ރައީސްގެ ދެކަނބަލުން މުލިއާގެއިން ނުކުމެވަޑައިގެންފި

ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު މުލީއާގެ ދޫކުރައްވާ ނުކުމެވަޑައިގެންފިއެވެ.

ނޮވެމްބަރު 17، 2018 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް ސޯލިހު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މުލިއާގެއަށް ދިރިއުޅުން ބަދަލުކުރެއްވީ ނޮވެމްބަރު 30، 2018 ގަ އެވެ.

ނގިފައިވާ ގޮތުގައި، ރައީސްގެ ދެކަނބަލުން ދިރިއުޅުން މިހާރު ބަދަލުކުރައްވާފައި ވަނީ، ފަސްޓް ލޭޑީ ފަޒްނާގެ އާއިލީ ބޭފުޅުން ދިރިއުޅުއްވަމުން ގެންދަވާ މ. ސަނީ އަށެވެ.

ރައީސްގެ ދެކަނބަލުން މުލީއާގެ ދޫކުރެއްވި ނަމަވެސް، ހުވާކުރެއްވުމަށް ފަހު އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ދިރިއުޅުން މުލީއާގެއަށް ބަދަލުކުރައްވާނެކަން މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވެސް ވަގުތީ ގޮތުން މުލީއާގޭގައި ދިރިއުޅުއްވިއެވެ. އެއީ، 1994 ވަނަ އަހަރު ތީމުގޭ މިހާރު ހުރިގޮތަށް އިމާރާތްކޮށް ނިމެންދެނެވެ.

އެއަށް ފަހު 2008 ވަނަ އަހަރު ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އެ މަނިކުފާނު 2012 ވަނަ އަހަރު އިސްތިއުފާ ދެއްވުމާ ހަމައަށް އުޅުއްވާފައި ވަނީ މުލީއާގޭގައެވެ.

އޭގެ ފަހުން، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އެ މަނިކުފާނު މުލީއާގެ ބޭނުންކުރައްވާފައި ވަނީ އެ މަނިކުފާނުގެ ރަސްމީ މަސައްކަތްޕުޅު ކުރެއްވުމަށެވެ.

މުލީއާގެ ބިނާކޮށްފައި ވަނީ އައްސުލްޠާން މުހައްމަދު ޝަމްސުއްދީންގެ ވެރިކަމުގައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *