ވާހަކަ: އައިން (14)

(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)

ހާއިޝް އައިންއަށް ބަލާލިއެވެ. ދެން ދުވެފައި ނިޝާ ގާތަށް ދިޔައެވެ. އައިންއަށް ރޮވިފައިވާހާލު ހާއިޝް އޭނާދޫކޮށް ނިޝާގާތަށް ދާތަން ހިތްދަތިކަމާއެކު ބަލަން ހުއްޓެވެ. އޭރު ނިޝާ ބަނޑުގައި އަތްއަޅާ މަޑުމަޑުން ތިރިވަމުން ދިޔައެވެ. އޭނާގެ އަނގައިން ހޯސްލާފައި ލޭ އަންނަމުން ދެއެވެ. ހާއިޝް ދުވެފައި ގޮސް ނިޝާ ހާއިޝްގެ އަތްދަނޑިމައްޗަށް ލިއެވެ. އަދި ސިއްހީ އެހީތެރިޔާ ގާތަށް ގެންދިޔައެވެ.

"ކިހިނެއްވީ."

"ބަނޑުގައި ރިއްސަނީ."

"ކީކޭ." މިހުރިހާ ދުވަހު ދޫ ހެދުންލާ ބަނޑުގައި ފޮތި އޮޅާފައި  ނިޝާ ބަނޑުބޮޑުކަން ސިއްހީ އެހީތެރިޔާއަށް އެނގުނީ ނިޝާއަށް އަޅާ ވޭނުންނެވެ. ވަރަށް ހާލުގައި އުޅެމުން ނިޝާ ވިހައިފިއެވެ. ނަމަވެސް ލިބުނު ސިއްހަތު ރަނގަޅު ލޯބި ލޯބި އަންހެން ކުއްޖާގެ މޫނުވެސް ނުދެކި މިދުނިޔެއާއި ވަކިވެގެން ދިޔައީ ކެންސަރު ބަލީގެ ސަބަބުންނެވެ. ހެނދުނު ވީއިރު އައިން ފިޔަވާ ރަށުއެންމެން ތިބީ ނިޝާގެ ކަށުކަމާކެމީގެ ކަންތަކުގައެވެ. ނިޝާގެ މާމަ ފާތުމާއަށް ޚަބަރު ލިބުނީއްސުރެ އޮތީ އަނބުރައި ގަނެފައެވެ.

ނިޝާ ވަޅުލުމަށްފަހު ހާއިޝް ދިޔައީ ނިޝާ ވަސިއްޔަތް ކުރިފަދައިން އޭނާގެ ދަރިފުޅު ގާތަށެވެ. އެދަރިފުޅު ގޮވައިގެން ގޮސް އައިންއާ ހަވާލު ކުރުމަށްފަހު ހުރިހާ ވާހަކައެއް ކިޔައިދިނުމަށެވެ. އޭނާ ދިޔައިރު ހުދު ފޮތިގަނޑަކުން މޫނު ފިޔަވާ ހުރިހާތަނެއް ނިވާކޮށްފައިވާ އެ ތުއްތު ކުއްޖާއަށް އޮތީ ނިދިފައެވެ. އޭނާ އެކުއްޖާ އުރާލައިގެން ދިޔައީ ގެއަށެވެ.

ގޭތެރެއަށް ވެރިވެފައިވަނީ އާދަޔާ ޚިލާފު ހިމޭންކަމެކެވެ. މުދިންބެ އަދިވެސް މިސްކިތުގައި ވާތީއާއި ފާތުމާ އަދިވެސް އަނބުރައިގަނެފައި އޮތުމުން ގޭތެރޭގެ ހިމޭންކަން އިތުރުވެގެން ދިޔައެވެ. ހާއިޝް މަޑުހިނގުމެއްގައި ހިނގާފައި ދިޔައީ އައިންއުޅޭހެން ހީވާތީ އެކޮޓަރިއަށެވެ. އައިންގެ އިތުރުން އޭނާގެ ދެކުދިންގެވެސް ހިލަމެއް މުޅިގޭގައިވެސް ނެތެވެ. އޭނާ ދުވެފައި ކަހަލަ ގޮތަކަށް ބޭރަށް ނިކުތީ ކޮންމެވެސް ގޯހެއް ހިނގައިފި ކަމުގެ އިހުސާސެއް ވެގެންނެވެ. އޭރު އެރަށު މޮޔަ އަލީ އެގެއާ އަރާ ހަމަވަނީއެވެ.

