(ބުރާސްފަތި ދުވަހުގެ ނޫހާއިގުޅޭ)
ސަރުޖުއާލާ ޕްރަޝާދުގެ އާސާމީ ބުޅަލުގެ ކުރިމަތީގައި ރީތި ތަށިމުށި ތައްޓަކަށް ކިރު އަޅައިފައި ބަހައްޓައިފައި ހުއްޓެވެ. އެ ބުޅާ އޭގެ ވަސް އެންމެ ފަހަރަކު ބަލައިލިއެވެ. އަނެއް ފަހަރު އޭގެ ވަސް ބަލައިލައިފައި ނުބޮއި ދުރަށް ހިނގައްޖެއެވެ.
"މަގޭ ބުޅަލަށް މިވީ ކީއް ކަމެއް ކަން ވެސް ނޭނގޭ." ސަރުޖުއާލާ ޕްރަޝާދު އޭނާގެ އާސާމުގެ ބުޅާ ނަގައި އެއާ އޮޅުލައިގަތެވެ.
"އެއްޗެއް ނުވެސް ކޭ."
ދެން އޭނާ ނޯތޭޖަށް އެނގިއެވެ. "އަވަހަށް ޑޮކްޓަރު ލާމްބޭއަށް ފޯނުކޮށްލާ."
ނޯތޭޖު ރިސީވަރު ނަގައިފިއެވެ. އޭނާ ޑަޔަލް ކުރަމުން ހިތަށްއަރަނީ ޑޮކްޓަރު ލާމްބޭއެވެ. ރަށުގައި ހުރި އެންމެ ބޮޑު ޑޮކްޓަރެވެ. އޭނާގެ އެންމެ ވިޒިޓަކަށް އެންމެ މަދުވެގެން ފަންސާސް ރުފިޔާ ދޭން ޖެހޭނެއެވެ. އޭނާއަށް ވިޒިޓުގެ ފަންސާސް ރުފިޔާ ލިބިގަނެގެން ބަލަން އެ އަންނަނީ ސަރުޖުއާލާ ޕްރަޝާދުގެ އާސާމުގެ ބުޅާ ބަނޑުހައިނުވަނީ ކީއްވެގެންތޯއެވެ.
" ކޯންޗެއްތަ ވިސްނަނީ ކަލޭ؟ ކަލޭ ތިޔައިނީ ރާބޮއިގެންތަ ހުން! އަހަރެން ކަލޭ ގާތު ބުނީ ފޯނުކުރަން. ތިޔަތާ އިނދެ ޒިކުރުތަސްބީހަ ކިޔާކަށް ނޫން."
"އީޑިއަޓް!"
ޚުދު އޭނާ ޑޮކުޓަރު ލާމްބޭއަށް ފޯނުކުރަން ފަށައިފިއެވެ. ނޯޖޭޖު އިސްޖަހައިލައިގެން މަޑުމަޑުން އެތާނގައި ހުއްޓެވެ.
ނޯތޭޖު ސަރުޖުއާލާ ޕްރަޝާދުގެ ގެއަށް ދިއުމަށް ގެއިން ނުކުންނަނިކޮށް ނޯތޭޖުގެ އަންހެނުން ގީތާ އޭނާ ކައިރިއަށް އައިސް ހުއްޓި ނުހަނު ލޯތްބާ އެކު ނަމަވެސް ފިކުރު ބޮޑުވެފައި ނުހަނު ހިތާމަވެރި ގޮތެއްގައި ބުނެލިއެވެ.
"ބައްލަވާ. މިހާރު ދަރިފުޅުގެ ހާލު މާ ބޮޑުވެއްޖެ. ޑޮކުޓަރަކަށް ދައްކައިގެން ނޫނީ ދެން ކަމަކު ނުދާނެ. ގެއިން ބޭސްކޮށްކޮށް އެއްގޮތެއް ވެސް ނުވި ނޫންތޯ. ތާކުން ލާރިކޮޅެއް ދޭނެ ނަމަ…."
"ކަލޭ އެކަމާ ފިކުރުބޮޑު ނުކުރޭ." ނޯތޭޖު ބުންޏެވެ.
"އަހަރެން ވެސް ރޭގައި ދަރިފުޅާ ދޭތެރޭ ވަރަށް ބޮޑަށް ފިކުރު ކުރިން. އަދު އަހަރެން ސޭޓު ސާހަބު ގާތުގައި
ބުނެގެން އަންނާނީ ހިސާބަކަށް ލާރިކޮޅެއް ވެސް ހިފައިގެން."
"މިހާރު މަސް ހުސްވާން ދެން އޮތީ ދެތިން ހަތަރު ދުވަހެއް." ގީތާ އަވަހަށް ބުނެލިއެވެ. "އެޑުވާންސަށް ކުޑަ ލާރިކޮޅެއް ދީފާނެ."
"ނޫނޭ. މިއަދު އަހަރެން ހަމަ އޭނާ އަތުން އަތުލާނަން." ނޯތޭޖު ބުންޏެވެ. "ކަލޭ ފިކުރު ބޮޑު ނުކުރޭ. ރުފިޔާ ނުލައެއް އަހަރެން މިއަދަކު ގެއަކަށް ނާންނާނަން."
"އެކަމަކު ކަލާ ގެއަށް ދުރުވާނީ ރޭގަނޑު ނޫންތޯ؟"
"ނޫނޭ. މިއަދު އަހަރެން ވަރަށް އަވަހަށް އަންނާނަން. ހަމަގޮސް ރުފިޔާ ލިބުމާ އެކު އެ ހިފައިގެން ގެއަށް އަންނާނަން. ދެން ގެޔަށް އައިސް ދަރިފުޅު ޑޮކުޓަރު ޝަރުމާއަށް ދައްކާނީ. އޭނާގެ ޑިސްޕެންސަރީ
ކޮންމެ ދުވަހަކު 1:30 ގައި ހުޅުވާނެ."
މިހެން ބުނެފައި އެހެން ވާހަކަޔަކަށް އިންތިޒާރު ކުރުމަކާ ނުލައި ހަލުވިހަލުވި ފިޔަވަޅުތަކެއްގައި ގެއިން ނުކުމެގެން ހިނގައްޖެއެވެ.
"މާތް ރަސްކަލާކޯއެވެ! އިބަރަސްކަލާނގެ އަޅުގަނޑުގެ ދަރިފުޅަށް އަވަހަށް ޝިފާ ދެއްވާނދޭވެ!"
ތަދާއި މޮޅި އެކުލެވިގެންވާ އަޑަކުން ތުރުތުރު އަޅައަޅައި ހުރި ދެ ތުންފަތުގެ ދޭތެރެއިން މި އަޑު ނުކުތެވެ. އޭނާގެ މޫނުމަތީގެ ކުލަވަނީ، އުދުހިގެން ގޮސްފައެވެ. އޭނާގެ ތުންފަތް ވަނީ ތުރުތުރު އަޅައަޅައެވެ. އޭނާގެ ދެ ލޮލުން ވަނީ ކަރުނަތައް ފައިބައިގަތުމަށް ތައްޔާރުވެފައެވެ.
އޭނާ ބަގްވާނު ކްރިޝަންގެ ބުދުގެ ކައިރިއަށް ގޮސް ރޮއިގަތެވެ.
"މާތް ރަސްކަލާކޯއެވެ! އަޅުގަނޑުގެ މައްޗަށް އޯގާވެވޮޑިގެން ދެއްވާށެވެ." އޭނާ ގިސްލަގިސްލައިފައި ރޯން ފަށައިފިއެވެ.
ނޯތޭޖު ސަރުޖުއާލާ ޕްރަޝާދުގެ ގެއަށް ދިޔައިރު، އެގޭގެ ގޯތިތެރޭގައްޔާއި ބޭރުގައި އެހާ ގިނަ ކާރުތަކެއް އޮތީ ކީއްވެގެންކަމެއް އޭނާގެ ކޮށި ވިސްނުމަކަށް ނާދެއެވެ. އޭނާ ހުރީ ވަރަށް ހައިރާންވެފައެވެ. އޭނާ މި ހައިރާން ކަމުގެ ތެރޭގައި ހުރެ ގޭގެ ބޮޑު ހޯލުގެ ތެރެއަށް ވަދެއްޖެއެވެ.
އެތެރޭގައި މީސްތަކުންގެ ކުދިބޮޑު ޕާޓީތައް ޖަމާވެފައި ވެއެވެ. ކޮންމެ މީހެއްގެ މޫނުމަތިން ވަނީ ކުލަ ފަނޑުވެފައެވެ. އެވަގުތު ސަރުޖުއާލާ ޕްރަޝާދު މޮޔައެއް ހެން ކުރިމަތީގައި ހުރި ބޮޑު ކޮޓަރިން ނުކުމެގެން ބޭރުގެތެރެއަށް ހޯލުތެރެއަށް އަތުވެއްޖެއެވެ. ނޯތޭޖު ފިކުރު ބޮޑުވެފައި ހުރެ އޭނާއަށް “ނަމަސްތޭ” ކިޔެވެ. ނަމަވެސް އޭނާ ނޯތޭޖާ ދިމާއަށް ބަލައިލުމަކާ ވެސް ނުލައި ފޯނާ ދިމާއަށް ހިނގައްޖެއެވެ. އަދި އޭނާ ތަންދޮރު ކުޑަވެފައިވާ ހާލެއްގައި ޑައިލް އަނބުރައިލައިފައި ރޮއި ހަޅޭއްލަވަން ފަށައިފިއެވެ.
"ކާކު، ޑޮކުޓަރު ޑިސިލްވާއޭ. އަވަހަށް އާދޭ. ހުރިހާ ކަމެއް ބަހައްޓާ. ކީކޭތަ ބުނީ ބަލިމީހާ؟ ބަލަ ޑޮކްޓަރު އޭ. ތިޔަ ބަލިމީހުންނަށް ފިސްތޯލަޖަހާ އެންމެން ނަރަކައަށް ފޮނުވާލާ. އަހަރެން ދިހަ ހާސް ރުފިޔާ ދޭނަން. އަހަރެންގެ ދަރިފުޅު މިޔޮއްގެން މަރުވަނީ. އެކަމަކު ކަލޭ އަދިވެސް ތިޔަ ދައްކަނީ އެހެން ބަލިމީހުންގެ ވާހަކަ."
އަނެއްކާ ވެސް އޭނާ ގޮސް އެހެން ޑޮކުޓަރަކާ އޮޅުލައިގަތެވެ.
"ޑޮކްޓަރު ސާހިބު! ކަލޭ އަހަރެންގެ ޑޯލް ސަލާމަތްކޮށްދީ. އަހަރެން ކަލޭ މުދަލުން ހިތްފުރާލަދޭނަން."
"ބައްލަވާ! އަޅުގަނޑުމެން މިޔޮއް މަސައްކަތްކުރަނީ ނޫންތޯ." ޑޮކުޓަރު ބުންޏެވެ.
ރަށުގެ ހުރިހާ ބޮޑެތި ޑޮކުޓަރުން މިތަނަށް ޖަމާވެއްޖެއެވެ. އެންމެންގެ ލަފާ ބޭނުންކުރުމުން ފައިދާއެއް ވާނޭކަން ޔަގީނެވެ.
އެ ތަނަށް އައިސްފައި އޮތީ މި ދެންނެވި ގިޔާމަތެވެ. އަނެއްކޮޅުން ނޯތޭޖުގެ ހިތް އޭނާގެ މޭތެރޭގައި ތެޅެނީއެވެ. އޭނާގެ ހިތަށްއަރަނީއެވެ. ސަރުރުޖުއާލާ ޕްރަޝާދުގެ ގާތުގައި އޭނާގެ ހިތުގައިވާ އެއްޗެއް ފާޅުކުރާނީ ކިހިނެއް ބާވައެވެ.
އޭނާ ވަނީ މިހާރު ބަލިވެ އުޅޭ އޭނާގެ ދަރިފުޅު ޑޮކްޓަރަށް ދެއްކުމަށް ޓަކައި ލާރިކޮޅަކަށް އިންތިހާ ދަރަޖައަށް ބޭނުންވެފައެވެ. އަދި މި ފެންނަނީ ސަރުޖުއާލާ ޕްރަޝާދުގެ ދަރިފުޅަށް ޓަކައި ރަށުގެ ހުރިހާ ޑޮކްޓަރުން ގެންނަ ތަނެވެ. ފައިސާ ފެން ހެން އޮހޭ ތަނެވެ.
އެންމެ ފަހުން އޭނާ ހިތްވަރުކޮށްލައިފައި ސަރުޖުއާލާ ޕްރަޝާދު ގާތުގައި ބުނެފިއެވެ.
"ސަރ! އަޅުގަނޑުގެ ދަރިފުޅު ވަރަށް ބައްޔެވެ. އޭނާއަށް…"
"އިހަށް އަނގަ ގަދަނުކޮށް މަޑުން ހުރެބަލަ.” ސަރުޖުއާލާ ޕްރަޝާދު އަލިފާންގަނޑެއް ހެން ވެއްޖެއެވެ.
"އަހަރެން މިޔޮއްގެން ފުރާނަ ދަނީ. އެކަމަކު ކަލޭ އިޑިއަޓު އަމިއްލަ ކަމަކާ ހެދި ރޮއި ހޭރެނީތަ؟ ޝަޓްއަޕް."
މިހެން ބުނެފައި އޭނާ އެތެރެއަށް އެބަ ދުއްވައިގަތެވެ. އެ ވަގުތު ނޯތޭޖުގެ ގެއިން މީހަކު އަތުވެއްޖެއެވެ. އެއީ އެބައިމީހުންގެ ގޭގެ އަވަށްޓެރިއެކެވެ. ވަރަށް ހިތްހެޔޮވެސް މީހެކެވެ. އޭނާ ބުންޏެވެ.
"އަވަހަށް ހިނގާ. ކަލޭގެ ދަރިފުޅު ހަމަ ކިރިޔާ އޮތްކަން."
މިއަޑު އިވުމާ އެކު އޭނާއަށް ހަތަރު އުދަރެސް ފެނުޖެހިއްޖެއެވެ. ދެން ކުރަންވީ ކީއްކަމެއް ވެސް ނޭނގިއްޖެއެވެ.
އެ ވަގުތު ސަރުޖުއާލާ ޕްރަޝާދު އަނެއްކާ ވެސް ބޭރަށް ނިކުމެއްޖެއެވެ. އޭނާ ގާތު އަނެއްކާ ވެސް އެ ވާހަކަ ނަންގަނެވޭތޯ ބަލަން އުޅެނިކޮށް އޭނާ ދަތްކުނޑި ވިކައިލައިފައި ބުންޏެވެ.
"އަދިވެސް ކަލޭ މިތާނގައި ހުރީތަ. ގެޓްއައުޓް ޔޫ އިޑިއަޓް."
އޭނާ ނޯތޭޖު ހިސާބަކަށް ގަންނަވައިލިއެވެ. ނޯތޭޖު ދުވެފައި ގޮސް ތިރިވީ ޑޮކުޓަރެއްގެ ދެފައިތިލަ މައްޗަށެވެ.
"ޑޮކުޓަރު ސާހަބު! އަޅުގަނޑުގެ ދަރިފުޅު މަރުވަނީ. މާތްރަސްކަލާނގެ ރަސްކަންފުޅަށް ޓަކައި ޑޮކުޓަރު ސާހަބު!”
"އަނގަގަދަ ނުކުރޭ!" ޑޮކުޓަރު ބުންޏެވެ.
"އަހަރުމެންގެ މަސައްކަތް ބޮޑުކަން ކަލެއަކަށް ނުފެނޭތަ؟"
އަނެއްކޮޅުން ނޯތޭޖުގެ ގެއިން އަނެއް ޚަބަރު އަތުވެއްޖެއެވެ. އޭނާގެ ދަރިފުޅު މަރުވެއްޖެއެވެ.
އޭނާ ކާލިއަޅައިލައިފިއެވެ. ސަރުޖުއާލާ ޕްރަޝާދު ބޮލުން އިސްތަށި އުފުރަމުން ބޭރަށް ނުކުމެއްޖެއެވެ. ޑޮކުޓަރުން އޭނާ މަތަކުރެވޭތޯ އުޅެއެވެ.
"އަޅުގަނޑުމެން ހިތާމަކުރަން ސަރ." ޑޮކުޓަރު ދެއަތް ދެއަތަށް އުނގުޅަމުން ބުންޏެވެ.
"އަޅުގަނޑުމެންނަށް ކަލާގެ ދަރިފުޅު ސަލާމަތެއް ނުކުރެވުނު. ގުދުރަތާ ހަމަލާ ދެވޭނީ ކާކަށްތޯ؟"
ދެން ހުރިހާ މީހުން އެތެރެއަށް ހިނގައިގެންފިއެވެ. މި އޮއިވަރުގެ ތެރޭގައި ނޯތޭޖު ވެސް އެތެރޭ ކޮޓަރިއަށް ހިނގައްޖެއެވެ.
ސަރުޖުއާލާ ޕްރަޝާދު ރޮއިގެންފައި އެނދުމައްޗަށް ވެއްޓިގަތެވެ. އޭނާ މަގޭ ދަރިފުޅާއޭ ގޮވައިލައިފައި އެ ފަށުވި ފޮތިގަނޑު އުފުއްލައިލިއެވެ. އެނދުމަތީގައި މަޑު ގޮދަޑީގައި އޭނާގެ އެ ސިއްހަތު ރަނގަޅު އާސާމީ ބުޅާ އަޓްލަސް އާއި ކަމްޚާބުފޮތީގެ ގޮދަޑިއެއްގައި މަރުވެގެން ދެމިފައި އޮތެވެ. އޭނާ ހަޅޭއްލަވަލަވައިފައި ރޮނީއެވެ.
މި މަންޒަރު ފެނިފައި ނޯތޭޖުގެ ލޮލުން ލޭ އޮހޮރިގެން އަތުވެއްޖެއެވެ… އޭނާ މޮޔައެއް ހެން ކަކަކަކަ އަޅައިފައި ހީނގެންފިއެވެ.
"ތިޔައީ ކަލޭގެ ދަރިފުޅަކީ…؟" އޭނާ ސަރުޖުއާލާ ޕްރަޝާދު ތަޅުވައިގެންފައި ބުންޏެވެ.
"ތިޔަ ދަރިފުޅާ ހުރެތަ ކަލޭ ރަށުގެ ހުރިހާ ޑޮކުޓަރުންގެ ދިރިއުޅުން ހަރާން ކުރީ؟ ދެން އޭނާ ހަމަޖެހިލައިފައި ލަސްލަހުން ޖުމުލަތަކަށް ބާރުލައިފައި ބުންޏެވެ.
"އަހަރެންގެ ދަރިފުޅު ވެސް މަރުވެއްޖެ. މަރުވީ އެއްވެސް ބޭހަކާ ފަރުވާއަކާ ނުލައި. އެއީ އެ ދަރިފުޅަކީ ސަރުޖުއާލާ ޕްރަޝާދުގެ އާސާމުގެ ބުޅާ ކަމަށް ނުވާތީ. އަދި ކީއް. އެއީ، ސަރުޖުއާލާ ޕްރަޝާދު ނޫން އެހެން އިންސާނެއްގެ ކުއްޖަކަށް ވާތީ. އެއީ ހަމައެކަނި އިންސާނަކަށް ވާތީ. ހަމަ އެގޮތަށް އިންސާނުން މި ދުނިޔެމަތީގައި މަރުވާން ޖެހޭނެ. ސަރުޖުއާލާ ޕްރަޝާދު ކަހަލަ ޖަނަވާރުން މި ބިންމަތީގައި އުޅޭހާ ދުވަހަކު."
ދެން އޭނާ މޮޔައެއް ހެން ބޮލުގެ އިސްތަށިތަކަށް ދަމަމުން މޫނުމަތީގައި ތަޅަމުން ސަރުޖުއާލާ ޕްރަޝާދުގެ ކޮޓަރިން ބޭރަށް ނުކުމެއްޖެއެވެ.
ނޯތޭޖު ލޮލުގެ ކުރިމަތީގައި ވަނީ އަނދިރިކަން ފެތުރިފައެވެ. އޭނާގެ ދުނިޔެ އަނދިރިވެއްޖެއެވެ. އޭނަ ހަލުވިހަލުވި ފިޔަވަޅުތަކެއްގައި ފުޓުޕާތުން ހިނގައިފައި ދަނިކޮށް ކުއްލިއަކަށް މީހެއްގެ ގައިގައި އަޅައިގެންފިއެވެ.
"އަނދިރީތަ. ބަލައިގެން ހިނގާ…"
އެމީހާ މީނާ ނަގަމުން ބުންޏެވެ. ދެން ނޯތޭޖާ ދިމާއަށް ބަލައިލައިފައި ކުއްލިއަކަށް ހަޅޭއްލަވައިގަތެވެ.
"ނޯތޭޖު….! ބަލަ ކަލޭތަ!!"
އޭނާ ނޯތޭޖާ ދިމާޢަށް ހައިރާންވެފައި ބަލަން ހުއްޓެވެ.
"ކީއްތަވީ ކަލެއަށް؟ ތިޔަވަރަށް ފިކުރުބޮޑުވެފައި ތިހުރިއްޔޯ؟" އޭނާ ނޯތޭޖުގެ ކޮނޑުގައި ހިފައި ހަލުވައިލައިފައި ބުންޏެވެ.
"ކަލެއަށް ތިޔަހެން ވާން ޖެހުނީ ކީއް ވެގެން؟"
ދެން އޭނާ ނޯތޭޖު ގޮވައިގެން ކުރިމަތީގައި ހުރި ރާބޯތާކަށް ވަދެއްޖެއެވެ. އޭނާ ކެބިންގެ ތެރެއަށް ގޮސް ނޯތޭޖުގެ ދެކޮނޑުގައި ހިފައި ގޮނޑީގައި ބޭންދިއެވެ.
" ހޫން. ދެން ބުނެބަލަ.! ކިހިނެއްތަވީ؟" އޭނާ ނޯތޭޖު ކުރެން އެއްސެވެ. އެއާ އެކު އޭނާ ނޯތޭޖުގެ އެއްވެސް ޖަވާބަކަށް އިންތިޒާރު ކުރުމަކާ ނުލައި ތަގުރީރު ދޭން ފެށިއެވެ.
"އޭ ރަހުމަތްތެރިޔާ! ކަލޭ މިހާ ތަނަށް ދުނިޔެއާ މެދު ތިޔަ ހީކުރަނީ ވަރަށް ކުށް ހީއެއް. މި ދުނިޔެއަކީ ކަލޭ ތިޔަ ހީކުރާ ކަހަލަ ތަނެއް ނޫން. މި ތާނގައި ގަދަރުހުރީ ރީތި އަޚްލާގެއްގައެއް ނޫން، ވިޔާ ނުދާކަމުގައި. މިތާނގައި ރީތި އަޚުލާގަކީ މޮޔަވުމުގެ ދެވަނަ ނަން. މި ތާނގައި ސީދާ ތެދު މަގުގައި ހިނގައިގެން އެކަކަށް ވެސް ތަނަވަސް ކަމާއި ބާއްޖަވެރިކަމުގެ މަންޒިލަކަށް ނުދެވޭނެ."
ވޭޓަރ އައުމުން އޭނާގެ ވާހަކައިގެ ސިލްސިލާ މެދުކަނޑައިލައިފައި، ދެ ޕެގުގެ ހެއިގާ ވިސްކީއަށް އޯޑަރު ކުރިއެވެ. އަދި ހިސާބަކަށް ކާނޭ ބޯނޭ ބައެއް އެއްޗެހި ގެނައުމަށް ވެސް އެންގިއެވެ.
ދެން މިތަކެތި ގެނައުމުން އޭނާ ވިސްކީއަށް ސޮޑާއެއްކުރިއެވެ. ގަނޑުފެން އެޅިއެވެ. ތަށި ނޯތޭޖާ ދިމާއަށް ދިއްކޮށްލިއެވެ.
"މީގައި ހިފާ. މިހިރީ ދުނިޔޭގެ ހުރިހާ މޮޅިތަކުގެ އެއްވަނަ ބޭސް."
އޭނާ އޭނާގެ ތަށި ނޯތޭޖުގެ ތަށީގައި ޖައްސައިލިއެވެ. ދެން އެތަށި އޭނާގެ ތުނބުގައި ޖެއްސެވެ. ނޯތޭޖުގެ ތަށި އަދިވެސް އޭނާގެ އަތުގައި ތުރުތުރު އަޅައަޅައި ހުއްޓެވެ.
"ތިޔަ ބޯލާ…." އޭނާ ނޯތޭޖުގެ ތަށި ގަދަކަމުން ނޯތޭޖުގެ ތުނބުގައި ޖެއްސިއެވެ. ނޯތޭޖު އެއް ނޭވާއިން ތަށި އެކުގައި ހުސްކޮށްލިއެވެ.
"ހިޔަރ ޔޫ އާރ."
އޭނާ އަނެއް ޕެގު ހެއިގް ގެނުވިއެވެ. މިހާރު އަނެއް ތަށި ވެސް ނޯތޭޖުގެ ތުނބުގައި ޖައްސައިފިއެވެ.
"ބުނަންތަ ރަހުމަތްތެރިޔާ." އޭނާ ބުންޏެވެ.
"ނިކަން އަހަރެން މިއުޅޭ ގޮތަށް ބަލައިލަބަލަ! މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން އަހަރެން ވެސް އުޅުނީ މިހާރު ކަލޭ ތިޔައުޅޭ ގޮތަށް. ކަލޭ ވެސް ރަނގަޅަށް ހަނދާން ހުންނާނެ. އަހަރެމެން ދެ މީހުން މަސައްކަތެއް ލިބޭތޯ ނުކުތީ ހަމަ އެކުގައި ނޫންތަ؟ އޭރު މަސައްކަތް ކުރިކުރި ހެން ވަޒީފާތައް ދިޔައީ ހައްތާ ވެސް އަހަރެމެންނާ ދުރަށް. މާތް ދިރިއުޅުމެއް އުޅުމަށް ޓަކައި އަހަރެމެން ނުކުރަނީ ކީއް! އެހެން ނަމަވެސް ހުރިހާ ކަމެއް ވެސް ދިޔައީ ތޮޅިޔަށް. ހުރިހާ މަސައްކަތެއްވީ ބޭކާރު. މީހަކު އަހަރެން ދިރިއުޅުނަވެސް ނުދިން. ދެން އަހަރެން ތަހުޒީބޭ އަޚްލާގޭ ދުނިޔެއޭ ކިޔާ ވިޔާނުދާ، ގެއްލުމާއި ހަލާކުދޭ މަގު ދޫކޮށްލީ. ދެން ދުނިޔެއަށް ޖެހުނީ އަހަރެންގެ ފައިތިލައިގެ މައްޗަށް ތިރިވާން. މިހާރު އަހަންނަކަށް ނާތަހުޒީބޭ ކިޔާނެ އެކަކު ވެސް ނޫޅޭނެ. ހުރިހާ އެންމެން ވެސް އަހަންނަށް އިހުތިރާމް ކުރޭ. ހުރިހާ އެންމެން ވެސް އަހަރެންގެ ކުރިމަތީގައި ލެނބޭ. އެއީ ކީއްވެގެން. މިހާރު އަހަރެންގެ އަތުގައި ލާރި ހުރީތީ. ފައިސާ ހުރީތީ. ދުނިޔޭގެ ކަޅިހުއްޓިފައި ހުންނަނީ ރުފިޔާގެ ދަޅަތަކާ ދިމާއަށް. އެންމެން ވެސް ބަލަނީ ރުފިޔާއަށް. އެކަކު ވެސް މި ރުފިޔާ އަންނަނީ ކޮންތާކުންތޯއެއް ނުބަލާ. އަދި އެ ހޯދަނީ ކީއްކޮށްގެން ކިހިނެއް ހަދައިގެންތޯއެއް ވެސް ނުބަލާ.
މި ދުނިޔޭގައި އުޅޭ މީހުންނަށް މާތްކަމާއި މަތިވެރި ކަމުގެ ސެޓުފިކެޓަކަށް ފުދެނީވެސް ރުފިޔާ. އެނޫން އެކައްޗެއް ވެސް ނޫން.
އަހަރެން ނުކުރަނީ ކޮންކަމެއް؟ ދުނިޔެ ނުބައޭ ބުނާ ކޮންމެ ކަމެއް އަހަރެން ކުރަން. ކަނޑައެޅިގެން ގާނޫނާ ވެސް ޚިލާފުވަން. ގާނޫނުގައި މަނާކޮށްފައިވާ ކޮންމެ ވިޔަފާރިއެއް ކުރަން. މި ބާވަތުގެ ވިޔަފާރިން އަހަރެންގެ ދިރިއުޅުން ކިހާ ހިސާބަކުން ކިހާ ހިސާބަކަށްކަން ގޮސްފައި ވަނީ ކަލެއަށް ވެސް ފެންނާނެ. ކުރިން އަހަންނަށް ކަޑަލަ ގޮއްޓެއް ދިއްކޮށްލާނެ ހޮޓަލެއް ވެސް ނުވޭ. މިހާރު އިންޑިއާގެ އެންމެ ބޮޑެތި ހޮޓާތަކުގައި އަހަރެންގެ އެކައުންޓު ހިނގާ. މީހުން އެ ތިބެނީ އަހަރެންގެ އިޝާރާތަށް ނަށަނަށާ. އަހަރެން މިހާރު މި، ދުނިޔޭގެ މޫނުމައްޗަށް ކުޅުޖަހަނީ. ދުނިޔޭގައިވާ އެންމެ ވިޔާނުދާ ކުށްތައް މިހާރު އަހަރެން ކޮށްކޮށް ހުރުމާ އެކު ވެސް ސޮސައިޓީގެ ނަޒަރުގައި އަހަރެން މީ ދުނިޔޭގެ މި ހިނދަށް ހުރި އެންމެ ރަނގަޅު މީހާ. އަޚުލާގަކީ ރުފިޔާގެ އިމްތިހާނު. ތަހުޒީބީ ސޮސިއިޓީތަކަކީ ގުނިގުނި ހުންނަ ނޫޓުތަކުގެ ދެވަނަ ނަން.
މާތް މީހަކަށް ވެގެން އަބަދުވެސް ކަލެއަށް ޖެހޭނީ ތިޔަހެން ގަނަތެޅެން. މީހަކު ހޭވެސް އަހައިނުލާނެ. އަނގައިން ބުނެލުން އެއްކިބައިގައި އޮއްވާ ކަލޭގެ ތިޔަ ނިކަމެތި ދަށް ހާލަކަށް މީހަކު އިސް އުފުލާ ބަލައިލުމުގެ އުނދަގޫ ވެސް ނޫފުއްލާނެ."
"ކަލޭ ތިޔަބުނީ ހަމަ ތެދެއް. ރަހުމަތްތެރިޔާ." ނޯތޭޖު ތުރުތުރު އަޅަމުން ބުނެލިއެވެ. އެ ފަހަރު އޭނާ އަމިއްލައަށް
އަނެއް ޕެގު ހަދައިލިއެވެ. މިއީ ނޯތޭޖުގެ ޚަލްގުން އެތެރެވި ހަތަރުވަނަ ތައްޓެވެ.
"އަހަރެން ވެސް މިއަދުން ފެށިގެން މި ވިޔާނުދާ ދުނިޔޭގެ މޫނަށް ކުޅުޖަހައި މޫނުމަތި ހަޑިކޮށްފައި މާތްމީހަކަށް ވާނަން."
އޭނާ ތުރުތުރު އަޅަން ފެށިއެވެ.
"ގޮތްކުޑަ ދުނިޔެ….!" މީހަކު ރަނގަޅަށް އުޅެންޏާ ހައްތާ ދޭނީ ދެރަ. ދެން މި އުޅެނީ މާތް އިންސާނަކަށް ވާން
ފާޅުގައި ޒިނޭ ކުރަން ފަށަން. އަހަރެން…މި… ގޮތްކުޑަ… ދުނި…ޔެ."
"ގޮތްކުޑަ އިރުއިރުކޮޅާ މިތަނަށް ތިޔަ އަންނަނީ ކޮން އެއްޗެއް ބޯންތަ؟" އޭނާ ތުރުތުރު އަޅަމުން ބުންޏެވެ. އަދި ވެއިޓަރު އަތުގައި ހުރި ރަތްކުލައިގެ އޮލަ ޝެމްޕޭން ފުޅި އަތުލައިފައި އޭނާގެ ބޮލުގައި ޖަހައިފިއެވެ. ވެއިޓަރުގެ ހުދު ހެދުން ރަތް ކުލައިން ފޯވެއްޖެއެވެ. އޭނާ ނުރައްކާ ގޮތަކަށް ބިރުން ހުރެ ވެއިޓަރުގެ މި ހުދުހެދުމުގެ ރަތްކުލައަށް ބަލައިލައިފައި މޮޔައެއް ހެން ކެބިނުން ބޭރަށް ނުކުމެގެން ދުއްވައިގެންފިއެވެ. އޭނާ ދުވެފައި ދަނީ ވަރަށް ބާރަށެވެ.
ކުއްލިއަކަށް އޭނާއަށް މީހަކު ފެނިފައި އެ ހިސާބަށް ހުއްޓެވިއްޖެއެވެ. ދެން މަޑުމަޑުން ހިނގަން ފަށައިފިއެވެ. މުޅިން ވެސް ވަގެއް ހެންނެވެ.
(ނުނިމޭ)
