(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)
"ބައްޕާ." ބައްޕަގެ ހިމާޔަތް ލިބުމުގެ އުންމީދުގައި އޭނާ ގޮވާލިއެވެ.
"އައިން. ކަލޭ އަންނާނެ ކަމަކަށް އަހަރެމެން ގަބޫލެއް ނުކުރަން. އައިން ދިޔައީ މައިންބަފައިން ނޫންކަމަށް ނިންމައިގެން. އަހަރެމެންގެ ދިރިއުޅުމުގައި ހުޅުޖަހާފައި. މިހާރު ތިޔައީ އެ ނުބައިމީހާގެ ދިރިއުޅުމުގައި އަލިފާން ރޯކޮށްފައި ނޫންކަމެއް އެނގެނީ ކިހިނެއް! އައިންއަކަށް މިގެއަކުން ޖާގައެއް ނެތް؟" އާދަނު ކޮޓަރިއަށް ވަދެގެން ދިޔައީ އައިންއާއި އިތުރަށް ބައްދަލު ނުކުރަން ވެގެންނެވެ. ކަރުނައިން ތެމިފައިވާ ދެލޯ އޭނާއަށް ނުދެއްކުމަށެވެ.
"އައިން ދިއުމުން މަންމަ ވަރަށް ހާލުދެރަވި. އެންމެ ފަހުން އެފަކީރު ނިޔާވީ އެހިތާމައިގައި." ނަތާ ވާހަކަދެއްކިއެވެ.
"ނަތާ އެތެރެއަށް ވަދޭ." އަރީޝް ގޮވާލިއަޑަށް ނަތާ އައިން ގާތު މަޑުނުކޮށް އެތެރެއަށް ވަނެވެ. ފެށުނީއްސުރެ ވެސް އައިންއަކީ އަމިއްލަގޮތް ހުންނަ ގޮތްދޫނުކުރާ ކުއްޖަކަށްވުމުން އޭރު އޭނާ ގެ ނޫންކަމަށް ނިންމައިގެން ދިޔަގެއަށް މިއަދު އާދެވުނީތީ އޭނާ ދެރަވިއެވެ. ނަމަވެސް ހާލަތު އޭނާއަށް އެނޫން އެހެން ގޮތެއް ދައްކައެއް ނުދިނެވެ. އޭނާއަށް މަޖުބޫރު ވެފައިވަނީ ބައްޕަ އާއި ބޭބެ ކިތަންމެ ރުޅިއަޔަސް އެގޭގައި މަޑުކުރުމަށެވެ. ޕާޓީ ނިމިގެން އެންމެން ދިޔައިރުވެސް އައިން ހުރީ ސިޓިން ރޫމުގައި ކޮޅަށެވެ. އޭނާއަށް ގޮވާލާ އަޅާލާނޭ މީހަކު ނެތުމުގެ އިތުރަށް އޭނާ އެނގޭ މީހަކު މިގެއަކު ނެތެވެ. މި ނިކަމެތި ކަމުގައި އޭނާ ދެގަޑިއިރު ހުއްޓެވެ. އޭރު ނިދިފައިވާ އެއްކުއްޖަކު ކޮނޑުމައްޗަށް ލައިގެން އަނެއްކުއްޖާ އަތުގައި ހިފަހައްޓައިގެން ހުރިއިރު އޭނާ ވަނީ ވަރުބަލިވެފައެވެ.
އިރުކޮޅަކުން އެންމެން ދިޔުމުން ކޮޓަރި ދޮރު ހުޅުވާލާފައި އާދަނު ނިކުތެވެ.
"ނަތާ. އައިންއަށް ނުކުންނަން ހުރި ދޮރު ދައްކާ. ގިނަ ދުވަސްވުމުން ނިކުންނަން ހުރި ދޮރު ނުފެނުނީ ކަމަށް ވެދާނެ." އާދަނު ގޮވާލިއެވެ.
ނަތާ މަޑު ހިނގުމެއްގައި އައިސް ދޮރު ހުޅުވާލިއެވެ. އަދި އައިންއާ ދިމާއަށް ބަލަން ހުއްޓެވެ. އެ ބެލުމުގައި އައިން އެގެއިން ނިކުންނަން އެދި އިންތިޒާރު ކުރާކަން އައިންއަށް އެނގެއެވެ. އައިން މަޑުމަޑުން ދެކުދިން ގޮވައިގެން އެގެއިން ނިކުތެވެ. ގޭގެ އަސްކަނި ދޮށުގައި އޭނާ މަޑުކޮށްލައިގެން ހުރީ ދާނެތަނެއް ނުވަތަ ވަންނާނެ ތަނެއް ހުރިތޯ ބެލުމުގެ ފިކުރުގައެވެ. އޭނާ އެތައް ގޮތަކަށް ވިސްނައިގެންވެސް ވަންނާނެ ގެއެއް ލިބޭ ގޮތެއްނުވެއެވެ. ދޮންތަ އުޅެނީ ފިރިމީހާ ގޭގައެވެ. ދޮންބެ ވީ ގެދޮރު ކުއްޔަށްދީ އާއިލާއާއެކު މެލޭޝިއާއަށް ދިރިއުޅުން ބަދަލުކޮށްފައެވެ.
ކުއްލިއަކަށް ވައިގަދަވެލާފައި ބޯކޮށް ވާރޭވެހެންފެށީ އައިން އެގޭ އަސްކަނިދޮށުން ބޭރަށް ނިކުންނަނިކޮންނެވެ. އެހެންކަމުން ހަމަ އެތަނުގައި މަޑުކޮށްލީ ވާރޭ ތުނި ވެލަންދެންނެވެ. ގަދައަށް ވިދާލުމާއެކު ބާރު ގުގުރީގެ އަޑަށް ދެކުދިން ބާރަށް ރޯންފެށިއެވެ. އެދެކުދިން މަސަލަސް ކުރުމުގައި އުޅުނު އިރު ގަދަވަޔާއެކު ވެހެމުން ދިޔަ ބޯ ވާރޭގަނޑުން އެ ތިންމައިން ސަލާމަތްނުވެ ތެމި ފޯވެއްޖެއެވެ. ފަތިސްވާންދެން މިހާލުގައި ކޮޅަށް ހުރި އައިންއަށް ބަޔާން ކުރަންދަތި އެތައް ހިތާމައެއް އުފުލަން ޖެހުނީ ހިތަށް އަރަމުންދިޔަ ޚިޔާލުތަކުންނެވެ.
އޭނާގެ ޅަދުވަހުގެ މިނިވަންކަމާއި އާއިލާގެ އެންމެންގެ ފަރާތުން ލިބުނު ލޯތްބެވެ. ގާތް ރަހުމަތްތެރިންގެ ފަރާތުން ލިބުނު އޯގާތެރިކަމާއި ގާތްކަމެވެ. ލިބުނު އަގުބޮޑު ރީތިވާ ސާމާނާއި ފަހުގެ ފެޝަންތަކުގެ ހެދުންތަކެވެ. މޮޅުކާރާއި ރީތިގެއާއި އެތަކެއްޗާ އެކީ ޚިޔާލެއް ފިކުރެއްނެތި ހޭދަ ކުރެވުނު ވަގުތު ތަކެވެ.
އެންމެފަހުން ހާއިޝާއި ބައްދަލުވުމާއި ދެން ހިނގައިދިޔަ ހާދިސާ ތަކެވެ. ހާއިޝްގެ ލޯތްބާއި އަޅާލުމަކީ ދުވަހަކުވެސް އެހެންމީހެއްގެ ފަރާތުން އޭނާއަށް ލިބިފައިނުވާ އުފާވެރި އިހުސާސްތަކެކެވެ. އޭނާ އެދެމުން ދިޔައީ ހާއިޝްގެ ލޯތްބަށެވެ. ދެކުދިން ލިބެންދެންވެސް އެދެމެދުގައި އުފެދިފައިވަނީ ރާއްޖޭގެ އެއްވެސް ބަޔަކު ނޫޅޭފަދަ ގާތްކަމަކާއި ލޯބިވެތި ގޮތެކެވެ. ފަހަކަށް އައިސް އައިންގެ ޝަކުވާތައް އައުމުން އޭނާ އައިންއަށް ވިސްނައިދެނީ ކޮންފަދަ އޯގާތެރި ގޮތަކަށްހެއްޔެވެ؟ ދިރިއުޅުމަކީ ހިތްވަރު ކުރުންކަމާއި ދަތިތަކާއި ފަގީރުކަމާއި ހަނގުރާމަކޮށް ކަންކަމާ ކުރިމަތިލުންކަން ވިސްނައިދިނީ އެއްވެސް އަމިއްލަ އެދުމެއްނެތިއެވެ.
ނަމަވެސް މިއަދު އޭނާ ވަނީ ހާއިޝް އޭނާ ތަރުބިއްޔަތު ކުރިގޮތާއި މުޅިން ޚިލާފުވެފައެވެ. ކަމަކާ ޖެހުނުވަގުތު އޭނާ ހާއިޝް ދޫކޮށްލާފައި ފިލީއެވެ. އެފަކީރު ކިހާ އާދޭހެއް ކުރިހެއްޔެވެ؟ އެއްގޮތަކުން ބުނާނަމަ އޭނާ ހާއިޝްގެ ދެކުދިންނަށް މިދެނީ ކޮންފަދަ ބޮޑު އަނިޔާއެއް ހެއްޔެވެ؟ އައިން ލޮލުން ފައިބާ ކަރުނަތައް ފޮހެލިއެވެ. ހާއިޝް ކޮންމެ ގޮތަކަށް އުޅުނަސް އޭނާއަކަށް ހާއިޝާ ވަކިން ނޫޅެވޭނެކަން ޔަގީންވިއެވެ. އޭނާގެ ހިތުގައި ހާއިޝާ މެދު އޮންނަ ލޯބި ފަނޑެއް ނުވެއެވެ. ދިމާވި ހާދިސާއަކުން އޭނާ ކުއްލިއަކަށް ކަންތައް ނިންމާ މިޒާޖު އޭނާ މިހިސާބަށް ގެނައީއެވެ.
ނޫނެކެވެ. ހާއިޝްއަކީ ބޭވަފާ ތެރިއެކެވެ. އޭނާ އައިންއަށް އޮޅުވާލީއެވެ. ނިޝާއާއި ވާހަކަ ނުދެއްކުމަށް ކިތައްފަހަރު އޭނާ އެދުނު ހެއްޔެވެ؟ ނަމަވެސް އެންމެ ފަހުން އެދެމީހުންނަށް ކުއްޖެއް ލިބުނީއެވެ. އެދަރިފުޅު ގޮވައިގެން ހާއިޝް އޭނާގާތަށް އައީ އޭނާގެ ގޮތް ކުޑަކަމުންނެވެ. ޒޫނާއަށް ލިބުނު އަނިޔާއަކީވެސް އޭނާގެ ފަރާތުން ލިބުނު އަނިޔާއެއް ނޫންކަން އޭނާއަށް މިހާރު ގަބޫލު ކުރެވޭކަށް ނެތެވެ. އެންމެން އޭނާއާއި ދެކޮޅަށް އެދައުވާ ކުރާނީ ހަގީގަތެއް ވީމާކަން އޭނާއަށް މިހާރު ވިސްނެއެވެ. އެފަދަ މީހަކަށް ތިންވަނަ ފަހަރު އިތުބާރު ކުރާނީ ކިހިނެއްހެއްޔެވެ؟
ރޭގަނޑު ހަތަރުދަމު ނުނިދިފައި ކުޑަދޮރުން އައިންއަށް ބަލަން ހުރި ނަތާ ވަނީ ފެން ކަޅިވެފައެވެ. އޭނާއަށް އައިންއަށް ހިމާޔަތެއް ދެވޭކަށް ނެތެވެ. އައިންއަށްޓަކައި އެގޭމީހުން އެޅި ކަރުނަޔާ ކުރިހިތާމަ ފެނުނީ އޭނާއަށެވެ. އެހިތާމައިގާ އައިންގެ މަންމަ ނިޔާވުމުން އޭނާގެ ބައްޕަ ވަނީ އައިންއާއި މުޅިން ގުޅުން ކަނޑާލާފައެވެ. ނަތާއާއި އެހެންވެސް އެގޭ އެންމެންނަށް އައިންއާ ވާހަކަ ނުދެއްކުމަށްވެސް ވަނީ އަމުރު ކުރެވިފައެވެ. އޭނާއަށް އެމަޖުބޫރު އަމުރަށް