"އައިންދައްތަ ދެކުދިން ގޮވައިގެން ކުޅުދުއްފުއްޓަށް ދާން ދިޔައީ މާލެ ދާންދޯ." އަލީ އެހިއެވެ.

"ކުޅުދުއްފުއްޓަށޭ. ކޮންއިރަކު. ކޮންދޯންޏަކުން."

"ހާއިޝްބޭބެއަކަށް  ނޭނގޭތަ؟ ކޮންމެ ހަފްތާއަކު އަންނަ ފެރީގައި އޭނާ އެބައިން. އަދި ނުއެއްފުރާ. ފުރާނީ އިރުކޮޅަކުން ހެން ހީވަނީ. މީހަކު އަހާލީމަ ބުނީ މިއުޅެނީ މާލެދާށޭ." އަލީ އިތުރު އެއްޗެކޭ ނުބުނެ ހިނގައްޖެއެވެ.

ހާއިޝަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އައިން ކުއްލިއަކަށް އެފަދަ ބޮޑު ނިންމުމެއް ނިންމާނެ ކަމަކަށް އޭނާއަށް ގަބޫލު ކުރަންވެސް ދަތިވިއެވެ. އައިންއަށް ރޭގެ ހާދިސާއިން ވަރަށް ފުން އަސަރެއް ކުރީކަން ހާއިޝަށް ވިސްނުނެވެ. އޭނާ އައިންއަށް ކިތަންމެ ފަހަރަކު ވިސްނައިދިނެވެ. ނަމަވެސް ރޭގައި އައިން ރުއްސުމަށްވުރެ ނިޝާގެ ހާލު ދަށަށް ދާތީ އޭނާއަށް ނިޝާގާތަށް ދާން މަޖުބޫރު ވީއެވެ. ހާއިޝް އެ ތުއްތު ކުއްޖާ އުރައިގެން ހުރެ ދުވެފައި އަތިރިއަށް ދިޔައެވެ.

ފެރީއަށް އަރާއިން އައިންއަށް ތަފާތު ޚިޔާލުތައް ވެރިވަމުން ދެއެވެ. މިގޮތަށް ދެކުދިން ގޮވައިގެން މާލެ ދިއުމުގެ ނަތީޖާ ނިކުންނާނީ ކޮންކަހަލަ ގޮތަކަށް ބާވައޭ އޭނާ ވިސްނަމުން ދިޔައެވެ. އޭނާ ހާއިޝާއެކު ދިރިއުޅެން އައީ ލޯބިވާ އާއިލާއާއި ހުރިހާއެއްޗެއް ދޫކޮށްލާފައެވެ. ވީއިރު މާލޭން ދެން އޭނާއަށް ލިބޭނެ އެއްވެސް މޮޅެއް ނެތެވެ. މިދެކުދިންގެ ބައްޕައާ ދުރުވުމަކީ ކުދިންނަށް ލިބޭނޭ ވަރަށް ބޮޑު ދެރައެކެވެ. މިފަދަ އެތައް ޚިޔާލެއްގައި ހުރެ އޭނާ ފެރީއިން ފޭބިއެވެ. ހިތްވަރުލާ ހާއިޝާ ކުރިމަތިލާ މައްސަލަ ނިންމަން އޭނާ ބޭނުންވިއެވެ.

ކުއްލިއަކަށް އައިންއަށް ފެނުނީ ދުވެފައި އައުމުގެ ސަބަބުން ވަރުބަލިވެފައިވާ ހާއިޝްއެވެ. އައިންއަށް ހާއިޝްގެ ލޮލަށް ބަލާލެވުނެވެ. އެލޮލުން ފެންނަނީ ހިތާމައާއި ވަރުބަލި ކަމެވެ. ދެކުދިންނާއި އައިންއަށް އޭނާ ބޭނުންވާ މިންވަރެވެ. އައިންއަށް ހާއިޝްގެ ހުރިހާ ކުށަކަށް މާފުކުރެވުނީ ކަމަށް ހިނދުކޮޅަކު ގަބޫލު ކުރެވުނެވެ.

"އައިން. ދަނީތަ؟" އެއަޑުގައި ވަނީ ހިތާމައާއި މޮޅިވެރިކަމެވެ. އައިންއަށް ޖަވާބެއް ނުދެވިގެން އުޅެނީސް ހާއިޝްގެ އަތުގައި އޮތް ތުއްތު ކުއްޖާ ރޮއިގަތެވެ. އެއާއެކު އައިންއަށް އެކުއްޖާއަށް ބަލާލެވުނެވެ.

"ތީ ކާކު."

"މީ ނިޝާގެ ދަރިފުޅު." ހާއިޝް މަޑުމަޑުން ބުނެލިއެވެ. އޭނާ ދޮގެއް ހަދާކަށް ބޭނުމެއް ނޫނެވެ.

އައިން އެއްޗެކޭ ނުބުނެ ހާއިޝަށް ބަލަން ހުއްޓެވެ. މީގެ ކުޑަ ހިނދުކޮޅެއްކުރިން އޭނާ ހާއިޝާ މެދު ވީހަމްދަރުދީ ނަފުރަތަށް ބަދަލު ވެއްޖެއެވެ. ހާއިޝްގެ ފާފައިގެ ނަތީޖާ ކަމުގައިވާ ނިޝާގެ ދަރިފުޅު އޭނާގެ ކުރިމައްޗަށް ގެންނަން ކެރުނީތީވެސް އައިން ފޫހިވިއެވެ. މީހަކު އެހާ ދަށު ދަރަޖައަކަށް ހިނގައިދާނެ ކަމަކަށް އޭނާއަކަށް ގަބޫލެއް ނުކުރެވުނެވެ. އަދި އެއްގޮތަކަށްވެސް އޭނާ ހާއިޝަށް ކުރި އިތުބާރާއި އިހުތިރާމް އޭގެ އެންމެ ދަށުދަރަޖައަށް ހިނގައްޖެއެވެ. އިތުރު ފުރުސަތެއް ދޭން ނިންމައިގެން ހުރި ނަމަވެސް މިހާރު ހާއިޝާ ދިމާއަށް ބަލާލަންވެސް އޭނާ ފޫހިވެއްޖެއެވެ.

"ދެން ކީއްކުރަން ތިއައީ  ދުވަހަކުވެސް ހާއިޝަކަށް  މާފުކުރެވޭނެހެނެއް ހިއެއްނުވޭ." ކުއްލިއަކަށް އައިން ދެކުދިން ގޮވައިގެން ދުއްވައިގަތެވެ. އަދި ވާމޮހާލަމުން ދިޔަ ދޯންޏަށް އެރުމާއެކު ދޯނި ދުއްވާ ލައިފިއެވެ. އެއީ އޭނާ ކުރިންވެސް ކަންތައް ކުރިގޮތެވެ. މާލެ ދޫކޮށްލައި ހާއިޝާ އެކު ފަރިދުއަށް ދިރިއުޅެން ބަދަލުވުމަށްޓަކައި ބައްތެއްޔަށް އެރީވެސް ކުއްލިއަކަށެވެ. އަދި މިއަދު ހާއިޝްގެ ބޭވަފާގެ ސަބަބުން ހާއިޝް ދޫކޮށްލާ ފަރިދޫ އިން މާލެދާންވެސް ފެރީއަށް އެރީ ކުއްލިއަކަށެވެ. ތަފާތަކީ މިއަދު އޭނާގެ ގާތުގައި ކިރިޔާ ހިނގޭވަރުގެ ދެކުދިންތިބިކަމެވެ. ހިތާމަޔާ ހިތްދަތިކަމާ ގޮތް ހުސްވުން އޭނާ ހާސްކުރުވާކަމެވެ.

"އައިން. މަޑުކޮށްބަލަ. އައިން ނުދޭ." ހާއިޝް އައިންއަށް ގޮވަމުން ދުވަމުން ދިޔައެވެ. ދޯނި ދާވަރަކަށް ދޯންޏާއި ދިމާއަށް އަތިރިމަތީގެ މަޑުފަސްގަނޑުމަތީގައި ގޮތްހުސްވެގެން އޭނާ ވެއްޓޭ ނުވެއްޓޭކަހަލަ ގޮތަކަށް ދުވަމުން ދިޔައެވެ. ނަމަވެސް އައިންއަށް ލިބިފައިވި ހިތްހަރުކަމާއި ހަރުކަށިކަން ހާއިޝާއި ދިމާއަށް ބަލާވެސް ނުލާ އިންދާ ފަރިދޫފަޅުން ފެރީ ނިކުމެ ހާއިޝްގެ ލޯމަތިން ފެރީ އޮބާލައިފިއެވެ. އެމީހެއްދެކެ އޭނާ އެންމެ ލޯބިވާ އަނބިމީހާއާއި ދެލޯ ފަދަ ލޯބިވާ ތުއްތު ތުއްތު ދެކުދިންގޮވައިގެންނެވެ.

ހާއިޝް ބާރަށް ރޯންފެށިއެވެ. އެތަނުގައި މީހަކު ހުރިނަމަ އެއީ މޮޔަވެފައިވާ މީހެކޭ ބުނާވަރަށް އޭނާ ހުރީ ދުނިޔެ މަތީން ހަނދާން ނެތިފައެވެ. އޭނާ ރޮމުން ދެ ކަކޫމައްޗަށް އިށީނެވެ. ދިރިއުޅުމުގައި އެތައްކަމެއް އޭނާ ތަޖުރިބާ ކޮށްފިއެވެ. މީހުންގެ މަލާމާތާއި ހިތާމައެވެ. ބޭއިންސާފާއި ގެއްލުމެވެ.  ނަމަވެސް އައިން އޭނާ ދޫކޮށްލާފައި ދިއުމުން ދުވަހަކުވެސް ނުލިބޭ ވަރުގެ ހިތާމައަކުން އޭނާ ރޮއްވައިފިއެވެ. އައިންއާއި ނުހަނު ވައްތަރު ލޯބި ލޯބި ދެކުދިން އޭނާގެ ހަޔާތާއި ދުރުކޮށްލުމުން އޭނާގެ ދިރިހުރުން ގެއްލުނީކަމުގައިވެސް ހީވިއެވެ. ކުއްލިއަކަށް އޭނާގެ އަތުގައި އޮތް ކުޑަ ދަރިފުޅު ރޮއިގަތެވެ. އޭނާ އެ ކުޑަ ދަރިފުޅު މޭގައި ލައްކޮށްލާ ބޮނޑިކޮށްލިއެވެ.

"ދަރިފުޅާ. ނުރޮއި. ދަރިފުޅު އެކަނި ކޮށްލިއަކަ ނުދޭނަން." ހާއިޝް އެދަރިފުޅު މޫނުގައި ބޮސްދިނެވެ. އަދި ބުދެއް ފަދައިން ހަރަކާތެއްނެތް ގޮތުގައި ކުރިއަށް ހިނގަން ފެށިއެވެ. ރޭގަނޑު ނުނިދާ ހުރުމުގެ ސަބަބުން ލިބިފައިވާ ވަރުބަލިކަމާއި އައިން ބީވުމުން ލިބުނު ހިތާމައިން އޭނާގެ ދެލޯވަނީ ރަތްވެފައެވެ. މީހާ ލައިގެން ހުރި ޓީޝާޓު ރޫޖެހި ބޯހެވިފައި ހުރުމުގެ ސަބަބުންނާއި ހިނގާފައިދިޔަ ނުފަރިތަ ގޮތުން ހާއިޝް ކުރިންފެނުނު މީހަކު ތަލިން ކުޅުހިކޭވަރަށް އޭނާ ހުރީ ބަދަލުވެފައެވެ.

 

އައިންއަށް މާލެއަށް ފޭބިއްޖެއެވެ. އަބަދުވެސް އަމިއްލަ ކާރުގައި އުޅުނު އައިން މިއަދު އޭނާގެ ދެކުދިން ގޮވައިގެން ދާން ފެށީ ހިނގާފައެވެ. މިއަދު އޭނާގެ ލޯބިވާ ފިރިމީހާ ބޭވަފާތެރިވުމުން އައިން ވަނީ ހިތާމައިން ހަލާކުވެފައެވެ. ބައެއް ފަހަރު އޭނާ ބޭވަފާ ތެރިވިޔަސް މާފުކޮށްފައި އުޅެންވެސް އޭނާ ބޭނުންވެއެވެ. ސަބަބަކީ ހާއިޝަކީ އޭނާގެ ފުރަތަމަ ލޯތްބެވެ. ލޯތްބާ އަޅާލުމާއި ދިރިއުޅުން ހާއިޝްގެ ފަރާތުން އޭނާއަށް ދަސްވިއެވެ. ދަރިން ތަރުބިއްޔަތުކުރުމާއި ލިބޭއެއްޗަކުން ދިރިއުޅުން ހަމަޖެއްސުމާއި ޝުކުރުވެރިކަމާއެކު އުޅެން އޭނާއަށް އެނގުނެވެ. ދިރިއުޅުމަކީ ކެތްތެރިވުމާ އެކަކު އަނެކަކަށް ރަހުމްކުރުމާ އޯގާތެރިވުންކަން އޭނާ އިހުސާސް ކޮށްދިނެވެ.

ނަމަވެސް ހާއިޝްގެ ކުއްޖަކު ނިޝާއަށް ލިބުން އެއީ އޭނާގެ އިތުބާރު ގެއްލުމުގެ އިތުރަށް މާފުކުރެވޭނޭ ކަމެއްވެސް ނޫނެވެ. އޭނާ ނިޝާއާއެކު ވާހަކަ ދައްކަން ކިތަންމެ ރެއަކު ތިއްބާ ފެނުމުން ޝަކުވާ ކުރުމުންވެސް ހާއިޝަށް މާބޮޑު ކަމަކަށް ނުވީތީ އައިންއަށް އިންތިހާއަށް ރުޅި އާދެވެއެވެ.

ކިރިޔާ ހިނގޭ ނުހިނގޭ ވަރު ކުއްޖަކު އައިންގެ އެއްފަރާތުގައި އޭނާގެ އަތުގައި ހިފައިގެން ހުރިއިރު އަނެއް ކުއްޖަކު އޭނާގެ ކިހިލީގައި އިނެވެ. އެއްކުއްޖެއްގެ ނޭފަތުން ރޯގާގެ ދަވަތަށް އައިސްފައިވާއިރު އަނެއް ކުއްޖަކު އަނގަޔަށް އަތްލައިގެން ހަފާލަހަފާލަ ހުއްޓެވެ. ބާވެ ހަސްނެތިފައިވާ ދޫކޮށްހުރި ހަރުވާޅު ހެދުމެއްގައި ހުރިއިރު އޭނާގެ ރީތި ފަންއިސްތަށިގަނޑުގައި ވަނީ ހުޅިއެއް ޖަހާފައެވެ. އޭރު ހޭވިފައިވާ ބައެއް އިސްތަށިތަކާއި އަނދާފައިވާ މޫނުމަތި އޭނާގެ ޒުވާންކަމާއި ފަރިކަމަށް ފަނޑު ކަމެއްގެނެސްދެއެވެ.

އައިން އޭނާގެ ގެކަމަށްވާ  ނޫވިލާގޭގައި ޓަކިޖަހާލިއެވެ. ކުއްލިއަކަށް އޭނާ ނުވެސް ދަންނަ މީހަކު  ދޮރު ހުޅުވާލިއެވެ. އޭރު ބާރަށް ލަވަ ޖަހާފައިވާ އެގޭގައި މީހުން އަވަދިނެތި އުޅެމުންދަނީ ކޮންމެވެސް އެއްޗެއް ކެއުމުގައެވެ. ބޮޑު ސިޓިންރޫމުގެ އެއްފަރާތެއްގައި ހުރި ތަފާތު ކާނާތަކުން މުޅިގެއަށް ވަނީ މީރުވަސް ފެތުރިފައެވެ. ކުއްލިއަކަށް އަތުގައި ހިފައިގެން ހުރި އޭނާގެ ދަރިފުޅު އާލިން ކާއެއްޗިއްސާއި ދިމާއަށް ދުއްވައިގަތެވެ. އަދި އާފަލު ފޮއްޗެއް ނަގާ އައިންއާއި ދިމާއަށް ދުއްވައިގަތެވެ.

އައިންއަށް ސަމާލުކަން ދެވުނީ ދޮރުކައިރީގައި  ކައިވެނި ޕާޓީގެ ރީތި ހުދުކުލައިގެ ހެދުންލައިގެން ކޮޅަށްހުރި އަންހެން ކުއްޖާއަށެވެ. އެއީ އޭނާ ދަންނަ ކުއްޖެކެވެ. އެއީ އެއްއިރެއްގައި އޭނާއާ ނުލާ އެއްކަމެއްވެސް ނުކުރެވޭ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ ނަތާއެވެ. ނަތާގެ އެއްއަތުގައި ހިފަހައްޓާލައިގެން ހުރި ފިރިހެން ކުއްޖަކީ އައިން އެންމެ ލޯބިވާ އޭނާގެ ދޮއްޓަށް ހުންނަ ބޭބެއެވެ. އަރީޝާއި ނަތާގެ ކައިވެނީގެ މަންޒަރު ބަލާލުމުން ނަތާއަށް މިގެއިން ލިބިފައިވާ ޖާގަ ފުރިހަމަކަން  އެނގޭކަށް މާ ގިނައިރުތަކެއް ނުވިއެވެ.

"ތީ ކާކު." އާލިން އަތުގައި ހިފައިގެން ހުރި ދުވަސްވީ ފިރިހެނަކު ބުންޏެވެ. އެކުއްޖާ ބިރުން ރޯންފެށިއެވެ. އަދި އައިންއާއި ދިމާއަށް އިނގިލި ދިއްކޮށްލާފައި ދުއްވައިގަތެވެ. އެކުއްޖާ ގޮސް އައިންގެ ފުރަގަހަށް ވަދެ ހެދުމުގައި ހިފަހައްޓާލައިގެން ސިއްރުން ބޯދިއްކޮށްލާ ބަލަމުން ދެއެވެ.

"ކާކު… ތީ… އައިންތަ." ގަބޫލުވެސް ނުކުރެވިގެން އެމީހާ އެހިއެވެ.

"ބައްޕާ." ބޭއިޚްތިޔާރުގައި އައިންއަށް ގޮވާލެވުނެވެ. އޭރު އޭނާގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ހިފެހެއްޓުމެއްނެތި ކޯތާފަތްމައްޗަށް ފައިބަމުން ދިޔައެވެ.

"އައިން. ތިހުރީ ކޮންހާލެއްޖެހިފައި." އައިންގެ ބައްޕަ އެދިމާއަށް އަންނަމުން ދެއެވެ. އައިންއަށް ބައްޕަގެ ފަރާތުން ފެންނާނެ ކަމަށް ގަބޫލުކުރި ރުޅިވެރިކަން ނުފެނުމުން އުފާވިއެވެ. އައިން ހީކުރީ ހަގީގަތުގައިވެސް ބައްޕަ އޭނާއަށް މާފުކުރީކަމަށެވެ. ނަމަވެސް ކަންތައް ވީއެހެންނެއް ނޫނެވެ. އައިން ކުއްލިއަކަށް ފެނުމުން ބައްޕަގެ ހިތަށް ހަމްދަރުދީ ވަންނަމަވެސް އޭނާ ލޯބިވާ އަނބިމީހާ ނިޔާވީ އައިންގެ ގޮތް ދޫނުކުރުމާއި އައިން ވަކިވެގެން ދިއުމުގެ ހިތާމައިގައި ކަން އޭނާ ހަނދާނެއް ނުނެތެއެވެ. އައިން ފުރައިގެން ދިއުމުން މީހުން އޭނާއަށް ކުރި މަލާމާތް އަދިވެސް އިއްޔެ ވީކަމެއްހެން ހަނދާން އެބަހުއްޓެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *