ބައެއް މީހުން އެމީހުންގެ ހިތުގެ އުންމީދުތައް ޙަޔާތުގެ ބައިވެރިޔާއަށް ސިއްރުކުރެއެވެ. އަދި އެކުރެވުނީ ވަރަށް މޮޅު ކަމެއް ކަމަށްވެސް ދެކެއެވެ. ބައިވެރިޔާއަށް ސިއްރުން ތިމާގެ ހިތް ނީލަންކިޔާ މީހުންވެސް މަދެއް ނޫނެވެ. ސިއްރު ފަޅާ ނުއަރައި އޮންނާތީ އެމީހުން ތިބެނީ އެކަންކަމަށް ފަޚުރުވެރިވާ ޙާލުގައެވެ.
ނަމަވެސް ޙަޤީޤަތަކީ އެއީއެއް ނޫނެވެ. ޙަޤީޤަތް މުޅިން ތަފާތެވެ. ތިބާގެ ހިތުގައި ފޮރުވައިގެން ގެންގުޅޭ ބޮޑު ސިއްރު ހަމަ އަކުރުން އަކުރަށް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އަދި ކީއްހެއްޔެވެ؟ ތިބާ އަމަލުން ކުރާ ކަންކަމުގެ އިތުރުން ތިބާ ދެކެމުން ގެންދާ ހުވަފެންތައްވެސް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. ވީއިރު ބައިވެރިޔާއަށް އެކަން ސިއްރު ކުރެވުމުން އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟
މިފުރުޞަތުގައި ބަހެއް ބުނަން މިއުޅެނީ ހިތުން ވައްކަންކުރާ މީހުންނަކަށް ނޫނެވެ. އެކަމުގެ ސަބަބުން ގެއްލުން ލިބޭ މީހުންނަށެވެ.
އެއްވެސް ވަރަކަށް ކަންބޮޑުނުވާށެވެ! ތިބާގެ އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއި ތިބާ ބޭނުންވާ ގޮތް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އަދި ތިބާއަށް އެންމެ ފައިދާކުރާނެ ގޮތްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. ވީއިރު މަކަރުވެރިޔާއަށް ތިބާއަށް ދެވޭނީ ކޮން ގެއްލުމެއް ހެއްޔެވެ؟ ހަމަ އެއްވެސް ގެއްލުމެއް ނުދެވޭނެއެވެ.
ވީމާ އޭނާ ވަގަށް ނެގި އެއްޗެއް ހިފައިގެން އޭނާ ދިއަ ދޭށެވެ. މާނައަކީ އޭނާ ހެދި މަކަރު އޭނާއަށް ދޫކޮށްލާށެވެ! ކަންބޮޑުވެގެން ނުއުޅޭށެވެ! ތިބާ ބޭނުންވާ ގޮތް ﷲ ތަޢާލާއަށް ދަންނަވަމުން ގެންދާށެވެ. އެކަމުގެ އެންމެ ރަނގަޅު ވަގުތުގައި ތިބާ އެދޭ ގޮތަށްވުރެވެސް މާފުރިހަމަ ގޮތްތައް ﷲ ތަޢާލާ މެދުވެރިކުރައްވަވައި ދެއްވަވާނެތެވެ.
އަބަދުވެސް ހިތުގައި ޔަޤީންކަން ބާއްވަންވީ ﷲ ތަޢާލާއަށް ވަކީލުކޮށްގެން ހުންނަ މީހާ މާޔޫސްވާން ނުޖެހޭނެ ކަމެވެ! ވީމާ ބައިވެރިޔާ ސިއްރުން ކަމެއް ކޮށްފާނެތީ ނުވަތަ ކުރާތީ ދެރަވެ ކަންބޮޑުވުމެއް ނެތެވެ! ޙަޤީޤީ އުފާވެރިކަން ލިބޭނީ ﷲ ތަޢާލާއަށް ވަކީލުކުރުމުގައި ސާބިތުވާ ބައަކަށެވެ.
– އިސްލާމީ ތިލަފަތުގެ ދަރުސަކުން
މިއަދުނޫހުން ނަގާފައި
