަން ނުކުރާނެކަމަށް ވަޢުދުވެފައި އަނެއްކާވެސް ނިޝާގާތަކު ނީންނާނެކަމުގައި އޭނާ ޔަގީން ކުރިއެވެ.

ދެންދުވަހަކުވެސް އައިން އޭނާގެ ފިރިމީހާގެ ގާތު ޝަކުވާއެއް ނުކުރާނެއެވެ. އައިންއަށް ޓަކައި ނިޝާއާއި ވާހަކަ ނުދައްކާށެކޭވެސް ނުބުނާނެއެވެ. ހާއިޝްގެ މިޒާޖު އޭނާއަށް ރަނގަޅަށް ދަސްވެއްޖެއެވެ. ބަދަލެއްނައި ފިރިއަކަށް ދެން އިތުބާރު ނުކުރާނެކަން ހިތުގެ އަޑީން ޔަގީންކޮށްފިއެވެ. މިހާރު އައިންގެ ހުންނަނީ މަޑުމައިތިރި މިޒާޖެކެވެ. އެކަން ހާއިޝަށް އިހުސާސް ވިއެވެ. ނަމަވެސް އެދެމެދުގައި އެކަމާއި ބެހޭގޮތުން އިތުރު ވާހަކައެއް ނުދެކެވެއެވެ.  ހާއިޝް ވާހަކައެއް ދައްކަން އުޅެފިނަމަ އައިން އެކަމުން ދުރުވެއެވެ.

ކޮންމެވެސް ވަރަކަށް ވާރޭ ވެހެއެވެ. އައިންއަށް ހޭލެވުނީ އާލިން ރޯތީއެވެ. އޭނާ އާލިން ނިންދެވުމަށްފަހު ހާއިޝް އޮތްތޯ ބަލާލިއެވެ. ހާއިޝް ނުފެނުމުން އޭނާވީ ކޮންތާކުކަން އޭނާއަށް އެނގުނެވެ. އެހެންކަމުން  އޭނާ ކުޑަޖާލީ ގަނޑަކުން ބޭރު ބަލާލިއެވެ.  އޭނާއަށްއަށް ފެނުނީ ނިޝާއާއި ހާއިޝް އުނދޯލީގައި ތިއްބައެވެ. މިހާރަކަށް އައިސް އައިންއަށް ހާއިޝާއި ނިޝާގެ ގުޅުން މާބޮޑަށް ބަދަހި ވަމުންދާތަން ފެނެއެވެ. ކޮންމެ ރެއަކުވެސް ދަންވަންދެން އެމީހުން ވާހަކަ ދައްކާތަން އައިން ބަލަން ހުންނަނީ ކެތްތެރިކަމާ އެކީގައެވެ.

 

އައިން އަށް މިހާރު ކޮލެޖުގައި ހިނގާދިޔަ ކަންތަކާ މެދު ވިސްނެން ފަށައިފިއެވެ. ހަގީގަތުގައި ނަތާއާއި ޒީނާއާއި ދެމީހުން ދޮގުހަދަންވީ ކީއްވެހެއްޔެވެ؟ އެއީ އޭނާއަށް ވަފާތެރި ގިނަދުވަސް ވީ ރައްޓެހިންނެވެ. ކޮލެޖުގައި އެރޭ ޒީނާ ގޮވައިގެން ހުރީ ހާއިޝް ނޫން ދެވަނަ މީހެއްނޫންކަން އޭނާއަށް ފުރަތަމަ ފަހަރަށް އިހުސާސް ވިއެވެ. މިއީ އޭނާއަށް ހެދުނު ކިހާބޮޑު ގޯހެއް ބާވައެވެ؟ މައިންބަފައިން ދޫކޮށް ދިރިއުޅުމުގެ ހުރިހާ އުފަލެއް ގުރުބާންކޮށް ހާއިޝާއެކު އައުމުން އޭނާއަށް މިލިބުނީ ކޮންފަދަ ނިކަމެތި ކަމެއްހެއްޔެވެ؟

އާއެކެވެ. ހާއިޝަކީ ހަމަ އެކަހަލަ އަންހެން ކުދިންނާ ގުޅުން ބޮޑު މީހެކެވެ. އެހެން ނޫންނަމަ އޭނާގެ އެންމެ ގާތް ދެ ރަހުމަތްތެރިންނެއް އޭނާއާއި ދެކޮޅެއް ނުވީހެވެ. އޭރު އޭނާއަށް ހާއިޝްގެ ލޯބި ނޫން އެހެން އެއްޗެއް ނުވިސްނުނީތީ މިހާރު ދެރަވެއެވެ. އެ ލޯބީގެ ކަނުކަން އޭނާއަށް ހަގީގަތް ގަބޫލުކުރަން އޭރު ޖެހިލުންވީކަން އޭނާއަށް މިހާރު ގަބޫލު ކުރެވެން ފެށިއެވެ. ކުއްލިއަކަށް ހާއިޝާ މެދު ނަފުރަތުވެ ހިތްފުރޭވަރަށް އެއްޗިހިކިޔާލަން އައިންގެ ހިތަށް އެރިއެވެ. އެއާއެކު އޭނާ ބޭރަށް ނިކުތެވެ.

"އަހަރެންދެން ރަނގަޅުވާނެހެންނެއް ހިޔެއްނުވޭ." ނިޝާ ނޭވާ ކުރުވަނީއެވެ. ނަމަވެސް އެކަން ހާއިޝަށް ސިއްރު ކުރެވޭތޯ ބެލިއެވެ.

"ހާއިޝް. އަހަރެން ހާއިޝްދެކެ ވަރަށް ލޯބިވޭ. ތިއީ އެހެންމީހުންނާ ވަރަށް ތަފާތު މާތްމީހެއް." ނިޝާ ހާއިޝްގެ އަތުގައި ހިފާލިއެވެ. ހާއިޝަށްވެސް ނިޝާއާއި ވާހަކަ ދެއްކުމަށް ބަދަލެއް އަތުވެއްޖެ ކަމަށް ފާހަގަ ވެއްޖެއެވެ.

"ނިޝާ. ހާސްނުވޭ. އަހަރެން މިހުރީނު." ހާއިޝް ނިޝާގެ އަތުގައި ހިފާލާ އަނެއް އަތުން ނިޝާގެ ބޮލުން ތަރުތީބެއްނެތި ފައިބާފައިވާ އިސްތަށިތައް ރަނގަޅުކޮށްލިއެވެ.

"ހާއިޝް ކޮންމެ ހާލެއްގައި ނަމަވެސް ކޮންމެ ގޮތެއްވިނަމަވެސް މިދަރިފުޅު ބަލާދޭތި." ނިޝާ ހާއިޝާ ދިމާއަށް މިބުނި ޖުމްލައިން އައިން ހުއްޓުން އެރިއެވެ. އެދެމީހުންގެ މިވާހަކަތައް ހޮނު ގުގުރިއެއް ފަދައިން އައިންގެ ކަންފަތުގައި ގުގުމައިގެން ދިޔައެވެ.

"ހުރިގޮތްކުޑަކަން ބަލާބަލަ. ކަލޭ މި ދަރަޖައަށްވެސް ދިޔައީތަ؟" އައިން ހަޅޭއްލަވައިގަތެވެ.

"އައިން." ދެ މީހުންނަށްވެސް އެއްފަހަރާ ތެދުވެވުނެވެ.

"އާނ. އަހަރެން. ކަލޭމެންގެ ހުރިހާކަމެއް މިހާރު އަހަރެންނަށް އެނގިއްޖެ" އައިން ރޮވިފާ ބުންޏެވެ.

"އައިން. ތިހެން…." ހާއިޝް އައިންއަށް ވިސްނައިދެވޭތޯ އުޅުނެވެ. ނަމަވެސް ނިޝާ އެކަން ވިޔަކަ ނުދިނެވެ.

"ނޫން ހާއިޝް…" ނިޝާ ހާއިޝްގެ މޫނަށް ބަލާލިއެވެ. އެބަލާލުމުގައި ވީ ފުންމާނަ އެނގުނީ ހާއިޝަށެވެ. އެހެންކަމުން ހާއިޝް އިތުރު އެއްޗެކޭ ނުބުނެ އާދޭހުގެ ބެލުމަކުން އައިންއަށް ބަލާލިއެވެ.

"ކީއްވެ ނުބުނެވުނީ. ދުވަހަކުވެސް  އަހަރެން ކަލޭމެން ދެމީހުންނަކަށް މާފެއް ނުކުރާނަން." އައިން ރޮމުން ދުއްވައިގަތެވެ.

"އައިން." ހާއިޝް އައިންގެ ފަހަތުން ދިޔައެވެ.

"ރާއްޖޭގެ އެންމެން ކަލެއާމެދު އެވާހަކަދެއްކިއިރު އަހަރެން ކަލެއަށް އިތުބާރުކުރިން. އެކަމަކު އޭގެ ބަދަލުގައި އަހަރެންނަށް މިލިބުނީ ކޮންއެއްޗެއް. މިހާރު އަހަރެންގެ މޮޔަކަން ވިސްނިއްޖެ. ކަލެއަކީ ނަތާމެން ބުނިކަހަލަ ނުބައި މީހެއް." އައިން ހުއްޓިއްޖެއެވެ. އޭނާ ސީދާ ހާއިޝާއި ހަތަރުކަޅި ހަމަކުރިއެވެ. އެގޮތުގައި ހުރެ ހާއިޝާ ދިމާއަށް އޭނާގެ ހިތުގައިވާ ހުރިހާ އެއްޗެއް ކިޔެވެ. ނަމަވެސް އޭނާގެ މިޒާޖާއި އެއްގޮތަށް  އޭނާ ހާއިޝަކަށް ހަޅޭކެއް ނުލަވައެވެ. ހުރިހާ ވާހަކައެއް އޭނާއަށް ދެއްކުނީ ރޮމުންނެވެ.

"އައިން. އިހަށް އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ."

"ކީއްކުރަން. އަނެއްކާވެސް ކޮންމެވެސް އެއްޗެކޭ ކިޔާ ނޫންކަމަށް ހެދެން. ޒޫނާ ގޮވައިގެން އެރޭ ކޮލެޖުގައިވެސް ހުރީ ހާއިޝްކަން އަހަރެންނަށް ޔަގީން. މައިބަފައިންނާއި ރައްޓެހިން ދޫކޮށްފައި އަހަރެންނަށް މިއާދެވުނީ ހާއިޝަށް އިތުބާރުކޮށްފައި. މާތްކަލާކޯ. ދެންއަހަރެން ހަދާނީކިހިނެއް." ގޮތް ހުސްވެފައިވާ އައިން ދެއަތުން އޭނާގެ ބޮލުގައި ހިފަހައްޓާލިއެވެ. އޭނާ ހީވަނީ މޮޔައެއް ހެންނެވެ. އޭނާއަށް ބާރަށް ރޮވެނީއެވެ.

"މަންމާ." ނިޝާ ބާރަށް ހަޅޭއްލަވައިގަތް އަޑު ދެމީހުންނަށްވެސް އިވުނެވެ. ނަމަވެސް އެއަޑުގައި ހުރި ވޭނާއި ރިހުމެއް އިހުސާސް ކުރެވުނީ ހަމައެކަނި ހާއިޝަށެވެ. މިވަގުތު ނިޝާ ގާތަށް ނުގޮސްފިނަމަ ވާނެ ގެއްލުންވެސް އެނގެނީ ހަމައެކަނި ހާއިޝަށެވެ. އަދި މިގަޑީގައި ނިޝާ ގާތަށް ނުގޮސްފިނަމަ އޭނާގެ ދިރިއުޅުމަށް ލިބޭނެ ނިކަމެތިކަމާއި ހިތްދަތިކަންވެސް އޭނާއަށް އިހުސާސް ކުރެވެއެވެ. މިއަދު އައިންއަށް ވުރެ ނިޝާގާތަށް ދާން އޭނާއަށް މުހިންމެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *