މި ނަމުން ދޭހަވާ ގޮތާ ޚިލާފަށް އެނާރޖީ ވެމްޕަޔަރަކީ ޑްރެކިއުލާ، އެޑްވާޑް ކަލެން ނުވަތަ ސަލްވާޓޯ ބްރަދާސް ފަދަ މީހުންނާ ވައްތަރު ވެމްޕަޔަރެއް ނޫނެވެ. އެމީހުން އުފަންވީ ބްރޭމް ސްޓޯކަރގެ ވާހަކައަކުންވެސް ނޫނެވެ. އަދި މިފަދަ މީހުންނަކީ އަވީގައި ހަންގަނޑު ވިދާލާ ބައެއްވެސް ނޫނެވެ. ނުވަތަ ތިބާގެ ހަށިގަނޑުގައި ދައުރުވާ ލޭ ބޮއެ ހުސްކުރާނެ ބައެއްވެސް ނޫނެވެ. އެކަމަކު މިފަދަ މީހުންނާއި މަސްހުނިވެ އުޅޭއިރު، ފަހަރެއްގައި އަހަރެމެން އަމިއްލައަށްވެސް ބައެއް ފަހަރު މިފަދަ އެނާރޖީ ވެމްޕަޔަރަކަށް ވެދާނެއެވެ.
އެނާރޖީ ވެމްޕަޔަރުންނަކީ ކޮބައިތޯއެވެ؟. އެނާރޖީ ވެމްޕަޔަރަކީ ވަރަށް ނާޒުކު، އެންޕެތެޓިކް، އަދި އުފާވެރި މީހުންގެ ގާތުން، އެމީހުންގެ ހިތްހެޔޮކަމާއި އޯގާތެރިކަމުގެ ބޭނުންހިފައި، އެމީހުންގެ ހަށިގަނޑުން ހަކަތަ ހުސްކުރާ މީހުންނެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މި ނަމަކީ މަޖާ އަދި ގެއްލުމެއް ނެތް ނަމެއްކަމަށް ހީވިޔަސް، އެނާރޖީ ވެމްޕަޔަރުންގެ ކިބައިގައި އެންޓިސޯޝަލް، ބޯޑަރލައިން، ނުވަތަ ނާސިސިސްޓިކް ޕާސަނަލިޓީ ޑިސްއޯޑަރސް ހުންނަ މީހުންނާ އެއްގޮތް ކަންތައްތަކެއް ހުރެދާނެތީ މިފަދަ މީހުންނާއި ގުޅޭ އިތުރު ދިރާސާ ކުރަން ޖެހެއެވެ. ނަމަވެސް، އެނާރޖީ ވެމްޕަޔަރުން އެމީހުންގެ މިޢަމަލުތަކުގެ ސަބަބުން ތިބާގެ ނަފްސުގެ ހަމަޖެހުން ނަގާލެވޭކަން ގަބޫލުކުރުމުން ނުވަތަ މި ނަޒަރިއްޔާތައް އިތުރަށް ހޭލުންތެރި ކުރުމުން ފަހަރުގައި އެމީހުންގެ ޢަމަލުތަކަށް ހެޔު ބަދަލެއްއައުން އެކަށީގެންވެއެވެ.
އެނާރޖީ ވެމްޕަޔަރުންގެ ސިފަތައް
- ޒިންމާނުނެގުން: މިފަދަ މީހުން އެމީހުންގެ އަމަލުތަކަށް ޒިންމާނެގުމުގެ ބަދަލުގައި އަބަދުވެސް ކުށްވެރިކުރާނީ އެމީހުންނަށް މެދުވެރިވެފައިވާ ހާލަތަކީ އެހެން މީހެއްގެ ސަބަބުން ނުވަތަ ކަމެއްގެ ސަބަބުން ތަހައްމަލްކުރަން ޖެހިފައިވާ ހާލަތެއްކަމުގައެވެ. އެއީ އެމީހުންގެ ސަބަބުން އުފެދެން މެދުވެރި ހާލަތެއްކަމުގައި ވީނަމަވެސް އެކަމުން އަރައިގަތުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ދިމާވެފައިވާ ހާލަތު ކުށްވެރިކޮށް އެމީހުންނަކީ އަނިޔާ ލިބިފައިވާ ކުށެއްނެތް ބައެއްކަމުގައި ދައްކުވައިދޭން އިންތިހާއަށް މަސައްކަތް ކުރާނެއެވެ. އަދި ތިބާ އެމީހުންގެ މައްސަލަތައް ހައްލުކޮށްދޭނެކަމަށް އުއްމީދު ކުރާނެއެވެ.
- ސަމާލުކަން ހޯދުން: އެނާރޖީ ވެމްޕަޔަރުން އަބަދުވެސް އެހެން މީހުންގެ ސަމާލުކަން ހޯދަން މަސައްކަތް ކުރާނެއެވެ. އެމީހުން ގިނަ ފަހަރަށް ތިބާއަކީ އެމީހުންގެ ދަށުގައިވާ މީހެއްކަމުގެ އިހުސާސް ކޮށްދީ ނުވަތަ ތިބާގެ މައްސަލަތަކަށްވުރެ އެމީހުންގެ މައްސަލަތައް ގޯސްވެފައި މުހިއްމުކަމުގައި ބުނެދީ، ތިބާގެ އަމިއްލަ ނަފްސާމެދު ކުށްހީ އުފެދޭ މޭރުމުން ވާހަކަދައްކާނެއެވެ.
- ’އިމޯޝަނަލް ޑަމްޕިންގ': އެނާރޖީ ވެމްޕަޔަރުން އެމީހުންގެ ވާހަކަތައް ހިއްސާކުރާއިރު އެމީހުންގެ އިހުސާސްތައް ތިބާގެ މައްޗަށް ބަންޑުންކޮށްލާފަދަ އިހްސާސެއް ކުރެވޭނެއެވެ. އެވާހަކަތައް އަޑުއަހަން ތިބާ ތައްޔާރު ނޫންކަމުގައިވިޔަސް، އަޑުއެހުން މަޖުބޫރުކަމުގައި އިހްސާސް ކުރެވޭނެއެވެ.
- ހަގީގަތާއި ޚިލާފުވުން: ތިބާގެ އޯގާތެރި ނުވަތަ އަޅާލާ ޠަބީޢަތުގެ ނާޖާއިޒު ފައިދާ އެނާޖީ ވެމްޕަޔަރުން ނަގަން މަސައްކަތް ކުރާނެއެވެ. އެގޮތުން ތިބާގެ އަގުހުރި ވަގުތު މާގިނައިން ދޭންޖެހުން، ވަގުތު ނުދެވޭނަމަ ކުށްވެރިއެއްކަމުގެ އިހްސާސް ކުރެވުން، އެމީހުންނަށް ތަޢުރީފު ކުރުމުގައި ތިބާގެ ވަގުތު ހޭދަކުރަން ޖެހުންފަދަ ކަންކަން ހިމެނެއެވެ. މީގެ އިތުރުން، އެމީހުންނަކީ ކަންކަން ކުރުމުގައި އެހެން މީހުންގެ މައްޗަށް މާބޮޑަށް ބަރޯސާވާ ބައެކެވެ.
- ނެގެޓިވިޓީ: ގިނަ އެނާޖީ ވެމްޕަޔަރުން ވާހަކަ ދައްކާއިރު ތިބާގެ ޕޮޒިޓިވް އެނާރޖީ ދުއްވާލައި މޫޑް ޚަރާބުކޮށް، ތިބާއަށް ފާޑުކިޔައި، ނުވަތަ ތިބާ ހިތުގައި ޖެހޭފަދަ ބަސްތައް ރައްދުކުރާނެއެވެ.
އެނާރޖީ ވެމްޕަޔަރުންނާއި މުއާމަލާތް ކުރެވިދާނެ ގޮތްތަކެއް
- ވަކި ޙައްދުތަކެއް (’ބައުންޑްރީސް') ކަނޑައެޅުން: ތިބާގެ ހަޔާތުގައި މިފަދަ މީހަކު ހުރިނަމަ، ސާފު ވަކި ޙައްދުތަކެއް ކަނޑައެޅުމަކީ އެހީތެރިވެދޭނެ ކަމެއް ކަމުގައި ވެދާނެއެވެ. އެގޮތުން، އެފަދަ މީހަކާއި މަދުން ބައްދަލުކުރުމާއި، އޭނާގެ ކޯލްތަކަށާއި މެސެޖުތަކަށް ޖަވާބުދޭ މިންވަރު ލަސްކޮށްލުމާއި، ބައްދަލުކުރާ މިންވަރު މަދުކުރުން ނުވަތަ އެމީހުންނާއެކު ރާވާފައިވާ ޕްލޭންތަކަށް މުޅިން ނޫނެކޭ ބުނެވިދާނެއެވެ.
- އުންމީދުތަކަށް ބަދަލުގެނައުން: ތިބާގެ ހަޔާތުގައި މިފަދަ މީހަކުވާނަމަ، އޭނާގެ އަމަލުތަކުގެ ސަބަބުން ތިބާއަށް ކުރާ އަސަރު ދެނެގަންނާށެވެ. ތިބާއާއެކު އޭނާ ހޭދަކުރަން ބޭނުންވާ ވަގުތާއި ހަކަތަ މަދުކުރާށެވެ. އެއިރުން، ތިބާގެވެސް ވަގުތާއި ހަކަތައާއި ޖަޒުބާތުތަކަށްކުރާ ނޭދެވޭ އަސަރު ކުޑަކުރެވޭނެއެވެ.
- ކޮންމެ ކަމަކަށް އާނއެކޭ ނުބުނުން: އެނާރޖީ ވެމްޕަޔަރުންނަކީ އެމީހުންގެ ވާހަކަތައް އަބަދުވެސް އަޑުއަހާ މީހުންގެ ގާތަށް ދަތުރުކުރާ ބަޔެކެވެ. އެހެންކަމުން ތިބާގެ ހަކަތަޔާއި ވަގުތުތައް މިފަދަ މީހުންނަށް ހުސްކުރުމުގެ ބަދަލުގައި އެވަގުތު އަމިއްލަ ނަފްސަށް ނުވަތަ އެހެނިހެން ގުޅުންތައް ގާއިމްކުރުމަށް ތިބާގެ ހަކަތަ ހޭދަކުރާށެވެ. ތިބާގެ ފަރާތުން އެމީހުންނަށް ލިބޭ މިންވަރު މަދުވިވަރަކަށް، އެމީހުން ތިބާގެ ގާތަށް ހަމްދަރުދީއަށް ނުވަތަ މައްސަލަ ހައްލުކުރުމަށް އައުމުގެ ފުރުސަތު ކުޑަވާނެއެވެ.
ތިބާގެ ހަޔާތުގައިވާ އެނާރޖީ ވެމްޕަޔަރަކީ އެމީހަކާ ގުޅުން ކަނޑާލަން ބޭނުންނުވާ ނުވަތަ ގުޅުންކަނޑާލެވެން ނެތް މީހަކަށްވެސް ވެދާނެއެވެ. އެހެންކަމުން، ބުއްދިވެރި ގޮތަކީ އެމީހުންނަށް ތެދުވެރިކަމާއެކު ތިބާގެ އިޙްސާސްތައް ބުނެދިނުމެވެ. ތިބާއާއެކު އޮންނަ ގުޅުމާއި އެމީހުންގެ ސަބަބުން ތިބާއަށް އިހުސާސް ކުރެވޭ ގޮތާ ބެހޭ ގޮތުން ދުޅަހެޔޮ ގޮތެއްގައި ވާހަކަ ދެއްކުމެވެ. އެމީހުންގެ އަމަލުތަކާއި އެކަމުގެ ސަބަބުން ތިބާ އެ ޖަޒުބާތުތަކަށް ނުރަނގަޅު އަސަރުކުރާ ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަން ފަސޭހަ ނަމަ އެ ވާހަކަ ދެއްކުމަކީ ރަނގަޅު ކަމެއް ކަމަށް ވެދާނެ އެވެ.
