(1 ޑިސެމްބަރ 2023 ނޫހާއި ގުޅޭ)
މައްސަލައިގެ މައްޗަށް އިތުބާރާއި ލޯބި ގަދަކޮށް، ކޮންމެ ފަހަރަކުވެސް އާލިމް ގޮތްދޫކުރަނީއެވެ. ޖެނީ ދެރަ ނުކުރަން، އޭނާ އެކަމެއް ގަބޫލު ކުރަނީއެވެ. ދިރިއުޅުމުގައި ޖެހޭ މައްސަލަތަކަށް ޖެނީ ހައްލު ހޯދަނީ އެފަދައިންނެވެ.
***
އާލްގެ ބޮލުގައި ފުނާ އަޅުވާލުމަށްފަހު ޖެނީ އައިސް ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. އެއާއެކު ތުންފަތުގައި ލިޕްސްޓިކް ނުޖައްސާ ހުރިކަން ފާހަގަ ކުރެވިގެން އޭނާ އަވަސް އަވަހަށް ދެތުންފަތް ރަތްކޮށްލިއެވެ. އަދި އޭނާގެ ފަން އިސްތަށިގަނޑުގައި ދެއަތުން އަތް ހާކާލުމަށްފަހު އަނެއްކާވެސް މޫނަށް ބަލައިލީ އެއްވެސް އުނިކަމެއް އެ މޫނުން ފާހަގަ ކުރެވޭތޯއެވެ.
" މަންމީ! ބައްޕިއަށް ގުޅާބަ! އާލް މިހާރު ފޫހި ވެއްޖެޔޭ! "
އާލްގެ އަޑުން ޖެނީ ދިޔައީ ސިހިގެންނެވެ. އެއާއެކު ޑްރެސިންގޓޭބަލް މަތީގައި އޮތް ފޯނުން ގަޑި ބަލައިލެވުނެވެ. އެހިނދު އޭނާގާތަށް ވެސް ރުޅި އަތުވެއްޖެއެވެ.
" މިގުޅަނީ ބައްޕިއަށް! އެބުނާހެން ހާދަ އިރެއް ވެއްޖެޔޭ! މިހާރު ދެން އަންނަން ވެއްޖެއެއްނު"
ކުދި ކިޔަމުން ކިޔަމުން ޖެނީ އަވަސް އަވަހަށް އާލިމްއަށް ގުޅަން ފެށިއެވެ. އަދި ކޮޓަރީގެ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރީ އާލިމް ފޯނު ނުނަގައިގެންނެވެ. އެމަދު ސިކުންތުކޮޅުގެ ތެރޭގައި ޖެނީ ދެތިން ފަހަރު ގުޅިއެވެ.
" ފޯނެއްވެސް ނުނަގާ! "
އާލްއާ ދިމާއަށް ބަލައިލަމުން ޖެނީއަށް ބުނެވުނީ ރުންކުރު ގޮތަކަށެވެ. އެއާއިއެކު އާލް ރުޅި އައިސްގެން އެނދުމަތީގައި އޮށޯތެވެ. ހަމަ އެވަގުތެވެ. ޖެނީގެ ފޯން ރިންގް ވާން ފެށިއެވެ. އާލިމްގެ ނަން ފެނުމާއެކު އިތުރަށް އޭނާ ރުޅިގަދަވިއެވެ.
" ނާދެވެންޏާ ތައްޔާރުވާށޭ ނުބުނާނީ! ކޮންމެހެން ދޮގު ހަދާނެ ކަމެއް ނެތެއްނު.. އަހަރެމެން ނޫޅެމޭ އާލިމާއެކު ކާރު ދުއްވަން ދާކަށެއް"
ބުނަން ބޭނުންވި ދެތިން ޖުމްލަ ބުނެލުމަށްފަހު ޖެނީ ފޯނު ކަނޑާލިއެވެ. އެއާއެކު އަނެއްކާވެސް އާލިމް ގުޅަން ފެށިއެވެ. ރުޅިވެރި ލޮލަކުން ފޯނަށް ބަލަން އިނދެފައި އޭނާ ފޯނު ނެގީ އަނެއްކާވެސް އެއްޗެހި ކިޔާލާނަމޭ ހިތައެވެ. ނަމަވެސް ޖެނީ އަނގައިން ބުނުމުގެ ކުރިން އާލިމް ވާހަކަ ދައްކަން ފެށިއެވެ.
" ސޮރީ ސޮރީ ސޮރީ! ވަރަށް ލަސްވެއްޖެދޯ! މާލެ އައި މަގުމަތީގައި އެކްސިޑެންޓެއްވެގެން ބަޔަކު އުޅުނީ! އެހެންވެ އެމީހުން ހޮސްޕިޓަލަށް ގެންދަން ޖެހުނީމަ ލަސްވީ! އެކަހަލަ ހާލަތެއްގައި އެމްބިޔުލަންސަށް މަޑެއް ނުކުރެވޭނެއެއްނު.. މިހާރު މިއައީ ގެއާ ހަމައަށް! ދެން އާލް ގޮވައިގެން ނިކުމެބަލަ! "
އާލިމްގެ ވާހަކަ ތަކަށް ޖަވާބެއް ދިނުމެއްނެތި ޖެނީ ފޯނު ކަނޑާލިއެވެ. އެއަށްފަހު އެނދުމަތީގައި އޮތް އާލްއަށް ބަލައިލިއެވެ.
" އޯހް! އާލް.. ނިދުނީތަ ދަރިފުޅު! "
ނިދިފައި އޮތް އާލްގެ މޫނުގައި އަތް ޖައްސާލަމުން ޖެނީއަށް ބުނެވުނެވެ. އެއަށްފަހު ފަހަތަށް ދޫކޮށްލެވިފައިވާ އޭނާގެ އިސްތަށިގަނޑުގައި ދެއަތުން ހުޅިއެއް ޖަހާލަމުން އޭނާ އާލް ނަގާ، ބިއްދޮށަށް ޖައްސާލިއެވެ. އޭރު އަނެއްކާވެސް އާލިމް ގުޅަމުންދާތަން ފެނުނެވެ.
" ދެން ނުދެވޭނެ! އާލް ނިދައިފި"
ރުޅި އައިސް ހުރެ ޖެނީ ބުނެލިއެވެ. އަދި އާލިމް ބުނާނެ އެއްޗަކަށް ބެލުމެއްނެތި އޭނާ ފޯނު ކަނޑާލިއެވެ. އެނދުމައްޗަށް ފޯނު އެއްލުމަށްފަހު ޖެނީ އަވަސްވެގަތީ ހަވީރީ ހެދުން ބަދަލު ކުރާށެވެ. އޭރުވެސް އޭނާގެ މޫނުމަތީގައިވަނީ ފޫހިކަމާ ރުޅިވެރިކަމުގެ އަސަރުތަކެވެ. އެއްޗެހި ބަދަލުކޮށްގެން ސިޓިންގރޫމަށް ނިކުމެ ސޯފާގައި އިށީނދެލުމާއެކު ސިޓިންގރޫމް ދޮރުން އާލިމް ވަންނަތަން އޭނާއަށް ފެނުނެވެ.
" އެހާ އަވަހަށް ޗޭންޖް ކޮށްލީ! މިއަދު ވަރަށް ރީތި ހެދުމެއް ލާނަމޭ ބުނީމަ އަހަރެން މިހުރީ ޖެނީ ދެކިލާ ހިތުން"
އާލިމް އައިސް ސޯފާގައި އިށީނދެލަމުން ވާހަކަ ދައްކަން ފެށިއެވެ. ނަމަވެސް އޭރު ޖެނީގެ ނަޒަރު ހުއްޓިފައިވަނީ ކުރިމަތިން ފެންނަން ހުރި ޓީވީއަށެވެ.
" ކާޓޫން ބަލަނީތަ؟ "
ޖެނީގެ ކޮލުގައި ހިފާލަމުން އާލިމް ޖެނީއާ ގާތްވެލިއެވެ.
" ދެން! ތީ ކޮންކަމެއްތަ އާލިމް؟ "
ހިތްހަމަ ނުޖެހިފައި އިނދެ ޖެނީ ދުރަށް ޖެހިލުމާއެކު އާލިމްގެ މޫނުމަތީގައިވާ ހިނިތުންވުން މުޅިން ގެއްލިގެން ދިޔައެވެ.
" ޖެނީ އަހަރެން ބުނެފީމެއްނު ކަންތައް ވީ ގޮތް."
ސީރިއަސް ރާގެއްގައި އާލިމް ބުނެލިއެވެ. ނަމަވެސް ޖެނީ އިނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައިކަން އާލިމަށްވެސް ފާހަގަ ކުރެވުނެވެ.
" ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އަހަރެންގާތު ބުނެވެން ޖެހޭނެ"
ޓީވީ ނިއްވާލަމުން ޖެނީ ބުނެލިއެވެ. އެއާއެކު އާލިމް ހިނިތުންވެލަމުން ޖެނީގެ މަޑުމަޑު އަތްތިލައިގައި ހިފާލިއެވެ.
" ބައެއްފަހަރު ޙާލަތު ނިޔާކުރާގޮތުން ބޭނުންވާ ގޮތަށް ކަންތައް ނުވެދާނެ! އެކަން ޖެހޭނެ މަގޭ އަނބިމީހާ ޤަބޫލު ކުރަން"
އާލިމަކީ ދުވަހަކުވެސް ޖެނީއާ ދެބަސްވާއިރު ހުތުރުކޮށް ވާހަކަ ދައްކާ މީހެއް ނޫނެވެ. އޭނާ އަބަދުވެސް މަސައްކަތްކުރަނީ ޖެނީއަށް ލޯބިން ވިސްނައިދެވޭތޯއެވެ.
" ހެވޭ! އަހަރެން ދެން ދުވަހަކުވެސް އާލިމް ބުނެގެން އެއްވެސް ތާކަށް ދާކަށް ތައްޔާރެއް ނުވާނަން"
ދެއަތް އުރާލަމުން ޖެނީ ބުންޏެވެ. ޖެނީއަކީ ފަސޭހައިން ރުޅިގަނޑު މައިތިރި ކުރެވޭ ކަހަލަ އަންހެނެއް ނޫންކަންވެސް އާލިމަށް އެނގެއެވެ. ނަމަވެސް އާލިމަކީ ކެތްކުރަން ދަންނަ މީހެކެވެ. އަދި ޖެނީ ރުއްސާނެ ތަފާތު އުކުޅުތައްވެސް ކައިވެންޏަށް ވީ ފަސްވަރަކަށް އަހަރުގެ ތެރޭގައި އޭނާ ހުރީ ދަސްކޮށްފައެވެ.
" އެންމެ ރަނގަޅު! އެހެންވިއްޔާ މިރޭ ދެން އެތަނަށް ދާނީ އަހަރެން އެކަނި! "
ސޯފާގައި ލެނގިލަމުން އާލިމް ބުނެލީ ޓީވީއާ ދިމާއަށް ނަޒަރު ހިންގާލަމުންނެވެ. އާލިމްގެ ޖުމްލަ އަޑު އިވި، ޖެނީއަށް އޭނާގެ މޫނަށް ބަލައިލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.
" ކޮންތާކަށް؟ "
ކުރު ގޮތަކަށް ޖެނީ އަހާލިއެވެ.
" ކެއުމަކަށް"
އާލިމް ދިނީ ވަރަށް ސާދާ ޖަވާބެކެވެ. މާބޮޑު ތަފްސީލެއް ނުދިނެވެ. ވާހަކަ ދައްކަން ބޭނުން ނުވި ނަމަވެސް އެއްޗެއް ނުބުނެ ޖެނީއަށް އިނދެވުނީ ހަމަ ކުޑަ އިރުކޮޅަކުއެވެ.
" ކޮންތާކަށްހޭ މިއެހީ؟ "
ތަންކޮޅެއް ބާރަށް ޖެނީ ބުނެލިއެވެ. އެއާއެކު ދެއަތް މައްޗަށް ނަގައި މޯޅިއަކަށް ދެމިލަމުން އާލިމް ތެދުވެއްޖެއެވެ. އަދި ކޮޓަރިއާ ދިމާއަށް ހިނގައިގަންނަމުން ބުންޏެވެ.
" އެއީ އޮފީސް މީހަކު އެގެއަށް ކާން އަންނަން ބުނީމަ.. އަހަރެމެން ދެމީހުންނަށް ދަޢުވަތު ދިން.. އެކަމަކު ދެން އަހަރެން އެކަނި ދާނީ! "
އަތުގައި އޮތް ފޯނަށް ބަލަމުން އާލިމް ގޮސް ވަނީ ކޮޓަރިއަށެވެ. ތުން ދަމާފައި އިން ޖެނީވެސް ފުންމައިގެން ތެދުވެ، އާލިމްގެ ފަހަތުން ކޮޓަރިއަށް ވަނެވެ.
" އާލިމް ދާން ޖެހޭ ތަނަކަށް ދާނެ ގަޑި ނުޖެހި! އަހަރެމެން ގޮވައިގެން ދާން ވެއްޖެއްޔާ އާލިމް އެހާ ފަރުވާއެއް ނުބަހައްޓާނެ"
އަނެއްކާވެސް ޖެނީ ކުދި ކިޔަން ފެށިއެވެ. ގައިން ބާލާފައި އޮތް ގަމީސް ޖެނީ އަތަށް ދިއްކޮށްލަމުން އާލިމް ލުއި ގޮތަކަށް ހިނިތުންވެލަމުން ބުންޏެވެ.
" ވަށިގަނޑަށް މި ލައިދީބަލަ! "
" އަޅެ އަހަރެން ދައްކާ ވާހަކަ އާލިމަށް އަޑު އިވޭތަ؟ "
އާލިމް ދިއްކޮށްލި ގަމީސް ޖަހައިގަންނަމުން ޖެނީ ތަންކޮޅެއް ބާރަށް ބުންޏެވެ. ފެންވަރަން ދިޔުމުގެ ބަދަލުގައި އާލިމް އެނދުމަތީ އިށީނދެލިއެވެ. އަދި ނިދިފައި އޮތް ތުއްތު އާލްގެ މޫނަށް ބަލައިލުމަށްފަހު ޖެނީއަށް ބަލައިލިއެވެ. އަލަމާރީގެ ބިތުގައި ލައްވެލައިގެން ޖެނީ ހުރީ އަދިވެސް ހަތިޔާރު ބަހައްޓާ ކަހަލަ މޫޑެއްގައެއް ނޫނެވެ. އޭނާގެ މޫނުމަތި ހުރީ އަދިވެސް ވަރަށް ފުސްކޮށެވެ. ހިތަށް ޖަމާވަމުންދާ ޝަކުވާތަކުން އެންމެ ޖުމްލައެއްވެސް ނުބުނެ ހުންނާކަށް އޭނާ ބޭނުމެއް ނޫނެވެ.
" އަހަންނަށް އަޑު އިވެޔޭ! އެކަމަކު ދެން ކީކޭތަ އަހަރެން ބުނާނީ؟ ޖެނީ ކައިރީ ބުނެފީމެއްނު ކަންތައް ވީގޮތް"
އަތު ކުރީގައި އޮތް ގަޑިއަށް ބަލައިލަމުން އާލިމް ތެދުވިއެވެ. އަދި ފާޚާނާއާ ދިމާއަށް ހިނގައިގަތީ ހަރުން ތުވާލިވެސް ނަގައިގެންނެވެ. އޭރުވެސް ޖެނީ ހުރީ ރުޅިވެރި ނަޒަރަކުން އާލިމަށް ބަލަހައްޓައިގެންނެވެ.
" އަހަރެން ދާނަން…"
އާލިމް ފާހާނާގެ ދޮރު ހުޅުވާލުމާއެކު ޖެނީ ބުންޏެވެ. އެއާއެކު އާލިމަށް ހެވިއްޖެއެވެ. އެންމެ ފަހުން އޭނާއަށް ތަންކޮޅެއް ބާރަށް ހީގަނެވުމުން ޖެނީ އައިސް ފާޚާނާގެ ދޮރުމައްޗަށް އަރާ އާލިމްގެ އަތުގައި ވިކާލިއެވެ.
" ދެން އަހަންނަށް ތަދުކުރަން އަންނާނެ ކަމެއް ނެތް.. މިވަނީ ފެންވަރާށޭ! "
ހެމުން ހެމުން އާލިމް ބުންޏެވެ.
" ދެން އެކަމަކު އާލިމް ޖެހޭތަ ހޭން؟ "
ދޮރުކަނީގައި ލެނގިލަމުން ޖެނީ ބުނެލީ ތަންކޮޅެއް ލޯބިންނެވެ.
" ހެވޭނެދޯ! ދެފަހަރު ހަމައަށް އެއްގޮތަކަށް ވާހަކަ ދައްކާކަށް ޖެނީއަކަށް ނޭނގޭނެ! އެއްފަހަރު ބުނެފާނެ ނުދާނަމޭ އެއްވެސް ތާކަށް. އަނެއް ފަހަރު އުޅޭނީ ނުގެންގޮސްގެން.."
އާލިމް ވާހަކަ ދެއްކީ ރެކްގައި އޮތް ދަތްއުނގުޅާ ބޭސްފުޅި ނަގަމުންނެވެ.
" އާލިމްއާހެދި ވާގޮތް"
" އެބުނީހަމަ.. އަބަދުވެސް އަހަރެން ކުށްވެރިވާނީ.. އެންމެ ރަނގަޅޭ! "
އާދައިގެ މަތިން މިއަދުވެސް މައްސަލަ ނިމުނީ އާލިމް ކުށްވެރި ވެގެންނެވެ. އެއީ އަބަދުވެސް ކަންތައްވަމުންދާ ގޮތެވެ. އެކަން އާލިމް ޤަބޫލުވެސް ކުރެއެވެ. ޖެނީގެ އެފަދަ ހުރިހާ އާދައަކަށް އާލިމް ހުންނަނީ އާދަވެފައެވެ.
***
ކާމޭޒު ކައިރީގައި އިން އިރުގައިވެސް ޖެނީގެ ނަޒަރުދަނީ އެކި ދިމަދިމާއަށެވެ. ވަށައިގެން ހުރިހާ ދިމާއަކަށް އޭނާއަށް ބެލެއެވެ. ޖެނީގެ ގެއަށް ވުރެ މާ ރީތި ގެއެކޭ އެތައް ފަހަރު އޭނާ ހިތަށް އެރިއެވެ. ހިފާ، ގެންގުޅޭ އެއްޗެއްސަކީވެސް މާ އަގުބޮޑެތި އެއްޗެއްސެވެ. އެހާމެ ރީއްޗެވެ. އެހެންކަމުން އަބަދުވެސް ރީތި އެއްޗެއްސަށް ލޯބިކުރާ ޖެނީގެ ހިތް އެ އެއްޗެއްސަށް ގޮސް ހުސްވެއްޖެއެވެ.
" އެބަ އަންނަން އިނގޭ އަންހެނުންނަށް ގޮވާލާފައި! "
ރަމްޒީ ތެދުވެގެން ދަމުން ބުނެލިއެވެ. އޭނާ ދިޔުމާއެކު ޖެނީ އަވަސް އަވަހަށް އާލިމްގެ އަތުގައި ކޮއްޓާލުމަށްފަހު ބުނެލިއެވެ.
" ބަލާބަލަ އެހުރި ޓީވީ ރެކެއް! ހާދަ ރީއްޗޭ! އަހާލަބަލަ ކޮންތާކުން ގަތް އެއްޗެއްތޯ؟"
ޖެނީ އެހެން ބުނުމުން ބޭއިޚްތިޔާރުގައި އާލިމްއަށް ބަލައިލެވުނީ ރެކާ ދިމާއަށެވެ. އެއަށްފަހު އޭނާއަށް އަނެއްކާވެސް ޖެނީގެ މޫނަށް ނަޒަރު ހިންގާލެވުނެވެ. އެ ރެކް އޭނާ ބޭނުންވެފައިވާވަރު އޭނާގެ ދެލޮލުން އާލިމަށް އެނގުނެވެ.
" ނޭނގެ ލައްކައެއް ނާރާނެ ކަމެއް"
އާލިމް ސިއްރުސިއްރުން ބުނެލިއެވެ. އެއާއެކު ޖެނީގެ މޫނުމަތިވެސް ދިޔައީ ފުސްވެގެންނެވެ. އޭނާ އިސްޖަހާލުމުން އާލިމް އަނެއްކާވެސް ބުނެލިއެވެ.
" ދެން މޫޑު ބަދަލުކޮށްލަބަލަ! "
ހަމަ އެވަގުތެވެ. ރަމްޒީ އޭނާގެ އަންހެނުންނާއެކު އަތުވެއްޖެއެވެ.
" ވަރަށް ބޮޑަށް ސޮރީ އިނގޭ! އޮންލައިން ކްލާހެއް ނަގައިދޭން ޖެހޭ ގަޑިއާ ދިމާވީ.. އެހެންވެ ކްލާސް ދޫކޮށްލާފައި ނާދެވުނީ! "
ޝަހުމާ ވާހަަކަ ދެއްކީ ވަރަށްވެސް ގާތް ގޮތަކަށެކެވެ. އޭނާގެ ވާހަކައިން އެއީ މުދައްރިސެއްކަން އެނގުނެވެ. ޝަހުމާ އިށީނުމާއެކު އޭނާގެ މޫނަށް ޖެނީއަށް ބަލައިލެވުނީ ހިނިތުންވެލަމުންނެވެ.
" އެހާ ބިޒީކޮށް އުޅެމުން މިހުރިހާ އެއްޗެއް ކެއްކީ؟ "
ޖެނީއަށް އަހާލެވުނީ ބޭއިޚްތިޔާރުގައެވެ. އެއާއެކު ރަމްޒީ ހިނިތުންވެލަމުން އާލިމަށް ބުންޏެވެ.
" އަންހެންވެރިންނަށް އެނގޭނެ ދައްކާނެ ވާހަކަވެސް.. "
ރަމްޒީ އެހެން ބުނުމުން އާލިމަށް ހެވުނެވެ.
" ނޫނޭ! އަހަންނަށް ފަސޭހަކޮށްލަދޭން އަންނާނެ ކުއްޖެއް.. އޭނަ އައިސް ވަރަށް ގިނަ ކަންތައްތައް ކޮށްދީފަ ދިޔައީ! "
ޝަހުމާ ބުންޏެވެ.
" ގޭގައި ގެންގުޅޭ މީހަކުވެސް ހޯދަމުން މިދަނީ! ސާފުކޮށް ކަންތައްތައްކުރަން އޭރުން ފަސޭހަ ވާނެތާ! "
ޝަހުމާގެ ދެވަނަ ޖުމްލައިން ޖެނީއަށް ބަލައިލެވުނީ އާލިމާ ދިމާއަށެވެ. އެއާއެކު އާލިމްގެ ހިތް ތެޅިގަތެވެ. މިގެއިން ބޭރުވާއިރަށް އިތުރު ރާޅެއް ޖަހާނެކަން އޭނާއަށް އެނގުނެވެ.
" ދަރިފުޅު މިހާރު އެހުރީ ސްކޫލް ނިމިފައި! ދެން އޭނަ ކިޔަވަންދާނެ ތާކަށް ކިޔަވަން ދާންވީ… "
އަނެއްކާވެސް ވާހަކަ ދެއްކީ ޝަހުމާއެވެ. ޖެނީއަށް ޝަހުމާގެ ދިރިއުޅުމުގެ ފެންވަރު ވަޒަން ކޮށްލެވުނެވެ. އެއާއެކު އޭނާއަށް ބަލައިލެވުނީ ހެވިފައި އިން ރަމްޒީގެ މޫނަށެވެ. ޝަހުމާ ވާހަކަ ދައްކަމުން ދިޔައިރު ރަމްޒީގެ ނަޒަރު ހުއްޓިފައި ހުރީ ސީދާ ޝަހުމާއަށެވެ. އޭނާގެ ޝަހުމާދެކެ ވާ ލޯބި އެމޫނުމަތިން ޖެނީއަށް ފެންނަމުން ދިޔައެވެ.
" އާލިމް.. ހިނގާ އަހަރެމެން ދުފާލަންދާން.. މި އަންހެންވެރިން ވާހަކަ ހުސް ނުވާނެ! "
ރަމްޒީ ތެދުވަމުން ބުނެލިއެވެ. އެހެންކަމުން އާލިމްވެސް ބެލްކަންޏަށް ދާން ހިނގައިގަތީ ރަމްޒީގެ ފަހަތުންނެވެ.
" މިހާރު މާލޭގަ ހުރިހާ ގެއެއްގައިވެސް ތިބޭނެ ގެންގުޅޭ މީހުން.. ޖެނީމެން ގޭގައި ނުހުރޭތަ؟ "
ހެވިފައި އިނދެ ޝަހުމާ އަހާލިއެވެ. އެއާއެކު ޖެނީއަށް ބަލައިލެވުނީ އާލިމަށެވެ.
( ނުނިމޭ )
