ވާހަކަ: ތޫފާން ( ފުރަތަމަ ބައި )

ނިދިފައި އޮތް އާލިމްއަށް ސިހިފައި ބޯ ހިއްލާލެވުނީ ކޮޓަރީގެ ދޮރުފަތް ހުޅުވާލިލެއް ބާރުކަމުންނެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު އާލިމް އަނެއްކާވެސް ބާލީހުގެ ތެރެއަށް މޫނު ކޮށްޕާލީ އިތުރަށް ނިދަން ބޭނުންވެގެންނެވެ.

" ނިދާކަމަށް ހަދާނެ ކަމެއް ނެތް! އަހަރެން ބުނީމެއްނު އާލްގެ އާރޓް ގަޑިއަށް މިއަދު ފެންކުލަ ގެންދަން ޖެހޭ ވާހަކަ"

ސިއްސައިގެން ގޮސް އާލިމް ދެލޯ ހުޅުވާލީ، ޖެނީގެ ޖުމްލައިންނެވެ. އެއާއެކު އޭނާ އަވަސް އަވަހަށް ފުންމައިގެން ތެދުވެއްޖެއެވެ.

" އަހަރެން ހަނދާން ނެތުނީއޭ! ދަންވަރު ޑިޔުޓީ ނިންމާފައި އެހާ ދުރަށް ދުއްވާފައި އަންނަން ޖެހޭތީ އަހަރެން ހުންނަނީ ވަރަށް ބޮޑަށް ވަރުބަލިވެފައި. އެހެންވެ ނިދާލަން ބޭނުންވެގެން ސައިވެސް ނުބޮއި މިއައީ! "

ގަޔަށް ޓީޝާޓް މަހާލަމުން އާލިމް ބުނެލިއެވެ. އޭރުވެސް ޖެނީ ހުރީ ކޮޓަރީގެ ދޮރުމަތީގައެވެ.

" ހޫމް! ނިދާ! ދެން މިއަދު އާރޓްގަޑީގައި އާލް މަސައްކަތް ނުކޮށް އިނދެފާނެއެއްނު…"

ހިތްހަމަ ނުޖެހޭ ރާގަކަށް ޖެނީ އެހެން ބުނުމުން އާލިމްއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. ކަންނެތް ގޮތަކަށް ހިނގާފައި ގޮސް އޭނާ ޖެނީގެ އަތުގައި ހިފައިގެން ސިޓިންގރޫމަށް ދާން މިސްރާބު ޖެހިއެވެ.

" އަހަރެން މި ބުނީނު ހަނދާން ނެތުނީއޭ! ދެން މަންމި ރުޅި ނާދެބަލަ.. މި ދަނީއޭ"

އޭރު ސިޓިންގރޫމް ސޯފާގައި އާލް އިނީ ތައްޔާރު ވެގެންނެވެ.

" އާލިމް އެހާ އަވަހަށް ނިދަން އޮށޯތްއިރު ހަނދާނެއް ނެތް ދޯ އާލް އަދި ސްކޫލަށް ގެންދަން ޖެހޭކަން"

ދޮރުން ނިކުމެ ނިކުމެ ހުރި އާލިމްއަށް ޖެނީގެ ޖުމްލަ އަޑު އިވުނު ނަމަވެސް އޭނާ އިތުރަށް މަޑުނުކޮށް ނިކުމެގެން ދިޔައެވެ. އާލިމް ދިޔުމުން ޖެނީ އަވަސްވެގަތީ އާލްގެ ސްކޫލް ދަބަހަށް ފޮތް އެޅުމަށެވެ.

" ދަރިފުޅު އަވަހަށް ފެންފޮދު ހުސްކޮށްލަބަލަ! މަންމަވެސް ވަރަށް ނިދި އެބަ އާދޭ! ދަރިފުޅު ސްކޫލަށް ދިޔައީމަ މަންމައަށް ނިދޭނީ.."

ޖެނީގެ އެދުމަށް އާލް އަވަސް އަވަހަށް ފެންތަށި ބޯލިއެވެ. އޭރު އާލިމްވެސް އެނބުރި އަތުވެއްޖެއެވެ.

" ދަރިފުޅު އަވަހަށް ދޭ! "

އާލިމް ފެނުމާއެކު ޖެނީ އަވަސް އަވަހަށް ބުނެލިއެވެ.

" ސްކޫލްދޮަށަށް ދަންޏާ އަދި މޫނު ދޮވެލަން ވާނެއެއްނު.. މިހެން ނުކެރޭނެ ދާކަށް"

ދެއަތުން މޫނު ފުހެލަމުން އާލިމްއަށް ބުނެވުނެވެ. އާލިމްގެ ޖުމްލައާއެކު ޖެނީއަށް ބަލައިލެވުނީ ސޯފާ މަތީގައި އޮތް އޭނާގެ ފޯނަށެވެ.

" ނޫން ނޫން.. ދެން އޮތީ ގަޑި ޖެހެން އެންމެ ފަސް މިނިޓް.."

" ދެން އެހެންވިއްޔާ ޖެނީ ގޮސްލަންވީނު… މިތާ ކަންމަތީގައި ވިއްޔަ އެހުރީ ސްކޫލް!"

އާލިމް އެހެން ބުނުމާއެކު ޖެނީގެ މޫނުމަތީގައި ރުޅިވެރިކަން އުފެދިއްޖެއެވެ.

" އާނ! ދެން އާލް މިއަދު މަޑުކުރޭ! ސްކޫލަށް ދާނެ ކަމެއް ނެތް.. އާލްގެ ބައްޕައަށް އެވަރު ބޮޑުވީ.. މިހުރީ އަހަރެން ހުރިގޮތް.. މިހެދުމުގައި އަހަންނަށް ދާން ކެރޭނެތަ؟"

" ދެން ރުޅި ނައިސްބަލަ! އަހަރެން މިދަނީއޭ.."

ބަދިގެ ސިންކާ ދިމާއަށް ދަމުން އާލިމް ބުންޏެވެ. އޭރުވެސް ޖެނީ ހުރީ އާލިމާ ދިމާއަށް ބަލާށެވެ. ސިންކުން މޫނު ދޮވެލުމަށްފަހު އާލިމް އަވަހަށް ދޮރާ ދިމާއަށް ހިނގައިގަތީ ސިޓިންގރޫމްގައި ހުރި އާލްގެ އަތުގައި ހިފައިގެންނެވެ.

އާލިމް ދިޔުމާއެކު ފޯނު ހިފައިގެން ޖެނީ ވަނީ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެވުމާއެކު އޭނާ ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. އަދި އަވަސް ހަރަކާތްތަކާއެކު ފޯނު ހާވަން ފެށިއެވެ. އެއާއެކު އޭނާ ނިދި ޖެހޭކަށް މާ ގިނައިރުތަކެއް ނުނެގިއެވެ.

" ނިދަނީތަ؟ އެސޮރު ބަލައިދާން ޖެހޭނެ އެއްނު! ހޭލެވޭނެތަ؟ "

ބްލޭންކެޓްގެ ދަށަށް ވަންނަމުން އާލިމް ބުނެލި ޖުމްލައާއެކު ޖެނީ ބޯ ހިއްލާލިއެވެ.

" އަޅެ އާލިމެއް ނޫންތަ ދާނީ؟ "

ކަންނެތް ގޮތަކަށް އެހެން ބުނެލުމަށްފަހު ޖެނީ އަނެއްކާވެސް އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ. އެއާއެކު އާލިމް ޖަހާލީ ހިނިގަނޑެކެވެ.

" މަށަކީ ރޭގަ ނުވެސް ނިދާ ހުރި މީހެކޭ! އަހަންނަށް މިހާރު ނިދުނިއްޔާ ނޭނގެ މެންދުރު ކުރިން ހޭލެވޭނެ ކަމެއްވެސް"

" އަހަރެންވެސް މިގަޑީގައި ވަރަށް ނިދި އަންނާނެ.. ނުނިދުނިއްޔާ ބޮލުގައި ރިއްސާނެ.. ދެން އާލިމް މާބޮޑު ކަމަކަށް ނަހަދާ ދިހައެއް ޖެހީމަ އެސޮރު ގެނެއްސަ ނިދާލިއްޔާ ވާނީކީއްތަ؟ ގައިމު އަނބިމީހާއަށް އެހީތެރިވާން ބޭނުމޭ އަބަދުވެސް ކިޔާނެ.. އެކަމަކު އަހަރެން ކަމެއްގެ ވާހަކަ ބުނިއްޔާ އެތައް ހާސް ބަހަނާއެއް ދައްކާފައި ނޫނީ އެކަމެއް ކޮށެއް ނުދޭނެ"

އާލިމާ ދިމާއަށް އެނބުރިލަމުން ޖެނީ ހަމަޖެހިލިއެވެ. އެއާއެކު ޖެނީގެ މޫނަށް އާލިމަށް ބަލައިލެވުނީ ވަރަށްވެސް ފުން ނަޒަރަކުންނެވެ. އިރުކޮޅެއް ވަންދެން އޭނާ އެހެން އޮތުމުން ޖެނީ އަހާލިއެވެ.

" ދެން މިހާރު މާ ވަރަކަށް ތި ބަލަނިއްޔޯ؟"

" ކިހިނެއްވީ؟ ބަލަން ނުވާނެތަ؟ ތިއީ މަގޭ އަނބިމީހާއެއްނު"

އާލިމްގެ ރާގު މަޑުމޮޅިވުމުން ޖެނީގެ މޫނުމަތިންވެސް ކޮންމެވެސް ވަރެއްގެ ހިނިތުންވުމެއް އާލިމަށް ފެނުނެވެ.

" ދެން ޕްލީޒް ލޯބި! އާލް ގެނެސްދޭނަންދޯ!  މަންމި ވަރަށް ބޮޑަށް ނިދާލާހިތުން"

އާލިމްގެ މޫނުގައި އަތް ޖައްސާލަމުން ޖެނީ ބުންޏެވެ. އަނެއްކާވެސް އާލިމް ޖަހާލީ ހިނިގަނޑެކެވެ.

" ދާނަމޭ އަހަރެން! ޖެނީ ހަނދާންކޮށްލާފަ ބުނެބަލަ އާލް ބަލައި ޖެނީ ދިޔަ ދުވަހެއް.. ހަމަ އަހަރެންދޯ ދަނީ! ނިދާލާ! އަހަރެން މިދަނީ ސިޓިންގރޫމަށް.. އެހެން ނޫނީ އަހަންނަށްވެސް ނިދި ދާނެ"

ގައިމަތީގައި އޮތް ބްލޭންކެޓް ނަގަމުން އާލިމް ތެދުވިއެވެ. އަދި އަތުގައި އޮތް ފޯނާ ކުޅެމުން އޭނާ ބޭރަށް ނިކުތެވެ.

***

މެންދުރުގެ އެންމެ ހޫނު ގަދަ ވަގުތެވެ. ގަޑިން ދޭއް ޖަހާ ބޮޑުވެއްޖެއެވެ. އާލް އިނީ ސިޓިންގް ރޫމްގައި ފޮތެއް ހިފައިގެން ކުލަޖައްސާށެވެ. ބަދިގެ ތެރޭގައި ޖެނީ އުޅެނީ ކޮންމެވެސް އެއްޗެއް ތައްޔާރު ކުރާށެވެ.

" އާލް ކައިފިންތަ؟ "

ނިދާ ހޭލައިގެން ނިކުތް އާލިމް ފުރަތަމަވެސް ވާހަކަ ދެއްކީ އޭނާގެ ދަރިފުޅާއެވެ. އެއާއެކު އާލް ދެފަރާތަށް ބޯ ހޫރާލިއެވެ.

" މަންމަ ކާން ހަދަނީ"

ފޮތަށް ގެއްލިފައި އިން އާލް ޖަވާބު ދިނީ އާލިމްގެ މޫނަށް ބަލައިލުމެއްވެސް ނެތިއެވެ. އާލްގެ ޖުމްލައިން އާލިމް ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހުނެވެ. އާލްގެ ބޮލުގައި ފިރުމާލުމަށްފަހު އޭނާ ބަދިގެއާ ދިމާއަށް ހިނގައިގަތެވެ.

" މިއަދުވެސް ރިހާކުރުތަ ދެނީ؟ އާލްގެ އަނގަމަތީގައި ބިހި ނަގަނީ އަބަދު ރިހާކުރު ދޭތީއޭ! "

މޭޒުކައިރީ އިށީނދެލަމުން އާލިމް ބުނެލީ ނުހަނު ރުންކުރު ގޮތަކަށެވެ. އާލިމްގެ ވާހަކައިން ދެފަރާތަށް ބޯ ހޫރާލަމުން ޖެނީ ވާހަކަ ދައްކަން ފެށިއެވެ.

" ދެން އާލިމް.. އާލްގެ އަނގަމަތީގައި ބިހި ނެގިޔަސް އޭނަ އެންމެ މީރުކޮށް ކަނީ ރިހާކުރޭ! ބައެއް ދުވަސް ދުވަހު ބިއްސެއް ނުހުރެއެއްނު"

" ދެން އިތުރު އެއްޗެއް މިއަދުވެސް ނަހަދަންތަ؟ "

ގޭސްއުނދުނާ ދިމާއަށް ބަލައިލަމުން އާލިމް އަހާލިއެވެ. އުނދުންމަތީގައި އެއްވެސް ތެއްޔެއް ނެތުމުން މިއަދުވެސް ޖެނީ ނުކައްކާކަން އާލިމަށް އެނގުނެވެ.

" ހޭލެވުނު އިރު ވަރަށް ލަސްވެއްޖެ! އާލްވެސް އިނީ ކުލަ ޖައްސަން އޭރު.. ހެނދުނު ބަތް ކައްކަން އުދާފައޭ އަހަރެން ނިދާލީ"

ޖެނީ ވާހަކަ ދެއްކީ ހިނިއައިސް ހުރެއެވެ.

" ދެންމެތަ ޖެނީވެސް ތި ހޭލީ؟ އެސޮރު އަމިއްލައަށް އެއްޗެހި ބަދަލުކުރީމަ އަހަރެން ބުނިން އިރުކޮޅަކުން މަންމައަށް ގޮވާލައްޗޭ ކާން.. އަހަންނަށްވެސް ނިދުނީ އެގަޑީގަ"

ނުތަނަވަސްވެފައިވާ ހިތަކައިގެން އާލިމް ބުންޏެވެ. އޭރު ބަތްތަށި ހިފައިގެން ޖެނީ އާލްއާ ދިމާއަށް ދެއެވެ.

" ތިރީގައި ހުރި ހޮޓަލުން މުސައްމާ ރިހައެއް ގަނެލަންވީނު.. "

ޖެނީ، އޭނާގެ ޚިޔާލު ފާޅުކުރިއެވެ. އާލިމަށް އެކަމާ ދެކޮޅު ހެދޭވަރަށްވުރެ އޭނާ ހުރީ އިންތިހާއަށް ބަނޑުހައިވެފައެވެ. އެހެންކަމުން ޖެނީއާ ދެބަސްނުވެ އޭނާ އަވަސްވެގަތީ ހޮޓަލަށް ދާށެވެ.

" ދަރިފުޅު އަވަހަށް ކާލައްޗޭ! މަންމަ މިދަނީ ބައްޕައަށް ޖޫސް ގިރަން.. އިނގޭ"

އާލްގެ އަތަށް ސަމްސަލެއް ދިނުމަށްފަހު ޖެނީ އަނެއްކާވެސް ބަދިގެ ބަޔަށް ދިޔައެވެ. މާގިނައިރުތަކެއް ނުވެ އާލިމްވެސް އަތުވެއްޖެއެވެ.

" މިހާރު ހޮޓަލަށް ދެވޭ ވަރެއް ނޫނޭ! ވަރަށް ކިޔު ބޮޑު.. އަހަންނަކަށް ހިއެއް ނުވޭ މިހާރު މާލޭގެ އެއްވެސް ގެއެއްގައި އަލިފާނަުން އެއްޗެއް ރޯފިލުވާހެންނެއް! އެހެން ނޫންނަމަ ކާއެއްޗެހި ގަންނަން އެވަރަކަށް މީހުންނެއް ނުދާނެ ދޯ! "

އާލިމް ދެއްކި ވާހަކައިން ޖެނީ ބާރުބާރަށް ހެމުން ދިޔައެވެ. ޖެނީއާ ބައިވެރި ވުމުގެ ގޮތުން އާލިމްވެސް ހޭން ފެށިއެވެ.

" އާނ! އަހަރެމެން އަންހެންވެރިން ކިރިޔާ ރެސްޓެއް ނެގިޔަސް މިވެރިންނަށް ހީވާނީ އެހެން ފަދަ ކަމެއް ހެން"

އާލިމަށް ތައްޓެއް ދިއްކޮށްލަމުން ޖެނީ އިށީނެވެ.

" އާނ! ކިރިޔާ ރެސްޓެއް ތި ކޮށްލަނީ"

އާލިމްގެ ރާގު ހުރި ގޮތުން ޖެނީ މައިތިރި ވެއްޖެއެވެ. އަދި އޭނާގެ މޫނުމަތީގެ ކުލަވަރުވެސް މުޅިން ބަދަލުވެއްޖެއެވެ. ކުއްލިއަކަށް ޖެނީ ހަމަހިމޭންވުމުން އާލިމްގެ ސަމާލުކަންވެސް އޭނާއަށް ލިބިއްޖެއެވެ.

" އޭ! ކިހިނެއްވީ މާ މަޑުން ތިއިނީ؟ "

ތައްޓަށް ބަތް އަޅަމުން އާލިމް ޖެނީއާ ސުވާލު ކުރިއެވެ. އެއާއިއެކު ޖެނީ ގަދަކަމުން ހިނިތުންވެލަމުން ވާހަކަ ދައްކަން ފެށިއެވެ.

" އާލިމް އަހަންނަށް މަލާމާތް ކުރީދޯ؟ ދަރިފުޅުގެ ކަންތައްތަކާ ގޭތެރޭގެ ކަންތައްތައް ކޮށްދޭން ބުނާތީ އުނދަގޫވާހެން މިހާރު ހީވެއްޖެ އަހަންނަށް! އާލިމަށް ނުކުރެވެންޏާ ބުނޭދޯ އަހަރެންގާތު.. އޭރުން އަހަރެން ކުރާނަން"

ޖެނީގެ އަޑުގައި ވަނީ މާޔޫސްކަމުގެ އަސަރުތަކެވެ. އޭނާގެ ކޮންމެ ޖުމްލައަކުން އާލިމްގެ ހިތަށް އުނދަގޫ ވަމުން ދިޔައެވެ.

" ދެން ޖެނީ! ހާދަ ވަރަކަށް ތި ސީރިއަސްވީ! ތިގޮތަށް ވިސްނަން އަދި މާ އަވަސް.. ޖެނީއަށް އެނގޭނެ އަހަރެންގެ ހުރިހާވެސް ބަޔަކީ ތިއީކަން.. ޖެނީއާ އާލްގެ ކަންތައްތައް ނުކޮށް އަހަރެންވަކި ކޮން ކަމެއްތަ ކުރާނީ؟ ތިނޫން އެއްވެސް ބައެއް އަހަންނަށް މުހިއްމެއް ނުވާނެ.. ޖެނީ ބުނާ ކަންތައްތައް ކުރަންވީމަ އަހަރެން ޝަކުވާއެއް ނުކުރަން.. އެކަމަކު ދަންވަރު ޑިޔުޓީ ކޮށްފައި އައިސް ދާން އުނދަގޫވާތީ ބައެއް ފަހަރު އެއްޗެއް ބުނެލެވުނަސް އަހަރެންގެ ހިތަކު އެއްވެސް އެއްޗެއް ނޯވެޔޭ."

އާލިމް ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭރުވެސް ޖެނީ އިނީ އިސްޖަހައިގެންނެވެ.

" އޭ! ދެން ތިހެން ނީނދެބަލަ! ތިހެން މަޑުން އިންނާތީ ޖެނީހެން ހީވެސް ނުވޭ! ދެން އަހަންނަށް ބަލައިލަބަލަ! ހަމަ އެނގޭނެ އަހަރެން ރުޅި އެއް ނާންނާނެކަން"

އާލިމް ވާހަކަ ދައްކާދައްކާ ޖެނީ އަނގަޔަކުން ނުބުންޏެވެ. އެހެންކަމުން އެންމެފަހުން އާލިމް ތެދުވެ، ހިނގައިގަތެވެ. އަދި ޖެނީ އިން ގޮނޑީގެ ފުރަގަހުގައި ހުއްޓި އޭނާގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ.

" ތިއަށްވުރެ ލޯބި އަނތްބެއް އަހަންނަށް ލިބޭނެތަ؟ ޖެނީ ބުނާ ކޮންމެ ކަމެއް އަހަރެން ކޮށްދެނީ އުފަލުންނޭ! އަސްލު އަހަރެން ޖެނީ ދެކެ ވަރަށް ލޯބިވޭ! ދެން ތިހެން ނީނދެބަލަ"

އާލިމްގެ ވާހަކަ އަޑުއަހަން އިން ޖެނީގެ ތުންފަތުގައި ހިނިތުންވުން ކުޅެލިއެވެ. އެއާއެކު އޭނާގެ ނިތްކުރިއަށް ބޮސްދިނުމަށްފަހު އާލިމް ހަށިގަނޑު ތެދު ކޮށްލިއެވެ.

" ދެން އުޅޭ ކާން.. މިއަދު ވާނެ އާލް ގޮވައިގެން ކާރު ދުއްވާލަން ދާން.. މިހާރު އޮފީސް ބިޒީކަމުން ކާރަށް އަރާލެވޭނެ ވަގުތެއް ނުވަނީއޭ"

ކަސްޓަމްސްގައި މަސައްކަތް ކުރަމުންދާ އާލިމް އިތުރު ވަގުތު ހޭދަކުރަނީ ކާރުގައެވެ. މާލޭގައި ކުއްޔަށް އުޅެން ޖެހޭތީ އިތުރަށް މަސައްކަތްކޮށްގެންވެސް ފައިސާ ހޯދަން އޭނާ ނުހަނު ބޭނުންވެއެވެ. ޖެނީއަކީ ޚަރަދު ބޮޑު އަންހެނެކެވެ. މުއްސަނދިކަމާއި ރީތި އެއްޗެއްސަށް ލޯބި ކުރާ ޖެނީ ބޭނުންވާ ކޮންމެ އެއްޗެއް ހޯދައިދިނުމަކީ އާލިމް ނުހަނު އިސްކަންދޭ ކަންކަމެވެ. ޖެނީދެކެ އާލިމް ވާ ލޯތްބަކީ، ޖެނީއަށް ވާ ރަޙުމަތެކެވެ. އާލިމްގެ ކުރިމަތީގައި ޖެނީގެ އެއްވެސް ކުށެއް ނެތެވެ. އެއްވެސް މަައްސަލައެއްވެސް ނެތެވެ. މައްސަލައެއް ފާހަގަ ކުރެވުނު ނަމަވެސް ޖެނީ ބުނާ ބަސް އޭނާގެ ކުރިމަތީގައި ގަދަވެ ދެއެވެ. މައްސަލައިގެ މައްޗަށް އިތުބާރާއި ލޯބި ގަދަކޮށް، ކޮންމެ ފަހަރަކުވެސް އާލިމް ގޮތްދޫކުރަނީއެވެ. ޖެނީ ދެރަ ނުކުރަން، އޭނާ އެކަމެއް ގަބޫލު ކުރަނީއެވެ. ދިރިއުޅުމުގައި ޖެހޭ މައްސަލަތަކަށް ޖެނީ ހައްލު ހޯދަނީ އެފަދައިންނެވެ.

( ނުނިމޭ)

 

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *