(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)
"އެއީ އެރަށުގައި އަހަރެން ބެލެހެއްޓި މީހާ." އައިން ބުންޏެވެ.
ފާތުމާ ކަށުކަމާއިކެމީގެ ހުރިހާކަމެއްކޮށް ވަޅުލާންދެންވެސް އައިން މުދިންބެމެންނާއެކު އުޅެމުން ދިޔައެވެ. ނަތާވެސް އައިންގެ ދެ ކުދިންނާ އެކު އެތާގައި އުޅެމުން ދިޔައެވެ. ހުރިހާކަމެއް ނިމިގެން ސަހަރާ އިން ނިކުންނަނިކޮށް ކާރެއް އައިސް މަޑުކޮށްލީ އައިންއާއި މުދިންބެއާއި ނަތާ އާއި ނުހަނު ގާތުގައެވެ. ކުއްލިއަކަށް އައިންގެ ބައްޕަ އާދަނު ނިކުމެ ނަތާއަށް ގޮވާލިއެވެ.
"ގޭ އެންމެންނަށްވެސް މަނާކޮށްފައި އޮއްވާ ނަތާ ތިފަދަކަމެއް ކޮށްފާނެކަމަކަށް އަހަރެން ހިއެއްނުކުރަން. އަހަރެމެންނަށް ހަމްދަރުދީ ނުވިމީހަކަށް މިއަދު ހަމްދަރުދީއެއް ވާނެކަމެއްނެތް. ކާރަށް އަރާ." މިއަމުރުވެރި އަޑަށް ނަތާ ކާރަށް އެރިއެވެ.
"އެއީ ކާކު." މުދިންބެ އެހިއެވެ.
"ބައްޕަ."
"ބައްޕަ އަދިވެސް ކަބުލޮއާ މެދު ނުރުހިފައިދޯ. ހާއިޝްއަށް އެކަން އެނގޭތަ؟" މުދިންބެ މިހެން ބުނުމުން އައިން ވަކިއެއްޗެކޭ ނުބުނެ އިސްޖަހާލިއެވެ. ބުއްދިވެރި މުދިންބެއަށް އެދެމީހުންގެ މެދުގައި މައްސަލައެއް އުޅޭކަން ރަށުން އައިރުވެސް އެނގެއެވެ.
"ކަނބުލޯ. ދިރިއުޅުމުގައި އެތަކެއް ކަމަކާ ކުރިމަތި ލާންޖެހޭ. އެކަމަކު ތިމާގެ ފިރިމީހާއާ ދުރުވުމަކީ އޭގެ ސަބަބުން ދަރިންނަށާ އަދި ކަނބުލޮއަށްވެސް ގެއްލުންވާނެ ކަމެއް. ހަމަގައިމުވެސް ހާއިޝްވަރުގެ ރަނގަޅު ފިރިއެއް އައިންއަކަށް ނުލިބޭނެ."
"އެކަމަކު."
"ހާއިޝް ކުރީ ކޮންކަމެއް ކަމެއް އަހަރެންނަކަށް ނޭނގޭ. އެކަމަކު ކަމެއް ދިމާވާއިރު ފިރިމީހާ ދޫކޮށްލާފައި ނުދޭ. އޭނާގެ އޯގާތެރިކަމާއި ލޯބި ހަނދާންކޮށްލާފައި ނަމަވެސް އޭނާގާތު މަޑުކޮށްގެން މައްސަލަ ހައްލު ކުރެވޭތޯ ބަލާ."
"އެކަމަކު އޭނާއާ އެކު މިހާރު އުޅޭހިތެއް ނެތް."
"މުޅި އާއިލާއާއި ކިޔެވުމާއި ރަހުމަތްތެރިން ދޫކޮށްލާފައި އޭނާއާއެކު އުޅުމަށް ދިޔައީ އައިން އަމިއްލަ އަކަށްނު. މިހާރު ދެން އައިންއަށް އަޅާލާނެ ބޯހިޔާވަހިކަން ދޭނެ މީހެއް މިތާ އެބަހުރިތަ؟ ފިރިމީހާ ނުރުހުމުގައި އޭނާ ދޫކޮށްލާފައި އައިސް އުޅެނިކޮށް ތި ދެކުދިންނަށް ގޮތެއްވިއްޔާ މާތްކަލާނގެ ދުވަހަކުވެސް އައިންއަކަށް އޯގާތެރިކަމުގެ ގޮތުން ބައްލަވާނެތަ؟ ހިތްވަރުކޮށްގެން ހަގީގަތާ ކުރިމަތިލާ. ހާއިޝަކީ ނުބައިމީހެއްނޫން." މުދިންބެ ނަސޭހަތްދެމުން ދިޔައީ ދަރިއަކަށް ނަސޭހަތްދޭ ފަދައިންނެވެ.
އައިންއަށް އެއީ ތެދެއްކަން ވިސްނެއެވެ. ނަމަވެސް ހާއިޝްގެ ޢަމަލުތަކުން އޭނާ ހާއިޝާ މެދު ކުރަމުން ދިޔަ އިތުބާރު ގެއްލިއްޖެއެވެ. އޭނާދެކެ ބައެއް ފަހަރު ނަފުރަތުވެއެވެ. ނަމަވެސް މާލޭގައި އޭނާގެ ދެ ދަރިންނަށް ބޯހިޔާވަހިކަމާއި ކާނާދޭނެ މީހެއް ނެތެވެ. ކޮންމެ ގޮތެއްވިޔަސް އޭނާ ހާއިޝްގާތަށް ދިއުން ނޫންގޮތެއް ނެތެވެ. ކެތްތެރިކަމާ އެކީ މި ދިރިއުޅުމާއިގެން ކުރިޔަށް ދިޔުން ނޫން އެހެންގޮތެއް އޭނާގެ ނެތެވެ. އެކަމަކު އޭނާ ދެން ހާއިޝާމެދު ކުރިން ބޭއްވި ގުޅުމެއް ނުބާއްވާނެއެވެ. އޭނާ ދިރި ހުންނާނީ ހަމައެކަނި ދަރިންނަށްޓަކައެވެ.
މުދިންބެގެ އާދޭހާއެކު އައިންއަށް އިތުރުގޮތެއްވެސް ނެތުމުން އޭނާ ހާއިޝާއެކު ދިރިއުޅުމަށްޓަކައި އަނެއްކާވެސް ފަރިދޫއަށް ދިޔައެވެ. ނަމަވެސް އޭނާގެ ހިތް ގިސްލާފައި ރޮނީއެވެ. މާޔޫސްކަމާއި އެކަނިވެރިކަން އޭނާގެ މާޒީގެ ފޮނިކަން ނަގާލައިފިއެވެ. އެމީހަކާއެކު އެރަށުގައި ހޭދަކުރި ދުވަސް ތަކުން ލިބުނީ ބޭކާރު ވަގުތު ތަކެކެވެ. ޒުވާންކަމާއި ފަރިކަން ގެއްލުމެވެ.
ފަރިދޫ ގޮނޑުދޮށަށް ނަގިލި ނުލަނީސް ވިއްސާރައިގެ އަސަރުތައް ހަތަރު އުދަރެސް ބައްދާލައިފިއެވެ. ވައިގަދަވެ ގަދަ ކޮޅިގަނޑެއްގެ ނިޝާންތައް ޖައްވުން ދައްކާލައިފިއެވެ. އައިން ވީހާވެސް އަވަހަކަށް ގެއަށް ދެވޭތޯ މަސައްކަތް ކުރިއެވެ.
"މުދިންބޭ. އަދި އަހަރެންގެ ދަބަހެއް ނުލިބޭ." އައިން ބުންޏެވެ.
"އެކަމަކު މަޑުކޮށްފިނަމަ ގެއަށް ނުދެވެނީސް މި ވިލާގަނޑުގައި ޖެހިދާނެ." އުދަރެހުގައި ބޯކުރަމުންދާ ވިލާގަނޑަށް ބަލާލާފައި މުދިންބެ ބުންޏެވެ.
"އެހެންވީއިރު އެކުދިން ގޮވައިގެން މުދިންބެ ގެއަށްދާންވީނު. އޭރުން އަހަރެން ދަބަސް ހިފައިގެން ހިނގައިދާނަން."
"ނޫން. އަހަރެމެން ގޮސްފަ ހާއިޝް ފޮނުވާނީ."
"މުދިންބެ ދޭ. ދެން މާލަހެއް ނުވާނެ ކަންނޭނގެ" އޭނާ ހާއިޝްގެ އެހީތެރިކަމެއް މިހާރަކު ބޭނުމެއް ނޫނެވެ.
މުދިންބެ ކުދިން ގޮވައިގެން ގެއަށް ނުވަދެވެނީސް ގަދަ ވިދުވަރާއެކު ބާރު ގުގުރިއާ ގަދަވަޔާއި އެކުއެކީހެން ބޯވާރޭގަނޑު ވެހެން ފަށައިފިއެވެ. ނިޝާގެ ދަރިފުޅު ރިފާ އަށް ބުއްފުޅި ދޭންއިން ހާއިޝަށް އޭނާގެ ދެކުދިން ފެނުމުން ސިއްސައިގެން ދިޔައެވެ. އަދި ދެލޯ ފެންކަޅި ވެފައިވާ ހާއިޝްއަށް އެދިމާއަށް ދުއްވައި ގަނެވުނެވެ.
"ބައްޕަގެ ރަންދޫނިތައް ބައްޕަ ދޫކޮށްފައި ދިޔައީ ކޮންތާކަށް. ދަރިފުޅުމެން ދިޔައީމަ ބައްޕަ މޮޔަނުވީ ހަމަކިރިޔާ." ހިތްވަރުގަދަ ހާއިޝަށް މިއަދު އެހުރީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ.
"ދެން ބައްޕަ ދޫކޮށްފައި ހިނދުކޮޅަކަށްވެސް ތިކުދިން ނުދައްޗޭ." އޭނާ ދެކުދިންގާތު އިށީނދެލައިގެން އޮޅުލަމުން ވާހަކަ ދައްކަމުން ގެންދެއެވެ.
"ކޮއްކޮމެންގެ މަންމަ ކޮބާ؟ މަންމަ ނާންނަނީތަ؟" ހާއިޝް ތެދުވެލަމުން އަހާލިއެވެ.
"ނޫން. އައިންގެ ދަބަސް ނުބޭލޭތީ މަޑުކޮށްލީ. މިހާރު އޭނާވާނީ މިބޯ ވާރޭގަނޑުތެރޭގަ. ހާއިޝް އޭނާ ބަލާދޭ." މުދިންބެ ބުންޏެވެ.
"ކީއްވެ. އަހަރެންގެ އެއްވެސް ކުށަކާނުލާ އޭނާ މިދެކުދިން ގޮވައިގެން ދިޔައީމަތަ؟" ކައިވެނި ވީއްސުރެވެސް ފުރަތަމަ ފަހަރަށް އޭނާގެ ދުލުން އެހެން މީހެއްގާތު އައިންގެ ޝަކުވާ ކުރެވުނެވެ.
"ހާއިޝް. އޭނާ އަލުން އެއައީވެސް ކަމެއް ވީމައެއްނު. ދެން އޭނާއަށް މާފުކުރޭ." މުދިންބެ މިހެން ބުނުމުން ހާއިޝް މުދިންބެއަށް ބަލާލިއެވެ. އަދި އެއްވެސް އެއްޗެއް ނުބުނެ މަޑުމަޑުން ބޮޑާށީގައި އިށީނެވެ.
"ހާއިޝް. ލަސްނުކުރޭ. މި ގަދަ ވިއްސާރައިގާ އޭނާއަށް ކޮންމެ ފަދަގޮތެއްވެސް ވެދާނެ." މުދިންބެ އައިސް ހާއިޝްގެ ގާތުގައި އިށީނެވެ.
"އެކަމަކު އޭނާ…" ހާއިޝް ހިމޭންވެލީ އެދުވަސްތައް ހަނދާންވީމައެވެ. ނިޝާ އަންނަންދެން އެދެމީހުން އުޅުނީ ކިހާ ލޯބިން ހެއްޔެވެ. އައިން އޭނާއަށް ބޭކާރު ޝައްކުތަކާއި ޝަކުވާތައް ކުރީއެވެ. އެހެންމީހުން ފަދައިން އޭނާއަކީ ކުށްވެރިއެއް ކަމަށްދެކެ ލޯބިވާ ދެކުދިން ގޮވައިގެން ދިޔައީއެވެ. އޭނާއަށް ހާއިޝްގެ ދެކުދިން ގެންދެވޭނީ ކިހިނެއްހެއްޔެވެ؟ އެދަރިންނާ އައިންއާ ނުލާ މި ދަތި އުނދަގޫ ރަށުގައި ހިލޭބައެއް ގާތުގައި އުޅުނީ ކޮންފަދަ ހިތްދަތި ދިރިއުޅުމެއް ހެއްޔެވެ؟ އައިންއާ ނުލާ އުޅުމަކީ އޭނާއަށް ކެތް ނުކުރެވޭ ވަރުކަމެއްކަން އައިންއަކަށް ނޭނގޭ ހެއްޔެވެ؟
"ހާއިޝް. ހާއިޝް އެންމެ ހާލުގައި ޖެހުނު ދުވަހު އެހީވީ އޭނައެއްނު. ކިރިޔާ ކަމެއްވާއިރަށް ގުޅުން ކަނޑާލާކަށް ނުވާނެ. އަހަރެން ހީކުރީ ހާއިޝަކީ ވަރަށް ވިސްނޭ މީހެއްކަމަށް." މުދިންބެ އެތެރެގެއަށް ވަދެލަމުން ބުންޏެވެ.
އާއެކެވެ. ހާއިޝަށް ޒޫނާއާމެދު ބަދުއަޚްލާގުގެ ތުހުމަތުކުރެވުމާއި ހުކުމް ކުރުމަށް ދާންދެން އޭނާއަށް ހިތްވަރުދިނީ ލޯބިލޯބި އައިންއެވެ. އެންމެންގެ ކުރިމަތީގައި އޭނާއަކީ ކުށުން ބަރީއަ ވެފައިވާ މީހެއްކަމަށް ފާޅުގައި ބުނަމުން ދިޔައީ ދުނިޔޭގެ ތަޖުރިބާއާ މެދު އެ ޅަ އަންހެން ކުއްޖާއެވެ. ފަރިދޫއަށް އައިސް އޭނާގެ މި ދަތި ދިރިއުޅުން ލޯތްބާއި އޯގާވެރިކަމުން ފަހިކޮށްދިނީ އެ އައިންއެވެ.
ހާއިޝް ބޭރަށް ނިކުމެލިއެވެ. ހަތަރު އުދަރެސް ކަޅު ވިލާތަކުން ބައްދާލާފައިވާއިރު ޖެހޭ ގަދަވައިން ކުރިއަށް ދާންވެސް އުނދަގުލެވެ. ގަސްތަކުން ރޯފަތާއި ރުއްތަކުން ފައިބާ ތަކެތިން ބޮލަށް ކޮންމެ ވަގުތަކުވެސް އެއްޗެއް ވެއްޓިދާނެތީ ހާއިޝް ދިޔައީ ފަރުވާތެރިވަމުންނެވެ. އޭނާއަށް އެ ބޯކޮށް ވެހޭވާރޭއިން ކެތްކުރަން ދަތިވާހާވެއެވެ. މި ބިރުވެރި މާހައުލުގައި އައިންއަށް ކަމެއްވެދާނެތީ އޭނާ ދުއާ ކުރަމުން ދެއެވެ.
ހާއިޝް ހާސްވެގެން ހުރެ އައިން ހޯދަމުން ދިޔައެވެ. މުޅި ހިސާބު ގަނޑުގައިވެސް އޭނާއަށް އައިންއެއް ނުފެނުނެވެ. އޭނާ އަތިރިމައްޗާއި އައިން ހިނގައިދާނެހެން ހީވާ މަގުތައް ބެލިއެވެ. އެންމެފަހުން އައިން އަމިއްލައަށް ގެޔަށް ދިޔައީ ކަމަށް ނިންމާ ދުވެފައި ގެއަށް ދިޔައެވެ.
"ކޮބާ އައިން. އޭނާ ނުލާ ތިއައީ ކީއްވެ؟" ތެމިފައިވާ ހާއިޝް އެކަނި އައިސް ވަނުމުން މުދިންބެ އެހިއެވެ.
"އޭނާ އެއްނާދޭތަ؟ އަހަރެންނަކަށް އައިންއެއް ނުފެނުނު." ހާއިޝް ހުރީ ކަން ބޮޑުވެފައެވެ.
"ސުބުހާނަށްﷲ. ހާއިޝް އޭނަ ހޯދަންދޭ. މިގަދަ ވިއްސާރައިގައި އޭނާއަށް ކޮންމެ ފަދަގޮތެއްވެސް ވެދާނެ؟" މުދިންބެ މިހެން ބުނުމާއެކު ހާއިޝް އަނެއްކާވެސް ބޭރަށް ނިކުތެވެ. މިގަދަވަޔާއި ބޯ ވާރޭގައި ތުރުތުރު އަޅާ ހާލު އޭނާ ހިތާހިތުން އައިން ރައްކާތެރި ކޮށްދެއްވުމަށް އެދި ދުއާކުރަމުން އޭނާ އެތަންމިތަން ހޯދަމުން ދިޔައެވެ.
ހާއިޝަށް އައިން ފެނުނީ ދަބަސްހިފައިގެން ގަހެއްގެ ދަށުގައި ނިވާވެގެން ހުއްޓައެވެ. އައިން ފެނުމުން އޭނާގެ ހިތް ހަމްދަރުދީން ފުރިގެން ދިޔައެވެ. ގަދަފިނީގައި ހީކަރުވައިގެންފައިވާ އައިން ތުރުތުރު އަޅަނީއެވެ. މާހައުލުގެ ނާމާންކަމާއި ބިރުވެރިކަމުގެ އަސަރު އޭނާގެ މޫނުމަތީން ފެންނަންހުއްޓެވެ. އޭނާގެ ކުށަކާ ނުލާ އައިން ދިއުމުން ލިބުނުވޭނާއި ނަފުރަތު ފިލައިގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ. ހާއިޝްގެ ހިތަށް އައިން ދިއުމުން ލިބުނު ހިތާމައަށް ވުރެ ބޮޑު ހިތާމައެއް އައިން އެގޮތަށް ހުއްޓާ ފެނުމުން ކުރިއެވެ.
"އައިން." ހާއިޝް މަޑުމަޑުން ގޮވާލިއެވެ.
އައިން ކަޅިޖަހާނުލާ ހާއިޝަށް ބަލަހައްޓައިގެން ހުއްޓެވެ. ތަރުތީބެއް ނެތި ދިގުވެފައިވާ ތުނބުޅިއާއި ދިގުވެފައިވާ ބޮލަށް ބަލާލިއެވެ. އޭނާއަށް މިދުނިޔެއިންވެސް ފެނުނު އެންމެ ރީތި މީހާވަނީ މުޅިން ބަދަލުވެފައެވެ. ހިކި އަނަރޫފަ ވެފައިވާ ހަށިގަނޑު ނިވާކޮށްފައިވަނީ ދޫ ޓީޝާޓަކުންނެވެ. އެނިކަމެތިވެފައިވާ ހަށިގަނޑު ފެނުމުން އައިންއަށް ފުން އަސަރެއް ކުރިއެވެ. ހާއިޝްގެ ހުރިހާ ކަމަކަށް މާފުކޮށް ދިރިއުޅުން އަލުން ފަށަން އޭނާ އަޒުމް ކަނޑައެޅިއެވެ.
"މި ވާރޭ މަޑުކޮށްލާނެހެންނެއް ހިއެއްނުވޭ. އެކުދިން ތިބޭނީ ބަނޑު ހައިވެފާ. ހިނގާދާން." ހާއިޝް ދަބަސް ހިފައިގެން ދާން ހިނގައިގަތެވެ. އައިންވެސް ހާއިޝާއެކު އެ ބޯވާރޭތެރޭގައި ދާން ހިނގައިގަތެވެ. ނަމަވެސް ދެމީހުން ވަނީ ހިމޭންވެފައެވެ. ދެމީހުންގެ ހިތުގައި ވަނީ ޝަކުވާތަކެވެ. އެކަކު އަނެކަކަށް ވީ ބޭވަފާއެވެ. އައިންގެ ޝަކުވާއަކީ ހާއިޝް ގެ ބޭވަފާއާއި ނިޝާގެ ގުޅުމެވެ. އައިން ދިއުމުން އޭނާގެ ހާލުވެސް ބަލާނުލުމެވެ. މާލޭގައި އައިން އުޅުނު އިރު ލިބުނު އެކަނިވެރިކަން އޮޅުން ނުފިލުވުމެވެ. ގެއާ ހަމައަށް ދެވުނުއިރުވެސް މި ފިނި ވާރޭގައި ދެމީހުން ހީކަރުވާއިރުވެސް ހިތް އަދަމުން ދަނީ ޝަކުވާތަކާ އެކަކު އަނެކަކު ކުށްވެރިކުރުމުގެ އުދާސްތަކެވެ.
ހާއިޝްގެ ދެރަވީ އައިން އޭނާއަށް އިތުބާރު ނުކުރީތީއެވެ. ކުޑަކުޑަކަމަކުން އޭނާ ދެލޯފަދަ ލޯބިވާ ދެކުދިން ގޮވައިގެން އައިން ދިޔައީތީއެވެ. ހަޔާތުގެ އެންމެ މުހިންމުބައިގާ އޭނާ އައިންއަށް ދިން ނަސޭހަތާއި އިރުޝާދުތައް ހަނދާން ނެތުނީތީއެވެ.
ކޮންމެ މީހަކުވެސް އެމީހެއްގެ އުދާސްތައް ހާމަކޮށްލަން ބޭނުންވެއެވެ. އެހެން ހެދީ ކީއްވެތޯ އަހާ ވާހަކަ ދައްކަން ބޭނުންވެއެވެ. ދެމީހުންވެސް އެކަކު އަނެކަކު އިންތިހާއަށް ބޭނުންވެއެވެ. ނަމަވެސް އިސްނަގަން ބޭނުން ނުވަނީއެވެ. އަނެކާގެ ގޮތް ނޭނގޭތީ ޖެހިލުން ވަނީއެވެ.
ހިމޭންވެފައިތިބި ދެމީހުންނަށް މައްޗަށް ބަލާލެވުނީ ކަންފަތް ބީރުވާފަދަ ބާރު އަޑެއް އިވިގެންނެވެ. އޭރު ގަދަވަޔާ އެކު ބޮޑު ޅޮސްގަހުން އިރައިގެންދިޔަ ބޮޑު ގޮފިގަނޑެއް ތިރިއަށް ވެއްޓެނީއެވެ. ބިރުގެންފައިވާ އައިންއަށް ދުރަށް ދާންވެސް ނޭނގުނެވެ. ހާއިޝް ކުއްލިއަކަށް އައިން ގައިގައި ހިފާ ދެމީހުން އެކުގައި ކުރިއަށް ޖެހުނެވެ. ގޮފިގަނޑާއި އެކުއެކީހެން ދެމީހުން ވެއްޓުނެވެ. އެމީހުންނަށް ތިބެވުނީ ގޮފިގަނޑުގެ ކުރީކޮޅުގެ ފަތްތަކުގެ ދަށުގައެވެ.
(ނުނިމޭ)
