އަލަށް އުފެދޭ ސަރުކާރުގައި އަންހެންބޭފުޅުންގެ ބައިވެރިވުން އިތުރުކުރެވޭނެ ކަމަށާއި އެގޮތުން ދައުލަތުގެ 8 ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުންގެ ގޮތުގައި ތިއްބަވާނީ އަންހެން ބޭފުޅުން ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. މުއިއްޒު މިހެން ވިދާޅުވީ ރާއްޖޭގެ މީޑިއާތަކާ އެކު ރޭގައި ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައެވެ.
ރޭގެ ބައްދަލުކުރެއްވުމުގައި ޑރ. މުއިއްޒު ވިދާޅުވީ ދައުލަތުގެ މީޑިއާ ހިމެނޭ ގޮތުން ދައުލަތުގެ 8 ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ތިއްބަވާނީ އަންހެން ބޭފުޅުން ކަމަށެވެ.
މުއިއްޒު ވިދާޅުވީ ކެބިނެޓްގެ ތިން ވުޒާރާއެއްގެ ވަޒީރުންގެ ގޮތުގައިވެސް އަންހެން 3 ބޭފުޅުން ތިއްބަވާނެ ކަމަށެވެ. އަދި ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާކަމުގެ މަގާމުގައިވެސް ހުންނަވާނީ އަންހެން ބޭފުޅެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އަދި މީގެ އިތުރުން ސަރުކާރުގެ އެހެން އިސް މަގާމުތަކުގައި އަންހެނުންނަށް ފުރުސަތުތައް އޮންނާނެ ކަމަށާއި ވަކީން ޚާއްޞަކޮށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް ވީހާވެސް ގިނަ އަންހެނުން ނިކުންނެވުމަށް މުއިއްޒު އެދިވަޑައިގެންނެވި އެވެ.
"އަންހެން ބޭފުޅުން މަތީފަޑީގައި ޓޮޕް މެނޭޖްމަންޓުގައި އިތުރު ކުރުމަކީ އަޅުގަނޑުވީ ވަޢުދެއް. އެކަން ކުރަން ބޭނުންވަނީ އަންހެން ބޭފުޅުންނަކީ ދައުލަތް ހިންގުމުގައި ފުރިހަމަ ހިއްސާ ދެވެންޖެހޭ ބައެއް ކަމުގައި އަޅުގަނޑު ގަބޫލު ކުރާތީ. އަޅުގަނޑު ބޭނުން ކުރިއަށް އޮތް މަޖިލީހުގެ އިންތިޚާބުގައިވެސް ވީހާވެސް ގިނަ އަންހެން ބޭފުޅުން ބައިވެރިވާން." މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒުގެ ކެބިނެޓްގައި ތިއްބަވާނެ ބޭފުޅުންގެ ލިސްޓެއް މިފަހުން ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެލިސްޓުގައި 3 ވުޒާރާއެއް ފިޔަވައި ތިއްބެވީ ފިރިހެން ބޭފުޅުންނެވެ.