ތަބާނުވެ އުޅެވޭކަށްނެތެވެ. ނަތާގެ މައިންބަފައިން ނިޔާވެ ހާލުގައި ޖެހުނު ދުވަހު އައިންގެމަންމަ ނަތާގެނެސް އައިންއަށް ދިން ލޯބިދީ އޭނާއަށް އޯގާތެރިވިއެވެ. އަދި މިހާރު އަރީޝްގެ އަނތްބަކަށްވެގެން މިގެއަށް އާދެވުމުން އެގޭގެ ހުކުމް އޭނާއަށް ނުހިނގާނެ ގޮތެއްނެތެވެ. އެހެންކަމުން ނަތާވަނީ މިހާރު އެގޭ ކުއްޖެއްގެ ގޮތުގައެވެ.
ހީކަރުވައިގެން ތުރުތުރު އަޅަމުންދާ އައިން ކުރިއަށް ހިނގައިގަތެވެ. އޭނާއަށް ހިނގެނީ ކިރިޔާއެވެ. ދެފައިވަނީ ބަރުވެފައެވެ. ރޯގާޖެހި ކެއްސަމުންދާ ދެކުދިން ރޮމުން ދާއިރު އެދެކުދިން މަސަލަސް ކުރާނެ ހިތްވަރެއް އޭނާގެ ނެތެވެ.
އެގޮތުގައި އޭނާ ދެގަޑިއިރެއްހާ އިރު ހުއްޓާ ސައިކަލެއްގައި ދިޔަމީހަކު އައިން ފެނިގެން މަޑުކޮށްލިއެވެ. އެމީހާ ޝައްކުގެ ނަޒަރަކުން ބަލަހައްޓައިގެން ހުރީ އެއީ އައިންކަން ޔަގީން ކޮށްލުމަށް ޓަކައެވެ.
"އައިންތަ. ތިހުރީ ކިހިނެއްވެފަ؟" އެމީހާ އަހާލިއެވެ.
"ހުސެން." ރޮވިފައިވާ އަޑަކުން އައިން ގޮވާލިއެވެ.
"ކީއްވެ ތިތާ ތިހުރީ. ކޮބާ ފިރިމީހާ. ބައްޕަ ކޮބާ." ހުސެން ހުރިހާ ސުވާލެއް ކޮށްލީ އެއްފަހަރާއެވެ.
"ތިހުރިހާ ސުވާލަށް ޖަވާބު ދޭނީ ކިހިނެއް؟ ތިއީ ވަރަށް ދިގު ވާހަކައެއް."
"އެކަމަކު މިއޮއް ދަންވަރު ތިތާ ތިހުރީ ކީއްވެ؟"
"ހުސެން. އަހަރެން މާލެއައީ އިއްޔެ. އެކަމަކު ވަންނާނެ ތަނެއްނެތް." އައިން އިސްޖަހާލިއެވެ.
"އަހަރެންނާ އެކު ދާންކެރޭނެތަ؟" ޔަގީން ނުވާގޮތަކަށް ހުސެން އަހާލިއެވެ.
އައިން އަނެއްކާވެސް އެއްޗެކޭ ނުބުނެ އިސްޖަހާލިއެވެ. މި ހަރަކާތުން ހުސެންއަށް އެއީ އާއެކޭކަން އެނގުނެވެ. އެހެންކަމުން ކާރަކަށް ގުޅާ އައިންގެ ތިންމައިން އޭނާގެ ގެއަށް ގެނައެވެ. ޗާންދަނީމަގުގައި ހުރި ތިންބުރީގެ އިމާރާތުގެ ތިރީބައިގާ ހުރި ދޮރުގައި ހުސެން ދެތިންފަހަރަކު ޓަކިޖަހާލިތަނާ މާބަނޑު އަންހެނަކު ދޮރުހުޅުވާލިއެވެ.
"ނުހާ. މީއަހަރެންގެ ވަރަށްގާތް ކުއްޖެއް. އައިން މީ އަހަރެންގެ އަންހެނުން ނުހާ."
"އައިން. ކިހިނެއްވެފަ ތިހުރީ." ފުރަތަމަ ބަލާލުމުން އެއީ އައިންކަންވެސް ނޭނގޭވަރަށް ބަދަލުވެފައި ހުރުމުން ނުހާ ހައިރާން ވިއެވެ.
"ނުހާ ދަންނަންތަ އައިން." ހުސެން އެހިއެވެ.
"އާން. އަހަރެމެން ކިޔެވީ އެއްކޮންނޭދޯ."
"ނުހާވެސް ތިހުރީ ހާދަ ބަދަލުވެފަޔޭ. ކޮންއިރަކު ކައިވެނި ކުރީ."
"އައިން އިހަށް އެތެރެއަށް ވައްދާ. ވާހަކަ ދައްކާނީ ފަހުން." ހުސެން ބުނެލިއެވެ.
ނުހާ އަވަސް އަވަހަށް އައިންއަށް ކާއެއްޗެއް ތައްޔާރު ކޮށްލިއެވެ. ތިން މައިލޯތައްޓާއި ތިން ބިސްގަނޑު ގެނެސް އެތިންމައިންނަށް ކާންދިނެވެ. ބަނޑުހައިވެފައި ހުރުމުގެ ސަބަބުން އެދެކުދިންވެސް ކައި ނިންމާލީ އެހެންމީހަކު އެއިން ކައިފާނެތީ ކަހަލަ ގޮތަށެވެ. މިހާލުގައި އައިން ފެނުމުން ނުހާގެ ލޮލުން ކަރުނަ ހިލުނެވެ. އައިންއަކީ އޭނާ އެންމެ ހާލުގައި ޖެހުނު ދުވަހު އެހީތެރިވެދިން ފަރާތެވެ.
"އައިން. މިގޭގައި އައިންއަށް އެއްވެސް ދަތިކަމެއް މަނާކަމެއްނެތް." ނުހާ ބުންޏެވެ. އައިން އެއްޗެކޭ ނުބުނެ އިސްޖަހާލައިގެން އިނެވެ. އޭނާގެ ލޮލުން ވެއްޓޭ ކަރުނަތައް މޫނުމަތީން ފައިބައިގެން ތިރިއަށް ދެއެވެ. މިހާ ހިތްދަތި ދުވަހެއް ދުވަހަކުވެސް އައިންއެއް ނުދެކެއެވެ.
"އައިން. ހާއިޝް ސަރ އަދިވެސް ވީ އެރަށުގައިތަ؟ އޭނާ ނައީ ކީއްވެ؟"
"ނުހާ. އޭނާގެ ވާހަކަ ނާހާ." އައިން ރޮވިފައިވާ އަޑަކުން ބުންޏެވެ.
"ދެންނުރޮއި. ހުރިހާކަމެއްވެސް ރަނގަޅުވާނެ. މަށަށް އައިން އޭނާއާ އެކު ދިޔަކަން އެނގުނީ އަނެއްދުވަހު ކޮލެޖަށް ދިޔައީމަ. މަ އޭރުވެސް ވަރަށް ދެރަވި އައިން އެގޮތަށް އޭނާއާ އެކު ދިޔައީމަ. އެކަހަލަ މީހަކު ރަނގަޅުވާނީ ކިހިނެއް؟" ނުހާ ހުރީ ހާއިޝްދެކެ ރުޅިއައިސްފައެވެ. އައިން އިތުރު އެއްޗެކޭ ނުބުނުމުން ނުހާ އެ ތިންމައިންނަށް ޚާއްޞަ ނިދާ ކޮޓަރި ދެއްކިއެވެ.
ދެހަފްތާ ވީއިރުވެސް ނުހާ އައިންގެ ތިންމައިންނަށް ވަރަށް ރަނގަޅެވެ. ގޭތެރޭގެ ކަންކަމުގައި މަޑުމަޑުން ހަރަކާތްތެރިވެ ހާއިޝްގެ ހަނދާން ނައްތާލެވޭތޯ އޭނާ މަސައްކަތް ކުރެއެވެ. ނަމަވެސް ހާއިޝްގެ އޯގާތެރިކަމާއި ލޯބި އައިންގެ ހިތުން ފިލައިގެން ނުދެއެވެ. އެބޭވަފާތެރިއާއަށް އޭނާގެ ހިތް ނަފުރަތުން ފުރައެއް ނުލެވެއެވެ. ނަފުރަތުވާން އުޅުނުނަމަވެސް އޭނާ އެއަށްވުރެބޮޑަށް ދެރަވަނީއެވެ.
ވިއްސާރަ ރެއެއްކަމުން ގޭއެންމެންވެސް ވަރަށް އަވަހަށް ނިދައިފިއެވެ. އައިންވެސް ދެކުދިން ނިންދަވާލުމަށްފަހު ނިދޭތޯ ކުރިމަސައްކަތް ނާކާމިޔާބުވީ އެހެންރެއެކޭވެސް އެއްފަދައިން ހާއިޝާއި އޭނާގެ އުފާވެރި ދިރިއުޅުން ނިމިދިޔައީތީ އެކަމުގެ ހިތާމައިގައެވެ. ބައެއްފަހަރަށް މާފުކުރަން ހިތަށް އެރިނަމަވެސް ހާއިޝް ކުރިކުށަކީ އޭނާއަށް މާފުދެވިގެން ވާނޭކުށެއްކަން އޭނާއަށް ގަބޫލު ނުކުރެވެނީއެވެ.
އައިންއަށް މިހާރު ޔަގީންވަނީ ހާއިޝް އަރުވާލަން ޖެހުނީ ހަގީގަތުގައިވެސް ޒޫނާއާ އެކު އެނުބައި އަމަލު ހިނގީމާކަމެވެ. އައިންގެ ކަރުނައިން ފުރިފައިވި ދެލޯ މަރާލިއެވެ. ދެން ކޮލެޖުގައި ހިނގި ހާދިސާ މަތިން އޭނާ ހަނދާންވިއެވެ. ނަތާއާއި ޒޫނާ ހާއިޝަށް ތުހުމަތު ކުރަމުން ދިޔަމަންޒަރު އޭނާއަށް މިހާރު ވީކަމެއްހެން ސިފަވަމުން ދެއެވެ. އޭނާއަށް ކެތްނުވެގެން މޫނުމަތީގައި ބާލީސް އަޅާލާ ނިދާލެވޭތޯ ބެލިއެވެ. ކުއްލިއަކަށް ސިއްސައިގެން ގޮސް އައިންއަށް ހޭލެވުނީ މީހަކު އޭނާގެ އަތުގައި ހިފިހެން ހީވުމުންނެވެ.
"އައިން." ގާތުގައި ހުރި ހުސެން ގޮވާލިއެވެ.
"ހުސެން. ކިހިނެއް ކޮޓަރިއަށްވަނީ." ހާސްވެ ބިރުގެންފައިވާ އައިން ކޮޅަށް ތެދުވެ ދުރަށް ޖެހިލިއެވެ.
"ޝްޝްޝް. ބާރަށް ވާހަކަ ނުދައްކާ. ނުހާ ހޭލަފާނެ. އަހަރެން މިއައީ ވަރަށް ބޮޑު ވާހަކައެއް ބުނަން." ހުސެން މަޑުމަޑުން ބުނެލިއެވެ. އަދި އޭނާ އައިންއާ ނުހަނު ގާތުގައި އިށީނެވެ.
"މާދަމާވެސް ވާހަކަ ދެއްކިދާނެ. ހުސެން ނިކުމޭ." ޝައްކުގެ ނަޒަރަކުން ބަލަމުން އައިން ބުނެލިއެވެ.
(ނުނިމޭ)
