ބީފާނު ނިއުސް ޓީމް އިންތިޚާބީ ރައީސްއާއި ބައްދަލުކުރުން

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ނޫސްވެރިންނާ ބައްދަލު ކުރެއްވި ހަފްލާގައި ބީފާނުގެ ފަރާތުންވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމަކީ ރާއްޖޭގެ ހުރިހާ މީޑިއާތަކާ އެކު ސޯޝަލް ސެންޓަރުގައި ރޭގައި ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ނޫސްވެރިންނާ ނޫސް ހިންގާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ނޫސްވެރިންވަނީ ހާމަކޮށްފައެވެ. ނޫސްވެރިންގެ ޚިޔާލު ހޯދުމުގެ ގޮތުން ގަޑިއިރަކަށް ދެމިގެން ދިޔަ މި ބައްދަލުވުމުގައި ނޫސްވެރިންވަނީ ގިނަ ކަންބޮޑުވުންތަކެއް ހިއްސާ ކޮށްފައެވެ. އެގޮތުން ނޫސްވެރިންނަށް ދެފުށް ފެންނާނެހެން މައުލޫމާތު ހޯދުމުގެ ފުރުސަތާއި، އެކަށީގެންވާ ބަޖެޓާއި އަދި އިމާރާތުގެ ދަތިކަމާއި ނޫސްވެރިންނަށް އެކަށީގެންވާ ތައުލީމާއި ތަމްރީން ހޯދުމަށް ހުރި ދަތިތައް ހިއްސާކުރެވުނެވެ.

ރޭގެ  ބައްދަލުކުރެއްވުމުގައި ޑރ. މުއިއްޒު ވިދާޅުވީ ނޫސްވެރިން ފާހަގަ ކުރެއްވި ގިނަ ކަންކަމަށް ހައްލު ހޯއްދަވާދެއްވާނެކަމަށެވެ. އެގޮތުން ނޫސްވެރިންނަށް އެކަށީގެންވާ ތަޢލީމާއި ތަމްރީން ހޯދުމަށް މަގުފަހިކޮށްދެއްވާނެކަމަށާއި އަދި ނޫސްތަކަށް ފައިސާ ހަމަޖެއްސުމަށް ބަޖެޓަށް ހުށައަޅުއްވާނެ ކަމަށެވެ. އަދި މީގެ އިތުރުން ނޫސްވެރިންނަށް މަސައްކަތްކުރެވޭނެ އިމާރާތެއްގެ ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ކެބިނެޓްގެ ތިން ވުޒާރާއެއްގެ ވަޒީރުންގެ ގޮތުގައިވެސް އަންހެން 3 ބޭފުޅުން ތިއްބަވާނެ ކަމަށާއި ދައުލަތުގެ ކުންފުނިތަކުގައިވެސް 8 ބޭފުޅުން އިސްވެރިންގެ ގޮތުގައި ތިއްބަވާނެކަމަށެވެ. އަދި ގައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލާކަމުގެ މަގާމުގައިވެސް ހުންނަވާނީ އަންހެން ބޭފުޅެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި މީގެ އިތުރުން ސަރުކާރުގެ އެހެން އިސް މަގާމުތަކުގައި އަންހެނުންނަށް ފުރުސަތުތައް އޮންނާނެ ކަމަށާއި ވަކީން ޚާއްޞަކޮށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް ވީހާވެސް ގިނަ އަންހެނުން ނިކުންނެވުމަށް މުއިއްޒު އެދިވަޑައިގެންނެވި އެވެ.

ބީފާނު ނޫހުގެ ފަރާތުން މި އެންމެހާ އަންހެން ބޭފުޅުންނަށް މަރުޙަބާއާއި ތަހުނިޔާ އަރިސްކުރަމެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *