ވާހަކަ: އައިން (19)

(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)

އިރުކޮޅެއްނުވެ މުދިންބެ އައެވެ. ހާއިޝް މުދިންބެއާއެކު ބަދިގެއަށް ވަންއިރު އައިން ހުރީ ކާން ތައްޔާރު ކޮށްފައެވެ.

"ކޮބާތަ އައިން. އޭނާއެއް ނުކައިތަ؟" މުދިންބެ އެހިއެވެ.

"ނިދިފައި އެބޮތް. މާބޮޑަށް ވަރުބަލި ވީކަންނޭނގެ." އެމީހުން މެދުގައި މައްސަލައެއް އުޅޭކަން އަންގާކަށް ހާއިޝް ބޭނުމެއް ނޫނެވެ.

ކައި ނިމިގެން އާދައިގެމަތީން މުދިންބެވެސް ނިދާނީއެވެ. އެހެންކަމުން ހާއިޝްވެސް ކުރިއާއި އެއްގޮތަށް ފޮތެއް ކިޔާލަން އުނދޯލީގައި އިނެވެ. އެހެން ރޭރެއާއި ޚިލާފަށް އޭނާއަށް ވަނީ އާދަޔާ ޚިލާފު ހިތްހަމަޖެހުމެއް ލިބިފައެވެ. އައިން ދިއުމުން އޭނާ ހީކުރީ ދެން ދުވަހަކުވެސް އޭނާއަށް އައިން ނުލިބޭނެ ކަމަށެވެ. ނަމަވެސް އޭނާ އެނބުރި އައުމުން އަދި މިގުޅުން ރަނގަޅު ވާނެ ކަމުގެ އުންމީދުގެ ހުޅުކޮޅެއް ރޯވިއެވެ.

ހަމައެއާއެކު އޭނާ މާޔޫސް ވެއްޖެއެވެ. އޭނާ މިރަށަށް އެނބުރި އައީ އޭނާ ބޭނުން ވެގެން ނޫންކަން ހާއިޝަށް އެނގެއެވެ. އޭނާގެ ބައްޕަ އޭނާއަށް ހެދިގޮތްވެސް އެނގެއެވެ. އަދި މުދިންބެގެ ވާހަކައިން އޭނާ މިރަށަށް އައީ އިތުރުއެއްވެސް ގޮތެއް ނެތިގެން ކަމަށާއި މުދިންބެގެ ނަސޭހަތުގެ ސަބަބުންކަން ހަނދާންވެ މާޔޫސްވިއެވެ. ހާއިޝް މަޑުމަޑުން ތެދުވިއެވެ. އަދި ގޭތެރެއަށް ވަނެވެ. މުޅިތަނަށް ވެރިވެފައި ވަނީ ހިމޭންކަމެވެ. އޭނާ މަޑުމަޑުން އެތެރެގެއަށް ވަނެވެ. އަދި ނިދިފައި އޮތް އައިންގެ މަގަތުގައި އިށީނދެލިއެވެ.

ދެން އައިންގެ އަތުގައި ހިފާލާފައި އޭނާގެ ދެއަތުން އައިންގެ އަތް ފޮރުވާލިއެވެ.

"އައިން. އަހަރެން އައިންދެކެ ވަރަށް ލޯބިވޭ. އައިންއާ ނުލާ އަހަރެން އުޅޭނީ ކިހިނެއް. އަހަރެންނަށް ލޯބިލޯބި ދެ ފިރިހެން ކުދިންވެސް ލިބިފައިވަނީ އައިންގެ ފަރާތުން." ހާއިޝް ވާހަކަދެއްކުން ހުއްޓާލިއެވެ. އަދި އިސްޖަހާލައިގެން އިރުކޮޅަކު އިނެވެ.

