(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)
އައިންއަށް ހާއިޝް ގައިގާ އޮޅުލައި ގަނެވުނެވެ. އަދި ލޯމަރައިގެން ހުރެ ބާރަށް ރޯންފެށިއެވެ. ހާއިޝް އޭނާ ދެއަތުން އައިން ގެނެސް ގައިގާ ވަށައިގެން ވާކަހަލަ ގޮތަކަށް ހިފަހައްޓާލިއެވެ. ދެން ދުވަހަކުވެސް އޭނާ ދޫކޮށްފައި ނުދާށޭ ބުނާ ކަހަލަ ގޮތަކަށެވެ.
"އައިން. ރަނގަޅުތަ؟ ތަނަކަށް ތަދުވިތަ؟" ހާއިޝްވަނީ ކަންބޮޑުވެފައެވެ. އައިން ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރަމުން ރޮމުންދެއެވެ. އޭނާވަނީ ބިރުގެންފައެވެ.
"ދެން ނުރޮއި. އިރާދަކުރެއްވީތީ އެއްވެސް ގެއްލުމެއްނުވޭ." ހާއިޝް އައިން ކޮޅަށް ނަގާ ގަޔާ ކައިރި ކޮށްލިއެވެ. އަދި އައިން ބޮލުގައި ފިރުމާލާ ނިތްކުރީގައި ތުންފަތް ޖައްސާލިއެވެ. އޭރުވެސް އައިންއަށް ރޮވެނީއެވެ. ނަމަވެސް މިހާރު އެރޮވެނީ އޭނާގެ ދިރިއުޅުމާމެދުގައެވެ. ހާއިޝް އޭނާދެކެ ކިހާ ލޯބިވޭހެއްޔެވެ؟ އޭނާއަށް ކިހާ އޯގާތެރި ހެއްޔެވެ؟ ވީއިރު އޭނާ ނިޝާއާއި ގުޅުނީ ކީއްވެހެއްޔެވެ؟
ނޫނެކެވެ. ހާއިޝް އޭނާއަށް އޮޅުވާލީއެވެ. ނިޝާއަކީ އޭނާގެ ސިއްރު ބައިވެރިއެއްކަމުގައި ހެދީއެވެ. ޒޫނާއަށް ގޯނާ ކުރީއެވެ. އެކަހަލަ މީހުންނަށް އެނޫން ގޮތަކަށް ނޫނީ ނޫޅެވޭނެއެވެ. ކުއްލިއަކަށް އޭނާއަށް ދުރަށް ޖެހިލެވުނެވެ. ހާއިޝަށްވެސް އޭނާގެ މިހަރަކާތުން ދުރަށް ޖެހެވޭގޮތްވިއެވެ.
"ސޮރީ." ހާއިޝް ހިތްހަމަނުޖެހިފައި ހުރި އައިންއަށް ބަލަހައްޓައިގެން ހުރެ ބުނެވުނެވެ. އައިން އެއްޗެކޭ ނުބުނެ ހިނގައިގަތެވެ. އައިންގެ ފަހަތުން ހާއިޝްވެސް ދަބަސް ހިފައިގެން ހިގައިގަތެވެ. އޭރުވެސް ވެހެމުންދާ ވާރޭ ހުއްޓައެއްނުލައެވެ.
"އެކުދިން ބަނޑުހައި ވީކަންނޭނގެ." މުދިންބެ މިހެން ބުނީ އެކުދިން ރޯތީއެވެ. ހަމަ އެއާއެކު ހާއިޝް ގެއަށް ވަނުމާއެކުހެން ދެކުދިން އައިސް އޭނަގައިގާ އޮޅުލައިގަތެވެ.
"އަހަރެން އެބައަންނަން." ހާއިޝް ދަބަސް ބަހައްޓާފައި ބަދިގެޔާއި ދިމާއަށް ދިޔައެވެ. އޭނާ އަވަސް އަވަހަށް އުނދުނަށް އަލިފާންލާ އުދުންމައްޗަށް ކުރާލާ ސައިކެއްކޭތޯބެލިއެވެ. ނަމަވެސް ވިއްސާރައާއި ގަދަ ވައިގެ ސަބަބުން އުދުން އިރުއިރުކޮޅަކާއި ނިވޭތީ އަނގައިން ފުމެމުން ދެއެވެ. އައިންއަށް މިމަންޒަރު ފެނުމުން ބުނަންވެސް ނޭނގޭހާ ހިތްދަތިކަމެއް އުފެދުނެވެ.
އެއީ މީހުން ގަދަރު ކުރި ޒިންމާދާރު މުދައްރިސެކެވެ. އިލްމީގޮތުން ގާބިލުކަން ލިބިފައިވި މޮޅު ޓީޗަރެކެވެ. އައިން އިންތިހާއަށް ލޯބިވި އިހުތިރާމްކުރި އޭނާއަށް ނުހަނު ޚާއްޞަމީހެކެވެ. މިއަދު އޭނާ އެވަނީ ކޮންފަދަ ނިކަމެތި ހާލެއްގައިހެއްޔެވެ؟ ކުއްލިއަކަށް އޭނާގެ ގޮތްދޫނުކުރާ ހިތް ހާއިޝާ މެދު ރަހުމުން ފުރިއްޖެއެވެ. މިހާރަކަށް އައިސް އޭނާގެ ފަރުވާކުޑަ ޢަމަލާއި ހަރު ހިތަށް ރަހުމް ވަދެއްޖެއެވެ.
"ގެނޭ އަހަރެން އަތަށް." އައިން އުނދުނާއި ކައިރިވެލަމުން ބުންޏެވެ. ހާއިޝް ދުރަށް ދާން ހިނގައިގަތީ އައިން އޭނާއާއި ވާހަކަދެއްކީމާ އުފަލުންނެވެ. މަޑުމަޑުން އައިންގެ ރުޅި މަޑުވެ ދިރިއުޅުމާމެދު ސަމާލުކަން ދޭނެކަމުގެ އުއްމީދުގައި ހިތް ހަމަޖެހިގެންނެވެ.
"ކިރެއް ނެތްތަ؟"
"ނޫން. މިހުރި ދަޅުގައި ހުންނާނެ." ބަދިގެ ފިލާމަތީގައި ހުރި ދަޅަށް އިޝާރާތް ކޮށްލަމުން ބުންޏެވެ.
"ކޮންކުއްޖެއް ބައްޕައަތުން ސައިބޯނީ." ހާއިޝް ގެއަށްގޮސް ދެކުދިން މަސަލަސް ކޮށް ސަކަރާތްޖަހާ ހެދިއެވެ.
"ހުރިހާކުދިން ސައި ބޮމާދޯ." އައިން ހަތަރު ޖޯޑަށް ކަޅުސައި އަޅައިގެން އައެވެ.
"ވިއްސާރަ ދުވަހެއްގައި ހޫނު ކަޅުސަޔާއި ބިސްކޯދު ވަރަށް މީރުވާނެދޯ ކުދިންނޭ." މުދިންބެ ބިސްކޯދު ތަކެއް ގެނެސް ބޮޑުއަށީގައި ބެހެއްޓިއެވެ.
"އެކުދިންނަށް ކިރުނޭޅީ ކީއްވެ." ކުދިންނަށްވެސް ކަޅުސައި ގެނައީމާ ހާއިޝް އެހިއެވެ.
"އެއީ." އައިންއަށް އެއްޗެއް ނުބުނެވެނީސް މެދު ގޭތެރެން ތުއްތު ކުއްޖަކު ރޯއަޑަށް ހުއްޓެވުނެވެ. އަދި ހާއިޝްގެ މޫނަށް ބަލަންހުއްޓެވެ. އެބެލުމުގައި އެތައް ސުވާލުތަކެއް ވެއެވެ. ނަމަވެސް ޖަވާބު ދިނުމުގެ ކުރިން ހާއިޝަށް އެދިމާއަށް ދުއްވައި ގަނެވުނެވެ.
"ނޫން. ބައްޕަ ކުޑަކުޑަ ރިފާ އަވަހަށް ހުއްޓާލާ. ދަރިފުޅު ބަނޑުހައިވީތަ." ހާއިޝް އެއްމަސްވެސް ނުވާ އެ ތުއްތު ކުއްޖާ މެޔާލާ ބޮނޑިކޮށްލާ މަސަލަސް ކުރަމުންދިޔައެވެ. ރުޅިއާއި ހިތާމައިން ފުރިފައިވާ އައިން މިމަންޒަރު ބަލަން ހުރިތަން ފެނުމުން ހާއިޝަށް ހުއްޓެވުނެވެ. އޭނާއަށް ދެން ކުރިއަށް ދާން ޖެހިލުންވީ ގުޅުން ރަނގަޅުވަމުން އައި ދެމީހުން އަނެއްކާވެސް ދުރުވެދާނެހެން ހީވުމުންނެވެ.
"އައިން. މީ….މީ." ހާއިޝަށް ނުބުނެވެނީސް ރޮވިފައިވާ އައިން ލޮލުން ފެންފޮހެމުން ބޭރަށް ނިކުންނަން ދުއްވައިގަތެވެ. ހާއިޝް އައިންގެ ފަހަތުން ގޮސް އޭނާ ހުއްޓުވަން ދާން ބޭނުންވިއެވެ. ނަމަވެސް މި ތުއްތު ކުއްޖާ ދޫކޮށްލާފައި އޭނާ ދާނީ ކިހިނެއް ހެއްޔެވެ؟
ރޮމުންދާ ތުއްތުކުއްޖާ ގޮވައިގެން އޭނާ ބަދިގެއަށް ދިޔައެވެ. އެއްއަތުން ކުޑަ ތަރުމޯޒެއްގެ މަތިނަގާ ކުޑަ ބުއްފުޅިއެއްގެ ފަސް އައުންސާހަމައަށް ފެންއެޅިއެވެ. ދެން ކިރުދަޅުނަގާ ބަލާލިއެވެ. އެދަޅުގައި އެންމެ ކިރުކޮޅެއްވެސް ނެތްކަން އެނގުމުން އޭނާ ދެލޯ ފެންކަޅިވިއެވެ. ދެން އޭނާ އެކުއްޖާ މޭގައި ލައްކޮށްލިއެވެ.
"ކޮއްކޯ ބައްޕައަށް މާފުކުރޭ. ފަތިހު ކިރުދަޅުހުސްވީ. މިއަދު ކަންތަންވީގޮތުން ބައްޕަ ހަނދާން ނެތުނީ." އޭނާ އެކުއްޖާ މެޔާލާ ބޮނޑި ކޮށްލިއެވެ. އޭނާ އެކުއްޖާ ބާއްވާފައި ކިރުގަންނަން ދާން ނިކުތެވެ. ނަމަވެސް މާބާރަށް އެ ކުއްޖާ ރޯން ފެށިއެވެ. މިވިއްސާރައިގާ ރިފާ ގޮވައިގެން ނުދެވޭނެތީ އެކުއްޖާ ބާއްވާފައި އޭނާ ދުއްވައިގަތެވެ. ބޯވާރޭގައި ތެމިފޯވެގެން ސިއްހީ އެހީތެރިޔާގެ ގެއަށްވަނެވެ.
"ދީބަލަ އެންފެލެކް ކިރުދަޅެއް."
"ވަރަށްދެރަ. މިފަހަރު ކިރެއް ނުފޮނުވާ. އެމީހުން ބުނީ މިއަދުގެ ފެރީން ފޮނުވާނެ ކަމަށް. ވިއްސާރަކަމުން އަދި އެއްޗިއްސެއް ނުބާލާ. ފެރީވެސް ނުފުރިފައި އެއޮތީ ބައެއް އެއްޗިހި ނުބޭލިގެން." ހެލްތުވޯކަރުގެ އެދުމުގެ މަތީން ބޭހާއެކު އެންފެލެކްވެސް މިހާރު އެފިހާރައަށް ގެނެއެވެ. އެއީ އެރަށުގައި އަދި އެހެން ކުއްޖަކުވެސް އެކިރު ބޯތީއެވެ.
"ދެން ކިހިނެއް ހަދާނީ." ހާއިޝް ކަންބޮޑުވިއެވެ.
"އަޅެދޭބަލަ ހަސީނާ މެންގެއަށް. ބުނޭ އެތިކޮޅެއް ދޭށޭ." ހެލްތުވޯކަރުގެ މި ޚިޔާލަށް ތާއިދުކޮށް އޭނާ އެގެއަށް ދާން ދުއްވައިގަތެވެ.
"ކޮބާ ހަސީނާ." އެގެއަށް ވަދެވުމާއެކު އޭނާ އެހިއެވެ.
"ނޫޅޭ. އިއްޔެ ކުޅުދުއްފުއްޓަށް ދިޔައީ. ކިހިނެއްވީ." ހަސީނާގެ މަންމަ ބުންޏެވެ
"ނެތްތަ މިގޭސޮރު ބޯކަހަލަ ކިރުކޮޅެއް."
"އާން. އޭނާ ދިޔައީ މާލެ. ދެންނޭނގެ އަންނާނެ ދުވަހެއް. ކުޑަސޮރުގެ ހުރިހާ އެއްޗެއް ހިފައިގެން ދިޔައީ." ހާއިޝް ގޮތްހުސްވިއެވެ. ދެންހަދާނެ ގޮތެއްނެތިގެން ދުވެފައި ރިފާ ގާތަށް ދިޔައެވެ. ގެއަށްދެވުނު އިރު އެ ތުއްތު ރިފާ ރޮއެރޮއެ ގިސްލެވެއެވެ. ހާއިޝް އެކުއްޖާ ނާގާ އުރާލިއެވެ. އަދި ރޮވިފައިވާ އަޑަކުން އެކުއްޖާ މަސަލަސް ކުރެވޭތޯ ނާނާ ކިޔަން ފެށިއެވެ.
އޭނާއަށް ކުއްލިއަކަށް އެއްޗެއް ހަނދާންވިއެވެ. އަދި އަވަހަށް އައިން ހޯދަން ދިޔައެވެ. ބޭރު ފެންޑާގައި ހުރި އައިންއަށް ހާއިޝްފެނުމުން ފުރަގަހަށް އެނބުރުނެވެ. ދުވަހަކުވެސް އޭނާ ހާއިޝާއި ކުރިމަތި ލާހިތެއް ނެތެވެ.
"އައިން. މި މަންޖެ މިއުޅެނީ ބަނޑުހައިވެގެން. ދަޅުގައި އެއްވެސް ކިރުކޮޅެއް ނެތް." ހާއިޝް މަޑުމައިތިރި ރާގެއްގައި ބުނެލިއެވެ.
"ދެން." އައިންގެ ހުރީ އަދިވެސް ހަރުކަށިކަމެވެ.
"މިކުއްޖާއަށް އައިންގެ ގާތުން ދެވިދާނެތަ؟" ހާއިޝް އާދޭހުގެ ރާގެއްގައި ބުނެލިއެވެ. ހާއިޝް މިބުނިއެއްޗަކުން އައިންގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ހާއިޝާ ނިޝާގެ ހަޑިހުތުރު ޢަމަލުގެ ސަބަބުން ލިބުނު ކުއްޖަކު އޭނާގެ ދަރިއަކާ އެއްފަދަ ކުރެވޭނީ ކިހިނެއް ހެއްޔެވެ؟ ހާއިޝް އެފެންވަރަށްވެސް މިހާރު އެދިޔައީއެވެ. އޭނާއަށް އައިންގެ ކިބައިން މިކަން އެދެން ކެރުނީތީވެސް އޭނާ ހައިރާންވިއެވެ.
"ނޫން. އަހަރެން ހައިރާންވާކަށް ނުޖެހޭ. ހާއިޝްގެ ގޮތެއްނެތް ދިރިއުޅުން ލޯމަތިން މިހިރަ ފެންނަނީ. ހާއިޝް އަހަރެންގެ އެންމެގާތް ރައްޓެހި ކުއްޖާ ޒޫނާއާއިވެސް ނުބެހޭނެ އެއްވެސް ގޮތެއްނެތްކަން މިހާރު ޔަގީން. ކުރިން ހާއިޝަށް ލިބުނީ ހައްގު ސަޒާކަން ނޭނގުނަސް މިހާރު އަހަރެންގެ ހިތުގެ އަޑީން ހާއިޝަށް ލިބެމުން ތިދަނީ ހައްގު އަދަބުކަން ގަބޫލުކޮށްފިން. ދެރައީ އަހަރެންނަށް ކުރިން ނުވިސްނުނުކަން." އައިން ހާއިޝަށް އެއްޗިހި ގޮވާލުމަށް ހިތުތެރޭގައި ރާވާލިއެވެ. އަދި ހާއިޝާއި ކުރިމަތި ލާން ނިންމިއެވެ. މިއަދު އޭނާގެ ހިތުގައި ހުރި ހުރިހާ އެއްޗެއް އޭނާ ހާމަކޮށްލާނެއެވެ. އެގުޅުމަށް މިހިސާބުން ދެން ހަދަންވީގޮތެއްވެސް ބުނާނެއެވެ.
އޭނާ ފަހަތަށް އެނބުރިލާ ހުރިހާ ދިމާއަކަށް ބަލާލިއެވެ. ބޮޑާށީގައި އޮތް ރިފާ ފިޔަވައި އިތުރު މީހަކު އެތާކު ނެތެވެ. ރޮއިރޮއި ގިސްލެވެމުންދާ ރިފާ އޮތީ ވަރުބަލިވެފައެވެ. ކުރިން މީހުންނަށް ނުހަނު އޯގާތެރި އައިންގެ ހިތުގައި މިއަދަކު އެކުއްޖާއަށް އެއްވެސް ރަހުމެއް ނެތެވެ. އެކުއްޖާއަށް ގާތުން ނުދިންތާނގައި އެ މައުސޫމު ކުއްޖާއަށް ބަލާވެސް ނުލިއެވެ. އެހެންނަމަވެސް އޭނާ އިނީ ބިންމަތީގައި އިށީނދެގެންނެވެ. އޭނާއަށްވެސް ގިސްލެވިފައި ރޮވެނީއެވެ. މުދިންބެގެ ނަސޭހަތް ގަބޫލުކުރެވި ދެވަނަ ފަހަރަށްވެސް މިތަނަށް އާދެވުނު މޮޔަކަމުންނެވެ. ކުއްލިއަކަށް އޭނާއަށް މީހަކު ހިނގާފައި އަންނައަޑު އިވެން ފެށިއެވެ. އެމީހަކަށް ފެނުމުގެ ކުރިން އޭނާ ދޮރުގެ ނިވަލުގައި ފިލިއެވެ.
"އައިން." ހާއިޝް ފެންޑާއަށް ވަދެ ގޮވާލިއެވެ. ހާއިޝްގެއަޑަށް އަނެއްކާވެސް ރިފާ ބާރަށް ރޯން ފެށިއެވެ.
"ނޫން.ނޫން. ދަރިފުޅާ ނުރޮއި. ދަރިފުޅަށް ބަނޑުބޮޑުވާނެ ގޮތެއްނުވިދޯ. ނުރޮއި ދަރިފުޅަށްވެސް ކޮންމެވެސް ގޮތެއް އޮންނާނެ. ބައްޕައާއި އެކުހިނގާ." ހާއިޝް އެކުއްޖާ ނަގާ ކޮނޑު މައްޗަށްލިއެވެ. އަދި އޭނާގެ ލޮލުން ކަރުނަ ފޮހެލިއެވެ. ދެން ބަދިގެއަށް ގޮސް ތަރުމޯޒުން ކެއްކި ހިހޫފެންފޮދެއް ބުއްފުޅިއަށް އެޅިއެވެ. އަދި ބޭރުގައި ހުރި އުނދޯއްޔަށް އަރާފެންފުޅިޖައްސާލުމާއި އެކުހެން އެތުއްތު ކުއްޖާ ބޯންފެށިއެވެ.
ސިއްރު ސިއްރުން މަންޒަރުބަލަން ހުރި އައިންއަށް ހާއިޝް އެ ކުޑަކުއްޖާދެކެ ވާލޯބި ފެނުމުން ނިޝާގެ ހަނދާންތައް އާވާންފެށިއެވެ. ހާއިޝް މިހާ ބޮޑަށް އެކުއްޖާދެކެ ލޯބިވަނީ ނިޝާދެކެ މާބޮޑަށް ލޯބިވާތީކަމަށް އޭނާއަށް ގަބޫލުކުރެވުނެވެ.
އިރުއޮއްސި އަނދިރިވާން ފެށިއިރު އައިން ދެކުދިންނަށް ކާންދީ ނިންދަވާ ހެދުމުގައި އުޅެމުން ދެއެވެ. ހާއިޝް އިޝާ ނަމާދުން އައިއިރު އައިން އޮތީ ފެންޑާގައި ހުރި ފައްޖެހި އެނދެއްގައި އާލިން ގާތު ނިދިފައެވެ. ހާއިޝް ފުރަތަމަ ދިޔައީ އެތެރެގޭގައި އެމީހުން ބޭތިއްބުމަށް ތަންހަދާށެވެ. އޭނާ އެތެރެގެއަށް ވަންއިރު އުތުރަށް ހުރި އެނދުގެ އެއްކޮޅުގައި އާރިޒް ބާއްވާފައި އޮތެވެ. އަދި އެއެނދުގެ އަނެއްކޮޅުގައި ރިފާ ނިދާފައި އޮތެވެ. ހާއިޝް ރިފާ ގެންގޮސް ބޮޑުއަށީގައިބޭއްވީ އަދި މުދިންބެ ނަމާދުކޮށްގެން ނާންނާތީއެވެ. ދެން އާލިން ނަގާ އުރާލިއިރަށް އައިންއަށް ސިހިގެން ގޮސް ހޭލެވުނެވެ. ހާއިޝް އެކުޑަކުއްޖާ ގެންގޮސް އާރިޒް ބޭއްވިއެނދުގެ އަނެއްކޮޅުގައި ބޭއްވިއެވެ. އައިންވެސް އެއްޗެކޭނުބުނެ ގޮސް އަނެއްއެނދުގައި އޮށޯތެވެ. ހާއިޝް އެފައްޖެހިއެނދު އެތެރެގެއަށް ގެންގޮސް ރިފާ ފައްޖެހި އެނދުގައި ބޭއްވިއެވެ.
(ނުނިމޭ)
