އާ ދައުރުގައި ރާއްޖެއަށް ގެދޮރުވެރިކަމާއި ބިންވެރިކަމުގެ ރަން ޒަމާނެއް ގެނެސްދެއްވާނެ ކަމުގައި ރާއްޖޭގެ ރައީސްކަމުގެ ހުވާ މިއަދު ކުރެއްވި ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ޖުމްހޫރިއްޔާގެ 8 ވަނަ ރައީސްކަމުގެ ހުވާ މިއަދު ޖުމްހޫރީ މައިދާނުގައި ކުރެއްވުމަށްފަހުއެވެ.
މިއަދު ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޙައްމަދު މުޢިއްޒު ވިދާޅުވީ ބިންވެރިކަމާއި ގެދޮރުވެރިކަމުގެ މައްސަލަތަކަކީ ރާއްޖޭގައި ވަރަށް ހައްސާސް މައްސަލައެއް ކަމުގައެވެ. އެގޮތުން ރައީސް ފާހަގަ ކުރެއްވި ގޮތުގައި އެކަށީގެންވާ ބޯހިޔާވަހިކަމެއް ނުލިބުމުގެ ސަބަބުން އިޖުތިމާއީ، ދީނީ އަދި ސިއްޙީ މައްސަލަތައްވެސް ރާއްޖޭގައި ގިނައެވެ. ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މުޅި މައްސަލައައް ހައްލު ގެނެސްދެއްވާނެކަމުގައި މުޢިއްޒު ވިދާޅުވިއެވެ.
އެގޮތުން، އުތުރުތިލަފަޅުން ފެށިގެން ފުށިދިއްގަރު ފަޅާ ހަމައަށް، އެންމެ ޒަމާނީ އާ ސަހަރުތައް ބިނާކުރެވިގެންދާނެކަމާއި އެކަމުގެ ލިޔެކިޔުމާއި ކުރެހުންތައް ފަދަ މަސައްކަތްތައް މިހާރު ނިމިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މިހާރު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅިފައިވާ ބަޖެޓުގައި ވަނީ ފުށިދިއްގަރުފަޅު ހިއްކުމަށް 400 މިލިއަން ރުފިޔާ ހިމަނާފައެވެ.
އުތުރު ތިލަފަޅުން ފެށިގެން ފުށިދިއްގަރުފަޅާ ހަމައަށް އެންމެ ޒަމާނީ އިމާރާތްތަކާއި ބަގީޗާތަކުގެ ހާރެއް އަތުރާލާނީ ހުރިހާ ބޭފުޅުންގެ މި އާ ސަރުކާރުން. އެކަމުގެ ކަރުދާހީ ގިނަ މަސައްކަތްތަކެއް ހުރީ ލިޔެ ނިމިފައި. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ޒަމާނީ އާ ސަހަރުތަކެއްގެ ގިނަ މަލަތައް ދިވެހި ފަޅުފަޅުން އުފުލިލާނެ.
ރައީސް މުއިއްޒު ވިދާޅުވީ އާ ސަރުކާރުން ގައުމު ތަރައްގީ ކުުރުމަށްޓަކާ މެދުރާސްތާ ޕްލޭންއައި ދުރު ރާސްތާ ޕްލޭންތައް އެކުލައްވާނޭ ކަމަށާއި، ގައުމުގެ ތަރައްގީގެ ކަންކަން ރާވާއިރު ދިވެހި ރައްޔިތުންގެ ވިސްނުމާއި އުންމީދުތައް ހިއްސާ ކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި އެމަނިކުފާނު ސަރުކާރާ ހަވާލުވެ ވަޑައިގަންނަވާއިރު ދައުލަތުގެ ދަރަނި ޖުމުލަ 119 ބިލިއަން ރުފިޔާއަށް އަރާފައިވާކަމުގައި ވިދާޅުވިއެވެ. އަދި، މިއީ ރާއްޖޭގެ މުޅި މާލީ ޙަޔާތުގައިވެސް ތާރީޚު ދުށް އެންމެ ބޮޑު ދަރަނިކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ކަންއެހެން އޮތް ނަމަވެސް އިޤްތިޞާދީގޮތުން ރާއްޖެ ވެއްޓިފައިވާ ފުންވަޅުގަނޑުން އަރައިގަނެވޭނެ ކަމުގެ އިތުރުބާރާއެކު ހުންނެވިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި، މިކަމުން އަރައިގަތުމަށް ހަރުދަނާ، ހަލުވި ފިޔަވަޅުތަކެއް އެމަނިކުފާނުގެ ސަރުކާރުން އަޅުވާނެކަމަށްވެސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢުގެ މަސައްކަތް ނިންމައި، ޒަމާނީ އާ ޓަރމިނަލް އަވަހަށް ހުޅުވައި ފަތުރުވެރިކަމަށް އިތުރު މުއްސަނދިކަން ގެނެސްދެއްވުމާއި ޚަރަދު ކުޑަކުރެވޭނެ އާ ގޮތްތައް އީޖާދުކުރެއްވުން ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިހާރަށް އެކަށައެޅިފައި ހުރި ބައެއް ކަންކަމުގެ ތެރޭގައި ރާއްޖޭގެ އެންމެ އުތުރާއި އެންމެ ދެކުނުގައި، އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނުގެ ދެ ޒޯނެއް ޤާއިމުކުރެއްވުމާއި، ރާއްޖޭގެ އެހެން ސަރަޙައްދުތައް ޝާމިލުވާހެން ޢުމްރާނީ ބިނާވެށީގެ 7 ބިނާވެށްޓެއް، ރާއްޖޭގެ 7 ސަރަޙައްދެއްގައި ތަރައްޤީކުރުން ހިމެނޭކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