"އައިން. ދިރިއުޅުމަކީ ވަރަށްގިނަ ދަތިތަކާވެސް ކުރިމަތިލައިގެން ކާމިޔާބު ކުރެވޭނެ ކަމެއް. އައިންއަކީ ވަރަށް ހިތްވަރުގަދަ ސާބިތު ކުއްޖެއް. ނަމަވެސް މިއަދު އަހަރެން އައިން އިންތިހާއަށް ބޭނުންވި ދުވަހު މި މައިދާނުން ފިލަންނުދޭ. އަހަރެންނަށްޓަކައި އަހަރެމެންގެ ދަރިންނަށްޓަކައި އަލުން ކުރީގެ އުފާވެރި ދިރިއުޅުމަށް އެނބުރި އާދޭ." ހާއިޝްވާހަކަ ހުއްޓާލެވުނީ ކުއްލިއަކަށް އައިން ހަރަކާތް ކޮށްލީމައެވެ. ހަމައެވަގުތު އައިންއަށް ހޭލެވުނެވެ. އަދި ގާތުގައި އިން ހާއިޝަށް ބަލާލެވުނެވެ. އޭނާގެ ފިރިމީހާގެ ލޮލާއި ހަތަރު ކަޅި ހަމަ ކޮށްލެވުނެވެ. އެ ލޮލުގައި ވަނީ ކަރުނައެވެ. އައިންއަށް މީގެ ކުރިން ހާއިޝްގެ ފަރާތުން ފެނުނީ ހިތްވަރުގަދަކަމާއި ލޯތްބެވެ. ޖެހިލުން ކުޑަކަމާއި ކަންކަމުގައި ކެރިގެން ސާބިވާ ކެތްތެރިއެއްގެ ގޮތުގައެވެ. ނަމަވެސް މިއަދު އެލޮލުން ހިތާމައާއި ކަރުނަ ފެނުމުން އައިންއަށް ފުންއަސަރެއް ކުރުވިއެވެ.

"ހާއިޝް." އައިންއަށް މަޑުމަޑުން ބުނެލެވުނެވެ. ހަމަ އެވަގުތު ފަތްޖެހިއެނދުގައި އޮތް ރިފާ ކުކުރާލުމާއެކު އައިންއަށް ރަނގަޅަށްވެސް ހޭލެވުނެވެ. އެއާއެކު ހާއިޝްގެ އަތުތެރޭގައި އޮތް އައިންގެ އަތް ދަމައިގަތެވެ. އަދި އަނެއް ފަރާތަށް އެނބުރުނެވެ. ދެން ބާލީހަކާއި ބެޑްޝީޓެއް ހިފައިގެން ތިރިއަށް ފޭބިއެވެ. ތިރީގައި ބެޑްޝީޓު އަޅައިގެން އޮށޯތެވެ. ހާއިޝް އިތުރު އެއްޗެކޭ ނުބުނެ ބާލީހެއް ނަގައި ރިފާގެ ގާތުގައި ފަތްޖެހިއެނދު ގައި އޮށޯވެއްޖެއެވެ.

"ކޮއްކޯ. ރިފާ ކޮއްކޮ ރޮންޏާ މިބުއްފުޅި ދީ އިނގޭ." ހާއިޝްގެ މަސައްކަތް ހުރިގޮތުން ހެނދުނު މަސައްކަތު ދިއުމުގެ ކުރިން ރިފާއަށް ބުއްފުޅި ހެދިއެވެ.

"ލައްބަ."

"ކޮއްކޮ ރޯންފެށީމާ ކޮއްކޮގެ އަނގައަށް މިބުއްފުޅި ލާނީއިނގޭ." ހާއިޝް ހަރަކާތާ އެކު ބުންޏެވެ. އާލިންއާއި އެކަން ހަވާލުކުރީ އައިންގެ ފަރާތުން މިކަމުގައި އެއްވެސް އެހީތެރިކަމެއް ނުލިބޭނެތީއެވެ. ފަހަރުގައި އޭނާ އަންނަން ވާއިރަށް ރިފާބަނޑުހައިވެފައި އޮވެދާނެތީއެވެ.

ނިދާހޭލެވުނު ރިފާ ރޯންފެށިއެވެ. އާލިން ވަރަށް ފަސޭހައިން ބުއްފުޅި ބަލާދިޔައެވެ. އެކުޑަކުޑަ އާލިން އެކުއްޖާގެ އަނގައިގާ ބުއްފުޅި ޖެއްސިއެވެ. ނަމަވެސް ފާރުގައި އޮތް ހޯނެއް ފެނުމުން ބުއްފުޅީގައި އިރުކޮޅަކު ހިފެހެއްޓުމަށްފަހު އޭނާ ބުއްފުޅި ދޫކޮށްލާ އެއާއި ދިމާއަށް ދިޔައެވެ. އެއާއެކު ބުއްފުޅި ވެއްޓި މުޅިތަނަށް ބުއްފުޅީގައި ހުރި ކިރުތައް ފައިބައިގެން ދިޔައެވެ. އަލިފާނެއް ފެނެއް ވަކިކުރަން ނޭނގޭ ތުއްތު ރިފާ އަނގައަށް ލީއަތުގައި ހޭކުނު ކިރުގެ އަސަރު ހުރުމުން ބޯލިއެވެ. އަދި މަޑުމަޑުން ނުރޮއި އޮތެވެ. އޭރު އެތުއްތު ކުއްޖާ އޮތީ ކިރުން ތެމި  ފޯވެފައެވެ.

ހާއިޝް ގެއަށް ވަދެވުނުއިރު ރިފާ އޮތް ގޮތް ފެނުމުން ދެރަވިއެވެ. އޭނާ އައިން ކޮބާތޯ ބަލާލިއެވެ. އޭރު އައިން އުޅުނީ އޭނާގެ ދެކުދިންނަށް ކާންދޭށެވެ. ވާހަކަ ކިޔައިދެމުން އޭނާގެ ދެކުދިންނަށް ކާންދޭއިރު އޭނާ ނުހަނު އޯގާތެރިއެވެ. ނަމަވެސް އައިންގެ ހިތުގައި ރިފާގެ މައްޗަކަށް އޯގާތެރިކަމެއް ނެތެވެ. ރިފާގެ މައްޗަށް އޭނާގެ ހިތުގައިވަނީ ނަފުރަތުކަން ހާއިޝަށް އެނގެއެވެ.

ދެމީހުން ވާހަކަ ދައްކަނީ ކޮންމެހެން ވާހަކަ ދައްކަން ޖެހޭ ކަންތައްތަކުގައެވެ. އައިންވަނީ ހާއިޝްދެކެ ފޫހިވެފައިކަމުން ގިނައިން އުޅެނީ ހާއިޝާ ކުރިމަތި ނުލާންވެގެންނެވެ. މިއަދު އޭނާއަށް އިތުރު އެއްވެސް ގޮތެއް އޮތްނަމަ ހާއިޝާއެކު ނޫޅުނީހެވެ. އެދެމީހުން ގިނަފަހަރަށް ވާހަކަދައްކަނީ މުދިންބެއަށް އެމީހުންގެ ގުޅުމާއި ބެހޭގޮތުން ޝައްކެއް ވެދާނެތީއެވެ. އައިންގެ ނަފުތަރާއި ރުޅިވެރިކަން ހާއިޝަށް ވަނީ ރަނގަޅަށްވެސް އިހުސާސް ކުރެވިފައެވެ. އެހެންކަމުން އިތުރަށް އައިން ރުޅި ނާރުވާ ވީހާވެސް ލޯބިން ގެންގުޅެވޭތޯ ހާއިޝް މަސައްކަތް ކުރެއެވެ. ނަމަވެސް އައިންއަށްޓަކައި ރިފާ ދޫކޮށްލުމަކީ އޭނާއަށް ވެވޭނެ ކަމެއްނޫނެވެ. މިގޮތުގައި ދެތިން މަހެއްހާދުވަސް ވޭތިވެގެން ހިނގައްޖެއެވެ.

 

ވިއްސާރަ ރެއެކެވެ. މުޅިޖައްވުގައި ގުގުމާލާފައިވަނީ ބޯކޮށްވެހޭ ވާރޭ އަޑާއި ގަދަވައިގެ އަޑެވެ. ދޭތެރެ ދޭތެރެއިން ގަދަވިދުވަރާއެކު ބާރު ގުގުރީގެ އަޑުން ހިތްތައް ބިރު ގަންނަހާވެއެވެ. ފަތްޖެހިއެނދުގައި ރިފާގެ ގާތުގައި ހާއިޝް އިނީ ފުޅިބައްތީގެ އަލީގައިވެސް ކޮންމެވެސް ފޮތެއް ކިޔޭތޯއެވެ. އެއީ މިއަދު އޭނާއަށް އެންމެ ވަފާތެރި އެންމެ ގާތް އެކުވެރިޔާއެވެ. އާދައިގެމަތީން އޭނާއަކީ ލަހުން ނިދަން އާދަވެފައިވާ މީހަކަށްވާތީ އެއަލީގައިވެސް އޭނާ ފޮތުގެ ތެރެއަށް ގެއްލިފައި އޮތެވެ. އަޑުހަރުކޮށް ގުގުރާތީ ނުނިދިފައި އޮތް އައިން އޮތީ ނިދާކަމަށް ހަދައިގެން ބާރަށް ލޯ މަރައިގެންނެވެ.

ކުއްލިއަކަށް ހާއިޝްގެ ފޯނު ރިންގުވިއެވެ. މިހާރަކަށްއައިސް ހާއިޝަށް ގުޅާމީހުން މަދުކަމުން އޭނާ ފޯނު އޮންނަނީ އެތެރިގޭގައި ހުރި ކުޑަ އަލަމާރި މަތީގައެވެ. ހާއިޝަށް އާދަޔާޚިލާފު ބިރުވެރިކަމެއް އުފެދުނީ މިދަންވަރު ފޯނު އަންނާތީއެވެ.

"އައްސަލާމް ޢަލައިކުމް." ހާއިޝްގޮސް ފޯނުނަގާ ޖަވާބުދިނެވެ.

"ވަޢަލައިކުމުއްސަލާމް. ތީ ހާއިޝްތަ؟ ކޮބާތަ އައިން؟" އެކޮޅުން ވާހަކަދެއްކީ ފިރިހެނެކެވެ.

ހާއިޝަށް އެމީހާގެ އަޑުގައި ހުރި ހާސްކަމުން ގޯހެއް އުޅޭކަމަށް ވިސްނުނެވެ. އޭރު ނިދާކަމަށް ހަދައިގެން އޮތް އައިން އަށްވެސް ހާއިޝް ވާހަކަ ދައްކާގޮތުން އޭނާއަށް އައި ފޯނެއްކަން ވިސްނި ތެދުވެއްޖެއެވެ. އައި އެނދުން ތެދުވެ ހާއިޝް ގާތަށް ދިޔައެވެ.

"މަޑު ކޮށްލައްވާ" ހާއިޝް ބާރު ހިނގުމެއްގައި އައިސް އައިންއަށް ފޯނު ދިއްކޮށްލިއެވެ. އައިން ފޯނުގައި ހިފާ ހާއިޝާއި ދިމާއަށް ބަލާލިއެވެ.

"އައިން. ވާހަކަ ދައްކަބަލަ." ހާއިޝް ހުރީ ކަންބޮޑުވެފައެވެ.

"ހަލޯ." އައިން ހުރީ ހައިރާންވެފައެވެ.

"އައިން. މީ އަރީޝް. ބައްޕަ ނިޔާވެއްޖެ."

"ކީކޭ. ކޮންއިރަކު؟" އައިން ހުރީ އެވާހަކަ ގަބޫލު ކުރާގޮތަކަށް ނޫނެވެ.

"މިރޭ ނުވައެއް ޖަހާއެހާކަންހާއިރު ބައްޕަ އުޅުނީ ގޭގައި. ނަތާގާތު ބޯ އަނބުރާ ވާހަކަބުނެފަ އިރުކޮޅެއްވެސް ނުވަނީސް ބައްޕަ އޮތީ ސޯފާ ކައިރިއަށް ވެއްޓިފަޔޯ. އޭރު އަނގައިން ހުރީ ފޮނުވެސް އައިސްފާ. ވަގުތުން އެމްބިއުލެންސަށް ގުޅައިގެން ހޮސްޕިޓަލަށް ގެންދިޔައިރު ބައްޕަ އޮތީ ނިޔާވެފައި. ޑޮކްޓަރު ބުނުއްވީ ބައްޕަގެ ސިކުނޑީގެ ލޭނާރެއް ފަޅައިގެން ދިޔައީކަމަށް."

"ނޫން. ނޫން. އެހާ އަވަހަށް ބައްޕަ ނިޔާ ވާންވީކީއްވެ؟" އައިންއަތުން ފޯނު ދޫވިއެވެ.

"އައިން." ގޮތްހުސްވެފައިވާ އައިންއާއި ދިމާއަށް ހާއިޝަށް ދުއްވައި ގަނެވުނެވެ. އޭރު ހުރިދިމާއަށް އައިން ތިރިވަނީއެވެ.

"ދޫކުރޭ. އަހަރެން ދުވަހަކުވެސް ކަލޭގެ އެހީތެރިކަމެއް ބޭނުމެއްނޫން." އައިން ހާއިޝް ގައިގާ އަތްއަޅާ ކޮށްޕާލިއެވެ. ދެން ދޮރުހުޅުވާ ބޭރަށް ދުއްވައިގަތެވެ. އައިން މިހާރު އެހުރީކީ ހަމަބުއްދީގައި ނޫންކަން ހާއިޝަށް އެނގެއެވެ. އެއީ މިބޯވާރޭގައި މިދަންވަރު ދާކަށް ނުކެރޭނެކަން ހާއިޝަށް ޔަގީންވާތީއެވެ. ހާއިޝް އޭނާގެ ފަހަތުން ދުއްވައިގަތީ އައިން ހަމައަކަށް އެޅުވުމަށެވެ.

އައިން މަގު އޮތްގޮތަށް ދުވަނީއެވެ. ހާއިޝް އޭނާގެ ފަހަތުން ގޮސް އައިންގައިގާ ހިފެހެއްޓިއެވެ.

"ދޫކުރޭ. އަހަރެން ދިޔަދީ." އައިން ބާރަށް ރޮނީއެވެ.

"އައިން މަޑުކޮށްލަބަލަ."

"ދޫކުރޭ. މީ ހުސް ކަލޭގެ ނުބައިކަމުން ވީގޮތް. އަހަރެންގެ މަންމަ ނިޔާވީ ހިތް ހުއްޓިގެން. ކަލެއާއެކު އަހަރެން މިރަށަށް އައުމުން. އެކަމަކު އޭގެ ބަދަލުގައި ކަލޭ ދިނީ ކޯންޗެއް. ބޭވަފާއާއި މަކަރުވެރިކަން. އެކަނިވެރިކަމާއި ހިތްދަތިކަން. ދޫކުރޭ. އަހަރެން ދިޔަދީ. މިހިތްދަތިކަމުން ސަލާމަތްވޭތޯ. އަމިއްލަ ވަޒަނަށް ދިއުމުންވެސް ހާލުގައި ޖެހުނީ ކަލޭގެ ސަބަބުން." އައިން ހާއިޝްގެ މޭގައި ދެއަތުން ތަޅަމުން އެއްޗިހިކިޔެވެ. އައިން ހީވަނީ މޮޔަވެފައިވާ މީހެއްހެންނެވެ.

"އައިން." ހާއިޝް އައިން ގެނެސް އޭނާގެ ގަޔާ ކައިރި ކޮށްލިއެވެ. އަދި އައިންގެ ދެއަތުން ހަރަކާތް ނުކުރެވޭގޮތަށް އައިން ގަޔާލާ ފިއްތާލިއެވެ.

"އައިން. ތިހެން ނޫޅޭ. ކޮންމެ ކަމެއްގައިވެސް ކެތްތެރި ވާންވާނެ. އަހަރެން އައިންއަކަށް އޮޅުވައެއްނުލަން. ހާލަތު އަހަރެމެންނަށް މިގޮތް މަޖުބޫރުކުރީ. ހިތްވަރުކުރޭ. އަހަރެމެންނަށް ދެންކުރެވޭނެ ކަމަކީ ބައްޕަޔަށް ހެޔޮދުއާކުރުން." ހާއިޝް އައިންގެ ނިތްކުރީގައި އޭނާގެ މޫނު ޖައްސާލިއެވެ.

"ހާއިޝް. މިއަދު އަހަރެންގެ ބައްޕަ ނިޔާވީ. އެއީ އަހަރެންނަށްޓަކައި އެތައް ގުރުބާނީއެއްވެ ލޯބިދިން ބައްޕަ. އެކަމަކު މިއަދު އަހަރެންނަށް އެބައްޕައަށް ކޮށްދެވުނީ ކޮންކަމެއް." އައިންއަށް ބާރަށް ރޮވެނީއެވެ. ހާއިޝް ގައިގައި އައިން އޮޅުލައިގަތެވެ.

"އައިން. ދެން ނުރޮއި. ހިތްވަރު ކުރަންވާނެ. ގެއަށްދެވޭތޯ ހިނގާ." ހާއިޝް އައިން ގަޔާލާ ލައްކޮށްލައިގެން ކުރިއަށް ހިނގައިގަތެވެ.

"ނޫން. އަހަރެން ގެއަކަށް ނުދާނަން. ހާއިޝްއާއެކު އަހަރެންނަށް އެއްވެސް ހިތްހަމަ ޖެހުމެއްނެތް. އަހަރެންގެ މައިންބަފައިންނާއި އާއިލާއާއި ދުރުވާންޖެހުނީ ހާއިޝްއަށްޓަކައި. އެކަމަކު މިއަދު ހާއިޝް ތިވަނީ އެހެންމީހަކަށްޓަކައި ހުސްވެފައި." އޭނާ ދެއަތުން އަނެއްކާވެސް ހާއިޝް ކޮށްޕާލިއެވެ. އައިންއަށް ހަމަ ވިސްނުންލިބި ކުރީގެ ހަނދާންތަކުން ހާއިޝާމެދު ނަފުރަތު ވެގެންދިޔައެވެ. ހަމައެއާއެކު އޭނާ ހާއިޝާ ދުރަށް ދިޔުމަށްޓަކައި ހިނގައިގަތެވެ.

"އައިން ނުދޭ. މި ވިއްސާރައިގާ ކޮންމެފަދަ ގޮތެއްވެސް ވެދާނެ." ހާއިޝްގޮވަމުން ދިޔައެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *