ވާހަކަ: ގެއްލުނު ދުނިޔެ (2)

(ބުރާސްފަތި ދުވަހުގެ ނޫހާއިގުޅޭ)

އޭނާއަކީ ހިތްވަރުގަދަ އަންހެންކުއްޖެކެވެ. އޭނާއަކީ، އުޅުންހުރި މިސާލުޖަހަން އެކަށީގެންވާ އަޚްލާޤީ އަންހެންދަރިއެކެވެ. އޭނާގެ މައްޗަށް މުޅި އިންޑިއާ ފަޚުރުވެރިވުން ހައްގުވެގެންވާ އަންހެންކުއްޖެކެވެ. އޭނާ އިނީ ކިޔަވައިގެންނެވެ. ނުހަނު ވިސްނުންތެރިއެވެ. އަދި ނުހަނު މާތްމެއެވެ. ދުނިޔޭގެ ފިންޏާއި ހޫނަށް ރައްކައުތެރިވުމުގެ ކުޅަދާނަކަން އޭނާގައި މަތިވެރި ދަރަޖައަކަށް އެކުލެވިގެންވެއެވެ.

އޭނާއަކީ ވަފާތެރިކަން ދަންނަ އަނތްބެކެވެ. އޭނާއަކީ ދަރިންދެކެ ލޯބިވާ ވިސްނުންތެރި މަންމައެކެވެ. އާނއެކެވެ. އޭނާއަކީ އަންހެނެކެވެ. ދުނިޔޭގެ ހުރިހާ މޮޅިވެރިކަމެއް ފެނަށް ގިރުވައިލައިގެން ބުއިމަކީ އާދައަކަށް ވެފައިވާ އަންހެނެކެވެ. ހިތާމަތަކާއި އުނދަގޫތައް މާމުއި ކަމުގައި ބޮއި ހަދާ އަންހެނެކެވެ.

އޭނާއަކީ، އެކީ އެއް ފަހަރާ އުޑާ ބިމާ ވެސް އެކައްޗަކަށް ހަދައިލުމުގެ ކުޅަދާނަކަމާއި ހިތްވަރު އޭނާގައި އެކުލެވިގެންވާ އަންހެނެކެވެ. އަދި މި ދެންނެވި ކުޅަދާނަކަމާއި ހިތްވަރު އޭނާއަށް އެއްވެސް އިންސާނަކަށް ލިބިފައިނުވާ ފަދަ މަތިވެރި ދަރަޖައަކަށް ލިބިފައިވާ އަންހެނެކެވެ.

ވަރަށް ވެސް ބޮޑު ތެދެކެވެ. ނޯތޭޖަކީ ދުނިޔޭގައި ހުރި އެންމެ ނަސީބުގަދަ މީހާ ކަމުގައިވީ، ގީތާ ފަދަ އަނތްބަކު އޭނާއަށް ލިބުނީތީއެވެ. ނޯތޭޖު ގީތާއާމެދު ކިތަންމެ ވަރަކަށް ފަޚުރުވެރި ވިއަސް އެ ފަޚުރުވެރިވެވޭލެއް ކުޑައެވެ. ޢާނއެކެވެ. ނޯތޭޖަކީ އޭނާގެ އަނބިމީހާ އައިގެން ފަޚުރުވެރިވާން ވެސް ދަންނަ މީހެކެވެ. އޭނާއަށް ދުނިޔޭގެ ހުރިހާ ބޮނޑިތަކެއް ބުއިމަށް ފިރިހެނެއްގެ ގޮތުގައި ކުރިމަތިލާން ކެރޭ ކަމުގެ ސިއްރަކީ އެއީއެވެ. އަދި ކޮންމެ ދުވަހަކު ހެނދުނު އާ އިމްތިހާނަކަށް އާ ޓެސްޓަކަށް ތައްޔާރުވާން ކެރޭކަމުގެ ސިއްރަކީ ވެސް އެއީއެވެ.

ގީތާ ހެނދުނުގެ އަޅުކަމުގެ ކަންތަކުން ނިމިގެން، ނުހަނު ލޯބިވެރިކަމާއެކު ފިރިމީހާއަށް ގޮވަން ހިނގައްޖެއެވެ. އެނދު ކައިރިއަށް ގޮސް ހިސާބަކަށް އިންތިޒާމު ގެއްލިފައިވާ އޭނާގެ ފިރިމީހާގެ ބޮލުގެ އިސްތަށިގަނޑު ރީތިކޮށްލުމުގެ ގޮތުން ބޮލުގެ އިސްތަށިގަނޑުގައި އަތް ފިރުމާލަފިރުމާލަ ހުއްޓެވެ. ވިދިވިދިގެން މިގޮތަށް އަތް ފިރުމާލުމާއެކު ނޯތޭޖުގެ ލޯ ހުޅުވައިލައިފިއެވެ. އަދި ގީތާ ގައިގައި އޮޅުލައިގެންފިއެވެ.

"މާތްކަލާކޯ….!" ގީތާ ނޯތޭޖުގެ އަތުތެރެއިން ސާލާމަތްވާން މަސައްކަތްކުރަމުން– " ކުޑަކުދިންނަށް ފެނިއްޖެއްޔާޔޯ؟"

"ވާނީ ކީއް." ނޯތޭޖު ގީތާގެ ތުންފަތުގައި ކިސްކޮށްލައިފައި ބުންޏެވެ.

"ލޯބިކުރަން ދަސްވާނީ އެހެންނު."

"އަދި އެ ކުދިންނަށް ލޯބިކުރަން ދަސްކޮށްދޭކަށެއް ނުވެއޭ." ގީތާ ދުރަށްދާންވެގެން އުޅެމުން– "އެންމެ ފުރަތަމަ އެ ކުދިން ހައްދަވައިދެއްވަންވީ އިންސާނުންނަށް. ލޯބިކުރަން އެއީ އަމިއްލައަށް ދަސްވާ ކަމެއް.” މިހެން ބުނެފައި އޭނާ ނޯތޭޖުގެ އަތުތެރޭން ދުރަށް ޖެހިލައިފިއެވެ. އޭރު އޭނާގެ ނޭވާ ހުރީ އަވަސްވެފައެވެ. ނޯތޭޖު އޭނާއާ ދިމާއަށް

ލޯބިން ފުރިގެންވާ ނަޒަރަކުން ބަލަބަލާ އޮތެވެ. މިހާރު ނޯތޭޖު ވެސް ތެދުވެ އެނދުގައި އިށީނދެލައިފިއެވެ.

"ފެންހުރީ ތައްޔާރުވެފައި. ފެންވަރުއްވަން ދުރުވަންނަވާ."

"އުހޫނ. " ގީތާ ތުންފަތަށް ލޯބީގެ ހަރަކާތެއް ގެނައެވެ.

"ކަލާގެ ކަންތައް ވެސް ދެން މިހާރު ހާދަ ބޮޑޭ."

މިހެން ބުނެފައި އޭނާ ކޮޓަރިން ބޭރަށް ހިނގައްޖެއެވެ. ބަދިގެތެރޭގައި އިނދެގެން ދީޕު އޭނާގެ ތުއްތުތުއްތު އަތުން

ނާސްތާކުރަނީއެވެ. މިތަން ފެނިފައި ގީތާ އުފަލުން ފުރިއްޖެއެވެ. އަނެއްކޮޅުން ކުޑަކޮއްކޮ ރޮއިގަތް އަޑު އިވިއްޖެއެވެ. އަވަހަށް އެ ދިމާއަށް ދުއްވައިގެންފިއެވެ.

"ތުއްތު ތޮއްތަ އަބަދު ލޮނީ." ދީޕަށް އެ ވަގުތު ކޮއްކޮ ރުއިމަކީ ހިތްހަމަޖެހޭ ކަމަކަށް ނުވިއެވެ. އެކަމާ ފޫހިވެގެން ގީތާ ކުޑަކޮއްކޮ ގޮވައިގެން އަތުވެއްޖެއެވެ.

މިހާރު، ގީތާ ނޯތޭޖަށް ނާސްތާ ތައްޔާރު ކޮށްފިއެވެ. ދެން ކުޑަދަރިފުޅަށް ބުއް ހަދަން އުޅެނިކޮށް ނޯތޭޖު އަތުވެއްޖެއެވެ.

"ކަލާ ތައްޔާރުވެލައްވަން އުޅުއްވާ." ގީތާއަށް ނޯތޭޖު ފެނުމާއެކު ބުނެލިއެވެ.

"އަޅުގަނޑު ނާސްތާ ހިފައިގެން މިދަނީ."

"ކަލޭގެ ފޮނިފޮނި ބަސްތަކުން އަހަރެންގެ ބަނޑު މިހާރު ބޮޑުވެއްޖެ، ދެން ކީއްކުރާ ނާސްތާއެއް."

"ދެން ހެޔޮ ތިޔަށްވުރެ ބޮޑަށް ހައްދަން ނޫޅުއްވާ. އެހެން ނޫނީ އަޅުގަނޑަށް އެސްފީނާޖެހިދާނެ."

"އޭރުން ކޮއްކޮ އެއްތިންނާ ރަނގަޅުކޮށްލާނަން." ކުޑަކުޑަ ދީޕު އޭނާގެ ތުއްތު ބަހުން މަންމައާ ދިމާއަށް ލޯތްބާއެކު

ބަލައިލައިފައި ބުނެލިއެވެ. މިހެން ބުނުމާއެކު ގީތާއާއި ނޯތޭޖަށް އެއް ފަހަރާ ހީނގަނެވިއްޖެއެވެ.

ނޯތޭޖު އެ ތާނގައި ހުރި ވަރަށް ތިރި ގޮނޑިއެއްގައި އިށީނދެއްޖެއެވެ. ގީތާ ދެ ފަރާޓާ ގެނެސް އޭނާގެ ކުރިމަތީގައި ހުރި ކުޑަ ދޮލަނގެއްގައި ބާއްވައިފިއެވެ. ނޯތޭޖު އެ ދެ ފަރާޓާއާއި ސައިތަށިން ނާސްތާކޮށްލައިގެން ބޭރަށްދާން ތައްޔާރުވެއްޖެއެވެ.

"އަހަރެން މިއަދު ހަވީރު ގެއަށް އަންނައިރު ކޮންމެވެސް އުފާވެރި ޚަބަރަކައިގެން ގެއަށް އާދެވޭތޯ މާތްކަލާނގެ ކިބައަށް ދުއާ ކުރާތި އިނގޭ."

"ކަލާ ހިތްވަރު ދެރަނުކުރައްވާ." ގީތާ ބުނެލިއެވެ.

"އުފާވެރި ޚަބަރުތަކަށް ޖެހޭނީ ބޯލަނބައިގެން އަންނަން."

ނޯތޭޖު އަނެއްކާވެސް އޭނާގެ ނަސީބު އިމްތިހާނު ކުރުމަށް ޓަކައި ބޭރަށް ނުކުމެއްޖެއެވެ. ގީތާ އޭނާއާއެކު ފުޅައްޔާ ހަމައަށް އައެވެ. ވަރަށް ގިނައިރުވަންދެން ނޯތޭޖު ދާ ދިމާއަށް ބަލަން ހުއްޓެވެ. ނޯތޭޖު އޭނާގެ ނަޒަރުން ގޮސް އެންމެ ފަހުން ގެއްލެންދެން ހަމަ އެތާ ހުއްޓެވެ. އެއަށްފަހު އޭނާ އެތެރެއަށް އައިސް މަސައްކަތުގައި މަސްޣޫލުވެއްޖެއެވެ.

ނޯތޭޖު ފަކީރަށް ޖެހުނީ ތިން ދުވަސް ވަންދެން އިންތިޒާރުގެ ގަޑި ގުނުމަށް ޓަކައި އެތަނުން އެނބުރިދާށެވެ. އޭނާ ދިޔައީ ގެއަކަށް ނޫނެވެ. އަދި ކީއްހޭ، ނަސީބު ވަކަރުޖަހައިލުމަށް ޓަކައި އަދިވެސް ދެތިން ހަތަރު އޮފީހެއްގެ ވަޒީފާއެއް ލިބޭތޯއެވެ.

އޭނާ ޕްރައިވެޓު ފާރމެއްގެ މެނޭޖަރަކާ ބައްދަލުވެއްޖެއެވެ.

"ކަލާއަށް ކުރެވޭނީ ކޮންކޮން ކަންތަކެއް؟" މެނޭޖަރު އަހައިލިއެވެ.

"އަޅުގަނޑަށް ނުކުރެވޭނީ ކޮން ކަމެއްތޯ އައްސަވާ ބައްލަވާ." ނޯތޭޖު ވަރަށް އަދަބުވެރިކަމާ އެކު ޖަވާބުދިނެވެ.

"ކަލޭ ކިޔެވީ ކިހާ ހިސާބަކަށް؟"

ޖަވާބުގައި ނޯތޭޖު ބީ.އޭ. ޑިގްރީ އޭނާއަށް ދައްކައިލިއެވެ.

"އޯ!" މެނޭޖަރު އެ ޑިގުރީއަށް ވިސްނުންތެރިކަމާއެކު ބަލަމުން ޖަވާބު ދިނެވެ.

"ބީ.އޭ. ފާސް ލިބިފައި ދޯ!" މެނޭޖަރު ބީ.އޭ. ފާސް ލިބުމަކީ އޭނާއަށް ވަރަށް ކަމުނުދާ ކަހަލަ ކަމަކަށްވާ ގޮތެއްގައި ބުނެލިއެވެ.

"ލައްބަ."

"އެހެންކަމަށް ވަނީވިއްޔާ އަހަރުމެންގެ ކާރުޚާނާގައި ކަލެއަށް އެއްވެސް ކަމެއް ނުކުރެވޭނެ."

އޭނާގެ އަނގައިން މިހެން ބުނުމާއެކު ނޯތޭޖު ސުވާލުމާކަކަށް ވެއްޖެއެވެ.

ނޯތޭޖުގެ އެކުވެރިއަކު އޭނާ ކޮންމެވެސް އިއްޒަތްތެރިއަކާ މިއަދު ބައްދަލުކޮށްދިނުމަށް ވަނީ ވައުދުވެފައެވެ. އެ އިއްޒަތްތެރިއަކު ގަސްދުކުރައްވަނީ ނޯތޭޖަށް އޭނާގެ މިލްއެއްގެ ކާތިބު ކަމުގެ ވަޒީފާ ދިނުމަށެވެ. މިހެންވުމާއެކު ގެއިން ނުކުމެގެން ނޯތޭޖު ދިޔައީ ސީދާ އެ ރަހުމަތްތެރިޔާގެ ގާތަށެވެ. އެގެއަށް ދިއުމުން އެ ރަހުމަތްތެރިޔާ ބުނީ މިލަށް އޭނާ ގޮވައިގެންދާންވީ ރަހުމަތްތެރިޔާ ބޭރަށް ގޮސްވުމާ އެކު، އަދި އެކަންތައް ވާން ނެތް ކަމުގައެވެ. އެ ގޮތަކީ އޭނާ އެނބުރި އަންނާނީ އަދި ދެ ދުވަހެއްގެ ފަހުންނެވެ. ކަން މިހެން ވުމާ އެކު، ދެން އޭނާއަށް އެ ރަހުމަތްތެރިޔާއާ ބައްދަލުވެވެން އައީ މީގެ ތިން ދުވަސް ފަހުންނެވެ.

މެނޭޖަރު ބުންޏެވެ. "މިހެން މިބުނީ އަހަރުމެން ގަދަފަދަ މަސައްކަތް ކުރުމަށް ލޯބިކުރާ މަޖޫރީ ވައްތަރު މީހުން ބޭނުންވެފައިވާތީ. އަހަރުމެންގެ މި މަސައްކަތް ތައުލީމަކާ އެއްވެސް ގުޅުމެއް ނެތް. އަދި ވިސްނުންތެރިކަމަކާ ވެސް ގުޅުމެއް ނެތް. ކިޔަވައިގެން ތިބި މީހުންނަކަށް މި ބާވަތުގެ އެއްވެސް ކަމެއް ނުކުރެވޭނެ."

"އެހެން ނަމަވެސް އަޅުގަނޑަށް ކުރެވިދާނެ." ރޮވުމާ ގާތް އަޑަކުން ޖަވާބު ދިނެވެ.

"އަޅުގަނޑު އުދަލިން ވަޅުވެސް ކޮނެފާނަން."

"ގަލަން ގެންގުޅޭ މީހުންނަކަށް އުދައްޔެއް ނުގެންގުޅެވޭނެ." މެނޭޖަރު ހީނލައިފައި ބުންޏެވެ.

"އެހެންނެއް ނޫން. ކަލޭމެންނަށް ބޭނުން ގޮތަކަށް ދޫ ގެންގުޅެވޭނެ." މެނޭޖަރު ހީނލައިފައި ބުންޏެވެ.

"އެކަމަކު…."

"ސޮރީ މިސްޓަރ." މެނޭޖަރު އިންކާރު ކުރަމުން ބުންޏެވެ.

"ކަލާ އަޅުގަނޑުމެންގެ ވަގުތު ނަންގަވާލައްވަން ނަހައްދަވާ."

ނޯތޭޖު އިންތިހާ ދަރަޖައަށް ހިތާމަކުރަމުން އެތަނުން އެނބުރި ހިނގައްޖެއެވެ.

"ކަލޭ ގުޖުރާތީ ދަންނަމުތަ؟" ފިހާރަވެރިޔާ ނޯތޭޖާ އެ ސުވާލު ކުރިއެވެ.

"ނޫން. އަޅުގަނޑު ނުދަންނަން." ހިތާމަވެރި އަޑަކުން ނޯތޭޖު ބުނި އަޑު އިވުނެވެ.

"ނަމަވެސް އަޅުގަނޑު ދަސްކޮށްލަފާނަން."

"އަހަރެން ގުޖުރާތީ ކިޔަވައިދޭ އިސްކޫލެއް ހުޅުވަނީއަކީ ނޫން." މަލާމާތުގެ ރާގެއްގައި އޭނާ ބުންޏެވެ.

"އަހަރުމެން ބޭނުމީ ރަނގަޅަށް ގުޖުރާތީ ދަންނަ މީހެއް. އެއީ އަހުމަދުއާބާދު ބޮމްބޭގެ ވިޔަފާރި ރަނގަޅަށް ހިންގައިލުމަށް ޓަކައި." އޭނާ ހީނލިއެވެ.

"އަހަރެން ބޭނުމީ އަނބުކާން. ކަލޭ ތިޔަ ބުނަނީ އޮށް އިންދަން ދަސްކުރާ ވާހަކަ." އޭނާ ވަރަށް ބާރަށް ހޭން ފަށައިފިއެވެ. ނޯތޭޖު އޭނާގެ ހަޑި ދަތްތަކުގެ ވަހަށް ކެތް ނުކުރެވިގެން އެތަނުން ނުކުމެގެން ހިނގައްޖެއެވެ. މިފަހަރު ދިޔައީ ކޮންމެވެސް ފާރމަކަށެވެ.

"ކަލެއަށް މި ފާރމުން ވަޒީފާއެއް ލިބިދާނެ." ބީ.އޭ ގެ ސެޓުފިކެޓު ބަލައިލައިފައި ވެރިޔާ ބުންޏެވެ.

ވީ އުފަލެއްގެ ބޮޑުކަމުން ނޯތޭޖުގެ ހިތް އޭނާގެ ކުރިމަތީގައި ނުހަނު ބާރަށް ތެޅެން ފަށައިފިއެވެ.

"އަޅުގަނޑު ކަލާއަށް ވަރަށް ބޮޑަށް ޝުކުރުވެރިވާނަން." އޭނާ ޝުކުރުވެރިކަމުގެ ދިރިދެމިހުރި އިޝްތިހާރަކަށް ވެއްޖެއެވެ.

"އަޅުގަނޑު ހިތާއި ހަށިގަނޑުން އަޅުގަނޑުގެ ފަރުޟު އަދާކުރާނަން."

"ނަމަވެސް އެ ފަރުޟު ފުރިހަމަ ކުރުމަށް ޓަކައި ކަލާއަށް 5000 ރުފިޔާގެ އެޑްވާންސް ދޭން ޖެހޭނެ." ވެރިޔާ ނޯތޭޖަށް ވަރަށް ވިސްނުންތެރިކަމާ އެކު ބަލައިލައިފައި ބުންޏެވެ.

"ހާސް ރުފިޔާގެ ނަގުދު ކަލޭގެ އަތުގައި ހުންނާނެ. ކަލެއަށް އެތަން މިތަނަށް ދާން ޖެހޭނެ. މިކަހަލަ ބޮޑެތި މަސައްކަތްތަކަށް ޓަކައި ކަލެއަށް މަހަކު 250 ރުފިޔާގެ މުސާރަ ލިބޭނެ."

ނޯތޭޖުގެ ހިތުގައި ދެންމެދެންމެ ފޮޅެން އުޅުނު މާ ކުއްލިއަކަށް މޯޅިވެއްޖެއެވެ. އޭނާ ވަރަށް އަސްރުކޮށްގެން އިނދެ ބުންޏެވެ.

"ފަސްހާސް ރުފިޔާއެއް އަޅުގަނޑު އަތަކު ނެތް."

އޭނާ ހިތަށްއަރައެވެ. ތިމަން އަތުގައި ފަސްހާސް ރުފިޔާ އެބަހުއްޓޭ ބުނެވޭނެ ނަމައެވެ!

"އެހެން ކަމަށް ވަނީވިއްޔާ އަހަރެން ކުރާނެ ކަމެއް ނެތް." ފާރމްގެ ވެރިޔާ ވަފާތެރިކަމެއް ނެތް ގޮތެއްގައި ބުނެލިއެވެ.

ނޯތޭޖުގެ ހިތަށް ރޮއިގަނެވުނެވެ.

"ކަލާއަށް އަޅުގަނޑުގެ ހުރި ނުފޯރާކަން ހާމަކޮށްދެވުނު ނަމަ." އޭނާގެ ހިތުން މިއަޑު ނުކުތެވެ. އޭނާ ކުއްލިއަކަށް ކަރުކެހިލައިފައި ބުންޏެވެ. "އަޅުގަނޑު އަޅުގަނޑުގެ އީމާންތެރިކަމުގެ އެޑްވާންސް ދީފާނަން."

"ފަސްހާސް ރުފިޔާގެ ނޫޓަށް ކަލޭގެ އިމާންތެރިކަމުގެ އެޑްވާންސް ދީފާނަމޭ؟ ހައްހައް."

"ކަލާ އަޅުގަނޑާ އަޅުގަނޑުގެ އީމާނުގެ މައްޗަށް އިތުބާރު ކުރައްވާ."

"އަހަރެން އިތުބާރު ކުރާނީ ހަމައެކަނި ފަސްހާސް ރުފިޔާގެ މައްޗަށް."

"އަހަރެން ގީތާ ގަންދީފައި ބުނަން."

ވެރިޔާ އޭނާގެ ވާހަކަ މެދުކަނޑައިލައިފިއެވެ. “އަހަރެންގެ ވަގުތު ނަގައިނުލާ. ގީތާއާއި ރާމާއިންގެ ވާހަކަ ކޮންމެވެސް ފައްޅިއަކަށް ގޮސް ދައްކާ. މީ ފައްޅިއެއް ނޫން. ފައިސާ ބޭނުންވެގެން ވިޔަފާރިކުރާ މީހެއްގެ ފިހާރަ. ފައްޅިއަކާ މިކަހަލަ ފިހާރައަކާ ވަރަށް ބޮޑު ފަރަގު ހުންނާނެ. ކަލެއަށް އެވަރު ވެސް ނޭނގޭތަ."

އޭނާ ޕިއޯނަކަށް ގޮވައިލިއެވެ.

"މި އިއްޒަތްތެރިޔާއަށް ފިނިފެންތައްޓެއް ގެނޭ."

ނޯތޭޖު ލޭގެ ކޯވަރެއް ބޮމުން އެތަނުން ނުކުމެއްޖެއެވެ.

ދެން އޭނާ ދިޔައީ ސަރުކާރުގެ އޮފީހަކަށެވެ. އެއީ އޭނާގެ މުގާބިލާގެ އިމްތިހާނުގައި ވެފައި އޮތީ ކިހިނަކުންތޯ ބެލުމަށެވެ. އޮފީހަށް ގޮސް އޭނާ އޮފިސަރ އިން ޗާރޖާ ބައްދަލުކޮށްފިއެވެ.

"ގުޑް އާފްޓަރނޫން ސަރ"

"ގުޑް އާފްޓަރނޫން."

"ފަންސަވީސްވަނަ ދުވަހު ލަންޗަށް ފަހު މި އޮފީހަށް އައިސް ކަލާ ކިބައިން ނަތީޖާއާ ދޭތެރޭ ވެފައި އޮތް ގޮތެއް

ފިލުވުމަށް ވިދާޅުވީމު ނޫންތޯ؟"

"އާނ އެހެން."

"އަޅުގަނޑު އިމްތިހާނަށް ވީ ކިހިނެއްތޯ؟"

"ކަލާ އެ އިމްތިހާނުގައި އައީ އެއްވަނައަށް."

މި ޚަބަރު އަޑުއިވުމާ އެކު، ނޯތޭޖު ވީ އުފަލެއްގެ ބޮޑުކަމުން ކާލިއަޅައިލައިފި ކަހަލައެވެ. އޭނާގެ މުޅި ހަށިގަނޑުގައި ލޭ ހިނގުން ހަލުވިވެއްޖެއެވެ. އޭނާގެ ހިތް ވެފައިހުރި އުފަލާ އެކު އަވަސްއަވަހަށް ތެޅެން ފަށައިފިއެވެ. އޭނާގެ ލޯ އުޖާލާ ވެގެން ހިނގައްޖެއެވެ. މޫނު ވެސް ލިބިލިބި ހުރި އުފަލުން ފިނިފެންމަލުގެ ތާޒާ މަލެއް ހެން ފޮޅިއްޖެއެވެ.

ނޯތޭޖަށް މިހެން ނުވާނީ ކީއްވެގެން ހެއްޔެވެ؟ ނުހަނު ދިގު ބޭކާރީ ދުވަސްތަކަކަށް ފަހު އަދި ވިދިވިދިގެން އެތަކެއް ނާކާމިޔާބީއަކަށް ފަހު، މިއީ އޭނާ އެހި އެންމެ އުފާވެރި ޚަބަރެވެ. އޭނާއަށް -/350 ރުފިޔާގެ އޮފިސަރެއްގެ މަގާމުން

ސަރުކާރުގެ ވަޒީފާއެއް ލިބެނީއެވެ.

ކުޑަކުޑަ އިރުކޮޅަކަށް ޓަކައި، ނޯތޭޖު ކޮންމެވެސް އެހެން ދުނިޔެއަކަށް ގެއްލިއްޖެއެވެ. ކުލައާއި ނޫރާއި މީރުވަހުގެ ދުނިޔެއަކަށެވެ. އޭނާ އުފަލުން ބަންޑުންދާން ފަށައިފި ކަހަލައެވެ. އޭނާގެ ކުދިންގެ މުސްތަގުބަލާއި ލޯބިވާ އަނބިމީހާގެ ނިޔާމަ ދިރިއުޅުމުގެ ތެރެއަށް ގެއްލިގެން ހުއްޓާ އޮފިސަރ އިން ޗާރޖުގެ އަޑު އޭނާ ކުއްލިއަކަށް ހޭލައްވައިލައިފިއެވެ.

"ނަމަވެސް އަހަރެން ވަރަށް ބޮޑަށް ހިތާމަ ކުރަން. އެ މަގާމު ވަނީ މިހާރު ކޮންމެވެސް އެހެން މީހަކަށް ދެވިފައި."

މި އަޑު އިވުމާ އެކު ނޯތޭޖުގެ މޭ އަނގައަށް އަތުވެއްޖެއެވެ. ހިތަށްއަރައެވެ. އަޑުގަދަކޮށްފައި، މި ބޭއިންސާފާ ޚިލާފަށް

ޝަކުވާ ކުރަންވީއެވެ. އޮފިސަރ އިން ޗާރޖު ބުނެލިއެވެ.

"ކަލާ ހަމައެކަނި ދެވުނު އިމްތިހާނުގައި ކާމިޔާބުވީ. އަނެއް ނަސީބުވެރިޔާއަށް މަތީ ދަރަޖައިގެ ވަޒީރެއްގެ އެދިވަޑައިގަތުމުގެ ފަޚުރު ވެސް ވަނީ ލިބިފައި."

"ތިޔަ މަތީ ދަރަޖައިގެ ވަޒީރަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ." ނޯތޭޖުގެ އަޑުގައި އާދައިގެ ވަރަށް ވުރެ ބޮޑަށް ހިތިކަން ހުއްޓެވެ.

"ހައްގާއި އިންސާފު ޒިންދާބާދު."

އަދި އޭނާ ކުރާނެ އެއްވެސް ކަމެއް ނޭނގި ގަތް ލަދާ އެކު ބޭރަށް ނުކުމެއްޖެއެވެ. ގަވަރަމަންޓް އޮފް އިންޑިއާގެ ދިގު އަދި ފުޅާ އިމާރާތް އޭނާއަށް މަލާމާތް ކުރާ ކަހަލައެވެ.

އޭނާ މި މިނިވަން ސަރުކާރާ މެދު މަރުގެ ހިތާމަ ކުރަމުން، އަމިއްލަ ނަފުސުގެ މައްޗަށް ރޮމުން ފައިމަގުގައި ހިނގައިފައި ދާން ފަށައިފިއެވެ. ދެން ވެސް ކޮންމެވެސް އެހެން ތާކަށެވެ. ކޮންމެވެސް މީހެއްގެ ގާތަށް ބޭޒާރުވުމަށެވެ. ހަލުވިހަލުވި ފިޔަވަޅުތަކެއްގައެވެ.

ނޯތޭޖު ހެދުންއަޅައިގެން ތައްޔާރުވީއިރު އޭނާގެ އަންހެނުން އިނީ ވަރަށް ބޮޑު ފިކުރެއްގެ ތެރެއަށް ގެއްލިފައެވެ.

އެންމެ ފަހުން އޭނާ ފިރިމީހާގެ ގާތަށް އަތުވެއްޖެއެވެ. އޭނާ ފެނުމާ އެކު ނޯތޭޖު ބުންޏެވެ.

"މަގޭ ރާނީ! އަނެއްކާ އަހަރެން މި ދަނީ ބޮނޑިބޯން."

"ތިޔަހެން ތިޔަ ބުނުއްވަނީ ކީއްވެގެންތޯ؟" އޭނާ ބުންޏެވެ."މިއަދު ކަލާއަށް އެއްވެސް ތާކުން ވަޒީފާއެއް ލިބިނުލައިވައިފިއްޔާ އަޅުގަނޑު ތެދަށް ނަންގަންނަން. މާތްރަސްކަލާނގެ ގަންދެން. މީގެ ފަހުން ދެން އެއްވެސް ކަމަކަށް އުންމީދެއް ނުކުރާނަން."

"ލައްބަ" އޭނާ ވަރަށް ހިތްހަމަޖެހުމާ އެކު ބުންޏެވެ.

"މިއަދު ކަލާ ގެއަށް ދުރުވާނީ އުފާވެރި ޚަބަރަކައިގެން."

"އުފާވެރި ޚަބަރެއް ލިބޭ ގޮތް މެދުވެރި ނުވެއްޖިއްޔާ ގެއަށް ނާންނަންވީދޯ…"

"ގެއަށް ނުދުރުވާންވީ ކީއްވެގެންތޯ." އޭނާ ބުންޏެވެ.

"ގެއަށް ނައިސް އުޅޭނީ ކަލާގެ ދުޝްމިނުން." އޭނާ ހީނލިއެވެ.

"އުފާވެރި ޚަބަރު އަދު ކަލާއަށް އިންތިޒާރު ކުރަނީ."

"ތިޔައީ ވެސް ހެޔޮ ޚަބަރެއް." ނޯތޭޖު ހީނލިއެވެ.

"އަދި ވަރަށް ނުބައި ޚަބަރެއް ވެސް އެބަ އޮތް." ގީތާ ނޯތޭޖަށް ސިއްރު ނަޒަރަކުން ބަލައިލަމުން ބުންޏެވެ.”އަދު ބޭރަށް ދުރުވާން ދެ އަނާއެއް ހިސާބު ވެސް ކަލާއަށް އަޅުގަނޑަށް ދެވޭކަށް ނެތް."

"އެކަމުން ކީއް ވާނީ." ނޯތޭޖު ގީތާގެ ދަތްދޮޅީގައި އަތްޖައްސައިލައި މައްޗަށް އުފުލައިލިއެވެ. "މޮޔަގަނޑާ ތިޔަވަރުގެ ކަމަކާ ހެދިތަ ތިޔަ އިސްޖަހަނީ؟"

އޭނާ ހީނލިއެވެ.

"އަހަންނަށް ދެފައި ދެއްވައިފައި މި އޮތީ ކީއްވެގެންތަ މާތްރަސްކަލާނގެ. އެއީ ފައިސާއަކާ ނުލައި އަހަރެން މަންޒިލަށް ފޮނުވައިދޭ އަސް."

"މިރޭ އަޅުގަނޑު ކަލާގެ ފައި މޮޑެދީފާނަން."

"ބަލަ ކޮން އިރަކުތަ ރޭގަނޑު ތިޔަ ކަހަލަ ކަންތަކަށް ވަގުފުވީ." ނޯތޭޖު ހީނލިއެވެ.

"އެއީ އެހެން ކަމަކަށް…."

"ހެޔޮ ދެން ހުއްޓާލައްވާ."

ގީތާ ވަރަށް ބޮޑަށް ލަދުގެންޖެއެވެ. ނޯތޭޖު ގީތާގެ ކޮލުގައި ލޯބިން ކޮއްޓައިލައިފައި މަސައްކަތް ހޯދަން ބޭރަށް ނުކުމެއްޖެއެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *